Advertisement

ޤައުމީ ދުވަސް މިއަދު - ގައުމިއްޔަތަކީ ކޮބާ؟

04 Sep 2024 | 00:10
ޤައުމީ ދުވަހުގެ ރަސްމީއްޔާތަށް ތައްޔާރުވެގެން ތިބި ކުދީންކޮޅެއް

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

މިއަދަކީ ދިވެހިރާއްޖޭގެ ފަޚުރުވެރި އަދި އުފާވެރި ޤައުމީ ދުވަހެވެ. "ޤައުމީ ދުވަސް"ކަމުގައި ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ދުވަހެވެ. މިހާރު ދިވެހިރާއްޖޭގެ ޤައުމީ ދުވަހަކީ ކޮންމެ އަހަރެއްގެ ރަބީއުލްއައްވަލް މަހުގެ ފުރަތަމަ ދުވަހެވެ. މި ދުވަސް ފާހަގަކުރަނީ ދިވެހިރާއްޖެ ޕޯޗްގީޒުންގެ އަތްދަށުގައި އޮތް 15 އަހަރާއި 6 މަސް ދުވަހުގެ ދިގު އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތްކުރެއްވުމަށް ޓަކައި އައްސުލްޠާން މުޙައްމަދު ތަކުރުފާނުލްއައުޒަމް (ބޮޑުތަކުރުފާނު) ކުރެއްވި އަގުހުރި ޖިހާދުގެ ކާމިޔާބީގެ ޒިކުރާ އާކުރުމުގެ ގޮތުންނެވެ. ޤައުމީ ޙަޔާތުގައި ޤައުމަށް ލިބުނު އެންމެ މަތިވެރި އަރުތައަކީ އެއީކަމަށް ދިވެހީން ދެކޭތީއެވެ. ޤައުމީ ދުވަހުގެ ވާހަކަ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވަނީ އެދުވަހުގެ މުހިންމުކަމުންނެވެ. އާދޭހެވެ! ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ މިނިވަންވީ 981ވަނަ އަހަރު ރަބީޢުލްއައްވަލު މަހުގެ ފުރަތަމަ ވިލޭރޭގައެވެ.

ޤައުމީ ދުވަހުގެ އުފާވެރި މި މުނާސަބަތުގައި ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށާއި ދިވެހި ދައުލަތުގެ އެންމެ މަތީވެރިޔާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުޢިއްޒުގެ އަރިހަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސަށާއި އުއްތަމަފަނޑިޔާރުގެ އަރިހަށް ތަހުނިޔާއާއި ހެޔޮ އެދުންތައް ފޮނުވަމެވެ. އަދި މި ތަހުނިޔާއާއި ހެޔޮ އެދުމުގައި ކުރީގެ ރައީސުން ވެސް ޝާމިލުކުރަމެވެ. އަދި ދެމި އޮތުމުގެ ޢާލަމަށް ދަތުރުފުޅުކުރައްވައިފައިވާ ރައީސުންނަށް ފުއްސަވައި ރުއްސަވައި ރަޙުމަތްލެއްވުން އެދި ދުޢާކުރަމެވެ.

ޤައުމީ ދުވަހުގެ ތާރީޚަށް ނަޒަރެއް ދޭ އިރު، ދިވެހީންގެ ޤައުމީ ދުވަހެއް ފުރަތަމަ ފާހަގަކުރީ 1365 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ ފުރަތަމަ ދުވަހުއެވެ. އެއީ 1946 ފެބުރުވަރީ 4ގައެވެ. އޭގެ ކުރީން ޤައުމީ ދުވަހުގެ ނަން ލިބިގެން ވަކި ދުވަހެއް ދިވެހީން ފާހަގަކުރިކަމެއް އެނގޭކަށް ނެތެވެ. ނަމަވެސް އޭގެ ފަހުން ޤައުމީ ދުވަސް އެކި ދައުރުގައި އެކި ގޮތްގޮތަށް ރާއްޖޭގައި ފާހަގަކުރަމުން އައިސްފައިވެއެވެ. މިހެން މި ދެންނެވީ "ޤައުމީ ދުވަސް" މި ނަމުގެ ބަދަލުގައި ރަބީޢުލްއައްވަލު ފުރަތަމަ ދުވަހަކީ "ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްވީކަމުގެ ހަނދާން" މި ނަމުގައި ފާހަގަކުރާ ދުވަހެއްކަމުގައި ދައުލަތުން ހަމަޖެއްސެވި ދުވަސްވަރެއް ވެސް ތާރީޚު ދެކެފައިވާތީއެވެ. ފަހުން، ޤައުމީ ދުވަސް ހަމަޖެހުނީ ސިޔާސީ ގޮތުން ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނު ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެއްކަމުގައެވެ. އެހެންކަމުން އެ ދުވަސް ބަދަލުވެގެން ދިޔައީ ޖުލައި 26އަށެވެ. ހިޖުރީ ގޮތުން 1368ވަނަ އަހަރުން ފެށިގެން 1398ވަނަ އަހަރާ ހަމައަށް ރަބީޢުލްއައްވަލް މަހު ފުރަތަމަ ދުވަސް ފާހަގަކުރަމުން އައީ "ޕޯޗްގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްވި ދުވަހު"ގެ ގޮތުގައެވެ. މި ކަން މި ގޮތުގެ މަތީން ހަމަޖައްސަވައި އޭރުގެ ވަޒީރުލްއަޢުޒަމްގެ އޮފީހުން 21 ޖޫން 1966 ގައި ނެރުއްވި އިޢުލާނެއްގައި ވަނީ ކުރީގެ ޤައުމީ ދުވަސް (1 ރަބީޢުލްއައްވަލް)އަކީ، ރަސްމީ ބަންދު ދުވަހެއްކަމަށާއި، އެ ދުވަހު އޮންނާނީ ދީނީ ކަންތައްތައް ކުރުންކަމަށާއި، އެއީ، ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްވީކަމުގެ ހަނދާނުގައިކަމަށެވެ. އަދި ޤައުމީ ދުވަހުގެ ޖަލްސާތަކާއި، ޕްރޮގްރާމްތައް އޮންނާނީ (26 ޖުލައި) މިނިވަންދުވަހުގައިކަމަށާއި، އެއީ، އިނގިރޭސިންގެ އަތްދަށުން ރާއްޖެ ފުރިހަމައަށް މިނިވަންވީ ދުވަސްކަމަށެވެ. އަދި މިހެންކަމުން މިނިވަން ޤައުމީ ދުވަހުގެ ގޮތުގައި މީލާދީން 1966 ވަނަ އަހަރުން ފެށިގެން ފާހަގަކުރެވޭނީ ޖުލައި 26ވަނަ ދުވަހުކަމުގައި ވެސް މި އިޢުލާނުގައި ބަޔާންކުރައްވައިފައިވެއެވެ.

ޤައުމީ ދިދައަޚި ދިވެހި ޤައުމިއްޔަތުގެ އެންމެ މުހިންމު ރަމްޒެވެ. ދިދައަށް ޙުރުމަތްއަދާކުރާން ޖެހެއެވެ.<br>

މިހާ ހިސާބުން 1 ރަބީޢުލްއައްވަލް ފާހަގަކުރަމުން އައި ގޮތުގެ ޕްރޮގްރާމްތަކަށް ވެސް ބަދަލުތަކެއް ގެނެވުނެވެ. ދުވަސް ފާހަގަކުރުމުގެ ގޮތުން ހުކުރުމިސްކިތު ހަރުގޭގައި ޞަލަވާތް ކިޔެވުމާއި، ކޮންމެވެސް ބޭފުޅެއްގެ ވާހަކަފުޅުދެއްކެވުން ބޭއްވެމުން އައިސްފައިވެއެވެ. މި ގޮތުގައި ދުވަސްތަކެއް ވޭތުވުމަށްފަހު 1978ވަނަ އަހަރު ސަރުކާރުން އިޢުލާނުކުރެއްވީ މާޗް މަހުގެ 29ވަނަ ދުވަހަކީ ދިވެހިރާއްޖޭގެ "މިނިވަން ޤައުމީ ދުވަސް"ކަމުގައެވެ. ސަބަބަކީ މާޗް 29އަކީ އައްޑުއަތޮޅު ގަމުން އިނގިރޭސީން ފޭބި ދުވަސްކަމުގައިވާތީއެވެ. ވީމާ، އެ ދުވަހަކީ ސިޔާސީ ގޮތުން ފުރިހަމަ މިނިވަންކަން ލިބުނު ދުވަސްކަމުގައި އޭރުގެ ސަރުކާރަށް ފެނިވަޑައިގަތީއެވެ. ނަމަވެސް މި ދެންނެވި "މިނިވަން ޤައުމީ ދުވަސް" ފާހަގަކުރެވުނީ 1978 ވަނަ އަހަރު އެކަންޏެވެ. އެ އަހަރު ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު (ނ.ޣ.ޢ.ވ.)ގެ ވެރިކަން ނިމި، 1978ނޮވެމްބަރު 11ވަނަ ދުވަހު، އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމާ ޙަވާލުވެވަޑައިގަތުމަށް ފަހު، ސަރުކާރުގެ ސިޔާސަތަށާއި ޤާނޫނުތަކަށް ގެންނެވި ބަދަލުތަކުގެ ނަތީޖާއަކަށްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ބިލްތަކެއް ފާސްވީ އިރު، ދިވެހިރާއްޖޭގެ ޤާނޫނުގައި ކަނޑައެޅިގެން ބަޔާންވެގެންވާ ދެ ދުވަހުގެ ތެރެއިން އެއް ދުވަސްކަމުގައި ޤައުމީ ދުވަސް ހިމެނިފައިވުމެވެ. އެ ޤާނޫނުގައި ބުނަނީ "ދިވެހިރާއްޖޭގެ ޤައުމީ ދުވަހަކީ ރަބީޢުލްއައްވަލް 1ވަނަ ދުވަހެވެ. އަދި ދިވެހިރާއްޖޭގެ މިނިވަންދުވަހަކީ ޖުލައި މަހުގެ 26ވަނަ ދުވަހެވެ." އެހެން ކަމުން ދިވެހީންގެ ޤައުމީ ދުވަސްކަމުގައި ރަބީޢުލްއައްވަލު މަހުގެ ފުރަތަމަ ދުވަސް އަނެއްކާ ވެސް ހަމަޖެހުނީއެވެ.

ހިޖުރައިން 1400ވަނަ އަހަރުން ފެށިގެން ޤައުމީ ދުވަސް ފާހަގަކުރުމުގެ ކަންތައްތައް ބަލަހައްޓަވާ އޮފީހަކީ ދިވެހިބަހާއި ސަގާފަތަށް ޚިދުމަތްކުރާ ޤައުމީ މަޖްލިސް ކަމުގައި ދައުލަތުން ހަމަޖެއްސެވިއެވެ. މި މަޖުލީހުގެ ނަން އެކި ދުވަސްވަރު އެކި ގޮތްގޮތަށް ބަދަލުވަމުން އައިސްފައިވެއެވެ. މި ގޮތަށް 18 ވަރަކަށް އަހަރު ވޭތުވުމަށް ފަހު، 1998 ޖެނުއަރީ 1 ވަނަ ދުވަހު އަމަލުކުރާން ފެށި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 9ވަނަ މާއްދާގައި "ދިވެހިރާއްޖޭގެ ޤައުމީ ދުވަސް" ކަނޑައެޅިގެން ބަޔާންކުރައްވައި، ޤާނޫނުއަސާސީގައި ހަމައެކަނި ނަންގަނެވިގެންވާ ދުވަހަކީ އެއީ ކަމުގައި ކަނޑައެޅިއްޖެއެވެ. އެ ދުވަހަކީ ރަބީޢުލްއައްވަލް މަހުގެ ފުރަތަމަ ދުވަހެވެ. މި ނޫން މި ފަދަ އެހެން އެއްވެސް ދުވަހެއްގެ ވާހަކައެއް ޤާނޫނު އަސާސީގައި ބަޔާންކުރެވިގެންނެއް ނުވެއެވެ.

ކޮންމެއަކަސް ޤައުމީ ދުވަސް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގައި ކަނޑައެޅިގެން ބަޔާންވުމާއެކު، މި ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތު ވެސް ފުޅާވެ ފުރިހަމަވެގެން ދިޔައެވެ. އަދި 1998 ވަނަ އަހަރުން ފެށިގެން ޤައުމީ ދުވަސް ފާހަގަކުރުމުގެ އެންމެހައި ކަންތައްތައް ހަމަޖައްސަވާ އިދާރާއަކީ މިނިސްޓްރީ އޮފް ހޯމްއެފެއާޒް ކަމުގައި ސަރުކާރުން ވަނީ ހަމަޖައްސަވައިފައެވެ. އަދި އެ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ޤައުމީ ދުވަހަށް ވަކި ޚާއްޞަ ޝިޢާރެއް ކަނޑައެޅެމުން އައެވެ.

ޤައުމީ ދުވަހުގެ ރަސްމިއްޔާތު މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ފާހަގަކުރައްވާ ގޮތަށް ހަމަޖެއްސެވުމާ ގުޅިގެން މި ރަސްމިއްޔާތު ކޮންމެ ދެ އަހަރުން އެއް އަހަރު، ރާއްޖޭގެ ކޮންމެވެސް ދެ ރަށެއްގައި އަދި އަނެއް އަހަރު މާލޭގައި ބާއްވާގޮތަށްވެސް ސަރުކާރުން ހަމަޖެއްސެވިއެވެ.

2023 ވަނަ އަހަރު ސަރުކާރުގެ ވުޒާރާތަކަށް އައި ބަދަލާއެކު، ދިވެހިރާއްޖޭގައި ޤައުމީ ހުރިހައި މުނާސަބަތުތަކެއް ފާހަގަކުރުމުގެ ހުރިހައި އިޙުތިފާލުތަކެއް ހިންގައި ބަލަހައްޓަވާ ވުޒާރާއަކީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާކަމުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވިއެވެ. އެހެންކަމުން މި އަހަރުން ފެށިގެން ޤައުމީ ދުވަސް ފާހަގަކުރެއްވުމުގެ އެންމެހައި ޙަރަކާތްތައް ހިންގަވާނީ އެ ވުޒާރާއިންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުޢިއްޒު، ދިވެހި ޤައުމާ މުޚާޠަބުކުރައްވަނީ (ފައިލް ފޮޓޯ/ ރައީސް އޮފީސް)<br>

މިހާ ހިސާބުން ދެން، ޤައުމަކީ ކޮބައިތޯ ބަލައިލަމާތޯއެވެ! "ޤައުމު" މި ނަމަކީ ދުނިޔޭގެ ބައްރު ނުވަތަ ބިމާއި ކަނޑު ހިމެނޭ ގޮތުން މުޅި ދުނިޔެ، ޖުޣުރާފީ ގޮތުން ބެހިފައިވާ ބައިތަކަށް ވެސް ކިޔާ އާންމު ނަމެކެވެ. އަދި ކަރަކަރައާއި ވިލާތްވިލާތާއި ރާއްޖެރާއްޖޭގެ މާނައިގައި ވެސް "ޤައުމު" ބޭނުންކޮށްފައި ހުރެއެވެ. ދިވެހިރާއްޖޭގެ މާނައިގައި "ދިވެހި ޤައުމޭ" ވެސް ބުނެ އުޅެނީ މި އުޞޫލުންނެވެ. "ޤައުމު"ގެ ފުރިހަމަ މާނައަކީ ކުރީން ދެންނެވި ފަދައިން ބެހިފައި ހުންނަ ބައިތައް ސިޔާސީ ގޮތުންނާއި ސިޔާދަތީ ގޮތުން ވަކިވެ، މިނިވަންކަމާއި އެކު، އެ ސަރަހައްދެއްގެ އަމިއްލަ ވެރިކަމެއް ހިންގުމުގެ ބާރާއި ސަރަހައްދަކާއި އެ ތަނެއްގެ ކަންކަން އެ ތަނަކުން ހަމަޖެއްސޭނެ ގޮތްތަކަށް ފަހިވެފައިވާ، އަދި އެ ތަންތަނުގައި ވަކި ސަރުކާރެއް އުފެއްދި ވަކި އިޤްތިޞާދެއް އޮވެ، އެއް ކަހަލަ އުޞޫލުތަކެއް ބަލައިގަންނަ މީސްތަކުންނޭ ދެންނެވިދާނެއެވެ. މިއީ "ޤައުމު"ގެ ފުރިހަމަ މާނައޭ މި ދެންނެވީ "ޤައުމު" މި ލަފުޒުގެ މުޅި މަފުހޫމު، މި ތަޢުރީފުގައި ހިމެނިފައިވާތީއެވެ. ޤައުމުގެ ތަޢާރުފު، ތަފާތު ޢިބާރާތްތަކުން ތަފާތު ބޭފުޅުން ބަޔާންކޮށްފައި ހުރެއެވެ. އެ ހުރިހާ ތަޢުރީފުތަކެއްގެ މަފުހޫމު މި ދަންނަވައިލެވުނީއެވެ. އެންމެ ފުރިހަމަ މާނައެއް އެކަކަށް ވެސް އޮޅުންފިލުވައިދެވޭނެހެނެއް ހިޔެއްނުވެއެވެ. އަޅުގަނޑުގެ ޤާބިލުކަން ހުރި މިންވަރުން ދަންނަވައިލެވޭނީ މި މިންވަރަށެވެ. ނަމަވެސް ހަނދުމަފުޅު ބަހައްޓަވާން ވީ ކަމަކީ ޤައުމުގެ މާނައަކީ މުޠުލަޤަށް "މީހުން"ނޭ ބުނެވޭ ނަމަ، އެއީ ރަނގަޅު ބުނުމެއްކަމަކަށް ނުވާނެއެވެ.

ދެން އޮތީ ޤައުމިއްޔަތެވެ. އެ މީހަކު ނިސްބަތްވާ ޤައުމަކީ އެ މީހެއްގެ ޤައުމިއްޔަތެވެ. އެ މީހެއްގެ ޤައުމާމެދު އެ މީހެއްގެ ހިތުގައި އޮންނަ ފަޚުރާއި އެ އިޙުސާސަކީ ވެސް ޤައުމިއްޔަތެވެ. އަދި އެ މީހެއްގެ ކިބައިގައި ނުވަތަ އެ ތަނެއްގައި އޮންނަ ޤައުމީވަންތަ ކަމަކީ ވެސް ޤައުމިއްޔަތެވެ. "ވަންތަކަމޭ" މި ދެންނެވީ ކުރީން ދަންނަވައިލެވުނު ސިފަތައް ލިބިގެންވާ ލިބިގެންވުމަށެވެ. ވީމާ ކުރީން ދަންނަވައިލެވުނު ސިފަތަކަކީ އަޅުގަނޑުމެންގެ ޤައުމިއްޔަތުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. މިސާލަކަށް އަޅުގަނޑުމެން ޤަބޫލުކުރާ ޢަޤީދާ (މާތްވެގެންވާ އިސްލާމް ދީން)އާއި އަޅުގަނޑުމެންގެ މާދަރީ ބަސްކަމުގައިވާ ދިވެހިބަހާއި ސަގާފަތާއި އާދަކާދަތައް ހިމެނެނީ އަޅުގަނޑުމެން އެންމެން ޤަބޫލުކުރާ އުޞޫލުތަކަށެވެ. އަޅުގަނޑުމެންގެ ޤައުމުގެ އަމިއްލަވަންތަކަމާއި މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލާއި މި ހުރިހާ ކަމެއް ހިމެނޭނީ ޤައުމިއްޔަތުގެ ތެރޭގައެވެ. މިއަދުގެ ދުނިޔޭގައި، އިސްލާމް ދީނާ ޚިލާފުނުވާ ގޮތުގެ މަތީން ބަލައިގަނެވޭ ދީމުޤްރާޠީ އުޞޫލުތަކާއި އިންސާނީ ޙައްޤުތައް ވެސް ހިމެނޭނީ ޤައުމިއްޔަތުގެ ތެރޭގައެވެ. އެހެންކަމުން ޤައުމާ ބެހޭ އެންމެހާ ޝަރަފެއް، އެންމެހާ ޢުންޞުރުތަކެއް ޤައުމިއްޔަތުގެ ތެރޭގައި ހިމެނޭނެއެވެ.

ގައުމީ ދުވަހެއް، ގައުމުގެ ދުވަހެއް، އޮންނާނީ ގައުމެއް އޮވެގެންނެވެ. ގައުމުގެ ސިޔާދަތާއި މިނިވަންކަން އޮވެގެންނެވެ. ގައުމަކީ އަމިއްލަ އިޚްތިޔާރަކާއި ބާރެއް އޮތް ގައުމަކަށް ވެގެންނެވެ. ގައުމުގެ މީހުނަންކީ އެމީހުންގެ ކަންކަން އެ މީހުންނަށް ކަނޑައަޅައި ނިންމުމުގެ ކުޅަދާނަކަމާއި އެކަށޭނަކަމާއި ބާރާއި އިޚުތިޔާރު ލިބިގެންވާ ބަޔަކަށް ވެގެންނެވެ. މިފަދަ ކަންކަން ލިބިފައި ނެތް ބަޔަކަށް ގައުމީ ދުވަހެއް ފާހަގަކުރާކަށް ނުޖެހޭނެއެވެ. ނުވެސް ކުރެވޭނެއެވެ.

އަޅުގަނޑުމެންގެ ޤައުމިއްޔަތު ޙިމާޔަތްކުރުމުގެ ޢަޒުމު އާކުރުމަކީ ވެރީންނާއި ރައްޔިތުންގެ މައްޗަށް، އަޅުގަނޑުމެން އެންމެންގެ މައްޗަށް، އޮތް ޤައުމީ ވާޖިބެހެވެ. ޤައުމީ ޝަރަފުކަމުގައިވާ އިސްލާމްދީން ޙިމާޔަތްކުރުމަކީ އަޅުގަނޑުމެން އެންމެންގެ މަސްއޫލިއްޔަތެކެވެ. ޤައުމިއްޔަތުގެ އެއް ބަހާކަމުގައިވާ ދިވެހިބަހާއި ދިވެހީންގެ ރީތި ސަގާފަތް ދިރުވައި އާލާކުރުމަކީ އަޅުގަނޑުމެން އެންމެންގެ ޒިންމާއެކެވެ. ނަމަވެސް މިއަދުގެ އެންމެ ޅަ ޖީލުގެ މުޢާމަލާތުގެ އަޑު އިވޭ ކޮންމެ ފަހަރަކު ދިވެހިބަހުގެ ކުރިމަގާ މެދު ސުވާލު އުފެދެއެވެ. ކަމާ ބެހޭ ފަރާތްތަކުން ވަރަށް ބުރަ ޤައުމީ މަސައްކަތްތަކެއް ނުކުރެވިއްޖެ ނަމަ މީގެ ބައި ޤަރުނެއްގެ ފަހުން ދިވެހިބަސް ދިވެހިރާއްޖޭގައި ދެވަނަ ބަހެއް މަގާމަށް ދަށަށް ވެއްޓުމަކީ އެކަށީގެން ނުވާ ކަމެއް ނޫނެވެ. ނަމަވެސް ވިސްނާން ޖެހޭ ވަރަށް މި ކަމާ މެދު ސީރިއަސްކަމާ އެކު، ގައުމީ ފެންވަރެއްގައި ވިސްނައިވަޑައިގަންނަވާން ޖެހޭ މިންވަރަށް ވިސްނައި ވަޑައިގަންނަވާކަން ދޭހަވާ މަންޒަރެއް ހަމަ ގައިމު ވެސް މުޖުތަމަޢަކުންނެއް ނުފެނެއެވެ.

އަޅުގަނޑުގެ އިޚުލާޞްތެރިކަމާއެކު މިއަދު މި އުންމީދުކުރަނީ ދިވެހި ޤައުމިއްޔަތުގެ އެންމެ މުހިންމު ބަހާކަމުގައިވާ ދިވެހިބަހާ މެދު ކަމާ ބެހޭ ފަރާތްތަކުން ޚާއްޞަ ސަމާލުކަމެއް ދެއްވާނެކަމަށެވެ. އެހެނީ ދިވެހިބަހަށް ލިބޭ ކޮންމެ ހީނަރުކަމަކީ ދިވެހި ޤައުމިއްޔަތަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެކެވެ.

"އަހުރެންގެ މޭ ޤައުމަށްޓަކައި އަށްޑަނައަކަށް ދިއްކޮށްލުމީ، ފަހު ނޭވައަށް ދަންދެން މޮޓޯކަމުގައި" ހެދުމުގެ ޢަޒުމު އާކުރާން މިއަދަކީ އެންމެ އެކަށީގެންވާ ދުވަހެވެ. މި ލޮބުވެތި ދިވެހި ޤައުމު ޤިޔާމަތާ ހަމައަށް އިސްލާމީ ހިދާޔަތުގައި މިނިވަންކަން މަތީގައި ލެހެއްޓެވުމަކީ އަޅުގަނޑުގެ އިޚުލާޞްތެރި ދުޢާއެވެ.

އެޑިޓަރުގެ ނޯޓް
އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރަކީ މަޝްހޫރު ލިޔުންތެރިއެކެވެ. ބަސްވާރެކެވެ. އޭނާ ވަނީ ބަހުގެ ދާއިރާއިންނާއި ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން މަތީތަޢުލީމު ޙާޞިލުކުރައްވައިފައެވެ. މީގެ އިތުރަށް އޭނާ ވަނީ ކިޔަވައިދެއްވުމާއި އިސްކޫލުތައް ހިންގުމުގެ ދާއިރާގައި ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވައި ތަޖުރިބާ ޙާޞިލުކުރައްވައިފައެވެ. އޭނާއަށް ވަނީ ދިވެހިބަހަށް ޚިދުމަތްކުރުމާއި ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ހިތްވަރުދިނުމުގެ ޤައުމީ އިނާމާއި ޝަރަފުވެރިކަމުގެ އިނާމު ވެސް ލިބިވަޑައިގެންފައެވެ.

Advertisement

ކޮމެންޓް