Advertisement

ފިޠުރަތާއި ޝަރީޢަތުގައި ވަޠަނީ އެއްބައިވަންތަކަން

06 Sep 2024 | 00:00
ވަޠަން ދެކެ ލޯބިވުމަކީ އީމާންކަމުގެ ތެރޭގައި ހިމެނޭ ފިޠުރީ ކަމެކެވެ.

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

ވަޠަނީ އެއްބައިވަންތަކަމަކީ ފިކުރީ ބާޒާރުގައި މިއަދު ވަރަށް ބޮޑަށް ފެތުރިފައިވާ  މުޞްޠަލަޙެކެވެ. މި މުޞްޠަލަޙުގައި ވަޠަނަކީ އެ ތާނގައި ދިރިއުޅޭ ތަފާތު ފަންތިތަކުގެ ވަޒަންވެރީން ޖަމާކޮށްދޭ ބިމުގެ އިމެވެ. ޤާނޫނުގެ ސިޔާދަތުގެ ހިޔާވަހިކަމުގެ ދަށުގައި އެބައިމީހުންނަށް ޙައްޤުތަކާއި ވާޖިބުތަކުގައި ހަމަހަމަކަން ލިބެއެވެ.

އެ ކަމަށް ޓަކައި މަސައްކަތްކުރާ ން ޖެހޭ  މުހިންމު މަޤްޞަދުތަކުގެ ތެރޭގައި ވަޠަނީއެއްބައިވަންތަކަން ހިމެނޭ ކަމަށް މުޖްތަމަޢުގެ ގިނަ ފަންތިތައް އެއްބަސްވިޔަސް  މި މުޞްޠަލަޙުގެ ތެދުވެރިކަމާމެދު ޝައްކު އުފައްދާ އެތައް ބަޔަކު ވެއެވެ. އެމީހުން ދެކޭގޮތުގައި މިއީ އިސްލާމީ ފިކުރާ ބީރަށްޓެހި މުޞްޠަލަޙެކެވެ. މި މުޞްޠަލަޙުގައި ޝަރްޢާ ޚިލާފު ކަންތައްތަކެއް ހިމެނޭތީއެވެ.

ޙައްޤުގެ ދުރުމީން ބަލާ އިރު ވަޠަނީ އެއްބައިވަންތަކަމަކީ ޝަރީޢަތުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އިސްލާމީ ތާރީޚަށް ބަލާ އިރު، އިސްލާމީ އުންމަތުގައި ޤާއިމުކުރެވުނު ފުރަތަމަ ދައުލަތަކީ ވަޠަނީ އެއްބައިވަންތަކަމުގެ މަތީގައި ޤާއިމުކުރެވުނު ދައުލަތެކެވެ. މިއީ "ދައުލަތުލްއިސްލާމި"އެވެ. އިސްލާމްދީނުގެ ކުރީން ދައުލަތްތައް ޤާއިމުކުރެވިފައި ވަނީ ނަސްލީ އެކާވަންތަކަމުގެ މަތީގައެވެ. މިސާލަކަށް ރޫމީ ދައުލަތަކީ ރޯމަނުންގެ ނަސްލާއި ރޯމަނުންގެ ދީނަށް  ޚާއްޞަ ދައުލަތެކެވެ. ހަމައެފަދައިން ފާރިސީ ދައުލަތަކީ ފާރިސީ ދަރިކޮޅަށާއި އެ މީހުންގެ ދީނަށް ޚާއްޞަ ދައުލަތެކެވެ. ރަސޫލާ ﷺ މަދީނާއަށް ހިޖުރަކުރެއްވުމަށް ފަހު މަދަނީ ދުސްތޫރެއް އެކުލަވައިލެއްވިއެވެ. މި ދުސްތޫރު (ޞަޙީފަތުލްމަދީނާ)[1]ގެ ނަމުން މަޝްހޫރުވެފައިވެއެވެ. މިއީ އިންސާނީ ތާރީޚުގައި އެކުލަވައިލެވުނު އެންމެ ފުރަތަމަ މަދަނީ ނުވަތަ ރަށްވެހި ޤާނޫނެވެ.

ކީރިތި ޤުރްއާނާއި ސުންނަތުގައި ވަޠަނީ އެއްބައިވަންތަކަމަށް ވަރަށް ޚާއްޞަ އަހައްމިއްޔަތެއް ދެވިފައިވާ ތަން ފެނެއެވެ. ވަޠަނާއި ވަޒަން[2]ދެކެ ލޯބިވުމަކީ ފިޠުރީ ކަމެކެވެ. ފިޤުހު ޢިލްމުވެރީން މި ކަމާ ބެހޭ ގޮތުން ގެންނަވާ ފިޤުހީ ގަވާއިދަކީ ( الوازع الطبعي كالوازع الشرعي –- ޠަބަޢީ ބާރަކީ ޝަރްޢީ ބާރާ އެއް ފަދަ އެއްޗެކެވެ.) އެބަހީ، ފިޠުރީ ކަންކަމުގައި އެ ފިޠުރަތު ޝަރީޢަތަށް ފުދެއެވެ. އެއީ ޝަރުޢީ އަމުރާ އެއް ފަދަ ކަމެކެވެ. އޭގެ ތެރޭގައި ވަޠަން ދެކެ ލޯބިވުން ވެއެވެ. އެހެނީ ސަލާމަތްތެރި ނަފުސުތައް އެކަމަށް ލެނބިގެންދާތީއެވެ.

ކީރިތި ޤުރްއާނުގައި މުސްލިމުންގެ އެއްބައިވަންތަކަމާ މެދު ވަޙީބަސްފުޅު އައިސްފައިވެއެވެ. އަދި އެ ކަމަށް ﷲ ވަނީ ގޮވައިލައްވައިފައެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ((وَاعْتَصِمُواْ بِحَبْلِ اللّهِ جَمِيعاً وَلاَ تَفَرَّقُواْ وَاذْكُرُواْ نِعْمَتَ اللّهِ عَلَيْكُمْ إِذْ كُنتُمْ أَعْدَاء فَأَلَّفَ بَيْنَ قُلُوبِكُمْ فَأَصْبَحْتُم بِنِعْمَتِهِ إِخْوَاناً[3] - ތިޔަބައިމީހުން އެންމެން اللَّه ގެ دين ގައި ހިފަހައްޓާށެވެ! އަދި، ވަކިވަކިވެ ނުގަންނާށެވެ! އަދި، اللَّه ތިޔަބައިމީހުންނަށް ދެއްވި نعمة ތިޔަބައިމީހުން ހަނދުމަކުރާށެވެ! އެހެނީ، ތިޔަބައިމީހުން عداوة ތެރިން ކަމުގައިވަނިކޮށް، އެކަލާނގެ ތިޔަބައިމީހުންގެ ހިތްތައް އެކުވެރި ކުރެއްވިއެވެ.  ދެން، އެކަލާނގެ ދެއްވި نعمة ގެ ސަބަބުން ތިޔަބައިމީހުންނީ أخންތަކެއްކަމުގައި ވެއްޖައީމުއެވެ.))

މާތް ﷲ މުސްލިމުން އެއްބައިވަންތަކުރެއްވުމަށް ފަހު، ބައިބައިވެ ވަކިވަކިވެގެން ގޮސް މި އެއްބައިވަންތަކަން ރޫޅައިނުލުމަށް އެކަލާނގެ ވަނީ އަމުރުކުރައްވައިފައެވެ. ((وَلَا تَكُونُوا۟ كَٱلَّذِينَ تَفَرَّقُوا۟ وَٱخْتَلَفُوا۟ مِنۢ بَعْدِ مَا جَآءَهُمُ ٱلْبَيِّنَٰتُ ۚ وَأُو۟لَٰٓئِكَ لَهُمْ عَذَابٌ عَظِيمٌ [4]- ފާޅުވެގެންވާ ހެކިތައް އެއުރެންނަށް އައުމަށްފަހު، ވަކިވަކިވެ خلاف ވީ މީހުން ފަދައިން، ތިޔަބައިމީހުން ނުވާށެވެ! ބޮޑުވެގެންވާ عذاب އެއް އެއުރެންނަށް ހުށްޓެވެ.)) މާތް ﷲ ވަނީ މުސްލިމުން ، ޖިންސާއި ބަހާއި ގައުމު ތަފާތުނުކުރައްވައި އެއް އުންމަތެއް ކަމުގައި ލައްވައިފައެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.(( إِنَّ هَٰذِهِۦٓ أُمَّتُكُمْ أُمَّةً وَٰحِدَةً وَأَنَا۠ رَبُّكُمْ فَٱعْبُدُونِ[5] - ހަމަކަށަވަރުން، މިއީ، އެއް أمّةއެއް ކަމުގައިވާ ތިޔަބައިމީހުންގެ أمّةއެވެ. އަދި ތިމަންރަސްކަލާނގެއީ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއެވެ. ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް އަޅުކަންކުރާށެވެ!))

ކައު ރަސޫލާ r މަދީނާއަށް ހިޖްރަކުރެއްވުމަށް ޓަކައި މައްކާއިން ނުކުމެވަޑައިގަންނަވަމުން  މައްކާއާ މުޚާޠަބުކުރައްވާ ވިދާޅުވި ބަސްފުޅުތަކަށް ނިކަން ވިސްނައިލަމާ ހިންގަވާށެވެ! އެކަލޭގެފާނު  ވިދާޅުވިއެވެ. ((އޭ މައްކާއޭވެ! މާތްﷲ ހެއްދެވިހައި ބިންތަކުގެ ތެރެއިން ތިމަންކަލޭގެފާނު އެންމެ ލޯބިފުޅުވާ ބިމަކީ  ތިބާއެވެ. ތިބާގެ އަހްލުވެރީން ތިމަންކަލޭގެފާނު ތިބާގެ ބިމުން ބޭރަށް ނެރެނުލިނަމަ ތިމަންކަލޭގެފާނު އެހެން ބިމެއްގައި ވަޒަންވެރިވެ ވަޑައިނުގެންނެވީމުހެވެ.))[6]

އެކަލޭގެފާނު މަދީނާއަށް ވަޑައިގެން ކުރެއްވި ދުޢާފުޅު އަޑުއައްސަވާށެވެ! ((اللَّهُمَّ حَبِّبْ إلَيْنا المَدِينَةَ كما حَبَّبْتَ إلَيْنا مَكَّةَ أوْ أشَدَّ [7]- ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޯ! އަޅަމެންނަށް މައްކާ ލޮބުވެތިކުރެއްވި ވަރަށް ނުވަތަ އެއަށް ވުރެ ބޮޑަށް އަޅަމެންނަށް  މަދީނާ ލޮބުވެތިކުރައްވާންދޭވެ!))

ވަޠަން ދެކެ ލޯބިވުމަކީ  ހުރިހާ ނަބީބޭކަލުންގެ ވެސް ސުންނަތެވެ. މޫސާ – ޢަލައިހިއްސަލާމާ ބެހޭ ގޮތުން މާތްﷲ ވަޙީކުރެއްވިއެވެ. ((فَلَمَّا قَضَى مُوسَى الْأَجَلَ وَسَارَ بِأَهْلِهِ آنَسَ مِن جَانِبِ الطُّورِ نَاراً قَالَ لِأَهْلِهِ امْكُثُوا إِنِّي آنَسْتُ نَاراً لَّعَلِّي آتِيكُم مِّنْهَا بِخَبَرٍ أَوْ جَذْوَةٍ مِنَ النَّارِ لَعَلَّكُمْ تَصْطَلُونَ [8]- ފަހެ، موسىގެފާނު އެ މުއްދަތު ހަމަކުރައްވައި، އެކަލޭގެފާނުގެ أهلވެރިންނާ އެކު (ދަތުރުކުރައްވައި) ވަޑައިގެންނެވި ހިނދު، طور ފަރުބަދައިގެ ކައިރީން އަލިފާންގަނޑެއް ފެނިވަޑައިގަތެވެ. އެކަލޭގެފާނު، އެކަލޭގެފާނުގެ أهل ވެރީންނަށް ވިދާޅުވިއެވެ. ތިޔަބައިމީހުން މިތާ ތިބޭށެވެ! ހަމަކަށަވަރުން، ތިމަންނާއަށް އަލިފާންގަނޑެއް ފެނިއްޖެއެވެ. ތިޔަބައިމީހުންގެ ގާތަށް އެތަނުން خبرއެއް ނުވަތަ ތިޔަބައިމީހުން ހީފިލުވުމަށް އަލިފާންކޮޅެއް ގެނެސްދެވޭތޯ ބަލާހުށީމެވެ.)) އިބްނުލްޢަރަބީ މި އާޔަތުގެ ތަފްސީރުގައި ވިދާޅުވިއެވެ." އަޅުގަނޑުމެންގެ ޢިލްމުވެރީން ވިދާޅުވިއެވެ. މޫސާގެފާނު ޝުޢައިބުގެފާނުގެ އަރިހުގައި މަސައްކަތްކުރެއްވުމަށް އެއްބަސްވެވަޑައިގަތް މުއްދަތު ހަމަވުމުން އެކަލޭގެފާނުންގެ އަހްލުންގެ އަރިހަށް އެނބުރިވަޑައިގަތުމަށް އެދިވަޑައިގަތެވެ. ވަޠަނަށް އެނބުރި ވަޑައިގަތުމުގެ ޝައުޤު ކެކިގަތެވެ.

ކުރުކޮށް ދަންނަވާނަމަ ވަޠަން ދެކެ ލޯބިވުމަކީ އީމާންކަމުގެ ތެރޭގައި ހިމެނޭ ފިޠުރީ ކަމެކެވެ.

________________________________

މަރުޖިޢުތައް:

[1]  - މަދީނާގެ ފަތް

[2]  - ވަޒަން މި ލަފުޒުގެ އަސްލަކީ ޢަރަބިބަހުގެ ވަޠަން އެވެ. ދިވެހީންގެ މޮށުންތަކާއި ބަހުގެ ފުރޮޅުންތަކާ އެއްގޮތަށް  ط  ޒަވިޔަންޏަކަށް ފުރޮޅައި ލަފުޒު ދިވެހިވަންތަކުރީއެވެ.

[3]  - آل عمران: 103

[4]  - آل عمران: 105

[5]  - الأنبياء: 92

[6]  -  أخرجه الترمذي (٣٦٢٩)، والبزار (٤٦٩٠)، والطبراني (١٠/٣٢٩) (١٠٦٣٣) 

[7]  - أخرجه البخاري (٦٣٧٢)، ومسلم (١٣٧٦)

[8]  - القصص : 29

އެޑިޓަރުގެ ނޯޓް
މިޞްރުގެ އަލްއަޒުހަރުގެ ދަސްވެންޏެއްކަމަށްވާ އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާއަކީ ނޫސްވެރިކަމާއި ލިޔުންތެރިކަމާއި ޢިލްމީ ތަފާތު މައިދާންތަކުގައި އެ ފަދަ ދެވަނައެއް ނެތުމުގެ ސަބަބުން ކިޔުންތެރީންނަށް އިތުރު ތަޢާރަފަކަށް ބޭނުންވާނެ ބޭފުޅެއް ނޫނެވެ. އެއީ ޢިލްމީ އަދި އަދަބީ ދާއިރާގައި "ފަސް މީރު ކުރިރުކެކެވެ."

Advertisement

ކޮމެންޓް