Advertisement

މައިކްރޯބިޓް ކޯސް ފަރަގު އެކެޑަމީއިން ފެށީއެވެ!

09 Sep 2024 | 00:10
ކުރިއައާއި ފަރަގުން ހިންގާ މައިކްރޯބިޓް ފުރަތަމަ ކޯސް

ފަރަގު މީޑިއާ

ފަންނިއްޔާތުގެ ދާއިރާއިން ޒުވާނުންނާއި ދަރިވަރުންނަށް ފަންނީ އިތުރު ހުނަރުތަކެއް ދަސްކޮށްދިނުމުގެ މަޤްސަދުގައި ކުރީއަ ޕްރައިވެޓު ލިމިޓެޑުން އިސްނަންގަވައިގެން ކުރައްވާ ޢިލްމީ ޒަމާނީ މަސައްކަތްތަކުގައި "ފަރަގު" އެކެޑަމީއިން ބައިވެރިވެ ދެ ފަރާތުން ގުޅިގެން މަސައްކަތްކުރުމަށް ޓަކައި ފަހުމުނާމާއެއްގައި މި ދިޔަ އޮގަސްޓު މަހު 22ގައި ސޮއިކުރިކަން މި ނޫހުގެ އަހުލުވެރީން ހަނދުމަފުޅު ހުންނާނެއެވެ. މި އެއްބަސްވުމުގެ ދަށުން ފުރަތަމަ ހިންގާ މައިކްރޯބިޓް ކޯސް މި ސެޕްޓެންބަރު މަހުގެ ތެރޭގައި ފަށާނެކަމަށް ކުރީއަ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލާ މަރިޔަމް ހަނާއާއި ފަރަގު އެކެޑަމިކް ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް ޙުސައިން ޝުއާޒު އެ ދުވަހު ވަނީ ވިދާޅުވެފައެވެ.

މި ސޮއިކުރެވުނު ފަހުމުނާމާގައި އެއްބަސްވެފައިވާ ގޮތުގެ މަތީން ހިންގާ މައިކްރޯބިޓްގެ ފުރަތަމަ ކްލާސް ހޮނިހިރު ދުވަހު ފަރަގު އެކެޑަމީގައި ފަށައިފިއެވެ. މި ކުލާހަށް އާދަޔާ ޚިލާފު ތަރުޙީބެއް ލިބުނުކަން ފާހަގަކޮށްލެވެއެވެ. މި ކުލާހުގައި ބައިވެރިވި ދަރިވަރުން ހާމަކުރި ގޮތުގައި މިއީ ވަރަށް ޝައުޤުވެރި ކުލާހެކެވެ. އެހެންކަމުން ދަރިވަރުންގެ ފަރާތުން ލިބުނީ ވަރަށް ފުރިހަމަ ބައިވެރިވުމެކެވެ. ކުލާހުގައި ހޭދަކޮށްލި ވަގުތު ފާއިތުވެގެން ދިޔަ ގޮތް ނުވެސް އެނގޭހާ ޝައުގުވެރިކަން އެ ކުދީން ފާހަގަކުރިއެވެ.

މި ކޯހުގެ ޒަރީޢާއިން އަމަލީ ގޮތުން މައިކްރޯބިޓް ޑިވައިސް ބޭނުންކޮށްގެން ކޯޑިންގކުރުމާއި އިލެކްޓްރޯނިކްސްއާއި އިންޖިނިއަރިންގގެ ހުނަރުތައް ބައިވެރީންނަށް ދަސްކޮށްދެވޭނެއެވެ. 'މައިކްރޯބިޓް'އަކީ ތަފާތު އެކި ގޮތްގޮތަށް ޕްރޮގްރާމްކުރެވޭ، ޖީބަށް ލެވޭ ވަރުގެ، ކުޑަކުޑަ އާލަތެކެވެ. (ޑިވައިސްއެކެވެ.)

ކުލާސް ރޫމެއްގައި މައިކްރޯބިޓްގެ މަސައްކަތް....<br>

މި ކޯހުގައި ކިޔަވައި ދެއްވަނީ މި ކަމުގެ ތަޢުލީމާއި ފަންނީ ތަމްރީން ލިބިވަޑައިގެންފައިވާ ހުނަރުވެރި ޤާބިލު ދާރިސުންނެވެ. އަދި މި ކޯހުގެ ފިލާވަޅުތައް ފަރުމާކޮށްފައިވަނީ ދަރިވަރުންގެ އުފެއްދުންތެރިކަން ކުރިއަރުވައި ތަރައްޤީކުރެވޭނޭ ގޮތްތައް ދިރާސާތަކެއްކުރައްވައިގެންނެވެ.

މި ކޯހުގައި ބައިވެރިވާ ކޮންމެ ދަރިވަރަކަށް މައިކްރޯބިޓް ޑިވައިސްއެއް އިތުރު އަގަކާ ނުލައި ދެވެއެވެ.

"ފަރަގު" މީޑިއާއިން އުންމީދުކުރަނީ ހޮނިހިރު މި ފެށުނު ކޯހުގެ ޒަރީޢާއިން ގިނަ ދަރިވަރުންތަކަކަށް ފައިދާ ހުރި އިލްމާއި ބޭނުންތެރި އެތައް ހުނަރުތަކެއް ދަސްވެ، އޭގެ ސަބަބުން މުޖުތަމަޢަށް ފައިދާހުރި އުފެއްދުންތަކެއް ވުޖޫދަށް އަންނާނެކަމަށެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި މި މަސައްކަތް ކުރިއަށް ގެންދިޔުމުގެ އެއްބާރުލުމާއި ފުރުސަތު އިތުރަށް މަގުފަހިވެގެން ދާނެކަމަށެވެ. މިއީ ރޮބޮޓިކްސްގެ ދާއިރާއިން އެޅޭ ޢިލްމާއި ހުނަރުގެ އެންމެ ވަރުގަދަ ބިންގާކަމަށްވާނެއެވެ. މިއީ ދިވެހިރާއްޖޭގެ ހަމަ ކޮންމެ ދަރިވަރަކު ވެސް މިއަދު ފުރިހަމަކުރާންޖެހޭ ކޯހެކެވެ.

ޅަ އުމުރުއްސުރެ ހަރުދަނާ ގޮތެއްގައި ޒަމާނީ އައު އީޖާދުތަކަށް ދަރިވަރުންނާއި ޒުވާނުން އަހުލުވެރިކޮށް، ބިނާކުރަނިވި ގޮތެއްގައި އެ އީޖާދުތަކުގެ ބޭނުންހިފައި، އުފެއްދުންތެރި ޚިޔާލުތަކަށް ހިތްވަރުދީ، އަދި އެ ކުދީންނަށް ފަހި ފުރުސަތުތައް ތަނަވަސްކޮށްދިނުމަކީ ނުހަނު ބޭނުންތެރި މުހިންމު ކަމެއްކަމަށް މިއަދު މި ވަނީ ވެފައެވެ.

އެހެންކަމުން މި ކޯހުގެ އާ ބުރެއް، ޓީޗަރުންނާއި ބެލެނިވެރީންނަށް ވެސް ބައިވެރިވެވޭ ގޮތަށް ވަރަށް އަވަހަށް އިޢުލާނުކުރެވޭނެކަމަށް ފަރަގު އެކެޑަމީއާއި ކުރީއަ ކުންފުނީން މަޢުލޫމާތުދެއްވައެވެ. މިއީ ދޫކޮށްލައިގެން ވާ ވަރުގެ ފުރުސަތެއް ނޫނެވެ. މި ޒަމާނުގައި ފަންނިއްޔާތަށް އަހުލުވެރިވުމަކީ ޙަޔާތުގެ ކާމިޔާބީއަށް ޓަކައި ކޮންމެހެން ބޭނުންތެރި ކަމެއްކަން ކަށަވަރެވެ. މި ކޯހުގެ ޚަބަރު މީޑިއާގެ ޒަރީޢާއިން ލިބިގެން ބައެއް އަތޮޅުތަކުން ފަރަގު މީޑިއާއަށް ގުޅައި، މި ކޯސް އޮންލައިނުކޮށް ނުބާއްވަނީ ކީއްވެތޯ، ދާދިވަރުކޮށް މީގެ ކުލާހެއް ބާއްވާނެތޯ، ސުވާލުކޮށް ހަދައިފައިވެއެވެ. އެހެންކަމުން އަލަށް އިޢުލާނުކުރާ މި ކުލާހުގެ އާ ބުރުގައި އޮންލައިނުކޮށް ބައިވެރިވެވޭ ކަހަލަ ގޮތަކަށް އިންތިޒާމުކުރެވޭތޯ ފަރަގު އެކެޑަމީއިން މަސައްކަތްކުރާނެއެވެ.

_________________________________

Advertisement

ކޮމެންޓް