Advertisement

ދީނީ 'ހަރުކަށި' ފިކުރުގެ ފެށުމާއި އެ ކަމުގެ އަސްލާއި އެ ކަމުގެ ހައްލުގެ މައްޗަށް އަވަސް ކަޅިއެއް!

05 Sep 2024 | 08:26
ހަރުކަށި ފިކުރު އުފެދެނީ ވަކި ބަޔަކު، އެބައިމީހުން ގަބޫލުކުރާ ގޮތް ނޫން ގޮތަކީ ބާޠިލު ގޮތެއްކަމަށް ގަބޫލުކުރުމުންނެވެ.

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

ދީނީ 'ހަރުކަށި' ފިކުރޭ ބުނެ މިތާ މި އިޝާރަތްކުރަނީ ޝަރީއަތުގެ ނައްސުތައް، އެބަހީ ކީރިތި ގުރުއާނާއި ކީރިތި ރަސޫލާގެ ހަދީސުފުޅުގެ ނައްސުތައް، ހަމަ އެކަނި އޭގެ ލަފުޒީ މާނައަށް ރިއާޔަތްކުރެވި، މާނަކޮށް، އެ މާނަކުރުމަކީ ނައްސުގެ ހަމައެކަނި ސައްހަ މާނަކަމުގައި ދެކި، އެ ކަން އެންމެންގެ މައްޗަށް ހިންގައިލައި، އެ ނޫން ގޮތަކަށް މާނަކުރެވޭ ކުރުމަކީ ސައްހަ ނޫން މާނަކުރުމެއްކަމަށް ކަނޑައަޅައި، ލަފުޒީ މާނަކުރުމުން ދުރުވާ މީހުންނަކީ ފާސިގުން ނުވަތަ ކާފިރުންކަމުގައި ކަނޑައަޅައިލާ ފިކުރަށެވެ.

ދެންމެ މި ދެންނެވި ތައުރީފުން އިޝާރަތްކުރެވޭ ފަދައިން، ދީނީ މި 'ހަރުކަށި' ފިކުރު ގުޅެނީ ޝަރީއަތުގެ (ކީރިތި ގުރުއާނާއި ސުންނަތުގެ) ހުކުމްތަކާ ބެހޭ ނައްސުތައް މާނަކުރުމާއެވެ. އިސްލާމީ ފިކުރުގައި ނައްސުތައް މާނަކޮށް އެ ނައްސުތަކުން ހުކުމްތައް އިސްތިންބާތުކުރުމުގެ، ނެރުމުގެ، އިލްމެއް އުފެއްދުނެވެ. އެއީ "އުސޫލު އަލްފިގުހު"އެވެ. މާނަކުރުމުގެ އާންމު ގަވާއިދުތަކެކެވެ. މި ގަވާއިދުތައް އާންމު ގޮތެއްގައި ބިނާވެފައި އޮތީ ބަހާއި މަންތިގުގެ މައްޗަށެވެ..

އިސްލާމީ ފިކުރު ހުއްޓި ގަނޑުވި ހިނދު، މި ކަން އަލުން ދިރުވުމަށް ގޮވައިލެވުނެވެ. މި ގޮތުން ފާހަގަކޮށްލެވޭ އެންމެ އިހުގެ އެއް އިލްމުވެރިޔަކީ ހިޖުރީގޮތުން ހަތްވަނަ ގަރުނުގައި އުޅުއްވި އިބްނު ތައިމިއްޔާއެވެ. އޭނާގެ މައިގަނޑު ގޮތެއްގައި ގޮވައިލެއްވީ އިޖުތިހާދުކުރުން ދިރުވުމަށެވެ. މާނައަކީ ފިގުހުގައި ކަނޑައެޅިފައިވާ ހުރިހައި ހުކުމްތަކަކީ އެންމެ ފަހުގެ ނިންމުންކަމަށް ނުބަލައި، އެ ކަންކަމާ މެދު އަލުން ވިސްނުން ހިންގުމެވެ.

މި އަޑު، އިޖްތިހާދުގެ މަސައްކަތްކުރުމަށް ގޮވައިލުމުގެ އަޑު، ވިދިގެން އައި ގަރުނުތަކުގައި ވެސް އިވެމުން ދިޔައެވެ. މި ގޮތުން އެންމެ ފަހާގަކޮށްލެވުނު އެއް އަޑަކީ ހިޖުރީ ގޮތުން 12ވަނަ ގަރުނާއި 13ވަނަ ގަރުނުގައި އުޅުއްވި މުހައްމަދު ބިން އަބްދުލްވައްހާބުގެ އަޑެވެ. އިބުނު ތައިމިއްޔާގެ ލިޔުއްވުންތަކުގެ ދަރިވަރެކެވެ.

މި ގޮވައިލުމުގެ ނަތީޖާއެއްގެ ގޮތުން ޝަރީއަތުގެ ނައްސުތައް ފިގުހީ އުސޫލުގެ އޮނިގނޑުން ބޭރުވެ، ހަމައެކަނި، އެ ނައްސުތަކުގެ ސީދާ ލަފުޒީ މާނައަށް ރިއާޔަތްކޮށް މާނަކުރެވޭން ފެށުނެވެ.

މި މާނަކުރުމުގެ ވާހަކަ ދައްކާ އިރު، ފިގުހުގައި މި ކަން އޮތީ ކިހިނެއްކަން ހަނދާންކޮށްލާން ޖެހެއެވެ. ކުރީގައި ވެސް ދެންނެވި ފަދައިން ފިގުހުގައި މާނަކުރެވެމުން އައީ ވަކި ގަވާއިދުތަކެއްގެ މަތީންނެވެ. ނަމަވެސް މަޒުހަބީ ތަފާތުތަކެއް މި ގަވާއިދުތަކުގައި އޮވެއެވެ. ހަނަފީ މަޒުހަބުގައި މާނަކުރުމުގައި މަގުސަދަށާއި ސިޔާގަށް ބެލެވިފައިވެއެވެ. މާލިކީ މަޒުހަބުގައި މާނަކަނޑައެޅުމުގައި އެންމެ މުހިންމު އެއް ކަމަކީ މަދީނާގައި ކަންތައް ކުރެވެމުން އައި ގޮތެވެ. ޝާފިއީ މަޒުހަބުގައި މާނަކަނޑައެޅުން ބިނާވާން ޖެހެނީ ނައްސެއްގެ މައްޗަށެވެ. ހަންބަލީ މަޒުހަބުގައި ވެސް ހަމަ މިހެންނެވެ. މިއިން ފާހަގަކޮށްލާން ބޭނުންވަނީ ތާރީޚީ ގޮތުން ނައްސުތަކުގެ އަސްލާއި، އެބަހީ، ފެށުމާ ދުރަށް ދިޔަވަރަކަށް ނައްސުތަކުގެ ލަފުޒީ މާނައަށް ބާރުއެޅޭ ގޮތްވެ، ފިގުހީ އުސޫލުތައް ވެސް ކޮންމެވެސް ވަރަކަށް ބަދަލުވަމުން އައިކަމެވެ. އަދި ތާރީޚި ގޮތުން އެންމެ ފަހުން އުފެދުނު މަޒުހަބުކަމުގައިވާ ހަންބަލީ މަޒުހަބު ހިމެނިފައިވަނީ މި ގޮތަށް އެންމެ ބޮޑަށް ބާރު އެޅިފައިވާ މަޒުހަބުކަމުގައެވެ.

މުހައްމަދު ބިން އަބްދުލް ވައްހާބުގެ ފިގުހީ މަޒުހަބަކީ ހަންބަލީ މަޒުހަބެވެ. މި މަޒުހަބުގައި މާނަކުރުން، މުޅިންހެން ބިނާވެގެން ދިޔައީ ޝަރީއަތުގެ ނައްސުތަކުގެ ލަފުޒީ މާނައަށް އެކަނިހެން ރިއާޔަތް ކުރެވިގެންނެވެ. އަދި، މި ގޮތް މިއީ އެންމެ ރަނގަޅު ގޮތްކަމުގައި ބައެއް އިސްލާމީ ޖާމިއާތަކުގައި ބެލެވި، އެ ތަންތަނުން ދަސްވެނިވާ ދަސްވެނީންނަށް އެ ގޮތް އުނގަންނައިދެވި، އަދި މިކަމުގެ ސަބަބުން، 20ވަނަ ގަރުނުގެ މެދެއްހާ ހިސާބުން ފެށިގެން، އިސްލާމީ ދުނިޔޭގައި މި ގޮތަކީ ހަމައެކަނި ރަނގަޅު ގޮތްކަމުގައި ބެލެވި، މި ގޮތް ފެތުރޭން ދިމާވިއެވެ.

ދީނީ ހަރުކަށި ފިކުރޭ ކިޔޭ ފިކުރުގެ ފެށުމާއި އަދި ފެތުރުމުގެ މައިގަނޑު ސަބަބެއް ކަމުގައި މި ކަން ހިމެނެއެވެ. ޝަރީޢަތުގެ ނައްސުތައް މާނަކުރުމުގެ ގަވާއިދުތަކުގެ އޮނިގަނޑުން ބޭރުވެ، ހަމައެކަނި އެ ނައްސުތަކުގެ ލަފުޒީމާނައަށް ރިއާޔަތް ކުރެވިގެން މާނަކުރުމާއެވެ. (މީގެ އިތުރަށް، އިސްލާމީ ދުނިޔޭގައި އޮތް ސިޔާސީ ނިޒާމުތައް މެދުވެރިކޮށް، އެ ދުނިޔޭގެ ގައުމުތަކަށް ގެންނާން ވައުދުވީ ތަރައްގީ، އާދެ، އާންމުންގެ ދިރިއުޅުމަށް ގެންނާން ވައުދުވީ ހެޔޮ ބަދަލު، ނުގެނެވުމެވެ. ކުރުކޮށް ދަންނަވާ ނަމަ، އެ ސިޔާސީ ނިޒާމުތައް އޭގެ އަމާޒުތަކަށް ވާސިލުވުމަށް ނުކުޅެދި، ފޭލިވުމެވެ.) މި ކަމުގެ ހައްލަކަށްވާނީ ޝަރިއަތުގެ ނައްސުތައް މާނަކުރުމުގެ ގަވާއިދުތައް ދިރުވައި އެ ކަން އަލުން އިތުރަށް ތަރައްގީކޮށް، އެ ގަވާއިދުތަކުގެ އަލީގައި ނައްސުތައް މާނަކުރެވިގެންނެވެ. މީގެ އިތުރަށް، އިސްލާމީ މުޖުތަމައީ އަގުތަކާއި އުސޫލައް - ޚާއްސަ ގޮތެއްގައި ހަމަހަމަކަމާއި އަދުލުވެރިކަން، އެންމެންގެ ހައްގުތައް ވެސް އެންމެނަށް ލިބިދޭ – މި ކަންކަމުގެ މައްޗަށް ބިނާވާ ހަގީގީ އިސްލާމީ މުޖުތަމައުއެއް ވެސް ބިނާކުރެވިގެންނެވެ. (މިއީ ސުރުޚީގައި އަޅައިލެވިފައިވާ ފަދައިން، މައްސަލައިގެ މައްޗަށް ކުރުކޮށް ބަލައިލެވިފައިވާ ބަލައިލުމެކެވެ. މި ކަމުގެ އިތުރު ތަފުސީލަށް ބޭނުންވާ މައްސަލައެކެވެ.) (އިރާދަކުރެއްވިއްޔާ އެ ބައި ފަހުން އަންނާނެއެވެ.)

އެޑިޓަރުގެ ނޯޓް
ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމަކީ ކުޅަދާނަ ޢިލްމީ ލިޔުންތެރިއެކެވެ. މީގެ ކުރީން ނޫސް-މަޖައްލާތަކަށް ވަރަށް ގިނައިން ލިޔުއްވައިފައިވެއެވެ. މިހާރު ވެސް އޭނާގެ ބައެއް ލިޔުންތައް ނޫސްތަކުން އެބަ ފެނެއެވެ. މިހާރު އޭނާގެ ލިޔުންތެރިކަން ބޮޑަށް އަމާޒުކުރައްވައިފައިވަނީ މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ޓަކައި ތަފާތު މަޢުޟޫޢުތަކަށް މީސްމީޑީއާގައި ލިޔުއްވާ ލިޔުންތަކުގެ މައްޗަށެވެ. ޑރ. ޢަބްދުލްޣަފޫރު މާލޭގައި ތަޢުލީމު ހާސިލުކުރެއްވުމަށް ފަހު، އޭނާ ފުރަތަމަ ޑިގްރީ ޙާޞިލުކުރެއްވީ މަދީނާގެ އިސްލާމިކް ޔުނިވަސިޓީއިންނެވެ. އޮސްޓްރޭލިޔާގެ ލެޓްރޯބް ޔުނިވަރސިޓީއިން މާސްޓަރސް ޑިގްރީ ހާސިލުކުރެއްވުމަށް ފަހު، ޕީއެޗްޑީ ނެންގެވީ މެލްބަން ޔުނވަސިޓީއިންނެވެ. އޭނާ މިހާރު ދިރިއުޅުއްވަނީ އޮސްޓްރޭލިއާގައެވެ. މިހާރު މަސައްކަތްޕުޅުކުރައްވަނީ އޮސްޓްރޭލިޔަން އިންޓަނޭޝަނަލް އެކަޑަމީ އޮފް އެޑިޔުކޭޝަންގައެވެ. އެ ތާނގައި އަރަބި ބަހާއި މެދުއިރުމައްޗާއި ޔޫރަޕްގެ ތާރީޚު ކިޔަވައިދެއްވާށެވެ. އޭނާއަކީ ވަރަށް މަތީ ފެންވަރުގެ ޢިލްމުވެރިއެކެވެ. ފަލްސަފާވެރިއެއް ވެސް މެއެވެ. ޑރ. ޢަބްދުލްޣަފޫރަކީ ރާއްޖޭގެ މަޝްހޫރު ލިޔުންތެރިއެއް އަދި ކެލިގްރާފަރެއް ކަމުގައިވާ ޢަބްދުއްރަޙީމް ޢަބްދުލްމަޖީދު (ރަޙިމަހުﷲ)ގެ ޢިލްމުވެރި ދަރިކަލެކެވެ.

Advertisement

ކޮމެންޓް
ޣުސައިން ލަޠީފު
މިއީ ވަރަށް މޮޅު، ޢިލްމީ ލިޔުއްވުމެއް. ދުކްތޫރަށް ޝުކުރިއްޔާ! ނަމަވެސް މަދީނާއިން ކިޔަވާ ބައެއް ދަންނަބޭކަލުންނަށް ހަޖަމުކުރައްވާކަށް ފަސޭހަފުޅެއް ނުވާނެ.
05 Sep 2024