Advertisement

އަހުރެމެންނަށް ލިބިގެންވަނީ ކޮން ކަހަލަ ހިތެއްބާ!؟؟؟ (11)

09 Sep 2024 | 00:01
ހިތަކީ ރިޒުޤެވެ.

އިބްރާހީމް ރަޝީދު މޫސާ

(2024 އޮގަސްޓު 2ގައި ޝާއިޢުކުރި ބައާ ގުޅޭ)

ދިރިހުރި ހިތް: މުއުމިނާގެ ރިޒުޤު

ރިޒުޤޭ ހަމަ ބުނާ އިރަށް ގިނަ ބަޔެއްގެ ހިތަށް އަރާނީ އެ އުޅެނީ މުދަލާއި ބިމާއި ޢިމާރާތާ ބެހޭ ގޮތުން އެއްޗެއް ބުނާން ކަމަށެވެ.  އެހެނަސް ބައެއް މީހުން ދޭނަ ފުޅައުކޮށް އެއީ ދަރީންނާއި އަނބިންނާއި ޞިއްޙަތާއި ވިނަވަތިކަމޭ ވެސް ބުނެފާނެތެވެ. އެކި މީހުން އެކި ގޮތަށް  ޚިޔާލުފާޅުކުރާ ކަމަކަށް ވާތީ ބުނެވޭނީ ކޮންމެ މީހަކު ވެސް އޭނާގެ "ލައިލާއަށް ހަނދު ބާލައިދޭނެއެވެ."

 މުދަލާ ހެދި އަވަދިނެތިވެގެން އުޅޭ މީހާ ބުނާނީ ބޭނުންވާ ރިޒުޤަކީ މުދަލެވެ. އޭނާގެ ބާއްޖަވެރިކަން އޮތީ ދަރީންގައި ކަމަށް ދެކޭ މީހާ އޭނާއަށް ދަރިންތަކެއް  ދެއްވައިފިނަމަ އެއީ މާތް ﷲ އޭނާއަށް ދެއްވި ދީލަތިކަމެއް ކަމަށް ދެކި އެކަމާ އުފާކުރާނެއެވެ. އެކަމުގެ ސަބަބުން އޭނާގެ ޚާންދާނު ބޮޑުވެ އޭނާގެ އާރާއިބާރު މީހުންގެ ތެރޭގައި ގަދަވެގެން އިތުރުވެގެންދާނެތީއެވެ.

މާތް ﷲ އޭނާއަށް ރިވެތި އަޚްލާޤާއި ސުލޫކާއި އުޅުން ދެއްވައިފިނަމަ  އޭނާއަށް އެންމެ މަތިވެރި ރިޒުޤު ދެއްވި ކަމަށް އޭނާ ދެކެއެވެ.އެކަމަށް އުފާކުރެތެވެ.

ރިޒުޤުގެ ބާވަތްތައް:

ޙަޤީޤަތަށް ބަލާއިރު ރިޒުޤަކީ އޭގައި ތަފާތު އެތައް ބާވަތްތަކެއް ހިމެނޭ އެއްޗެކެވެ. މުދަލާއި ދަރީންނާއި އަނބިންނާއި  ދަނޑުބިމާއި ޢިމާރާތް ފަދަ ޙިއްސީ ރިޒުޤާއި، ޢިލްމާއި ފަންނާއި ރުހުމާއި ބާއްޖަވެރިކަމާއި ހިތްހަމަޖެހުން ފަދަ މާނަވީ ރިޒުޤާއި،  ޞިއްޙަތާއި ދުޅަހެޔޮކަން ފަދަ  ޙިއްސީ މާނަވީ ރިޒުޤު އޭގައި ހިމެނެއެވެ.

ރިޒުޤުގެ ތެރޭގައި އީމާންކަމާއި ޔަޤީންކަން ވެއެވެ. ލޮބުވެތި ރަސޫލާ r ޙަދީސްކުރެއްވިއެވެ. ((إنَّ العبْدَ لَيُحرَمُ الرِّزقَ بالذَّنْبِ يُصِيبُه [1]- ހަމަކަށަވަރުން އަޅާކުރާ ފާފައިގެ ސަބަބުން ރިޒުޤުން މަޙްރޫމުވެދެއެވެ.)) މާތް ﷲ ރުއްސުންލެއްވި އިބްނު ޢައްބާސްގެފާނު ވިދާޅުވިއެެވެ.(( ހަމަކަށަވަރުން އުރެދުމަށް ހިތުގައި އަނދިރިކަމެއް ، މޫނުމަތީގައި ކަޅު ކަމެއް ވެއެވެ. އަދި ހަމަކަށަވަރުން ހެޔޮޢަމަލަށް ހިތުގައި އަލިކަމެއް ، ނަފްސުގައި ތަނަވަސްކަމެއް ، މޫނުމަތީގައި ނޫރެއް ވެއެވެ.))

ﷲއަށް ކިޔަމަންގަތުމާއި ރިޒުޤު ވަނީ ވަރަށް ބޮޑަށް ގުޅިލާމެހިފައެވެ. އެއީ ﷲއަށް ކުރިމަތިލުމާއި ފުރަގަސްދިނުމާ ގުޅުން އޮތް ކަމެކެވެ. މާތް ﷲ ރުއްސުންލެއްވި ޢުމަރު ބުނުލް ޚައްޠާބު ވިދާޅުވިއެވެ. ((ހަމަކަށަވަރުން މި ހިތްތަކަށް ކުރިމަތިލުމަކާއި ފުރަގަސްދިނުމެއް ލިބިގެން ވެއެވެ. ފަހެ މި ހިތްތައް ހެޔޮ ޢަމަލުތަކަށް ކުރިމަތިލަމުންދާ ނަމަ، ނަވާފިލުތަކުގައި ހިފަހައްޓާށެވެ! މި ހިތްތައް ފުރަގަސްދެމުންދާ ނަމަ މި ހިތްތަކަށް  ފަރްޟުނަމާދުތައް ލާޒިމުކުރުވާށެވެ!))

ރިޒުޤު މިފަދަ އެއްޗަކަށް ވާތީ  ހިތަކީ ﷲ ތަޢާލާގެ ރިޒުޤެކެވެ. އެއީ މާތްﷲ ރިޒުޤު ބައްސަވާ ގޮތަށް ބައްސަވައި ދެއްވާ އެއްޗެކެވެ. މާތް ﷲ ވަޙިކުރެއްވިއެވެ.(( نَحْنُ قَسَمْنَا بَيْنَهُم مَّعِيشَتَهُمْ فِى ٱلْحَيَوٰةِ ٱلدُّنْيَا ۚ وَرَفَعْنَا بَعْضَهُمْ فَوْقَ بَعْضٍ دَرَجَٰتٍ لِّيَتَّخِذَ بَعْضُهُم بَعْضًا سُخْرِيًّا ۗ وَرَحْمَتُ رَبِّكَ خَيْرٌ مِّمَّا يَجْمَعُونَ [2]- ދުނިޔޭގެ ދިރިއުޅުމުގައި އެއުރެންގެ މެދުގައި ދިރިއުޅުމުގެ ކަންތައްތައް ބެއްސެވީ ތިމަންރަސްކަލާނގެއެވެ. އަދި ތިމަންރަސްކަލާނގެ އެއުރެންކުރެ ބައެއްމީހުން، އަނެއްބައިމީހުންގެ މައްޗަށް ދަރަޖަތަކަކަށް އުފުއްލެވީމެވެ. (އެއީ) އެއުރެންކުރެ އެއްބަޔަކު އަނެއްބަޔެއްގެ خدمة ތެރިކަން ހިފުމަށްޓަކައެވެ. އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ رحمة އެއުރެން އެއްކުރާ ތަކެއްޗަށް ވުރެ ހެޔޮކަން ބޮޑެވެ. ))

ހިތަކީ ﷲ ދެއްވާ ރިޒުޤަކަށް ވާތީ މި ކަމުގައި ތިބާގެ ހިތާއި އެހެން މީހުންގެ ހިތްތައް ވެއެވެ. ތިބާގެ ހިތުން ފަށަމާ ހިނގާށެވެ! ސައްޔިދުލްޚަލްޤި r ޙަދީސްކުރެއްވިއެވެ. ((ابدأْ بنَفسِكَ ثمَّ بمَنْ تعولَ -[3]  ތިބާގެ އަމިއްލަ ނަފްސުން ފަށާށެވެ! އެއަށްފަހު ތިބާ ޚަރަދުދީ ބަލަހައްޓަން ޖެހޭ މީހުންނެވެ.)) ތިބާގެ ހިތަކީ ﷲ ތިބާއަށް ދެއްވި ރިޒުޤެކެވެ. ތިބާގެ ހިތުގައި ރަޙްމަތާއި އޯގާވެރިކަން އިންދެވީ ކޮން ފަރާތަކުންހެއްޔެވެ؟ ކުލުނާއި ލޯތްބާއި އަޅައިލުމުގެ އިޙްސާސް ތިބާގެ ހިތުގައި ލެއްވީ ކޮން ފަރާތަކުން ހެއްޔެވެ؟ ކީރިތި ޤުރްއާނުގެ އާޔަތްތައް ކިޔެވޭ ހިނދު ތިބާގެ ހިތަށް ބިރުވެތިކަން ވައްދަވާ ދެއްވީ ކޮން ފަރާތަކުން ހެއްޔެވެ؟ މާތް ﷲ ވަޙީކުރެެއްވިއެވެ. ((إِنَّمَا ٱلْمُؤْمِنُونَ ٱلَّذِينَ إِذَا ذُكِرَ ٱللَّهُ وَجِلَتْ قُلُوبُهُمْ وَإِذَا تُلِيَتْ عَلَيْهِمْ ءَايَٰتُهُۥ زَادَتْهُمْ إِيمَٰنًا وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ  [4] - مؤمن ން ވާކަން ކަށަވަރީ، اللَّه ހަނދުމަކުރާހިނދު އެއުރެންގެ ހިތްތައް ބިރުވެތިވާ މީހުން ކަމުގައެވެ. އަދި އެކަލާނގެ (ބާވައިލެއްވި) آية ތައް އެއުރެންނަށް ކިޔައިދޭ ހިނދު، އެއުރެންގެ إيمان ކަން އިތުރުވާ މީހުން ކަމުގައެވެ. އަދި އެއުރެންގެ ވެރިރަސްކަލާނގެއަށް وكيل ކުރާ މީހުން ކަމުގައެވެ.)) ﷲ ހަދުމަކުރުމުން ތިބާގެ ހިތާއި ތިބާގެ ގައިގެ ހަންތައް މަޑުމޮޅިކުރައްވަނީ ކޮން ފަރާތަކުން ހެއްޔެވެ؟   މާތް ﷲ ވަޙީކުރެއްވިއެވެ.(( ثُمَّ تَلِينُ جُلُودُهُمْ وَقُلُوبُهُمْ إِلَى ذِكْرِ اللَّهِ ذَلِكَ هُدَى اللَّهِ يَهْدِي بِهِ مَنْ يَشَاءُ وَمَن يُضْلِلْ اللَّهُ فَمَا لَهُ مِنْ هَادٍ [5]- ދެން އެއުރެންގެ ގައިގެ ހަންތަކާއި، ހިތްތައް اللَّه ހަނދުމަކުރުމަށް މަޑުމޮޅިވެދެތެވެ. އެއީ اللَّه ގެ ތެދުމަގެވެ. އެކަލާނގެ އިރާދަކުރައްވާމީހަކަށް، އެއިން މަގުދައްކަވަތެވެ. އަދި اللَّه މަގުފުރައްދަވާ މީހަކަށް، ފަހެ ތެދުމަގު ދައްކާނޭ ހަމައެކަކުވެސް ނުވެތެވެ.))

ހެޔޮކަމެއް ފެނުނީމާ އުފާވާ ހިތެއް ، ނުބައިކަމެއް ފެނުނީމާ ބިރުގަންނަ ހިތެއް ، ތިބާއަށް ދެއްވުމަކީ  ﷲގެ ރިޒުޤެއް ނޫންހެއްޔެވެ؟ ﷲގެ ކަލިމަފުޅުތައް ކިޔެވޭ އަޑު އިވުމުން ހިތުގެ ނަރުތައް ތެޅިފެލިވާ ހިތެއް  ދެއްވުމަކީ އެކަމަށް ޝުކުރުވެރިވާން ޖެހޭ ކަމެއް ނޫންހެއްޔެވެ؟ ތިބާއަށް އުރެދުމަކަށް އަރައިގަނެވޭ ހިނދު ﷲދެކެ ބިރުން ގޮސް ތިބާގެ ހިތުން ފޮނުވާ މެސެޖުތަކާ އެއްގޮތަށް ތިބާގެ ލޮލުން ކަރުނަތައް ނީރުންވުމަކީ ވިސްނައި ފިކުރުކުރާންޖެހޭ ކަމެއް ނޫންހެއްޔެވެ؟

ނިކަމެތީންނަށް ހަމްދަރުދީވާ، މިސްކީނުންގެ ގިސްލުންތަކަށް އާހުވެރިވާ ހިތެއް މާތްﷲ ތިބާއަށް ރިޒުޤުކުރެއްވުމަކީ އެކަލާނގެ ތިބާއަށް ދެއްވި ނިއުމަތެއް ނޫންހެއްޔެވެ؟ މި އިޝާރާތްތަކާ އެއްގޮތަށް ތިބާގެ އަތުން ޔަތީމު ކުއްޖާގެ ބޮލުގައި ފިރުމާލެވުމަކީ ތިބާއަށް ކުރެވޭ ހެޔޮކަމެއް ނޫންހެއްޔެވެ؟ އެއީ ފަޤީރަކަށް ކުރެވޭ ޞަދަޤާތެއް ނޫންހެއްޔެވެ؟

ޞިއްޙަތަކީ ދުޅަހެޔޮ މީހާގެ ބޮލުގައި އޮންނަ އެހެނަސް ބަލިމީހާއަށް މެނުވީ ނުފެންނަ ތާޖެއް ކަމުގައި ބުނެވޭ ނަމަ ރިޒުޤަކީ އޭގެ ވެރިޔާގެ އަތުގައިވާ ނިޢުމަތެކެވެ. އެހެނަސް މި ނިޢުމަތް އިޙްސާސްކުރެވޭނީ މި ނިޢުމަތުން މަޙްރޫމުވެފައިވާ  މީހާއަށެވެ. ހިތުގެ  ރިޒުޤުން މަޙްރޫމުވެފައިވާ މީހަކަށް މެނުވީ ހިތުގެ ރިޒުޤު އިޙްސާސެއް ނުކުރެވޭނެތެވެ.ކީރިތި ޤުރްއާނުން މި ކަމަށް ފައްސި ދަލީލުތައް ލިބެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ((أَفَلَا يَتَدَبَّرُونَ ٱلْقُرْءَانَ أَمْ عَلَىٰ قُلُوبٍ أَقْفَالُهَآ [6] - ފަހެ، قرآن އާމެދު އެއުރެން ވިސްނައި فكر ނުކުރަނީހެއްޔެވެ؟ ނުވަތަ (އެއުރެންގެ) ހިތްތަކުގައި ތަޅުތަކެއް ލެވިފައިވަނީ ހެއްޔެވެ؟))

ވިސްނައި ފިކުރުކުރުމުގެ ރިޒުޤުން މަޙްރޫމުވެފައިވާ  ހިތަކީ ﷲގެ ނިޢުމަތްތަކުގެ ކުރިމަތީގައި  ތަޅުލެވި ބަންދުކުރެވިފައިވާ ހިތެކެވެ. ކީރިތި ރަސޫލާ r އެކަލޭގެފާނުގެ  ކާފަ  ދެ ދަރިކަލުންނަށް (ޙަސަނުގެފާނަށާއި ޙުސައިނުގެފާނަށް) ދޮނެއް ދެއްވި ތަން މީހަކަށް ފެނުމުން " އަޅުގަނޑުގެ ދިހަ ދަރިން ތިބި އިރު ވެސް  އެއިން އެއްވެސް ކުއްޖަކަށް ދުވަހަކު ވެސް އަޅުގަނޑު ދޮނެއް ނުދެމޭ " ދެންނެވުމުން ޙަދީސް ކުރެއްވިއެވެ. (( ﷲ ތިބާގެ ހިތުން އޯގާވެރިކަން ނިގުޅައިގަންނަވާފައިވާތީ ތިމަންކަލޭގެފާނު އެ ކަމާ ކުރައްވާނީ ކޮން ކަމެއްހެއްޔެވެ؟ މީހުންނަށް އޯގާވެރިނުވާ މީހާއަށް ﷲ އޯގާވެރިވެވޮޑިނުގަންނަވާނެއެވެ.)) މި ބަސްފުޅުން އެނގެނީ މާތްﷲ މި މީހާއަށް އޯގާވެރިކަން ދެއްވި ނަމަވެސް އޭނާގެ ހިތް  މި ރިޒުޤުން މަޙްރޫމުކުރައްވާފައިވާ ކަމެވެ. މިފަދަ ހިތްތަކަށް ﷲ ވަނީ މަލާމާތުގެ ބަސްތައް ރައްދުކުރައްވައިފައެވެ. އެއީ މި ކައުނުގައި ﷲ ލެއްވި ނިޢުމަތްތައް ދެނެގަތުމުގެ ބާރު އެމީހުންގެ ހިތްތަކުގައި ނުވާތީއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((لَهُمْ قُلُوبٌ لاَّ يَفْقَهُونَ بِهَا[7] -  އެ ހިތްތަކުން (حق ގޮތް) ނުވިސްނޭ ހިތްތަކެއް އެއުރެންނަށްވެއެވެ.))

ހިތުގެ ރިޒުޤުން މަޙްރޫމުވުމުގެ ތެރޭގައި ހިތުގައި ސިއްކަޖެހިގެން ދިޔުން ވެއެވެ.އެހިނދު އޭނާއަށް އީމާންކަމުގެ  ވައިރޯޅީގެ ވަހެއް ނުދުވާނެތެވެ.ޔަޤީންކަމުގެ ފިނިކަމުގެ ރަހައެއް ނުލާނެތެވެ. އޭނާ އަވަދިނެތިވެ އުޅޭނީ ނަފްސުގެ ފޮނިކަމަށް ވުރެ ބޮޑަށް ހަށިގަނޑުގެ ފޮނިކަމުގެ ތެރޭގައެވެ. އެހިނދު ހިތުގެ ރިޒުޤުގެ މަޞްދަރުތަކާ އޭނާއާ ގުޅުން ކެނޑި އެ ނިޢުމަތަށް ފުރަގަސްދޭނެތެވެ. މާތް ﷲ ވަޙީކުރެއްވިއެވެ.(( أَفَرَءَيْتَ مَنِ ٱتَّخَذَ إِلَٰهَهُۥ هَوَىٰهُ وَأَضَلَّهُ ٱللَّهُ عَلَىٰ عِلْمٍ وَخَتَمَ عَلَىٰ سَمْعِهِۦ وَقَلْبِهِۦ وَجَعَلَ عَلَىٰ بَصَرِهِۦ غِشَٰوَةً فَمَن يَهْدِيهِ مِنۢ بَعْدِ ٱللَّهِ ۚ أَفَلَا تَذَكَّرُونَ [8]-ފަހެ، އެމީހެއްގެ އެދުންތައް އެއީ، އެމީހަކު އަޅުކަންކުރާ إله އެއްކަމުގައި ހަދައި، އަދި علم ލިބިފައިވުމާއެކުވެސް، اللَّه އެމީހަކު މަގުފުރައްދަވައި، އަދި އޭނާގެ އިވުމާއި، ހިތުގައި ސިއްކަގައްސަވައި، އަދި އޭނާގެ ލޮލުގައި ފަރުދާއެއްލައްވައިފިމީހާ، ކަލޭގެފާނު ދެކެވަޑައިގަތީމުތޯއެވެ؟ اللَّه މެނުވީ އެމީހަކަށް ތެދުމަގު ދައްކާނީ ފަހެ، ކާކުހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން ހަނދުމަ ނުކުރަނީހެއްޔެވެ؟ ))

މާތް އިޙްސާސްތަކާއި މަތިވެރި ޝުޢޫރުތަކުގެ ރިޒުޤުން ހިތް މަޙްރޫމުވެގެންދާ ހިނދު ހެޔޮކަމުގެ ބަހާތައް ނެތިގެންދާނެއެވެ. ހިދާޔަތުގެ އާރުތައް ހިނދިގެންދާނެއެވެ. އެހިނދު އެއްވެސް ދަޢުވަތަކަށް އޭނާ އިޖާބައެއް ނުދޭނެތެވެ. އެއްވެސް ނިދާއަކާ ދިމާއަށް އެނބުރިނުގަންނާނެތެވެ. މާތްﷲ ވަޙީކުރެއްވިއެވެ.((يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱسْتَجِيبُوا۟ لِلَّهِ وَلِلرَّسُولِ إِذَا دَعَاكُمْ لِمَا يُحْيِيكُمْ ۖ وَٱعْلَمُوٓا۟ أَنَّ ٱللَّهَ يَحُولُ بَيْنَ ٱلْمَرْءِ وَقَلْبِهِۦ وَأَنَّهُۥٓ إِلَيْهِ تُحْشَرُونَ [9]- އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންނަށް ދިރުންދޭ ކަމަކަށް رسول އާ ތިޔަބައިމީހުންނަށް ގޮވައިލައްވާހިނދު، اللَّه އަށާއި، رسول އާއަށް ތިޔަބައިމީހުން އިޖާބަ ދޭހުށިކަމެވެ! އަދި ތިޔަބައިމީހުން ދަންނާށެވެ! ހަމަކަށަވަރުން، اللَّه، އިންސާނާއާއި، އޭނާގެ ހިތުގެ އެދުންތަކާ ދެމެދު ހުރަސްއަޅުއްވަތެވެ. އަދި ހަމަކަށަވަރުން، ތިޔަބައިމީހުން (قيامة ދުވަހުން) އެއްކުރައްވާހުށީ، އެކަލާނގެ حضرة އަށެވެ. )) އެހިނދު ހިތްތައް ގާވެ ހަރުކަށިވެދެއެވެ. އެ ހިތްތައް ހިލައެކޭ އެއްފަދައެވެ. ނުވަތަ އެއަށްވުރެވެސް ހަރުކަން ގަދައެވެ.

ހިތްތަކުގެ ގުޅުން:

ﷲގެ ވަޖްހުފުޅަށް ޓަކައި އެކަކު އަނެކަކު ދެކެ  ލޯބިވުމަކީ އިސްލާމްދީން އެކަމަށް ބާރުއަޅައި ކަމެކެވެ. މުސްލިމުންގެ މެދުގައި އެކުވެރިކަން ބަދަހިކުރެއްވުމަށް ޓަކައެވެ. ހިތްތައް އެކުވެރިކުރައްވަނީ ﷲ ތަޢާލާއެވެ.މާތް ﷲ ވަޙީކުރެއްވިއެވެ. (( وَأَلَّفَ بَيْنَ قُلُوبِهِمْ لَوْ أَنفَقْتَ مَا فِي الأَرْضِ جَمِيعاً مَّا أَلَّفَتْ بَيْنَ قُلُوبِهِمْ وَلَـكِنَّ اللّهَ أَلَّفَ بَيْنَهُمْ إِنَّهُ عَزِيزٌ حَكِيمٌ [10]- އަދި އެކަލާނގެ އެއުރެންގެ ހިތްތައް (އެބަހީ: مؤمن ންގެ ހިތްތައް) އެކުވެރި ކުރެއްވިއެވެ. ކަލޭގެފާނު ބިމުގައިވާ ހުރިހާ އެއްޗެއް ހޭދަކުރެއްވިޔަސް އެއުރެންގެ ހިތްތައް އެކުވެރިއެއް ނުކުރެއްވުނީހެވެ. އެހެނެއްކަމަކު، اللَّه، އެއުރެން އެކުވެރި ކުރެއްވިއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، عزيز ވަންތަ، حكيم ވަންތަ ރަސްކަލާނގެއެވެ.  ))

ދީނަށް ގޮވައިލާ މީހުން ( ދުޢާތުން)ގެ ލަނޑުދަނޑިއަކީ މީސްތަކުންގެ ހިތްތަކެވެ. ހިތަކީ ރިޒުޤެއް ކަމުގައި ބުނާއިރު ދީނަށް ގޮވައިލާ މީހަކުދެކެ ބަޔަކު ލޯބިވުމުގެ މާނައަކީ ﷲ ތަޢާލާ އެމީހުންގެ ހިތްތައް އޭނާއަށް ރިޒުޤުކުރެއްވުމެވެ.މި ހިތްތައް ހުޅުވައިދޭ ތަޅުދަނޑިތައް މާތްﷲ އޭނާއަށް ދެއްވި ވާހަކައެވެ. އަނެއްބައި މީހުންގެ ކުރިމަތީގައި ހިތްތަކުގެ ދޮރުތައް ވަނީ ތަޅުލެވިފައެވެ. މީސްތަކުންގެ ފުށުން އެމީހުންނަށް ލިބެނީ މޫނު އަނެއްފަރާތަށްލުމާއި ނަފްރަތްތެރިކަމެވެ. މި ފަދަ މީހުންނަށް އެވަނީ މި ރިޒުޤުން މަޙްރޫމުވެފައެވެ.

ﷲ ތަޢާލާ ރިޒުޤާއި މަޢީޝަތު ލައްވާފައިވަނީ އެކަމަށް ކުރެވޭ މަސައްކަތާއި އުފުލާ ބުރައާ އެކުގައެވެ. މާތްﷲ ވަޙީކުރެއްވިއެވެ. (( فَٱمْشُوا۟ فِى مَنَاكِبِهَا وَكُلُوا۟ مِن رِّزْقِهِ [11]-  ފަހެ، އެތާނގެ ކަންކޮޅުތަކުގައި ތިޔަބައިމީހުން ހިނގައި ދަތުރުކުރާށެވެ! އަދި އެކަލާނގެ ދެއްވި رزق ން ކާށެވެ! )) މި ބަސްފުޅުން އެނގެނީ ހިތުގެ ރިޒުޤު ހޯދުމަށް ޓަކައި މަސައްކަތް ކުރަންޖެހޭ ކަމެވެ. އިޚްލާޞްތެރިކަމާއެކު މަސައްކަތްކުރާ މީހާއަށް މި ކަމަށް މަގުފަހިކޮށްދެއްވާނެކަމެވެ.

ﷲ ސުބްޙާނަހޫ ވަ ތަޢާލާ ލޮބުވެތި ނަބިއްޔާ ﷺއަށް ހިތްތަކުގެ މި ތަނަވަސް ރިޒުޤު  ދެއްވިއެވެ. އެކަލޭގެފާނު ﷲގެ ދީނަށް ގޮވައިލެއްވުމުގައި އުފުއްލެވި ބުރަތަކަށް ޓަކައެވެ. އެކަލޭގެފާނުގެ މަތިވެރި ރިވެތި ޚުލުޤުފުޅުގެ ސަބަބުން  މީސްތަކުންގެ ބިންތަކުގެ ކުރިން އެމީހުންގެ ހިތްތައް އެކަލޭގެފާނަށް ފަތަޙަކުރެއްވުނެވެ.

ހިތްތަކުގެ ޙާލަށް ބަލައިލުމުން ފެންނަނީ މި ރިޒުޤު ގުޅިފައި ވަނީ ﷲއާ އެމީހަކާ ދެމެދުގައިވާ ގުޅުމުގެ ބަދަހިކަމާއެވެ. އިންސާނާ އޭނާގެ ހިތް ﷲއާ ގުޅުވައިފިނަމަ އޭނާގެ އީމާންކަން އިތުރުވެ އޭނާގެ ކުރިމަތީގައި ދުނިޔެ ކުޑަކަކޫޖަހައިފާނެތެވެ. ﷲ އޭނާއާ އެކުގައި ވޮޑިގެންވާނަމަ އޭނާގެ އަތުން އެއްވެސް އެއްޗެއް ބީވެގެންނުދާނެތެވެ.

ހަނަފަސްވެފައިވާ ހިތަކުން ފެން އާރެއް ނުނުކުންނާނެތެވެ. ފިނިވެފައިވާ ހިތަކުން ގިނިކަންޏެއް ނުނުކުންނާނެތެވެ. ހިތުން ނުކުތް އެއްޗެއް ނޫނީ ހިތަކަށް ވާޞިލެއް ނުވާނެތެވެ. ދުލުން ނުކުތް އެއްޗެއް ކަންފަތާ ހަމައަށް ނޫނީ ނުފޯރާނެތެވެ. (ނުނިމޭ)

_________________________

ބައެއް ލަފުޒުގެ މާނަ:

ދޭނަ     ނ.     ލޮލަށް ފެންނަ ހިސާބު.

_________________________

މަރުޖިޢުތައް:

[1]  -  أخرجه ابن ماجه (٤٠٢٢)، وأحمد (٢٢٤٣٨) 

[2]  - الزخرف: 32

[3]  -  المغني لابن قدامة (١١/٣٧٥

[4]  - الأنفال:2

[5]  - الزمر:23

[6]  - محمد:24

[7]  - الأعراف: 179

[8]  - الجاثية: 23

[9]  - الأنفال: 24

[10]  - الأنفال: 63

[11]  - الملك : 1515

އެޑިޓަރުގެ ނޯޓް
މިޞްރުގެ އަލްއަޒުހަރުގެ ދަސްވެންޏެއްކަމަށްވާ އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާއަކީ ނޫސްވެރިކަމާއި ލިޔުންތެރިކަމާއި ޢިލްމީ ތަފާތު މައިދާންތަކުގައި އެ ފަދަ ދެވަނައެއް ނެތުމުގެ ސަބަބުން ކިޔުންތެރީންނަށް އިތުރު ތަޢާރަފަކަށް ބޭނުންވާނެ ބޭފުޅެއް ނޫނެވެ. އެއީ ޢިލްމީ އަދި އަދަބީ ދާއިރާގައި "ފަސް މީރު ކުރިރުކެކެވެ."

Advertisement

ކޮމެންޓް