Advertisement

ދީނީ 'ހަރުކަށި ފިކުރު'އާއި މުޖުތަމައުގެ އިސްލާހު

07 Sep 2024 | 00:01
ހަރުކަށި ފިކުރަކީ އެ ބަޔެއްގެ ގޮތް އެކީއެކަށް މުޖުތަމަޢުގައި ފަތުރައިލާން މަސައްކަތްކުރާން ފެށުމުންނެވެ.

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

ކުރީގެ ލިޔުމެއްގައި ދީނީ 'ހަރުކަށި ފިކުރު'ގެ މާނައާއި އެކަމުގެ 'ދީނީ' އަސާސުގެ މައްޗަށް ކުރު ގޮތަކަށް ނަމަވެސް ބަލައިލެވިއްޖެއެވެ. އެ ލިޔުމުގައި، އެ ކަން ގުޅެނީ ޝަރީއަތުގެ ނައްސުތައް އުސޫލީ އޮނިގަނޑުން ބޭރުވެ، ލަފުޒީ ގޮތެއްގައި ނައްސުތަކުގެ މާނަކުރުމަށް އިސްކަން ދެވިގެން އެ ނައްސުތައް މާނަކުރުމުންކަން ފާހަގަކުރެވުނެވެ. ދެން ބަލައިލާން ބޭނުންވަނީ މި ކަން މުޖުތަމައުގެ އިސްލާހާ ގުޅޭ ގޮތެވެ.

އެ ކަމާ ބެހޭ ގޮތުން އެއްޗެއް ދެންނެވުމުގެ ކުރީން ދަންނަވައިލާން ޖެހޭ މުހިންމު ވާހަކައެއް އެބަ އޮތެވެ. އެއީ އެންމެ އިހުގައި ވެސް ދީނީ ގޮތުން 'ހަށުކަށި' މީހުން އުޅުނުކަމެވެ. އެންމެ އިހުގައި އެ ފަދަ މީހުންނަށް 'މުތަޝައްދިދުންނޭ' ކިޔުނެވެ. އެ ކަން މައްސަލައަކަށް އޭރަކު ނުވެއެވެ. ސަބަބަކީ އޭރު އޮތް ނަމަ އޮތް ހަރުކަށިކަމެއް 'މުތަޝައްދިދުން' ހިންގައިލީ އެ މީހުންގެ އަމިއްލަ ނަފުސުގެ މައްޗަށްކަމަށްވާތީއެވެ. އެހެން މީހުންގެ ގޮތަކީ ނުރަނގަޅު ގޮތްކަމަށް ދެކި، އެހެން މީހުންގެ މައްޗަށް ތިމާ ދެކޭ ގޮތް ހިންގައިލާކަށް އިހުގެ މުތަޝައްދިދުން ނޫޅެއެވެ.

ނަމަވެސް މި ކަން މައްސަލައަކަށް ވެގެން ދިޔައީ 'ހަރުކަށި ފިކުރު' - ޝަރީއަތުގެ ނައްސުތައް، ވަކިން ޚާއްސަ ގޮތެއްގައި، ޝަރީއަތުގެ ފަރުދީ ހުކުމްތަކާ ބެހޭ ނައްސުތައް، ވަކި ގޮތަކަށް މާނަކުރާކުރުން - މުޖުތަމައުގެ ހުރިހައި އަފުރާދުންގެ މައްޗަށް ހިންގައިލާން މަސައްކަތްކުރާން ފެށުމާ ވިދިގެންނެވެ.

މި ޒަމާނުގައި މި ކަން ފެށިގެން އައީ ހުޅަނގެ ކުރިއެރުމާ އެކު، އިލްމީ، ފަންނިއްޔާތު، އިގުތިސާދީ އަދި އަސްކަރީ ގޮތުން ވެސް، އިސްލާމީ މުޖުތަމައު އޮތް ނިކަމަތި ހާލު ފާހަގަކުރެވި، އެ ކަންކަން އިސްލާހުކުރުމުގެ މަސައްކަތް ފެށުމާ ވިދިގެންނެވެ. އަދި، ހަމަ އެހެންމެ، ބައެއް އަރަބި އިސްލާމީ ގައުމުތަކުގެ މެދުގައި އުފެދުނު ސިޔާސީ ވާދަވެރިކަމެއް ސަބަބުން ވެސް މެއެވެ. އިސްލާމީ ދުނިޔޭގެ ޒައާމަތުގެ މަގާމު ހޯދުމަށް ޓަކައި އެއް ބަޔަކުގެ އިސްލާންކަން އަނެއް ބަޔަކުގެ އިސްލާންކަމަށް ވުރެ ރަނގަޅުކަން ދެއްކުމުގެ ހަރަކާތާ ވިދިގެން ވެސް މެއެވެ. އިހުގެ ތަޖުދީދު (ދީނުގެ ކަންތައްތައް ދިރުވައި އާކުރުން) ފެށިގެން އައީ އިސްލާމީ މުޖުތަމުއުގެ ހާލަތު ހުރި ގޮތް މުސްލިމުން އަމިއްލައަށް އިހުސާސުކުރެވި، އެ ކަމުގެ ސަބަބުން، ދާޚިލީ ހަރަކާތެއްގެ ގޮތުގައެވެ. މި ޒަމާނުގެ ތަޖުދީދުގެ މަސައްކަތް ފެށުނީ، ދެންމެ އިޝާރަތްކުރި ފަދައިން، ހުޅަނގުގެ ކުރިއެރުމާ އެކު އައި ރައްދު އަމަލެއްގެ (ރިއެކްޝަނެއްގެ) ގޮތުންނެވެ.

މި ޒަމާނުގެ ތަޖުދީދުގައި ދެ ގޮތެއް ފެނިގެން ދިޔައެވެ. އެއް ކޮޅުން އިސްލާމީ މުޖުތަމައު ދަށު ދަރަޖައަކަށް ވެއްޓުން ގުޅުވައިލެވުނީ ދީނީ ވިސްނުމާއެވެ. އެހެންވެ، އެއް ބަޔަކު ދުށީ ކުރިއެރުން ލިބޭނީ ދީނީ ވިސްނުމާ މުޖުތަމައުގެ ހިންގުން ވަކިކުރެވިގެންނެވެ. މި ގޮތް، އެންމެ ސާފުކޮށް ފެނިގެން ދިޔައީ ތުރުކީވިލާތުން، 1923އިން ފެށިގެންނެވެ. (މިއަދު ތުރުކީގައި މި ކަން އޮތީ ކޮންމެވެސް ވަރަކަށް ބަދަލުވެފައެވެ.)

ދެވަނަ ގޮތަކީ ތަޖުދީދުގެ މަސައްކަތް ދީނާ ގުޅުވައި، ފިގުހުގައި ހުރި މުޖުތަމައީ ހުކުމްތައް މުޖުތަމައުގައި ހިންގައިލުމަށް ގޮވައިލައި އެ ކަމަށް މަސައްކަތްކުރުމެވެ. މި ކަމުގައި މައިގަނޑު ގޮތެއްގައި އަމާޒުކުރެވުނީ ހުދޫދުގެ ހުކުމްތަކާއި، (ފިގުހުގައި ކަނޑައެޅިފައިވާ އުގޫބާތްތަކާ ބެހޭ ހުކުމްތަކާއި) ރިބާގެ މައްސަލައާ ބެހޭ ފަދަ ކަންކަމުގެ ހުކުމް ހިންގައިލުމަށް ގޮވައިލުމާއެވެ. މި ކަންކަން ހިންގައިލުމުން މުޖުތަމައު އިސްލާހުވެ ކުރިއަރާނެކަމަށް ބެލެވިގެންނެވެ. ތަޖުދީދުގެ މި ފަދަ ހަރަކާތެއް ހިންގައިލުމުގެ މަސައްކަތް ފެނިގެން ދިޔަ އެންމެ މަޝްހޫރު ޖަމާއަތްތަކުގެ ތެރޭގައި މިސުރުގެ އިޚުވާނުންނާއި ޕާކިސްތާނުގެ ޖަމާއަތޭ އިސްލާމީ ހިނެމެއެވެ. (އަދި ފަހުން ނިކުތް ގާއިދާއާއި އަދި ދާޢިޝް (އައި ސިސް) ފަދަ ޖަމާއަތްތަކަކީ މި ފަދަ ބައެއް ޖަމާއަތްތަކުން ގޮފި ފަޅައި ނުވަތަ އެ ޖަމާއަތްތަކުގެ ފިކުރާ ގުޅިފައިވާ ޖަމާއަތްތަކެވެ.)

މުޖުތަމައުގެ އިސްލާހުގެ މަސައްކަތާ މި ދެންނެވި ފިކުރު ގުޅޭން ދިމާވުމުގެ މައިގަނޑު އެއް ސަބަބަކީ، ހުޅަނގުގެ އިސްތިއުމާރީ ބާރުތަކުގެ ދަށުން އިސްލާމީ ގައުމުތައް މިނިވަންވުމަށް ފަހު، އިސްލާމީ މުޖުތަމައުގެ އިސްލާހުގެ މަސައްކަތްކުރުމަށް އުފެދުނު ސިޔާސީ ނިޒާމުތަކުން އެ މަސައްކަތް އެންމެ އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުގެންދެވުމެވެ. ތަނުގައި ހަމަހަމަކަމާއި އަދުލުއިންސާފު އެންމެ އެކަށީގެންވާ ގޮތެއްގައި ހިންގައިލެވޭ ފަދަ ސިޔާސީ ނިޒާމެއް ގާއިމު ނުކުރެވުމެވެ. މިހެން ވުމުން، ތަރައްގީގެ މަސައްކަތުގައި އެތައް އަހަރުތަކެއް ހޭދަވި އިރު ވެސް އިސްލާމީ މުޖުތަމައުތައް އޮތީ ނިކަމެތިކޮށެވެ. އިލްމީ، އިގުތިސާދީ، ސިޔާސީ އަދި އަސްކަރީ ގޮތުން ވެސް މެއެވެ.

އިސްލާމީ ގިނަ މުޖުތަމައުތަކުގައި ފަގީރުކަމާއި ތަދުމަޑުކަން، ސިއްހީ ނިކަމެތިކަމާއި ބޭސްފަރުވާކުރެވޭނޭ ގޮތްތައް ނެތްކަން، ބާރާއި އިޚުތިޔާރު މަދު ބަޔެއްގެ އަތްމަތީ އޮންނަ އޮތުމާއި ތަނުގެ މުއްސަނދިކަން މި ފަދަ މަދު ބަޔެއްގެ އަތް މަތީ ހިސާރުވެފައި އޮތުން، އާދެ، ކުރިއެރުމާ ދިމާ އިދިކޮޅު މި ފަދަ ހުރިހައި ގޮތްތަކެއް ވެސް އިސްލާމީ މުޖުތަމައުގައި މިއަދު ވެސް އޮތީ ފެތުރިފައެވެ. އެހެންވެ، ދީނީ ހަރުކަށިކަމުގެ ވާހަކަ ދައްކާ އިރު، އިސްލާމީ މުޖުތަމައުގެ ހިންގުމުގެ ނިޒާމުތައް ފަސާދަވެ، އެ ނިޒާމުތަކުގެ ދަށުން މުޖުތަމަޢަށް، މުޖުތަމަޢުގެ އާންމު އަފުރާދުންގެ ހަޔާތަށް، އެއްވެސް ހަގީގީ އިސްލާހެއް، ހެޔޮބަދަލެއް، ނައިކަން ވެސް ފާހަގަކޮށްލާން ޖެހެއެވެ. އާދޭހެވެ! ދީނީ ހަރުކަށިކަމުގެ ފިކުރު، އިސްލާމީ މުޖުތަމައުގެ ސިޔާސީ ފޭލުމުވާ ވެސް ގުޅެއެވެ. (ނުނިމޭ)

އެޑިޓަރުގެ ނޯޓް
ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމަކީ ކުޅަދާނަ ޢިލްމީ ލިޔުންތެރިއެކެވެ. މީގެ ކުރީން ނޫސް-މަޖައްލާތަކަށް ވަރަށް ގިނައިން ލިޔުއްވައިފައިވެއެވެ. މިހާރު ވެސް އޭނާގެ ބައެއް ލިޔުންތައް ނޫސްތަކުން އެބަ ފެނެއެވެ. މިހާރު އޭނާގެ ލިޔުންތެރިކަން ބޮޑަށް އަމާޒުކުރައްވައިފައިވަނީ މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ޓަކައި ތަފާތު މަޢުޟޫޢުތަކަށް މީސްމީޑީއާގައި ލިޔުއްވާ ލިޔުންތަކުގެ މައްޗަށެވެ. ޑރ. ޢަބްދުލްޣަފޫރު މާލޭގައި ތަޢުލީމު ހާސިލުކުރެއްވުމަށް ފަހު، އޭނާ ފުރަތަމަ ޑިގްރީ ޙާޞިލުކުރެއްވީ މަދީނާގެ އިސްލާމިކް ޔުނިވަސިޓީއިންނެވެ. އޮސްޓްރޭލިޔާގެ ލެޓްރޯބް ޔުނިވަރސިޓީއިން މާސްޓަރސް ޑިގްރީ ހާސިލުކުރެއްވުމަށް ފަހު، ޕީއެޗްޑީ ނެންގެވީ މެލްބަން ޔުނވަސިޓީއިންނެވެ. އޭނާ މިހާރު ދިރިއުޅުއްވަނީ އޮސްޓްރޭލިއާގައެވެ. މިހާރު މަސައްކަތްޕުޅުކުރައްވަނީ އޮސްޓްރޭލިޔަން އިންޓަނޭޝަނަލް އެކަޑަމީ އޮފް އެޑިޔުކޭޝަންގައެވެ. އެ ތާނގައި އަރަބި ބަހާއި މެދުއިރުމައްޗާއި ޔޫރަޕްގެ ތާރީޚު ކިޔަވައިދެއްވާށެވެ. އޭނާއަކީ ވަރަށް މަތީ ފެންވަރުގެ ޢިލްމުވެރިއެކެވެ. ފަލްސަފާވެރިއެއް ވެސް މެއެވެ. ޑރ. ޢަބްދުލްޣަފޫރަކީ ރާއްޖޭގެ މަޝްހޫރު ލިޔުންތެރިއެއް އަދި ކެލިގްރާފަރެއް ކަމުގައިވާ ޢަބްދުއްރަޙީމް ޢަބްދުލްމަޖީދު (ރަޙިމަހުﷲ)ގެ ޢިލްމުވެރި ދަރިކަލެކެވެ.

Advertisement

ކޮމެންޓް
މަރީ
މި މައުޟޫޢުގައި އިތުރަށް ލިޔުއްވާން ފެނޭ. މުހިންމު މައުޟޫޢެއް
07 Sep 2024