Advertisement

އެމެރިކާގެ ރައްޔިތަކު އިސްރާއީލު ސިފައިން ގަސްތުގައި މަރައިލައިފި

07 Sep 2024 | 03:51
މި ކުއްޖާ މަރައިލައިފައި ވަނީ ކުޑަދޮރަކުން މަންޒަރު ބަލާން ހުއްޓައެވެ.

އަބާ މުޙަންމަދު

ތުރުކިޔޭ ދަރިކޮޅަށް ނިސްބަތްވާ އެމެރިކާގެ ރައްޔިތެއްކަމަށްވާ އައިސެނޫރު އެޒްގީ އެއިގީ، (26 އަހަރު)ގެ ބޮލަށް އިސްރާއީލު ސިފައިން ބަޑިޖަހައި ކުޑަ އިރުކޮޅެއްގެ ތެރޭގައި މަރުވެފައިވަނީ ހުޅަނގު އައްސޭރީގެ ރަށެއް ކަމަށްވާ ބެއިޓާގައި އެ ސަރަހައްދުގައި ޔަހޫދީން ގަވާއިދާ ޚިލާފަށް ވަޒަންވެރިކުރުމަށް ހިންގާ ޣައިރުގާނޫނީ  މަޝްރޫޢާ ދެކޮޅަށް ހުކުރުދުވަހު (އިއްޔެ) ބޭއްވި މުޒާހަރާއެއްގައި ބައިވެރިވަމުން ދަނިކޮށް އިސްރާއީލުގެ ސިފައިން ސީދާ އޭނާއަށް އަމާޒުކޮށް ބަޑިޖަހައިގެންކަމަށް މަންޒަރު ދުށް މީހުން ބުނެއެވެ.

އަދި ދެތިން މޭލު ދުރުގައި އޮންނަ ރަށެއްގައި ހިނގި އެހެން ހާދިސާއެއްގައި އިސްރާއީލުގެ ވަޒަންވެރީންނާއި ސިފައިންނާއި ފަލަސްތީނުގެ ރައްޔިތުންނާ ދެމެދު ވަރުގަދަ ހަމަނުޖެހުންތަކެއް ހިނގަމުން ދިޔަ ވަގުތު އެ މަންޒަރު ކުޑަދޮރަކުން ބަލާން ހުއްޓައި ފަލަސްތީނުގެ 13 އަހަރުގެ އަންހެން ކުއްޖަކު ބަޑިޖަހައި މަރައިލައިފައިވާ ކަމަށް އެ ރަށުގެ މޭޔަރު ވިދާޅުވި އެވެ.

އޮކްޓޯބަރު ހަތް ވަނަ ދުވަހު އިސްރާއީލަށް ހަމާސް އިސްވެ އޮވެ އިސްރާއީލަށް ދިން ހަމަލާއާ ގުޅިގެންކަމަށް ބުނެ ޣައްޒާގައި އަނިޔާވެރި ޙަމަލާތައް ފެށި ފަހުން ހުޅަނގު އައްސޭރީގައި ހިނގާ އަނިޔާވެރިކަން އެތައް ގުނައަކަށް ވަނީ އިތުރުވެފައެވެ. އދ.އިން ބުނާ ގޮތުގައި މަރުވާ މީހުންގެ ތެރެއިން ގިނަ މީހުންނަކީ ހަނގުރާމަވެރި ޖަމާއަތްތަކުގެ މެންބަރުންކަމަށް އިސްރާއީލުން ބުނި ނަމަވެސް ގިނަ މީހުންނަކީ އާންމު ރައްޔިތުންނެވެ.

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި މަރުވި ފަލަސްތީނުގެ މީހުންގެ ތެރޭގައި ގިނަ ޢަދަދަކަށް ކުޑަކުދިންނާއި އަންހެނުން ހިމެނެއެވެ.

ހުޅަނގު އައްސޭރީގެ ޖެނިން ރެފިއުޖީ ކޭމްޕަށް އިސްރާއީލުން ވަދެގަނެ ޙަމަލާ ދޭން ފެށިތާ މިވީ 10 ވަރަކަށް ދުވަހުގެ ތެރޭގައި 600 މީހުން ޝަހީދުވެ، ޒަޚަމްވެ، ބޮޑެތި ގެއްލުންތަކެއް ލިބިފައި ވެއެވެ.

އަނެއްކޮޅުން، އދ.ގެ ފަލަސްތީނު ރެފިއުޖީންނާ ބެހޭ އެޖެންސީން ބުނާ ގޮތުގައި ޣައްޒާގައި ފެތުރެމުންދާ ޕޯލިއޯ ބަލީން ކުޑަކުދީން ސަލާމަތްކުރުމަށް ޓަކައި ފަށައިފައިވާ ވެކުސިންދިނުމުގެ ޕްރޮގްރާމުގެ ދަށުން ޣައްޒާގައި މިހާތަނަށް 355،000 ކުޑަކުދިންނަށް ވެކްސިން ދެވިފައިވެއެވެ. މިހާރު މި ޕްރޮގްރާމް އަމާޒުކުރަނީ ޣައްޒާގެ ދެކުނު ސަރަހައްދަށެވެ.

އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ދެމުން ގެންދާ ޢުދުވާނުގައި 40،878 މީހުން މަރުވެ 94،454 މީހުން ވަނީ ޒަޚަމްވެފައެވެ. އިސްރާއީލުން ބުނާ ގޮތުގައި އެ މީހުންތެރެއިން މަރުވައި ވަނީ އެންމެ 1،139 މީހުންނެވެ. (މަޢުލޫމާތު: އަލްޖަޒީރާ)

އެޑިޓަރުގެ ނޯޓް
އަބާ މުޙަންމަދަކީ މީގެ ކުރީން ވެސް ބައެއް ނޫސްތަކަށް ލިޔުއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

Advertisement

ކޮމެންޓް