Advertisement

ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރަކަށް އެދުނު އެދުން، އިސް ޕްރޮސެކިޔުޓަރު ދިފާޢުކުރައްވައި ވާހަކަފުޅުދައްކަވައިފި: ބީބީސީ

06 Sep 2024 | 10:35
ބ.ޖ.ކ.ގެ އިސް ޕްރޮސެކިޔުޓަރ ކަރީމް ޚާން (ފޮޓޯ: ބޖކ)

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

"އިސްރާއީލުގެ [ނުލަފާ] ބޮޑުވަޒީރާއި ދިފާއީ ވަޒީރު ހައްޔަރުކުރުމުގެ އަމުރަކަށް އެދޭ ޙާލަތުގައި ވެސް ޢަދުލު އިންސާފު ތަންފީޒުކުރެވޭ ތަން ފެންނާންވާނެއެވެ." މިއީ އަޅުގަނޑުގެ ޢިބާރާތެއް ނޫނެވެ. މިއީ ބައިނަލްއަގުވާނީ ޖިނާއީ ކޯޓުގެ އިސް ޕްރޮސެކިޔުޓަރު ބީބީސީ ޗެނެލެއްގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވި ވާހަކަފުޅެކެވެ.

އިސް ޕްރޮސެކިޔުޓަރު ކަރީމް ޚާން ވިދާޅުވެފައިވާ ގޮތުގައި ހަނގުރާމައިގެ ކުށްތަކަށް ތަހުމަތު ކުރެވޭ ޙާލަތްތަކުގައި [ހުރިހައި ގައުމުތަކާ މެދުގައި ވެސް] އެއް މިންގަނޑަކާއި އެއް މީޔާރެއް ގެންގުޅޭ ތަން [ދުނިޔެއަށް] ދެއްކުމަކީ ވަރަށް މުހިންމު ކަމެވެ.

ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރަކަށް އެދިފައިވާ އެދުމަށް އިނގިރޭސިވިލާތުން ކުރީން ދެކޮޅުހަދަމުން އައި އައުން މިހާރު [އާ ސަރުކާރުން] ދޫކޮށްލައިފައިވާތީ، އެ ކަމަށް ކަރީމް މަރުޙަބާ ވިދާޅުވިއެވެ.

ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (ބޖކ)އިން ވަނީ ޙަމާސް ޖަމާޢަތުގެ ތިން އިސްވާރަކު ވެސް ހައްޔަރުކުރުމުގެ އަމުރަކަށް އެދިފައެވެ. އޭގެ ތެރެއިން ދެ ބޭފުޅަކު މިހާރު ވަނީ އިސްރާއީލުން ދިން ޢުދުވާނެއްގައި ޝަހީދުކޮށްލައިފައެވެ.

ވަރަށް ފުޅާ ދާއިރާއެއްގައި ބީބީސީއަށް ދެއްވި ބަސްދީގަތުމެއްގައި ކަރީމް އިތުރަށް އޮޅުން ފިލުވައިދެއްވި ގޮތުގައި ދެ ފަރާތުގެ އިސްވާރުން ހައްޔަރުކުރުމުގެ އަމުރު ނެރޭން ބޖކ.އިން ބޭނުންވީ ދުނިޔޭގެ ކަންކޮޅުތަކުގައި ތިބި ހުރިހައި އެންމެންނަށް ވެސް، ކޯޓަކީ "ވަކި އާންމު މީޔާރެއްގެ މައްޗަށް ބިނާވެފައި އޮންނަ ގާނޫނެއް" ހަމަހަމަ ގޮތެއްގައި ތަންފީޒުކުރާ މުއައްސަސާއެއްކަން ކަށަވަރުކޮށްދޭށެވެ.

"ހަމައެކަނި އިސްރާއީލު އޮފީޝަލުން ހައްޔަރުކުރުމުގެ އަމުރަކަށް އެދުނުނު ނަމަ [ބަޔަކު] ބުނެފާނެ މިއީ ކިހައި ބޮޑު ބޭއިސްސާފެއް ހެއްޔޭ، އަދި މި ދުނިޔޭގައި މި ކަން ޖާއިޒުވާނީ ކިހިނެއްހޭ" ކަރީމް ޚާން އިތުރަށް އޮޅުންފިލުވައިދިނެވެ. މި ވާހަކައިން އެނގެނީ ހަގީގަތުގައި އެ ކޯޓުން ބޭނުންވަނީ އިސްރާއީލުގެ އޮފިޝަލުންގެ މައްޗަށް އަމުރު ނެރޭންކަމަށް ވިޔަސް ބާރުގަދަ ގައުމުތަކުގެ އަނގަތަކުން ސަލާމަތްވާން ވެގެން ޣައްޒާގެ އޮފިޝަލުންގެ މައްޗަށް ވެސް އަމުރަކަށް އެދުނީކަމަށެވެ.

"ތިޔަ ބޭފުޅުންގެ ފަހަތްޕުޅުގައި ނޭޓޯގެ ތާއީދާއި ވިލާތުގެ ތާއީދާއި ދުނިޔޭގެ ބާރުގަދަ ގައުމުތަކުގެ ތާއީދު އޮތް އިރު، އެއް މާގައެއް ގައުމުތަކުގެ މައްޗަކަށް ތަޠުބީގެއް ނުކުރެވޭނެއެވެ. ސާފު ޞަރީޙަ އިޚުތިޞާޞެއް އޮތްކަން ސާބިތުކޮށް ދިނުމަށް ޓަކައި ތަފާތު މާގަތައް ބޭނުންކުރާންޖެހޭނެއެވެ." އޭނާ އިތުރުކޮށްލެއްވިއެވެ.

އޮކްޓޫބަރު ހަތެއްގައި ޙަމާސުން އިސްރާއީލަށް ދިން އާދަޔާ ޚިލާފު ޙަމަލަޔާއި އޭގެ ފަހުން ހިނގަމުން މިދާ ކަންތައްތަކަށް ބަލާއިރު، އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫއާއި އޭނާގެ ދިފާޢީ ވަޒީރު ޔުއާވް ގަލާންޓާއި ޙަމާސްގެ އިސްވާރުންކަމަށްވާ ޔަޙުޔާ ސިންވާރާއި، މުޙަންމަދު ދީފާއި އިސްމާޢީލް ހަނިއްޔާ އިންސާނިއްޔަތާ ޚިލާފު ހަނގުރާމައިގެ ކުށްތަކަށް އަރައިގަތުމުގެ ކުށުގެ މަސްއޫލިއްޔަތު އުފުއްލާން ޖެހޭނެކަމަށް ބޖކ.ގެ ޕްރޮސެކިޔުޓަރ މޭމަހު ވަނީ ވިދާޅުވެފައެވެ.

މި ކަމާ ގުޅިގެން އެ ފަސް އިސްވާރުން ހައްޔަރުކުރުމުގެ އަމުރަކަށް ބ.ޖ.ކ.ގެ ޕްރޮސެކިޔުޓަރުން އެދިފައިވަނީއެވެ. މި އަމުރާ ދެކޮޅުކަން އިނގިރޭސިވިލާތުން ކުރީގެ ސަރުކާރުން ވަނީ ހާމަކޮށްފައެވެ. ނަމަވެސް މި ދެކޮޅުހެދުން އިނގިރޭސި އާ ސަރުކާރުން މި ވަނީ ދުކޮށްލައިފައެވެ. އެހެންނަމަވެސް މި އަމުރަށް އަދިވެސް ބޖކ.ގެ ފަނޑިޔާރުން ރުހުން ދީފައެއް ނުވެއެވެ.

އެޑިޓަރުގެ ނޯޓް
އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރަކީ މަޝްހޫރު ލިޔުންތެރިއެކެވެ. ބަސްވާރެކެވެ. އޭނާ ވަނީ ބަހުގެ ދާއިރާއިންނާއި ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން މަތީތަޢުލީމު ޙާޞިލުކުރައްވައިފައެވެ. މީގެ އިތުރަށް އޭނާ ވަނީ ކިޔަވައިދެއްވުމާއި އިސްކޫލުތައް ހިންގުމުގެ ދާއިރާގައި ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވައި ތަޖުރިބާ ޙާޞިލުކުރައްވައިފައެވެ. އޭނާއަށް ވަނީ ދިވެހިބަހަށް ޚިދުމަތްކުރުމާއި ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ހިތްވަރުދިނުމުގެ ޤައުމީ އިނާމާއި ޝަރަފުވެރިކަމުގެ އިނާމު ވެސް ލިބިވަޑައިގެންފައެވެ.

Advertisement

ކޮމެންޓް