Advertisement

ދިވެހިބަހުގެ އެކެޑަމީ މުޅި ރާއްޖެއަށް ފުޅާވުން - އުފާވެރި ޚަބަރެއް

26 Oct 2023 | 19:57
ފޮޓޯ: އެސް.އެސް މީޑީއާ

ދިވެހިބަހުގެ އެކެޑަމީއަކީ މުޅި ރާއްޖެއަށް ޚިދުމަތް ދޭން އުފައްދައިފައިވާ ވިދާރާއެކެވެ. އެ ވިދާރާގެ ޚިދުމަތް މާލެއަށް އެކަނި ހުދޫދުވެފައި އޮތުމަކީ ރަނގަޅު ގޮތެއް ނޫނެވެ. ދިވެހިބަހުގެ އެކެޑަމީއިން ބާއްވަވާ އެކިއެކި ތަމްރީނުތަކާއި މުބާރާތްތަކުގައި ރަށްރަށުން މީހުން މާލެއަށް އައިސް ޖިސްމާނީ ގޮތުން ބައިވެރިވުމަކީ ޚަރަދު ބޮޑު އުނދަގޫ ކަމެކެވެ. މި ކަމަށް ލުއި ފަސޭހަ މަގެއް ފަހިކުރުމަށް ޓަކައި، އެކި ދުވަސްވަރު އެކި މަސައްކަތްތައް އެ ވިދާރާއިން ކުރައްވައިފައިވެއެވެ.

އެކެޑަމީގެ ކުރީގެ ރައީސް އަލްފާޟިލް އަޝްރަފް ޢަލީގެ ރިޔާސަތުގައި ކުރެއްވި އެއް މަސައްކަތްޕުޅަކީ، ކޮވިޑުގެ ފުރަބަންދުގެ ހާލަތުގައި ގައުމު އޮތް އިރު ދާދިވަރުކޮށް އެކި ޚިދުމަތްތައް ތަޢާރަފުކުރެއްވުމެވެ. ތަފާތު ފޯރަމުތަކާއި ތަފާތު ތަމްރީނުތައް ހިންގެވުމެވެ. އެ ކަމުގެ ފައިދާ ވަރަށް ގިނަ ބަޔަކަށް ލިބުނުކަން ފާހަގަކުރެވެއެވެ.

މިހާރު އެކެޑަމީގެ އާ ދައުރުގައި، ޑރ. އަޝްރަފު ޢަބްދުއްރަޙީމްގެ ރިޔާސަތުގައި، އެ ޚިދުމަތް ވަނީ އިތުރަށް ފުޅާކުރައްވައިފައެވެ. މަޒުމޫނުލިޔުމާއި ޅެންހެދުމާއި ވާހަކަލިޔުމުގެ މުބާރާތް ފަދަ އަދަބީ ތަފާތު މުބާރާތްތަކުގައި ރަށްރަށުގައި ތިބެގެން ބައިވެރިވެވޭނެ އިންތިޒާމު މި ދިޔަ އަހަރުން ފެށިގެން ތަޢާފަރުކުރައްވައިފައިވާކަން ފާހަގަކުރެވެއެވެ. އަދި އެކެޑަމީއިން ބާއްވަވާ އެކިއެކި ޖަލްސާތަކާއި ސިންތާތަކާއި މަހާސިންތާތަކާއި ފޯރަމުތަކުގައި ދާދިވަރުކޮށް ހުރިހާ އިސްކޫލަކަށް ބައިވެރިވެވޭ ގޮތް ވަނީ ހަމަޖައްސަވައިފައެވެ. އަދި އެ ފަދަ ޖަލްސާތަކުގައި އެ ކުއްޖަކު އެ ކުއްޖެއްގެ ރަށުގައި ހުރެގެން މާލޭގައި އޮންނަ ޖަލްސާތަކުގައި ތަގުރީރުކުރެވޭ ގޮތަށް ވެސް ވަނީ އިންތިޒާމުކުރެވިފައެވެ.

ފޮޓޯ: އެސްއެސް މީޑިއާ<br>

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި ދިވެހިބަހުގެ އެކެޑަމީ ގުޅިގެން ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަކުރެއްވުމަށް ޓަކައި މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ފޯރަމަކީ ވެސް މީގެ ނަމޫނައެކެވެ. މިއަދު ހަވީރު 4:00ން 5:50ށް ބޭއްވި މި ފޯރަމުގައި އެކެޑަމީގެ ރައީސް ވަނީ ވަރަށް އުންމީދީ ވާހަކަފުޅެއް ދައްކަވައިފައެވެ. މި އަންނަ އަހަރު ބާއްވަވާ ވާހަކަދެއްކުމުގެ ޤައުމީ މުބާރާތް، ފަންނިއްޔާތު ބޭނުންކުރައްވައިގެން މާލޭގެ އިތުރަށް ރާއްޖޭގެ އިތުރު ދެ ސަރަހައްދެއްގައި ބާއްވަވާނޭކަމަށް ޑރ. އަޝްރަފު ވަނީ އިއުލާނުކުރައްވައިފައެވެ. އަދި އެ މުބާރާތް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވެވުމުގެ އިންތިޒާމު ހަމަޖެއްސެވޭތޯ ވަރަށް ބޮޑަށް މަސައްކަތްކުރައްވާކަމަށް ވިދާޅުވެ އެ ކަމުގެ އުންމީދު އާކުރެއްވިއެވެ. އަދި އަންނަ ނޮވެންބަރު މަހު ބާއްވަވާ އަދަބީ އެކި މުބާރާތްތައް އެއް ފަހަރާ ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ބާއްވަވާނެކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. އަދި ފަންނިއްޔާތުގެ އެހީގައި މުޅި ރާއްޖެއަށް އެކެޑަމީ ފުޅާކުރައްވާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މިއީ އަތޮޅުތަކުގައި ދިރިއުޅޭ ދަރިވަރުންނަށް ލިބުނު ވަރަށް އުފާވެރި ޚަބަރެއްކަމަށް "ފަރަގު" ޚަބަރު މޭޒާ ވާހަކަދެއްކި ބައެއް ދަރިވަރުންނާއި މުދައްރިސުން ފާހަގަކުރެއްވިއެވެ.

އެކެޑަމީގެ ރައީސް އެ ގޮތަށް ވިދާޅުވިޔަސް މުވައްޒަފުންނާއި ބަޖެޓުގެ ދަތިކަން އެ ވިދާރާއަށް އިންތިހާއަށް ކުރިމަތިވެފައިވާކަން އެކެޑަމީގެ އެކި މުވައްޒިފުންގެ ފަރާތުން އެނގިފައިވެއެވެ. މިކަން ޙައްލުކުރައްވާން ވެސް މިހާރު އެ ވިދާރާއިން ގިނަގުނަ މަސައްކަތްތަކެއްކުރައްވާކަން ވެސް އުފަލާއެކު ފާހަކަކުރަމެވެ.

ދާދިވަރުކޮށް ރާއްޖޭގެ ހުރިހާ އިސްކޫލަކަށް ބައިވެރިވެވޭ ގޮތަށް ވިއަދު ބޭއްވި ފޯރަމުގައި ދިވެހިބަހުގެ އެކެޑަމީގެ ރައީސްގެ އިތުރަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ. އަޙުމަދު ޒާހިރު ޢަލީ ވެސް ވާހަކަފުޅުދެއްކެވިއެވެ. މީގެ އިތުރަށް އިސްލާމް ދީން މަތީގައި ދެމިތިބުމުގެ މުހިންމުކަމާ ގުޅޭ ގޮތުންނާއި، ދިވެހިރާއްޖެ އިސްލާމްވި ހާދިސާއާ ގުޅޭ ގޮތުން ދިރާސާ ކުރާ ފަރާތްތަކުން ވިސްނުން ބެހެއްޓެވިދާނޭ ގޮތުގެ މައްޗަށް ޢިލްމީ ގޮތުން ހުށަހެޅުންތަކެއް ވެސް ހުށަހެޅުނެވެ. އަދި ދަރިވަރުންގެ ސުވާލުތަކަށް ވަރަށް ޤާބިލު ޕެނެލަކުން ޖަވާބު ދެއްވިއެވެ. މި ޢިލްމީ ޕެނަލުގައި ތިއްބެވީ ޝައިޚު މުޠީޢު އިސްމާޢީލު މުޙަންމދާއި، ޝައިޚު އަޙުމަދު ފަހުމީ ދީދީއާއި، ކޮމާންޑަރ ސަރޖަންޓް، މޭޖަރ ޢަބްދުﷲ ސަޢީދާއި  އިޔާޒު ޖާދުﷲ ނަސީމެވެ.

_______________________________________

ބައެއް ލަފުޒުގެ މާނަ

ވިދާރާ:   (1) ވަކި ޚާއްޞަ ދާއިރާއަކުން ނުވަތަ ރޮނގަކުން ޢިލްމީ ދިރާސާތައްކުރުމާއި ޢިލްމު ތަރައްގީކުރުމުގެ މަސައްކަތް ކުރުމަށް ޓަކައި ގާއިމުކޮށްފައި ހުންނަ މުއައްސަސާ، (2) ޚާއްސަ ރޮނގަކުން ކިޔަވައިދޭ ނުވަތަ ތަމްރީނުދޭ ތަނެއް، (3) އެކެޑަމީ

ފުރަބަންދު: ރަށަކަށް އަރައި ފޭބުން ނުވަތަ ތަނަކަށް ވަދެ ނުކުތުން ވަކި މުއްދަތަކަށް މަނާކޮށްފައި އޮންނަ ޙާލަތު

ދާދިވަރު:  (1) މާއްދީ ހަގީގަތެއް ނެތި ސުމޭކު ވަސީލަތުން ހަގީގަތެއްގެ ގޮތުގައި ދައްކާ، (2) ހަގީގަތާ ވަރަށް ގާތް

ސުމޭކު:  (1) ކޮންޕިޔުޓަރު މެދުވެރިކޮށް މައުލޫމާތަށް ބަދަލު ގެނެވޭ، (2) ކޮންޕިޔުޓަރާ ނުވަތަ ކޮންޕިޔުޓަރާ ޓެކްނޮލޮޖީއާ ގުޅުންހުރި

Advertisement

ކޮމެންޓް