Advertisement

ހެޔޮ ދުޢާ

08 Sep 2024 | 00:14
ހެޔޮ ދުޢާ

އަސްމާ އަބޫބަކުރު

އަހަރެން ކުރި ފުރަތަމަ ކައިވެނީން ކުރެވުނު ހިތި ތަޖުރިބާއަކީ ލިބުނު ފިލާވަޅެކެވެ. އެ ފިލާވަޅުން ޢިބްރަތް ލިބިގަނެ ދެވަނަ ކައިވެންޏަކަށް ތައްޔާރުވާން ފެށީމެވެ. މައިން ބަފައިންގެ ހެޔޮދުޢާ ލިބިގަންނަމުންނެވެ. ޢުމުރުން ބާވީސް އަހަރުގައި ކުރެވުނު ކައިވެނި ރޫޅުނީ ދެ މަހާ ފޮއި ދުވަހުގެ ތެރޭގައެވެ. އެ ހިތާމަގައި އެތައް ދުވަހެއް ވޭތުކުރީމެވެ. ޢާއިލާއާއި ރައްޓެހީންގެ ފަރާތުން މި ދަތުރު ފެށުމަށް ހިތްވަރުގެ ބަސްތައް ލިބުނެވެ. އަބަދު އެއް ގޮތް ނުވާނޭކަމުގައި ބުނެދިނީ އެމީހުންނެވެ.

"ދަރިފުޅާ ޖީޒާ. މަންމަމެންގެ ހެޔޮދުޢާ އަބަދު ވެސް ދަރިފުޅަށް ލިބޭނެ. ދަރިފުޅުގެ މައިދައިތައަށް ހެޔޮކޮށް ހިތާތި." މަންމަގެ ނަސޭހަތާއި ހެޔޮ ދުޢާ ހިފައިގެން އަހަރެން ފިރިމީއާ އެކު ރަށުން ފުރީމެވެ. ހިތުގައި އޮތް ބިރުވެރިކަން އޮތީ އެންމެ ކަމެއްގައެވެ. ފިރިމީހާ މަންމަގެ ނުޤަބޫލުގައި ކުރެވުނު ކައިވެނީގެ ސަބަބުން ދެންވާނެ ގޮތަކާ މެދުއެވެ.

އަހަރެންގެ ފިރިމީހާ އައިމަނާ އެކު، މާލެ އައިސް އެ ގެއަށް ދިޔަ ދުވަހު ވެސް މައިދައިތަގެ މޫނުމަތީން ހިތްހަމަ ނުޖެހުމުގެ އަސަރު ފެނުނެވެ. އެ މޫނުމަތީން ހިނިތުންވުމެއް ނެތެވެ. އެ ކަމަށް އަޅައިނުލައި އަހަރެންގެ ހިތުގައި އޮތީ މައިދައިތަގެ ރުހުން ހޯދުމަށް ޓަކައި، ކުރާނެ ކަންތައްތަކެވެ. އައިމަންގެ ގެއަކީ މާގިނަ ބަޔަކު އުޅޭ ގެއެއް ނޫނެވެ. އައިމަންގެ މައިންބަފައިންގެ އިތުރަށް އައިމަންގެ ދޮންބެއާއި ދޮންތައެއް ހުންނަކަން އެނގެއެވެ.

"އައިމަން. ދޮންތައާއި ދޮންބެ ކޮބާ؟" ގެއަށް އައިއިރު އެ މީހުން ފެންނާން ނެތުމުން ހިތުގައި އުފެދުނު ސުވާލު ކުރީމެވެ.

"ދޮންބެ ވީ އޮފީސް ދަތުރެއްގައި ރަށުން ބޭރުގައި. ދޮންތަ ބޭރުގައި ކިޔަވާން ހުންނަތާ ދެ އަހަރެއްހައި ދުވަސް ވެއްޖެ."

ފުރަތަމަ ދުވަސް އައިމަން ގޭގައި ހޭދަވެގެން ދިއުމުން އައިމަންގެ މައިންބަފައިންގެ ގޮތް ކޮންމެވެސް ވަރަކަށް އެނގޭތޯ ބެލީމެވެ. ބަސްކިއުމުގައި އައިމަންގެ މަންމަގެ އަޑުގަދައެވެ. އައިމަން ބައްޕަ ވެސް ހުންނަނީ މަންމަގެ އަމުރަށް ތައްޔާރުވެގެންނެވެ. އަހަރެން ދުވަސް ފެށީ ޖެހިގެން އައި ދުވަހުން ފެށިގެންނެވެ. ފަތިސް ނަމަދަށްފަހު ބަދިގެއަށް ވަދެ ހެނދުނުގެ ސައި ތައްޔާރުކުރީމެވެ. ހެނދުނު ހަތެއް ޖެހި އިރު އައިމަންގެ މަންމަ ބަދިގެއަށް އަތުވެއްޖެއެވެ. އޭރު މޭޒުމަތި ހުންނާނީ ތައްޔާރުކޮށްފައެވެ. ބަދިގެ އޮންނާނީ ސާފުކޮށްފައެވެ.

"ހެނދުނު ސަޔަށް މަސްހުނި ހަދާ ނަމަ، ކުޅިމަސް ވެސް ހުންނަންވާނެ." ތަށިތަކުގެ މަތި ނަގަމުން މައިދައިތަގެ ނުރުހުން ފާޅުކުރިއެވެ.

"ކުޅިމަސް ތައްޔާރުކޮށްލަން އެބަ. މާގިނަވަގުތެއް ނުވާނެ." އައިމަނާއި އައިމަންގެ ބައްޕަ އައިއިރު ކުޅިމަސް ވެސް ތައްޔާރު ކޮށްފީމެވެ. އެ މީހުން ސައިބޯން އިށީން އިރު އަހަރެން ހުރީ ތަންކޮޅެއް ދުރުގައެވެ. ކުރާނެ ކަމެއް ނެތިގެން ބަލާން ނުހުންނަން ވެގެން ދޮވެފައި ހުރި ތަށިތައް ނަގައި ދޮންނަން ފެށީމެވެ.

"ޖީޒާ. ސައިގަޑިގައި އާދޭ ސައިބޯން. މަސައްކަތްކުރެވިދާނެ ފަހުން." އައިމަން އެހެން ބުނުމުން އެ ދިމާއަށް ބަލައިލި އިރު، މައިދަގެ ނިތްކުރީން ދެތިން ރޫ ފެނުނެވެ. އޭނާގެ ނުރުހުން ފެނިފައި އަހަރެން ކުޑަކޮށް ފަސްޖެހޭ ގޮތްވިއެވެ. އެހެންނަމަވެސް އައިމަން ދެތިން ފަހަރަކު ބުނުމުން އައިސް އިށީނދެ ސައިބޯން ފެށީއެވެ.

އެ ގޭގައި ހަފުތާއެއް ހައި ދުވަހު އުޅުނު އިރު ގޭތެރޭގެ ވައްޓަފާޅިއާއި އެ މީހުންގެ އާދަކާދަ ކޮންމެ ވެސް ވަރަކަށް ދަސްވެއްޖެއެވެ. އަހަރެން ރަށުން މާލެ އަންނާންވެގެން ދެތިން އޮފީހަކަށް އެޕްލައިކުރީމެވެ. ރަށުގައި ހުރި ވަޒީފާ ދޫކޮށްލުމުގެ ބަދަލުގައި ޗުއްޓީ ނަގައިގެން އައީ މާލެއިން ވަޒީފާއެއް ލިބިއްޖެ ނަމަ ބަދަލުވާގޮތަށެވެ.

މާލޭގައި އުޅޭތާ ދެވަނަ ހަފުތާވީއިރު ވަޒީފާއެއް ހަމަޖެހުނެވެ. ރަށުގައި ތިބި މައިންބަފައިންނަށް ސަރުކާރުންދޭ ޕެންޝަން ފިޔަވައި އިތުރު އެއްޗެއް ނުލިބޭނެއެވެ. އަހަރެންގެ އެއްބަނޑު އެއްބަފާ ހަތަރުބެއިން ތިބެއެވެ. ކޮންމެ މީހަކު ވެސް އުޅެނީ ދިރިއުޅުމެއް ފަށައިގެންނެވެ. މައިންބަފައިންނަށް އެއްޗެއް ދިއްކޮށްލާ ވަރެއް ނުވެއެވެ. އަހަރެންގެ މަޤްޞަދަކީ ސަރުކާރުން ދޭ އެއްޗެއް ދިނަސް އަހަރެންގެ ޙައްޤު އަދާކުރުމަށެވެ. މައިންބަފައިންނަށް އަހަރެންގެ ފަރާތުން ކޮންމެ މަހަކު ކޮންމެ ވެސް މިންވަރެއް ދިނުމަކީ އަހަރެން ކުރަންޖެހޭނެ ކަމެކެވެ. އައިމަން އެންމެ ހިތްހަމަނުޖެހުނަސް ވަޒީފާއަށް ދާން ނިންމީ މައިންބަފައިންނަށް އަހަރެން ކުރާ މަސައްކަތުން އެއްޗެސް ދިނުމަށެވެ. އަހަރެން މަސައްކަތް ނުކުރިއަސް އައިމަން އަހަންނަށް ކޮންމެ މަހަކު ކޮންމެ ވެސް މިންވަރެއް ދޭނެކަމަށް ބުނެފައިވެއެވެ.

"ހަލޯ. އައިމަން. މިގަޑީގައި.. ކިހިނެއްވީ؟" އައިމަން ގުޅީ އަހަރެން އޮފީހުގައި އިންދައެވެ.

"މިގަޑީގައި ނުގުޅޭނެތަ؟ މި ގުޅީ ލޯބީގެ މާފޮޅުވާކަށް ނޫނޭ. މިއަދު އޮފީސް ނިންމާފައި ރެސްޓޯރެންޓަކަށް ދާންކަމަށް. ނޫނެކޭ ނުބުނައްޗޭ!" އައިމަންގެ ފޯންކޯލުން އަހަރެން އިތުރަށް ބުނާނެ އެއްޗެއް ނެތެވެ. ވޭތުވެ ދިޔަ ދެ ހަފުތާގައި އަހަރެން މީ ޗާބީދީފައި ގޭގައި ހުރި ބުދެކެވެ. މައިދައިތަ ބުނި ގޮތަކަށް ބުނި ކަމެއް ކުރިއިރު ވެސް ހިތްހަމަޖެހޭ ގޮތަކަށް އެއްވެސް ކަމެއް ކުރެވުނުކަމަކަށް ނުވިއެވެ. އަނެއްކާ އޮފީސް ނިންމައިފައި އަވަހަށް ގެއަށް ނުދެވިއްޖެ ނަމަ، މައިދައިތަގެ ނުރުހުމާ ކުރިމަތިލާން ޖެހޭނެއެވެ. އޭނާ އެހައި ރުޅިއެއް އަހަރެން ދެކެ އަންނަ ގޮތެއް ނޭނގެއެވެ. ގޯސްކޮށް ކަމެއް ކުރެވޭ ނަމަ ރަނގަޅުކުރާން އެނގޭނީ އެ ކަމެއް ވެސް ބުނީމަތާއެވެ.

އެ ވިސްނުމުގައި އިނދެގެން އޮފީހުގެ މަސައްކަތްތައް ނިންމައިލީމެވެ.

"ޖީޒާގެ މޫނުމަތީން އަބަދުވެސް ތި ހުންނަނީ ބާރަޖަހާފައި." ނާޒިމާ އަހަންނަށް ބަލައިލައިފައި ބުންޏެވެ.

"ކޮބައި ބާރަޖެހުމަކީ؟" ނާޒިމާ އެ ބުނާއެއްޗެއް އަހަންނަކަށް ނޭނގުނެވެ.

"ކަންބޮޑުވެފައި. ދެމިޔަކަނުން ހަނދު އޮއްސިފައި. ކޮބާ މައްސަލައަކީ؟" ނާޒިމާއަށް ފާހަގަ އެވީ ކިހައި ރަނގަޅަށްހޭ އަހަރެންގެ ހިތަށް އެރިއެވެ. އަސްލު ވެސް އަހަރެން ހުންނަނީ ކަންބޮޑުވެފައެވެ.

"ކަމެއް ނުވޭ. މާހައުލު ބަދަލުވީމާ ވާގޮތް ކަންނޭގެ." އަހަރެން ގޭތެރޭގެ ވާހަކަތައް ހިއްޞާކުރާކަށް ބޭނުމެއް ނުވެއެވެ.

އަހަރެމެން ރެސްޓޯރެންޓުން ކައިގެން ނިކުމެވުނު އިރު ހަތަރެއް ޖަހަނީއެވެ. އަހަރެން ވަރަށް ކަންބޮޑު ވެއްޖެއެވެ. އައިމަނާއެކީ ހޭދަކުރެވުނު އުފާވެރި ވަގުތުކޮޅުގެ ނިމުން އައީއެވެ. ގެއަށް ދާއިރަށް އަހަރެން ހުންނަނީ ކަންބޮޑުވެ ހާސްވެފައެވެ. އައިމަނަށް ވެސް އެކަން ފާހަގަވެއްޖެއެވެ.

"ދެންމެ ނުލާހިކު އުފާވެރިކޮށް ހުރި ޖީޒާގެ މޫޑު ކުއްލިއަކަށް ބަދަލުވީ ކީއްވެ؟

"މިއަދު މާލަސްވެއްޖެ. މަންމަ ހުންނާނީ ހިތްހަމަ ނުޖެހިފައި. އަހަރެމެން މާ ގިނަ ވަގުތު ބޭރުގައި އުޅުނީ." އަހަރެން އެހެން ބުނެފައި އައިމަންގެ މޫނަށް ބަލައިލީމެވެ.

"ކުލުނާއި ލޯބިން އަހަރެން ބޮޑުކުރީ މަންމަ. އަރާމު ނިންޖާއި ޢުމުރުގެ ބޮޑުބައި ހޭދަކުރީ އެ މަންމަ އަހަރެމެންނަށްޓަކައި. އެކަމަކު އަހަރެމެން މީހުންނާ އިންނަ ހިސާބުން އަހަރެމެން ކޮންޓްރޯލް ކުރުމާއި ނުވިތާކަށް އަނބިން ކޮންޓުރޯލްކުރުން ހުއްޓާން ވެއްޖެ." އައިމަން ހިތްހަމަ ނުޖެހިފައި އެހެން ބުނުމާ އެކު، އަހަރެން އިތުރަށް ކަންބޮޑުވިއެވެ.

އަހަރެން އޮފީހަށްދަނީ ފަތިހު ތެދުވެ، ހެނދުނުގެ ސައިހަދައިފައެވެ. މަންމަ ކޮންމެ ދުވަހަކު މެންދުރު ކައްކައެވެ. އޮފީހުން އައިސް ވެސް އަހަރެން އޮށޯވެ އޮންނަކީ ނޫނެވެ. ގޭތެރެ ސާފުކޮށް ރޭގަނޑަށް ކައްކަމެވެ. އައިމަން މަންމަގެ ހިތުން ޖާގައެއް ލިބޭތޯ އަހަރެން އަބަދު ވެސް ދުޢާކުރަމެވެ. އެކަމަކު އެ މަންމަގެ ހިތުގައި އަހަންނަށް ނަފުރަތު ނޫން އެއްޗެއް ނެތެވެ. އަހަރެމެން ގެއަށް ގޮސް ވަން އިރު މަންމަ ސިޓިންގ ރޫމްގެ ސޯފާގައި އިނީ ކުޅަނދުރެއްހެން ރަތްވެފައެވެ.

"އޮފީހަށޭ ކިޔާފައި ގޮސް ކޮންތަނެއްގައި އުޅެއުޅެފައި ތިޔަ އަންނަނީ." މަންމަގެ ރުޅި އަމާޒު ކުރީ އަހަންނަށެވެ.

"މަންމާ. އަހަރެމެން އޮފީސް ނިންމާފައި ބޭރުން ކައިގެން މިއައީ." އަހަރެން ޖުމްލަވީ ކެކިކެކި ހުރި ތެޔޮތާހަކަށް ފެންޖެހިހެންނެވެ.

"އަހަރެން ގޭގައި ނޯކަރެއްހެން ކައްކާންވީ. އެ ވަރުން ވެސް ކަމަނާގެފާނަށް މި ގެއިން ކާއެއްޗެއް ނުދިރޭ. ގޮސް ތިޔަ އަންނަނީ ބޭރުން ކައިގެން." މަންމަ ރުޅިގަނޑު ފަޅައިގެން ހިނގައްޖެއެވެ.

"މަންމާ. ކޮން ކަމެއްތީ. ކޮންމެފަހަރަކު ޖީޒާއަށް ހަޅޭއް...." އަހަރެން އައިމަންގެ އަތުގައި ހިފި ގޮތުން އިތުރަށް އެއްޗެއް ބުނާން ނޭދޭކަން އައިމަނަށް އެނގުނެވެ. އެހިސާބުން އައިމަން އެއްޗެކޭ ނުބުނެއެވެ.

"ކަލޭގެ ފުރަތަމަ ކައިވެނީ ރޫޅުނީ ވެސް ކަލޭގެ މައްސަލަތަކެއް ހުރުމުން. އައިމަންގެ ދިރިއުޅުމަށް ވަދެ އޭނަ ހަލާކުކުރުމުގައި މިހާރު ތިޔަ އުޅެނީ. އެއް ފަހަރު ވަރިވެފައި ހުރި އަންހެނަކާ އިންނާން އަހަރެން ނުރުހެނީ އެ އަނަހެނަކު ދެން ވެސް ހަދާނީ އެހެން." އައިމަންގެ މަންމަގެ ބަސްތަކުން އަހަރެންގެ ހިތްފަޅައިގެން ދާވަރު ވެއްޖެއެވެ. ފުރަތަމަ ކައިވެނީގެ ވާހަކަ ނުދައްކާތީ މަންމަ ހީކުރީ އަހަރެން ކުށުންވީކަމެއްގައެވެ. އަހަރެން ދުވެފައި ގޮސް ކޮޓަރިއަށް ވަނީމެވެ.

އައިމަން އައިސް އެތައް ވާހަކައެއް ދެއްކިއެވެ. އައިމަނަށް އަހަރެންގެ ފުރަތަމަ ކައިވެނި ރޫޅުނު ސަބަބު އެނގެއެވެ. އޭގައި އަހަރެން ކުށެއް ނެތްކަން އެނގޭނެއެވެ.

"ހިނގާ ޖީޒާމެން ރަށަށް ދާން. އަހަރެމެންނަށް މި ގޭގައި އުޅެވޭނެހެން ހިޔެއް ނުވޭ. އަބަދު ތިޔަ ހެން ހިތުގައި ޖެހިފައި ހުރެގެން ކިހިނެއް އުޅޭނީ."

"އެއީ އައިމަންގެ މަންމަގެ ކުށެއް ވެސް ނޫން. މުޖުތަމަޢު ދެކޭ ގޮތް މީ. އަންހެނަކު މީހަކާ އިނދެވަރިވެފައި ހުރެއްޖެ ނަމަ، ހުރިހާ އިލްޒާމެއް ގިނަ ފަހަރު އެޅޭނީ އަންހެނެއްގެ ބޮލުގައި. އަދި ގިނަ އަންހެނުންނާ ކައިވެނި ކުރާނެ ރަނގަޅު ފިރިހެނަކު ވެސް ނުވޭ. މަންމައަށް ކަމުގެ ޙަޤީޤަތް ކިޔައި ނުދެވުނީމަ އަސްލު ރުޅި އެ އަންނަނީ. އަދި ފަހުން ވިސްނޭނެ" އަހަރެން އައިމަންއަށް ވިސްނައިދިނީމެވެ.

އަހަރެން ކިތަންމެ ވަރަކަށް ފައްސި ވިސްނުމުގައި ހުރެ އައިމަން ގާތުގައި ވާހަކަދެއްކި ކަމުގައިވިޔަސް ޙަގީގަތުގައި މިހާރު ކޮންމެ ކަމެއް ކުރިއަސް ކަންބޮޑުވުން އޮވެއެވެ. އައިމަންގެ މަންމަ ހިތްހަމަ ޖެހޭ ގޮތަށް ކުރެވޭ އެއްކަމެއް ނެތުމުންނެވެ.

އެ ދުވަހު އަހަރެން ކޮޓަރިން ނުނިކުމެ އޮއްވައި ނިދުނީއެވެ. ހޭލެވުނީ އަނެއްދުވަހުއެވެ. އައިމަންއަށް ރޭގަނޑު ކާންވެސް ނުދެމެވެ. ގޭގައި ވެސް ނުކައްކައި ރޯން އޮއްވައި ނިދުނީއެވެ. އަވަސްކޮށްލައިގެން ބަދިގެއަށް ދެވުނު އިރު ހަތެއް ޖަހަނީއެވެ. ހެނދުނު ސައި ހަދާނޭ ވަގުތެއް ނެތެވެ. ބިސްގަނޑަކާއި ޕާނާއި ބަޓަރާ އެކު، ކުޑަ ގޮތަކަށް ހެނދުނުގެ ސައި ހަދާން ހިތަށް އަރުވަމުން ބަދިގެއަށް ދިޔަ އިރު، މައިދައިތަ ހުރީ ސައި ތައްޔާރުކޮށްފައެވެ. އެހެންނޫނީ ކުޅަނދުރެއްހެން ފުއްޕާފައި ހުންނަ މައިދައިތަ މިއަދު ހުރީ ހެވިފައެވެ. އޭނާއަށް އައި ކުއްލި ބަދަލުން އަހަރެން ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ.

"ޖީޒާ. މަންމައަށް މާފުކުރޭ. އިއްޔެ އަހަރެން ތިޔަ ކޮޓަރިއަށް ވަންނާން ދިޔައީ އައިމަންއަށް ނުބައި ވިސްނުން ލައިދެނީ ޖީޒާއޭ ހިތަށް އަރައިފައި. އެހެންނަމަވެސް ޖީޒާ ދެއްކި ވާހަކަ އަޑުއިވުމުން ޖީޒާ ވިސްނުން ގޯސް ނޫންކަން އެނގުނު. މަންމަގެ ވިސްނުންކަން ގޯހީ. މުޖުތަމަޢު ދައްކަފާނެ ވާހަކައަކަށް އަސްލު އަހަރެން ބިރުގަތީ. މިހާރު އެ ކަން ހިތުން ފޮހެލައިފިން." 

މަންމައަށް އައި ހެޔޮ ބަދަލާއެކު ގޭތެރޭގެ މާހައުލު ބަދަލުވެއްޖެއެވެ. ގޭތެރެ އުފާވެރިކަމަށް ބަދަލުވުމުން އައިމަނާއި އައިމަންގެ މަންމަގެ ގުޅުން ވެސް ބަދަހިވެއްޖެއެވެ. އޭގެ ދެތިން މަސްފަހެވެ.

"މަންމާ.  އަހަރެން އެބަ އޮތް ވާހަކައެއް ބުނަންވެފައި." އައިމަންގެ ބައްޕަ ކައިގެން ދިޔުމުން އަހަރެން ބުނީމެވެ. "މަންމަގެ ހެޔޮދުޢާގެ ސަބަބުން އަހަރެން... އަހަރެން....  މަންމަ، މާމައަކަށް ވަނީ." އަޅައިގަންނަމުން އަހަރެން ބުނީމެވެ. މަންމަ އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އުފަލުން ގޮހެވެ. އެ ދުވަހު ހީވަނީ ގޭތެރެއަށް ޢީދު އައިހެންނެވެ. މަންމައާއި ބައްޕަ ވެސް ހީވަނީ އެހެންކަމެއްހެންނެވެ. ފުރަތަމަ މާމަ ދަރިފުޅު ލިބޭތީ އެ ޢާއިލާގެ އެންމެން ވެގެން އުފާފާޅުކުރިއެވެ. (ނިމުނީ)

އެޑިޓަރުގެ ނޯޓް
އަސްމާ އަބޫބަކުރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަ ލިޔުމުގެ މުބާރާތްތަކުން އޭނާ ވަނީ ތަފާތު ވަނަތައް ވެސް ހާސިލުކޮށްފައެވެ. އަދި އޭނާ ވަނީ ވަރަށް ގިނަ ވާހަކަ ފޮތްތަކެއް ޝާއިޢު ވެސް ކުރައްވައިފައެވެ. އޭނާއަކީ ހިންގުމުގެ ދާއިރާގެ ތަޖުރިބާކާރެއް ވެސް މެއެވެ. ދިވެހިބަހަށް ލޯބިކުރެއްވުމާއެކު މުޖުތަމަޢުގެ އިޞްލާހަށް ވަސައްކަތްކުރެއްވުމުގައި ނަމޫނާ ކަނބަލެކެވެ. އަސްމާގެ ލިޔުންތެރިކަމުގެ ޚާއްޞަ ފަންނަކީ ވާހަކަލިޔުމެވެ.

Advertisement

ކޮމެންޓް