Advertisement

ޣައްޒާ ފަނާވެ ދިޔަ އިރު ވެސް ދުނިޔެ އޮތީ އިސްރާއީލު ޖަހާހައި ބެރަކަށް ނަށާން؟

08 Sep 2024 | 06:11
ވިލިއަމް ބާންސް

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ފަލަސްތީނާ ދެކޮޅަށް އިސްރާއީލުން ހިންގަމުން ގެންދާ ލާއިންސާނީ ޢުދުވާނުތައް ހުއްޓުވާން ދުނިޔެ ވަނީ ނުކުޅެދިފައެވެ. އިސްރާއީލުގެ ނުލަފާ ހަރުކަށި ބޮޑުވަޒީރު ބުންޔާމީން ނަތަންޔާހޫގެ ގޮތް ދޫނުކުރުމާއި އަމިއްލަ އެދުމާއި ބޭއިންސާފުވެރިކަމާ ދެކޮޅަށް، ކަމެއް ކުރުމުގެ ހިތްވަރެއް ދުނިޔޭގެ އެއްވެސް ގައުމަކަށް ނެތެވެ. މީހަކު އަޅެ ހައިރާނެއް ނުވާނެހެއްޔެވެ!

ޣައްޒާގައި ހިނގަމުންދާ ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމާއި ހަމާސްއިން އަސީރުކޮށްފައިވާ މީހުން ދޫކޮށްލުމަށް ކުރެވޭ މަޝްވަރާތަކުގައި އެމެރިކާގެ އިސް އޮފިޝަލެއްގެ މަގާމު އަދާކުރާ އަދި އެމެރިކާގެ މަރުކަޒީ ޖާސޫސީ އިދާރާގެ ވެރިޔާ ބުނީ ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ހަނގުރާމަ ހުއްޓައިލުމަށް ޓަކައި އިތުރު ތަފްސީލީ ހުށަހެޅުމެއް ހުށަހަޅާނެކަމަށެވެ.

ޣައްޒާގައި 11 މަސް ދުވަހުގެ ހަމަނުޖެހުންތަކަށް ފަހު، މި އިދާރާގެ ޑިރެކްޓަރު ވިލިއަމް ބާންސް ބުނީ ހަނގުރާމަ ހުއްޓައިލުމުގެ ވާހަކަތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރާ ގަތަރާއި މިސްރާ އެކު، [އެއްބަސްވުމުގެ] "ޢިބާރާތްތަކާއި އުފެއްދުންތެރި ފޯމިއުލާތަކުގައި" ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އަހަރެމެން މި [ހުށަހެޅުން] އިތުރަށް ތަފުސީލުކޮށް ހުށަހެޅުމެއް ހުށަހަޅާނަން، އަހަރެން އުންމީދުކުރަން ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި، [އެ ކަން] އަހަރެމެންނަށް ފެންނާނެ،" އިނގިރޭސިވިލާތުގެ އެމްއައި6 ފޮރިން ޖާސޫސީ އެޖެންސީގެ ވެރިޔާ ރިޗާޑް މޫރާ އެކު ލަންޑަނުގައި ބޭއްވި ފައިނޭންޝަލް ޓައިމްސްގެ ޙަފުލާގައި ވާހަކަ ދައްކަމުން ބާންސް ބުނެފައިވެއެވެ. "މީގެ ކުރީން ދުވަހަކުވެސް އާންމުކޮށް ނުފެންނަ ފަދަ ހާޒިރީއެއް [ފެންނާނެ]"

ބާންސް އިތުރަށް ބުނީ އެއީ ސިޔާސީ އިހުތިޔާރުގެ ސުވާލެއްކަމަށާއި ދެ ފަރާތުގެ އިސްވާރުންނަށް "އެންމެ ފަހުން އުނދަގޫ ބައެއް ބުރަ އިޚްތިޔާރުތަކާއި އުނދަގޫ ބައެއް ދޫދިނުންތައް ދިނުމުގެ [ގޮތް ދޫކުރުމުގެ] ވަގުތު އަތުވެއްޖެ"ކަން ދެނެގަނެވޭނެކަމަށް އުންމީދުކުރާކަމަށެވެ.

އޭނާ ބުނީ އެއްބަސްވުމުގެ ޢިބާރާތްތަކުގެ %90 ޕެރެގްރާފަށް އެއްބަސްވެފައިވީ ނަމަވެސް އެންމެ ފަހު %10 [ޕެރެގުރާފު]އަކީ އަބަދުވެސް އެންމެ އުނދަގޫ ޕެރެގުރާފުކަމަށެވެ.

"އަހަރެންގެ އުންމީދަކީ އެންމެންނަށް ވެސް އެނގޭނެ ފަދައިން، މި ތަނުގައި ދަތިވެފައިވާ ކަންކަން ދެނެގަނެ، އެ އަސާސްގެ މައްޗަށް ކުރިއަށް ދިއުމަށް ތައްޔާރަށް ތިބުން." އޭނާ ބުނެފައިވެއެވެ.

އިސްރާއީލުގެ ހިސާބުތަކުން ދައްކާ ގޮތުގައި އޮކްޓޯބަރު ހަތް ވަނަ ދުވަހު އިސްރާއީލަށް ހަމަލާދީ 1،200 މީހުން މަރުވެ ގާތްގަނޑަކަށް 250 މީހުން ރަހީނުކޮށްފައިވާއިރު، އިސްރާއީލުން ޣައްޒާގައި ދިން ބަދަލުހިފުމުގެ ހަމަލާތަކުގައި ފަލަސްތީނުގެ ގާތްގަނޑަކަށް 41،000 މީހުން ޝަހީދުވެފައިވާކަމަށް ޣައްޒާގެ ސިއްހީ އިދާރާތަކުން މަޢުލޫމާތުދެއެވެ.

އެޑިޓަރުގެ ނޯޓް
އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރަކީ މަޝްހޫރު ލިޔުންތެރިއެކެވެ. ބަސްވާރެކެވެ. އޭނާ ވަނީ ބަހުގެ ދާއިރާއިންނާއި ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން މަތީތަޢުލީމު ޙާޞިލުކުރައްވައިފައެވެ. ގިނަ ނޫސްމަޖައްލާތަކަކަށް ލިޔުއްވައިފައެވެ. މީގެ އިތުރަށް އޭނާ ވަނީ ކިޔަވައިދެއްވުމާއި އިސްކޫލުތައް ހިންގުމުގެ ދާއިރާގައި ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވައި ތަޖުރިބާ ޙާޞިލުކުރައްވައިފައެވެ. އޭނާއަށް ވަނީ ދިވެހިބަހަށް ޚިދުމަތްކުރުމާއި ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ހިތްވަރުދިނުމުގެ ޤައުމީ އިނާމާއި ޝަރަފުވެރިކަމުގެ އިނާމު ވެސް ލިބިވަޑައިގެންފައެވެ.

Advertisement

ކޮމެންޓް