Advertisement

ޔަހޫދީންގެ މުޒާހަރާ ނަތަންޔާހޫއާ ދެކޮޅަށް ތިންވަނަ ރެޔަކަށް

04 Sep 2024 | 00:00
ތެލްއަބީބުގެ މަގުތަކުގައި ޔަހޫދީން ނަތަންޔާހޫއާ ދެކޮޅަށް މުޒާހަރާކުރަނީ: މި ތާނގައި ލައްކައަކަށްވުރެ ގިނަ މީހުން އެއްވެފައިވާކަމަށް ލަފާކުރެވެއެވެ. (ފޮޓޯ: ޓައިމް އޮފް އިސްރާއީލް)

އަލްއުސްތާޒު ޢަބްދުލްޢަޒިޒު ޖަމާލު އަބޫބަކުރު

އުރުދުންގެ ޢައްމާނުން ޚަބަރު ލިބޭ ގޮތުގައި އިސްރާއީލުގެ ކަންކޮޅުތަކުގައި އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ އިސްތިޢުފާދިނުމަށް ގޮވައިލައި ކުރަމުން ގެންދާ ބޮޑު މުޒާހަރާ ތިންވަނަ ރެޔެއް ފަހަނަޅައި ހިނގައްޖެއެވެ. މި މުޒާހަރާ ފެށުނީ މި ދިޔަ ހަފުތާ ބަންދުގެ ތެރޭގައި ދެކުނު ޣައްޒާގެ ބިންގަރާހަކުން އިސްރާއީލުގެ ތިން އަސީރެއް މަރުވެފައި ވަނިކޮށް ފެނުމާ ގުޅިގެންނެވެ.

މި މައްސަލަ މިހައި ބޮޑަށް ގޯސްވީ މީގެ ކުޑަ ދުވަސްކޮޅެއް ކުރީން އިސްރާއީލުގެ ޖާސޫސީ އިދާރާއަކުން އެ އަސީރުން ދިރި ދުނިޔޭގައި އެބަ ތިބިކަމުގެ ޔަގީންކަން ދީފައިވާތީއެވެ. އަދި އެއީ އެންމެ ފުރަތަމަ ފިޔަވަހީގައި ދޫކޮށްލާން ލިސްޓުކުރެވިފައިވާ އަސީރުންގެ ތެރޭގައި ހިމޭ ބަޔެއްކަމަށް ޙަމާސއިން އިޢުލާނުކޮށްފައިވާތީއެވެ.

އެހެންކަމުން މި އަސީރުން މަރުވީ އިސްރާއީލުގެ ޢުދުވާނީ ޙަމަލާތަކުންކަމަށް އެ މީހުންގެ ޢާއިލާތަކުގެ މީހުން ގަބޫލުކުރެއެވެ. އަދި އެ މީހުން ދޫނުކޮށް ހިފަހައްޓައިފައި ތިބީ ނަތަންޔާހޫގެ ހަރުކަށިކަމާއި ގޮތްދޫނުކުރުމުގެ ސަބަބުންކަން މުޅި ދުނިޔެއަށް އެނގެއެވެ.

މި ސަބަބުތަކާ ހުރެ، ޔަހޫދީން ތިބީ ނަތަންޔާހޫ ދެކެ ވަރަށް ބޮޑަށް ރުޅިއައިސްފައެވެ. ޚާއްޞަކޮށް އަސީރުންގެ ޢާއިލާތަކުން ތިބީ ވަރަށް ބޮޑަށް ރުޅިގަދަވެފައެވެ. މުޒާހަރާ ކުރާ ގުރޫޕްތަކުން ބުނަނީ މުޒާހަރާ ހުއްޓައެއްނުލާނެކަމަށެވެ.

ނަމަވެސް މުޒާހަރާކުރާ މީހުން މި ދިޔަ އާދީއްތަ ދުވަހަކަށްވުރެ ވަކި އިތުރެއް ނުވެއެވެ. އާދީއްތަ ދުވަހަކީ އިސްރާއީލުގެ ތާރީޚުގައި ވެސް އެތާގެ ރައްޔިތުން އެންމެ ގިނަ ޢަދަދަކަށް މުޒާހަރާކުރި ދުވަހެވެ. މުޒާހަރާކުރާ މީހުން މަގުތައް ބަނދުކުރާތީ އިސްރާއީލުގެ ފުލުހުން ގެންދަނި މުޒާހަރާކުރާ މީހުން ހުއްޓުވުމަށް ޓަކައި ބާރުގެ ބޭނުންކޮށް ޑަރުޖަނުން މީހުން ހައްޔަރުކުރަމުންނެވެ. އެހެންނަމަވެސް މުޒާހަރާކުރާ ގުރޫޕުތަކުން ބުނަނީ ނަތަންޔާހޫ އިސްތިއުފާ ނުދެނީހެއް މުޒާހަރާއެއް ނުހުއްޓުވޭނެކަމަށެވެ.

މި ޚަބަރުތައް އަލްޖަޒީރާގެ ނޫސްވެރީން ދީފައިވަނީ އިސްރާއީލުގެ ސަރަހައްދީ ރޮނގާ ކައިރީގައި އުރުދުންގައި ތިބެގެންނެވެ. ސަބަބަކީ އިސްރާއީލުގެ ތެރެއަށް ނޫސްވެރީން ވަނުން މަނާކޮށްފައިވާތީއެވެ. އިސްރާހީލު ސަރުކާރުން ހިންގާ ނޭދެވޭ ޢަމަލުތައް ދުނިޔެއަށް ހާމަވިޔަ ނުދިނުމަށް ޓަކައި ނަތަންޖާހޫގެ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރެއެވެ.

ލަފުޒެއްގެ މާނަ:

ޑަރުޖަން   ނ.   (1) ޑަޒަން  (2) އެއް ވައްތަރެއްގެ ބާރަ އެތި.

އެޑިޓަރުގެ ނޯޓް
އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރަކީ މަޝްހޫރު ލިޔުންތެރިއެކެވެ. ބަސްވާރެކެވެ. އޭނާ ވަނީ ބަހުގެ ދާއިރާއިންނާއި ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން މަތީތަޢުލީމު ޙާޞިލުކުރައްވައިފައެވެ. މީގެ އިތުރަށް އޭނާ ވަނީ ކިޔަވައިދެއްވުމާއި އިސްކޫލުތައް ހިންގުމުގެ ދާއިރާގައި ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވައި ތަޖުރިބާ ޙާޞިލުކުރައްވައިފައެވެ. އޭނާއަށް ވަނީ ދިވެހިބަހަށް ޚިދުމަތްކުރުމާއި ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ހިތްވަރުދިނުމުގެ ޤައުމީ އިނާމާއި ޝަރަފުވެރިކަމުގެ އިނާމު ވެސް ލިބިވަޑައިގެންފައެވެ.

Advertisement

ކޮމެންޓް