ވިޓޯލް ބަންކަރސްގެ ޗާޓުގައި ދިވެހިރާއްޖެ ހިމެނުމަކީ ވަރަށް ބޮޑު ކާމިޔާބީއެކެވެ.
އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ދުނިޔޭގައި ތެޔޮ ރައްކާކޮށް ކަނޑު ބޯޓުފަހަރަށް ތެޔޮއެޅައިދިނުމުގެ ޚިދުމަތް އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދޭ ވިޓޯލް ބަންކާސްގެ ޗާޓުގައި ދިވެހިރާއްޖެ ހިމެނުނު ޚަބަރަކީ ދިވެހި އިގުތިސާދަށް ލިބުނު އުފާވެރިކަމެކެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން ވިޓޯލް ބަންކަރސްއަކީ މުދާ އުފުލާ އަދި ޝިޕިންގެ މަސައްކަތްތައް ކުރިއަށްދާ އެކި ސަރަޙައްދުތަކުގައި ބޯޓުފަހަރަށް ތެޔޮ ފޯރުކޮށްދިނުމުގެ ޚިދުމަތް ފުޅާ ދާއިރާއެއްގައި ދެމުން އަންނަ ދުނިޔޭގެ އެންމެ މަޤުބޫލު އެއް ކުންފުނިކަން ފާގަހަގަކުރެވެއެވެ. ވިޓޯލް ބަންކަރސްގެ ޗާޓުގައި މިހާރު ރާއްޖެ ހިމަނައިފައިވާ އިރު، އިހަވަންދިއްޕޮޅުގައި ޤާއިމުކުރާ ތެޔޮ ފޯރުކޮށްދޭ އިންޓަރނޭޝަނަލް ބަންކަރިން ޕްރޮޖެކްޓު (ތެލުގެ ޚިދުމަތްދޭ ބައިނަލްއަޤުވާމީ މަޝްރޫޢު)ގެ ޓާރމް ޝީޓުގައި (ދެ ފަރާތުން އެއްބަސްވާ ޝަރުޠުތައް ހިމެނޭ ކަރުދާހުގައި) ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސް.ޓީ.އޯ)އިން މަލްޓިނޭޝަނަލް އެނަރޖީ އެންޑް ކޮމިޑިޓީ ޓްރޭޑިންގ ކޮމްޕެނީ، ވިޓޯލް ބަންކަރސްއާ އެކު މި ދިޔަ މާރިޗު މަހު 13 ގައި ވަނީ ސޮއިކޮށްފައެވެ.
މި އެއްބަސްވުމުގެ ދަށުން ބަންކަރިން ޕްރޮޖެކްޓާ ގުޅޭގޮތުން ދެ ފަރާތުން ނިންމަން ޖެހޭ ލިޔެކިޔުންތައް ވަކި ތާރީޚެއްގެ ތެރޭ ނިންމަންޖެހޭނެކަމަށް އެސްޓީއޯއިން ބުނެއެވެ. އިހަވަންދިއްޕޮޅުގައި ޤާއިމްކުރާ ތެލުގެ ޚިދުމަތްދޭ ބައިނަލްއަޤުވާމީ ވަސީލަތަތައް ހިންގުމުގެ ހުރިހައި ކަމެއް ދިވެހި ސަރުކާރުން ހަވާލުކުރައްވައިފައިވަނީ އެސްޓީއޯއާއެވެ. މި އަހަރު ޖުލައި މަހުގެ ތެރޭގައި މި ޚިދުމަތް، ބޮޑުތިލަދުންމަތީގައި ފެށުމަކީ ސަރުކާރުގެ އަމާޒެކެވެ. ދުނިޔޭގެ ބޮޑެތި ބޯޓުފަހަރު އާންމުކޮށް ދަތުރުކުރާ ސަރަޙައްދުތަކުގައި އެ ފަދަ ޚިދުމަތެއް ފެށިއްޖެ ނަމަ ބޯޓުފަހަރު އެ ތަންތަނަށް މަޑުކޮށް ތެޔޮ އަޅައި ހަދައެވެ. މި ގޮތަށް ތެޔޮ ވިއްކުމަކީ ރަނގަޅު ފައިދާއެއް ލިބޭ ޚިދުމަތެއްކަމުން މިއީ ރާއްޖޭގެ އިޤްތިޞާދު ފުޅާކުރުމަށް މުހިންމު ސިނާޢަތަކަށްވާނެކަމަށް ސަރުކާރުން އުންމީދުކުރައްވައެވެ.
ދުނިޔޭގައި ތެލުގެ ޚިދުމަތް ފޯރުކޮށްދޭ ސަރަހައްދެއް (ފޮޓޯ: ވިޓޯލް)<br>
އިހަވަންދިއްޕޮޅު ސަރަހައްދަކީ ދުނިޔޭގެ ކަނޑުބޯޑުފަހަރު އިރުން ހުޅަނގަށް، ހުޅަނގުން އިރަށް، އާންމުކޮށް ދަތުރުކުރާ ސަރަހައްދެކެވެ. މި ސަރަހައްދުގައި ތެލުގެ ޚިދުމަތް ފޯރުކޮށްދޭ މަރުކަޒެއް ގާއިމުކުރެވިފައިވާކަން ދުނިޔޭގެ އެ ކަމާ ބެހޭ ކުންފުނީގެ ޗާޓުގައި ހިމެނިފައިވުމަކީ ދުރާލައި ތައްޔާރުވެގެން ބޯޓުފަހަރު އެ ތަންތަނަށް މަޑުކޮށް ޚިދުމަތް ލިބިގަންނާން ފަސޭހަވާނޭ ކަމެކެވެ. އަދި މިއީ މުސްތަގުބަލުގައި އެ ސަރަހައްދުގައި އެހެން ސިނާޢަތްތައް ފުޅާކުރުމުގެ ފުރުޞަތު ފަހިވާނޭ ކަމެއްކަން ކަށަވަރެވެ.
އިހަވަންދިއްޕޮޅު ފަދައިން ހައްދުންމައްޗާއި ހުވަދުއަތޮޅާ ދޭތެރެއިން (ހުވަދޫ ކަނޑުން) ވެސް މި ފަދަ ބޯޓުފަހަރު ދަތުރުކުރާތީ މި ސަރަހައްދަކީ ވެސް ބޯޓު ފަހަރަށް ތެޔޮ ފޯރުކޮށްދިނުމުގެ ޚިދުމަތް ދޭން ރަނގަޅު ސަރަހައްދެކެވެ. އެހެންކަމުން ހައްދުންމަތީ ގާދޫގައި ވެސް އެ ފަދަ ވަސީލަތެއް ގާއިމުކުރައްވާން ސަރުކާރުން އުންމީދުކުރައްވައެވެ.
ދިވެހިރާއްޖެއަކީ ދިވެހިރާއްޖެ އޮތް އިސްތިރާޖީ ނުކުތާގެ މުހިންމު ކަމުން، ހަމަ އެކަނި ފަތުރުވެރިކަމަށް ބަރޯސާ ނުވެ މި ފަދަ އިގުތިސާދީ ކިތަންމެ ޚިދުމަތެއް ފޯރުކޮށްދީ އިގުތިސާދު ސިންދަފާތުކޮށްލުމުގެ ފުރުސަތު އޮތް ގައުމެކެވެ. ޑރ. މުޙަންމަދު މުޢިއްޒުގެ ސަރުކާރުން ގެންދަވަނީ މި ފަދަ ޚިދުމަތްތައް ތަޢާރަފުކުރައްވައިގެން ދިވެހިރާއްޖޭގެ އިޤުތިޞާދު ވަރުގަދަކުރެއްވުމަށް ޓަކައި ތަދުބީރުތަކެއް ކުރައްވަމުންނެވެ.
_____________________________________
ބައެއް ލަފުޒުގެ މާނަ:
ތަދުބީރު ނ. (1) ކަމެއްގެ މައްޗަށް ފުންކޮށް ވިސްނައި ރާވާ ރޭވުން. (2) ޙިކުމަތް
ސިންދަފާތު ނ. އިންސާނުންނާއި އެއްޗެއްސާއި ކަންކަމާއި ތަންތަނުގެ ނިސްބަތުގައި، މައިގަނޑު ގިންތިއެއް ނުވަތަ ޖަމާޢަތެއްގެ ތެރޭގައި ހިމެނޭ ބާވަތްތަކާއި ވައްތަރުތައް ނުވަތަ ގޮތްތައް ތަފާތުވެ ގިނަގުނަ ވެގެންވާ ވުން.
މަޝްރޫޢު ނ. ވަކި މުއްދަތެއްގެ ތެރޭގައި ވަކި މަގުސަދުތަކެއް ޙާސިލު ކުރުމަށް ރާވާ ރޭވުން.
އިސްތިރާޖީ ނއ. މަގުސަދު ނުވަތަ ލަނޑުދަނޑި ހާސިލުކުރުމުގައި ރޭވުންތެރި ނުވަތަ ހިކުމަތްތެރި.