Advertisement

ޖަޕާނު އިސްކޫލުތަކުގައި މުދައްރިސުންގެ ދުވަސް ފާހަގައެއް ނުކުރޭ. ސަބަބަކީ ކޮބާ؟

ޖަޕާނު އިސްކޫލެއްގައި ކިޔަވައިދެނީ........ ޖަޕާނުގައި ކޮންމެ ދުވަހަކީ ވެސް މުދައްރިސުންގެ ދުވަހެއް.

ޖަޕާނަކީ އެއްވެސް ޝައްކެއް ނެތް ގޮތުގައި ދުނިޔޭގައި ކުރިއަރައިފައިވާ ގައުމެކެވެ. މާލީ ގޮތުންނާއި އިޤުތިޞާދީ ރޮނގުން ވެސް މެއެވެ. ތަޢުލީމީ ގޮތުންނާއި ސައެންސީ ރޮނގުންނެވެ. އަދި ޞިނާއިއްޔަތާއި ފައްނިއްޔާތުގެ ގޮތުން އެ މީހުން ދުނިޔޭގައި މިއަދު އޮތް މަޤާމަކީ އެއްވެސް މީހަކަށް އޮޅިފައިވާނެ މަގާމެއް ނޫނެވެ.

އެއްވެސް ޝައްކެއް ނެތް ގޮތުގައި އެއީ ތަހުޒީބު މުޖުތަމަޢެކެވެ. މީހުންނަށް އިޙުތިރާމުކުރުމާއި މެހުމާންދާރީ އަދާކުރުމުގައި ނަމޫނާ ބަޔަކެވެ. ރީތި އާދަތަކާއި ސުލޫކުގެ ގޮތުން ވެސް އެއީ ދުނިޔެއަށް ނަމޫދާ ދައްކާ ބަޔެކެވެ. އެއީ ތަޢުމީލީ މުޖުތަމަޢެކެވެ. މި ފަދަ މުޖުތަމަޢެއްގައި އެ ގައުމުގެ އިސްކޫލުތަކުގައި މުދައްރިސުންގެ ދުވަސް ފާހަގަނުކުރާ ވާހަކަ ބުނެފި ނަމަ، ތިޔަ ބޭފުޅުން ހައިރާންވެވަޑައިގަންނަވާނެކަން ކަށަވަރެވެ. ނަމަވެސް އެއީ ހަގީގަތެކެވެ.

އާދޭހެވެ! ޖަޕާނުގެ އިސްކޫލުތަކުގައި މުދައްރިސުންގެ ދުވަސް ފާހަގައެއް ނުކުރެއެވެ. އޭގެ މާނައަކީ ޖަޕާނުގައި މުދައްރިސުންނަށް އިޙުތިރާމް ނުކުރުންހެއްޔެވެ؟ ނޫނެކެވެ! މުދައްރިސުންގެ ދުވަސް ފާހަގަކުރުމަކީ މުދައްރިސުންނަށް އިޙުތިރާމް ކުރަނީކަމަށް ވިސްނުމަކީ ކުށް ހީއެކެވެ. ޖަޕާނަކީ މުދައްރިސުންގެ އަގު އެންމެ ބޮޑަށް ވަޒަންކުރާ ގައުމެވެ. ކިހިނެއްހެއްޔެވެ؟ ވިދާޅުވާށެވެ!

އެއްދުވަހަކު ބިދޭސީ ރައްޓެއްސަކު އޭނާގެ ރަޙުމަތްތެރި ޖަޕާނު މުދައްރިސަކާ ސުވާލުކޮށްލިއެވެ. "ޖަޕާނުގައި މުދައްރިސުންގެ ދުވަސް ފާހަގަކުރަނީ ކޮން ދުވަހަކުހެއްޔެވެ؟"

"އޮކްޓޯބަރ 5ގައި ނޫންހެއްޔެވެ؟" އޭނާ ޖަވާބުދިނީ ސުވާލަކުންނެވެ.

ބިދޭސީ ރަހުމަތްތެރިޔާ ޖަޕާނު މީހާއާ ދެން ސުވާލުކުރިއެވެ؟ "އިނބަމެން މުދައްރިސުންގެ ދުވަސް އިސްކޫލުތަކުގައި ފާހަގަކުރަނީ ކިހިނެއްހެއްޔެވެ؟ ވަރަށް ތަފާތު ކަންތައް އޮވޭދޯއެވެ؟"

ޖަޕާނު މީހާ ޖަވާބުދިނެވެ. "އަހަރެމެން މުދައްރިސުންގެ ދުވަސް ފާހަގަކުރުމުގެ އިޙުތިފާލުތަކެއް އިސްކޫލުތަކުގައެއް ނުބާއްވަމެވެ."

ޖަޕާނުމީހާގެ މި ޖަވާބުން ބިދޭސީ ރަޙުމަތްތެރިޔާއަށް ލިބުނީ ކުއްލި ސިހުމަކާއި ޙައިރާންކަމެކެވެ. ގަބޫލުކުރާން ދަތި ޖަވާބަކަށްވީމައެވެ. ޖަޕާނު ފަދަ ޢިލްމަށް ލޯބިކުރާ އަދި ހުރިހާ ގޮތަކުން ވެސް ތަހުޒީބު މުޖުތަމަޢެއްގައި މުދައްރިސުންގެ ދުވަސް ފާހަގަނުކުރުމަކީ އޭނާއަށް ގަބޫލުކުރާން ފަސޭހަ ކަމަކަށް ނުތްވެވެ. މި ޖަވާބު ގަބޫލުކުރާނީތޯ ނޫނީ ގަބޫލުނުކުރާނީތޯ ސުވާލު އުފެދުނެވެ. އެހެންވެ އަހާން ނުކެރުނަސް ވަރަށް ޙައިރާންކަމާއެކު އޭނާގެ ހިތުގައި ސުވާލު އުފެދުނެވެ. "ޓީޗަރުންނަށް އިޙުތިރާމްކުރުން މިހާ ކުޑަ ޤައުމެއް، އިގުތިސާދީ ގޮތުންނާއި ސައިންސާއި ފަންނިއްޔާތުގެ ގޮތުން މިހާ ބޮޑަށް ކުރިއަރައިފައި މިވަނީ ކިހިނެއްހެއްޔެވެ؟" ބިދޭސީ ރަހުމަތްތެރިޔާގެ މޫނުމައްޗަށް ވެރިވި ހައިރާންކަމުން ޖަޕާނު މީހާއަށް އޭނާގެ އެ ސުވާލު ތަރުޖަމާކުރެވުނެވެ. އެހެންކަމުން އެ ކަމާ އެ ދުވަހު އިތުރަކަށް ވާހަކައެއް ނުދައްކައެވެ.

ޖަޕާނު މީހަކީ ޔަމަމޮޓޯ ނަމަކަށް ކިޔާ ޓީޗަރެކެވެ. ބިދޭސީ ރަހުމަތްތެރިޔާއަށް ކިޔަނީ ޒައިނަލެވެ. ޒައިނަލް ޖަޕާނުން ވަޒީފާ ހޯދިތާ އަދި ވާނީ ހައެއްކަ މަހެވެ. އެއް ދުވަހަކު ދެ މީހުން އިސްކޫލުން ނިމިގެން ޔަމަމޮޓޯއާއެކީ އޭނާގެ ގެއަށް ދާން ޒައިނަލަށް ދަޢުވަތުދިނެވެ. ޔަމަމޮޓޯގެ ގެ ހުންނަނީ އިސްކޫލާ އެތައް މޭލެއްގެ ދުރުގައިކަމަށް ވާތީ، އޭނާ އިޚުތިޔާރު ކުރީ ދެ މީހުން ވެސް ބިމުއަޑީގެ ބަހުގައި ދަތުރުކުރާށެވެ.

އިސްކޫލު ނިމިގެން އެންމެން ގެޔަށް ދާ ގަޑިތަކުގައި ބަސްތައް އޮންނަނީ ފުރި ބާރުވެ ތޮއްޖެހިފައެވެ. ކޮންމެއަކަސް ޔަމަމޮޓޯއާއެކު ފިތިގެން ބަހުގެ ތެރެއަށް ދެ މީހުން ދެމިގަތެވެ. އިށީންނާނެ ތަނެއް ނެތީމާ، މަތީގައި އެލުވައިފައި ހުރި ބޮޅުތަކުން ބޮޅެއްގައި ދެ މީހުން ވެސް ހިފަހައްޓައިގެން ކޮއްޅަށް ތިބީއެވެ.

ޒައިނަލްގެ ކުރިމަތީގައި ބަހުގެ ވާތް ފަރާތުން ޖެހިގެން އިން އުމުރުން ދުވަސްވީ މީހާ ތެދުވެފައި އޭނާގެ ގޮނޑީގައި އިށީންނާން ޒައިނަލް ކުރެން އެދިއްޖެއެވެ. އަދި އެ ދުވަސްވީ މީހާ އިޚުތިޔާރުކުރީ ކޮށްޅަށް ހުންނާށެވެ. ނަމަވެސް ޒައިނަލަށް މި ކަން ގަބޫލުކުރާން ފަސޭހަ ނުވީތީ އެ ދަޢުވަތަށް އިންކާރުކުރީއެވެ. ނަމަވެސް އެ މީހާ އެތައް ވަރަކުން އާދޭސްކޮށްގެން ގޮނޑީގައި ޒައިނަލް ބައިންދައިފިއެވެ. ދުވަސްވީ މީހާ އޭގެ ފަހުން ހުރީ ކޮޅަށެވެ.

ބަސް އިސްޓޭޝަނުން ނުކުމެގެން ޔަމަމޮޓޯގެ ގެޔަށް ދިޔަ މަގުމަތީގައި ޔަމަމޮޓޯއާ ޒައިނަލް ސުވާލުކޮށްލިއެވެ. "އެ މުސްކުޅި މީހާ އެ ގޮތަށް އެ ޢަމަލުކުރީ ކީއްވެހެއްޔެވެ؟ ޔަމަމޮޓޯއަށް މީހަކު އެ ގޮތަށް ދަޢުވަތު ނުދިނީ ކީއްވެހެއްޔެވެ؟"

ޔަމަމޮޓޯ ހިނިތުންވެލުމަށް ފަހު، ޖަވާބުދިނެވެ. "އިނބަގެ ޖީބުގައި ޖަހައިފައި ތިޔަހަރަ ބެޖުން ތިޔައީ ޓީޗަރެއްކަން އެ މީހާއަށް އެނގުނީއެވެ. އަދި މުދައްރިސުންގެ ދަރަޖައާއި ޤަދަރަށް އޭނާ ކުރާ އިޙުތިރާމެއްގެ ގޮތުން ޒައިނަލް ކޮޅަށް ހުންނާން އޭނާ ބޭނުން ނުވީއެވެ. އަހަރެން ބަހަށް އެރީ ޓީޗަރު ބެޖު ނައްޓައިލައިގެންކަމަށް ވާތީ އަހަންނަކީ މުދައްރިސެއްކަން އެކަކަށް ވެސް ފާހަގަނުކުރެވުނީއެވެ."

ޒައިނަލަށް ބުނާނެ އެއްޗެއް ނޭނގި ހިމޭނުން ހުރީއެވެ.

މިއީ ޔަމަމޮޓޯމެންގެ ގެޔަށް ޒައިނަލް ޒިޔާރަތްކުރާ ފުރަތަމަ ފަހަރުކަމަށް ވާތީ، ޔަމަމޮޓޯ ގާތު ނުބުނެ ރަނގަޅު ހަދިޔާއެއް ގަނެގެން ދާން އޭނާ ހިތަށް އެރިއެވެ. އެހެންވެ ގެޔަށް ދިޔުމުގެ ކުރީން ފިހާރައަކަށް ވަދެލާން ބޭނުންކަމަށް އޭނާ ބުންޏެވެ.

ޔަމަމޮޓޯ ބުންޏެވެ. މުދައްރިސުންނަށް ޚާއްޞަ ފިހާރައެއް މިތާ ދާދި ކައިރީގައި ހުންނާނެއެވެ. އެ ތަނުން ޓީޗަރުންނަށް އިސްކަން ދޭނެއެވެ. އަދި ޓީޗަރުންނަށް 50 އިންސައްތައިގެ ޑިސްކައުންޓެއް ވެސް ދޭނެއެވެ.

ދެ މީހުން އެކީ ފިހާރައަށް ވަންތަނާ މުވައްޒިފަކު ޒައިނަލްގެ ގާތަށް އައިސް އޭނާގެ ޚިދުމަތަށް ޚާއްސަވިއެވެ. އަދި އޭނާ ބޭނުންވި އެއްޗެއް، މުދަލުގައި ޖަހައިފައި ހުރި އަގަށް ވުރެ 50 އިންސައްތަ އަގުހެޔޮކޮށް އޭނާއަށް ވިއްކިއެވެ. އަދި ޕާރުސަލްކުރާން ބޭނުންތޯ އެހުމުން ޒައިނަލް އާނއެކޭ ބުނީމާ ހިފައިގެން ގޮސް ވަރަށް ރީތިކޮށް ޕާރުސަލްކޮށްދީފިއެވެ. ޕާރުސަލްކުރުމުގެ އަގަކީ ކިޔައި ވަރެއްތޯ ސުވާލުކޮށްލީމާ ޔަމަމޮޓޯ ހިނިތުންވެލިއެވެ. ފިހާރައިގެ ކޭޝިއަރު ޒައިނަލަށް ޖަވާބުދިނީ ގުދުވެލުމަށް ފަހު ދެ އަތުގެ އިޝާރާތުން ކުރި އިޙުތިރާމުގެ ސަލާމަކުންނެވެ. އެއީ ވެސް ޓީޗަރުންނަށް އެކަނި ދޭ ހިލޭ ޚިދުމަތަކަށް ވީއެވެ.

މި ދިމާވި ދެ ހާދިސާއިން ޒައިނަލަށް ކުރި އަސަރު އޭނާއަށް ކޮންޓުރޯލެއް ނުކުރެވުނެވެ. ދެ ލޮލުން ކަރުނަ ނީރައިލުމާއެކު ޔަމަމޮޓޯއާ ސުވާލުކޮށްލެވުނެވެ. "މި ފިހާރަތަކުން މިހާ ބޮޑު ޑިސްކައުންޓެއް މި ދެނީ ހަމައެކަނި ޓީޗަރުންނަށް ހެއްޔެވެ؟"

ޔަމަމޮޓޯ ހީނލުމަށް ފަހުބޯޖަހައިލިއެވެ.

ޖަޕާނުގައި މުދައްރިސުކަމުގެ ވަޒީފާއަކީ އެންމެ އިޙުތިރާމްކުރާ ދަންނެވެ. (ޕްރޮފެޝަންނެވެ.) މުދައްރިސުންނަކީ މުޖުތަމަޢުގައި އެންމެ އިޙުތިރާމްކުރާ މީހުންނެވެ. ޖަޕާނުގައި މުދައްރިސަކު ފިހާރައަކަށް ވަދެއްޖެ ނަމަ، ފިހާރަވެރިޔާ އުފަލުން ފޮޅޭނެއެވެ. އެއީ އެ ފިހާރައަކަށް ލިބޭ ޝަރަފެއްކަމުގައި ދެކޭނެއެވެ.

ޖަޕާނުގައި ކިޔަވައިދިނުމުގައި ޒައިނަލް ހޭދަކުރި ދުވަސްވަރު ޖަޕާނު މީހުން މުދައްރިސުންނަށް ކުރާ ޤަދަރާއި އިޙުތިރާމް ކޮންމެ ދުވަހަކު ތަޖުރިބާކުރިއެވެ. އާންމު ދަތުރުފަތުރުގެ ނިޒާމުގައި ޓީޗަރުންނަށް ޚާއްޞަ ގޮނޑިތައް ހުރެއެވެ. އެ މީހުންނަށް ޚާއްޞަ ޑިސްކައުންޓްދޭ ބައިވަރު ފިހާރަތައް ހުރެއެވެ. ޓިކެޓު ގަންނާން ގޮސް ކިޔޫގައި ޖެހޭކަށް ނުޖެހެއެވެ.

ކަން މިހެން ހުރުމާއެކު، އަހަރަކު އެއް ދުވަހު ޓީޗަރުންނަށް އިޙުތިރާމްކުރާ ދުވަހެއްގެ އިޙުތިފާލުތައް ޖަޕާނުގައި ބާއްވަންވީ ކީއްކުރަންހެއްޔެވެ؟ ކޮންމެ ދުވަހަކީ މުދައްރިސުންގެ ދުވަހެކެވެ. މުދައްރިސުންނަށް އިޙުތިރާމްކުރާ ދުވަހެކެވެ. މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރާ ދުވަހެކެވެ.

މި ވާހަކަ ލިޔެލާން ބޭނުންވީ ވަރަށް މުހިންމު ސަބަބަކަށް ޓަކައެވެ. 1990ގެ އަހަރުތަކުގެ ކުރީން ދިވެހިރާއްޖޭގައި ވެސް މުދައްރިސުންނަކީ މުޖުތަމަޢުގައި ވަރަށް ޚާއްޞަ އިމްތިޔާޒުތަކަކާއި އިޙުތިރާމެއް އޮންނަ ބަޔެކެވެ. އެ ދުވަސްވަރު އިސްކޫލުތަކުގެ ފުރާޅުތަކުގެ ދަށުން ތަރުބިޔަތުވެގެން މުޖުތަމަޢަށް ނުކުތް ކުދީންގެ ކިބައިގައި ވެސް އެހެން މީހުންނަށާއި މުޖުތަމަޢާއި ޤައުމަށް އިޙުތިރާމްކުރުމުގެ ސިފަ ހުންނަކަން ފާހަގަކުރެވެއެވެ. އޭރު ސަރުކާރުން ވެސް އަދި މުޅި މުޖުތަމަޢުން ވެސް ކިޔަވައިދިނުމުގެ ދަންނުގައި ޚިދުމަތްކުރެއްވި ބޭފުޅުންނަށް ޚާއްޞަ ޤަދަރެއް ދިންކަން ފާހަގަކުރެވެއެވެ. ނަމަވެސް މިއަދު ބެލެނިވެރީންގެ ކިބައަކުން ވެސް ދަރިވަރުންގެ ކިބައަކުން ވެސް މި އިޙުތިރާމެއް ނުފެނެޔޭ ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ. މި ކަމުގެ ނޭދެވޭ އަސަރު މުޖުތަމައުން ފެނެއެވެ. މި ވާހަކަ މިހެން ދަންނަވާން ކެރެނީ އެ ދުވަހާއި މި ދުވަސް ވެސް ތަޖުރިބާކުރެވިފައިވާތީއެވެ. ވީމާ، ކިޔަވައިދިނުމުގެ ދަންނުގައި ޚިދުމަތްކުރައްވާ ބޭފުޅުންނަށް މުޖުތަމަޢުން ގަދަރުކުރުމުގެ ސަގާފަތް އަލުން އަނބުރައި އިޢާދަކުރެވޭ ތަން ދުށުމުގެ އުންމީދުގައި މި ވާހަކަ ހަމަ ތަކުރާރުކޮށްލާ ހިތް ވީއެވެ. ގައުމުގެ ކުރިމަގަށް ޓަކައެވެ. މުޖުތަމަޢުގެ ސުލްޙައާއި އަމާންކަމަށް ޓަކައެވެ.

_______________________________________________

އެޑިޓަރުގެ ނޯޓް
.

Advertisement

ކޮމެންޓް