Advertisement

"ނަތަންޔާހޫ އަހަރެމެން ބައިބައިކުރުވައިފި. އަހަރެމެންނާ ދެކޮޅަށް ދުޝްމަނުން އެއްބައިކުރުވައިފި."

05 Sep 2024 | 07:22
އަތުޒިލީ އޭނާ އަސީރެއްގެ ގޮތުގައި ހުރި ދުވަސްތަކުގެ ވާހަކަ ޖޭއެފްއެން ކޮންފަރެންސްގައި ކިޔައިދެނީ. (ފައިލް ފޮޓޯ: ޔޫޓިޔުބް)

އަލްއުސްތާޒު ޢަބްދުލްޢަޒިޒު ޖަމާލު އަބޫބަކުރު

މަރުވެފައި ވާ އަސީރުންތަކެއް ދާދި މިދާކަށް ދުވަހު ޣައްޒާއިން ފެނުނު މައްސަލައިގައި ވަރަށް ބޮޑަށް ނަތަންޔާހޫ ކުށްވެރިކުރަމުން އެބަ ގެންދެއެވެ. އަސިރުން މަރުވީ ނަތަންޔާހޫގެ ގޮތް ދޫނުކުރުމާއި ހަރުކަށިކަމުން އެ މީހުން މިނިވަންނުކޮށް ޣައްޒާގައި ބޭއިތިއްބީތީކަމަށް ޔަހޫދީ އަސީރުންގެ ތިމާގެ މީހުން ގަބޫލުކުރެއެވެ. އަދި މި ކަން މި ދިމާވީ ނަތަންޔާހޫގެ ސަބަބުންކަމަށް ޢާންމުކޮށް އިޢުލާނުކޮށްދެއްވުން އެދި ރައީސް އިސްހާޤު ހަރުޒަޤަށް ދަންނަވަމުން އެބަ ގެންދެއެވެ.

އޮކްޓޫބަރު ހަތެއްގެ ޙަމަލާގައި މަރުވި ޔަހޫދީއެއްގެ އަންހެނުންކަމަށްވާ ލިއަތު އަތުޒިލީ އިއްޔެ ދިން ތަގުރީރެއްގައި ހާމަކުރި ގޮތުގައި އެއްވެސް އިންސާނެއްގެ ފުރާނަ ރައްކާތެރި ނޫންކަމުގެ ޔަގީންކަން އިސްރާއީލު ސަރުކާރުން އެ ވަނީ ދީފައެވެ.

ލިއަތު އަތުޒިލީގެ މި ތަގުރީރަކީ ކުރީން ތަދުބީރުކުރެވިފައި ނެތް ކުއްލި ޙައިރާންކަމެއް ގެނުވި ތަގުރީރެކެވެ. މި ތަގުރީރު އޭނާ ދިނީ ކުރީގެ ރައީސް ޝިމޯން ޕެރޭޒު މަރުވިތާ އަށް އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ޖެރޫސަލަމްގެ މައުންޓު ހަރްޒުލްގައި ބޭއްވި ރަސްމިއްޔާތެއްގައި ކުއްލިއަކަށެވެ.

އިސްރާއީލުގެ ނިރް އޯޒްގެ ރަށްވެއްސެއްކަމަށްވާ ލިއަތު އަތުޒިލީ 54 ދުވަސް ވަންދެން ޣައްޒާގައި އަސީރުކުރެވިފައި ހުއްޓެވެ. އޭނާގެ ފިރިމީހާ ވަނީ އޮކްޓޫބަރު ހަތްވަނަ ދުވަހު މަރުވެފައެވެ. އެއީ ޙަމާސް ޖަމާޢަތުން އިސްރާއީލަށް ދިން ކުއްލި އަދި ޙައިރާންކުރުވަނިވި ޙަމަލާއެއްގައެވެ. އިސްރާއީލުން ބުނާ ގޮތުގައި ޙަމާސްގެ އެ ޙަމަލާގައި އިސްރާއީލުގެ 1200 މީހަކު މަރުވިއެވެ. އަދި 250 މީހުން އަސީރުކޮށްގެން ޣައްޒާއަށް ގެންދެވުނެވެ.

އެ ދުވަހުން ފެށިގެން މިހާތަނަށް އިސްރާއީލުން ފަލަސްތީނުގެ 40 ހާހަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައިފިއެވެ. އަދި މުޅި ޣައްޒާއަކީ އިންސާނީ ބޮޑު ކާރިސާއަކަށް ވަނީ ހަދައިފައެވެ. މި ޙަމަލާތައް ހުއްޓައި އަސީރުން މިނިވަންކުރުމުގެ ވާހަކަދައްކާތާ ދުވަސްގަނޑެއް ވެއްޖެއެވެ. މި ކަމުގައި މެދުވެރިވަނީ އެމެރިކާއާއި މިޞްރާއި ޤަޠަރެވެ. ނަމަވެސް މި ވާހަކަތަކުން ކާމިޔާބީއާ ހަމައަކަށް އަދިވެސް ނުދެވެއެވެ.

"އިސްރާއީލު ސަރުކާރުން ކަށަވަރު އެ ކޮށްދެނީ އެއްވެސް އިންސާނެއްގެ ފުރާނައަށް ޙިމާޔަތެއް ނެތްކަމުގައި." އަތުޒިލީ އޭނާގެ ތަގުރީރުގައި ބުންޏެވެ.

"މިއަދު އަހަރެމެން އެންމެންނަށް ވެސް ކަށަވަރުވާ ކަމަކީ 'މރ. އެބަންޑަންމެންޓް' [ވަޒީފާއިން] ދުރަށް ދާންޖެހޭކަމެވެ. އޭރުން 101 އަސީރުންނަށް އެނބުރި އާދެވޭނެއެވެ." (މރ. އެބަންޑަންމެންޓް"ގެ ނަމުން ނަތަންޔާހޫއަށް އިޝާރާތްކޮށް އަތުޒިލީ ވާހަކަދެއްކީ އަސީރުންގެ ޢާއިލާތަކުން ނަންޔާހޫއާ ބެހޭ ގޮތުން ޝާއިޢުކޮށްފައިވާ ރިފަރެންސް ފޮތަކަށް އެ ނަން ދީ އެ ނަން ނަތަންޔާހޫއަށް ނިސްބަތްކޮށްފައިވާތީކަމަށް ބެލެވެއެވެ.)

ކުރީގެ ރައީސް ޝިމޯން ޕެރޭޒް މީގެ އަށް އަހަރު ކުރީން މަރުވި ދުވަހަށް އިޝަރާތްކޮށް އޭނާ ބުންޏެވެ. "ރައީސް ޕެރޭޒެވެ! މަނިކުފާނު އަވަހާރަވިތާ އަށް އަހަރުވީއެވެ. މަނިކުފާނުގެ ޒަޢާމަތަކީ ކާމިޔާބު ޒަޢާމަތެކެވެ. އޭގެ ފަހުން މި ދިޔަ އަހަރުތަކުގައި ނަތަންޔާހޫ މަސައްކަތްކުރީ އަހަރެމެންގެ އަމާންކަމާއި އުންމީދުތައް ފޮހެލާށެވެ. އަހަރެމެން ބައިބައިކުރާށެވެ. ދުޝްމަނުން އަހަރެމެންނާ ދެކޮޅަށް އެއްބައިކުރުވާށެވެ. މި ތާނގައި އަޅުގަނޑުމެންނާއެކު އޮކްޓޫބަރު ހަތެއްގައި މަނިކުފާނު ހުންނެވި ނަމަ، މަނިކުފާނު ވިދާޅުވާނީ ކީކޭކަމެއް އަޅުގަނޑަކަށް ލަފާކޮށްލާކަށް ވެސް ނޭނގެއެވެ."

އަތުޒީލީ ބުނީ "ޙަމާސްގެ އޮކްޓޫބަރު 7ގެ ޙަމަލާއަކީ ނަތަންޔާހޫ ބާރުގައި ހުންނާން ވެގެން މުޅި ވެރިކަން ޙިސާރުކޮށްގެން ގެނައި އިދާރީ ބަޣާވާތުގެ ނަތީޖާއެވެ." އޭނާ އެ އިޝާރާތްކުރީ ނަތަންޔާހޫގެ ސަރުކާރު ސަލާމަތްކުރާން ކޯޓުން މި ދިޔަ އަހަރު ނިންމި ނިންމުމަށެވެ.

"ރައްޔިތުންނާއި ދައުލަތާ ދެމެދު ކުރެވިފައިވާ އަސާސީ މުޢާހަދާއާ އޮކްޓޫބަރު ހަތެއްގައި ޚިލާފުވެއްޖެއެވެ. އަދި އަހަރެމެން ޙިމާޔަތްކުރުމުގައި އިސްރާއީލީ ދައުލަތް ފޭލިވެއްޖެއެވެ. ދޮގާއި އޮޅުވައިލުމާއި މަކަރު ހެދުމުގެ ނާރެހެއްގައި ހުރެ، އަސީރުން މިނިވަންކުރެވޭން އޮތް ޑީލު އެއްލައިލައި ބޮލާލައި ޖަހައިފިއެވެ." އޭނާގެ ވާހަކައަށް އިތުރުކޮށްލިއެވެ.

"ނަތަންޔާހޫ ވަނީ ޙިޒުބުﷲއާއި ޙަމާސް ކޮންޓުރޯލްކުރުމުގައި ފޭލިވެފައެވެ. އަސީރުން މިނިވަންކުރުމުގެ ޑީލާ ދެކޮޅު ހަދައި އެ ޑީލަށް އަހަރެމެން ތާއީދުކުރާތީ އަހަރެމެން އެ ހަދަނީ ދުޝްމަނުންނަށެވެ. އެއީ ސިޔާސީ މައިދާނުގައި އޭނާ ދެމިހުރުމަށް ޓަކައެވެ." ރައީސް ހަރްޒަގާ ސީދާ މުޚާޠަބުކޮށް އަތުޒިލީ ބުންޏެވެ. "ޢާންމުންގެ ތެރެއަށް ވަޑައިގަންނަވާށެވެ! ވަޑައިގެން ވިދާޅުވާށެވެ! ނަތަންޔާހޫ އޭނާގެ މަސްއޫލިއްޔަށް އިހުމާލުވެއްޖެއެވެ. ޣަދަރުވެރިވެއްޖެއެވެ. ........ [މި ދަނޑިވަޅުގައި] މަނިކުފާނު ހިމޭނުން ހުންނަވާ ނަމަ، [ފަހުން] މަނިކުފާނު ހިތާމަފުޅުކުރައްވާން ޖެހިވަޑައިގަންނަވާނެއެވެ. [އަވަސްކުރައްވާށެވެ!]" (މަޢުލޫމާތު: އޭ.އޭ.ކޮމް)

އެޑިޓަރުގެ ނޯޓް
އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރަކީ މަޝްހޫރު ލިޔުންތެރިއެކެވެ. ބަސްވާރެކެވެ. އޭނާ ވަނީ ބަހުގެ ދާއިރާއިންނާއި ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން މަތީތަޢުލީމު ޙާޞިލުކުރައްވައިފައެވެ. މީގެ އިތުރަށް އޭނާ ވަނީ ކިޔަވައިދެއްވުމާއި އިސްކޫލުތައް ހިންގުމުގެ ދާއިރާގައި ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވައި ތަޖުރިބާ ޙާޞިލުކުރައްވައިފައެވެ. އޭނާއަށް ވަނީ ދިވެހިބަހަށް ޚިދުމަތްކުރުމާއި ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ހިތްވަރުދިނުމުގެ ޤައުމީ އިނާމާއި ޝަރަފުވެރިކަމުގެ އިނާމު ވެސް ލިބިވަޑައިގެންފައެވެ.

Advertisement

ކޮމެންޓް