Advertisement

ބިދޭސީ ދިވެހި – ބަހަށް ލިބޭ ކުރިއެރުމެއް؟

03 Sep 2024 | 00:52
ބިދޭސީންތަކެއް ޖުމުހޫރީ ޕާކުގައި

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ކޮންމެ ޤައުމެއްގައި ވެސް އެ ޤައުމެއްގެ ދޭސީން ވާހަކަދައްކައި އުޅޭ މާދަރީބަހުން ބިދޭސީން ވާހަކަދައްކައި އުޅުމަކީ އެ ބަހަށް ލިބޭ ވަރަށް ބޮޑު ދިރުމެކެވެ. އެ ބަސް ގިނަ ގައުމުތަކަށް ފެތުރުމަކީ ބަހަށް ލިބޭނެ ވަރށް ބޮޑު ކުރިއެރުމެއްކަން ކަށަވަރެވެ. މި ނަޒަރުން ބަލާ އިރު، ދިވެހިބަހުން އެހެން ގައުމުތަކުގެ ބިދޭސީން ވާހަކަދެއްކުމަކީ ދިވެހިބަސް އެކި ގައުމުތަކަށް ފުޅާވުމަށް ލިބޭ ބާރަކަށް ވާނެއެވެ. އަދި އެއީ ދިވެހިބަސް ދުނިޔޭގެ އެހެން ގައުމުތަކަށް ފެތުރޭނެ ފުރުޞަތަކަށް ވެސް ވާނެއެވެ. އެހެންނަމަވެސް މި ކަމަކީ ބަހަށް އޮތް ފައްސި އަދި ހެޔޮ ފުރުޞަތަކަށް ވާނީ ދިވެހިބަސް ހެޔޮ ގޮތުގައި ދަސްކޮށް ދިވެހިބަހުން ހެޔޮކޮށް ވާހަކަދައްކާން ދަންނަ ބިދޭސީން އިތުރުވާ ނަމައެވެ.

ދިވެހިރާއްޖޭގައި ކަން ހިނގާ ގޮތަށް ބަލާއިރު، ބިދޭސީންގެ ވާހަކަދެއްކުމަކީ މުޅީން އެހެން ބަހުރުވައަކަށް ވަނީ ވެފައެވެ. މި ގޮތް ދިމާވަނީ ބިދޭސީން ދިވެހިބަސް ދަސްކުރަމުން އަންނަ ދުވަސްވަރު، ފުރަތަމަ މަރުޙަލާގައި، އެ މީހުން ބޭނުންކުރާ ކުށް ލަފުޒުތަކާއި ގަވާއިދުގެ ގޮތުން ހަމަ ނުޖެހޭ ޖުމުލަތައް، ދިވެހީން ބޭނުންކުރާން ފަށައި އެ ގޮތަށް ޢަމަލުކުރަމުން ގެންދާތީއެވެ. ނަތީޖާއަކަށް ވަނީ ދިވެހި-ބިދޭސީ އާ ބަހުރުވައެއް އުފެދި އާންމުވުމެވެ.

ދިވެހީން މި ގޮތަށް ކަންތައް ކުރަނީ ނުރަނގަޅު މަގުސަދެއްގައެއް ނޫނެވެ. އެ ގޮތަށް ބިދޭސީން ވާހަކަދައްކާ ގޮތަށް ދިވެހީން ވާހަކަދައްކަނީ ބިދޭސީންނަށް ފަހުމުކޮށްދޭންކަމަށް ބެލެވެއެވެ. މުވާޞަލާތުގެ ފަސޭހައަކަށް ޓަކައެވެ. ނަމަވެސް އެހެން ހެދުމުން އޭގެ ނަތީޖާއަކަށް ވަނީ ބިދޭސީންނަށް ދިވެހިބަހުން ރަނގަޅަށް ވާހަކަދައްކާން ދަސްކުރުމުގެ ފުރުޞަތު ކުޑަވުމެވެ. ނުވަތަ ޢަމުދުން އެ ފުރުޞަތު ނުލިބުމެވެ. މިހެން ހަދައިގެން އެ މީހުންނަށް ފަހުމުވާ މިންވަރު އިތުރެއް ވެސް ނުވާނެއެވެ.

ބިދޭސީންނަށް ފަހުމުވާން ފަސޭހަވާނީ އެ މީހުން ބޭނުންކުރާ ކުށް ލަފުޒުތަކާއި ކުށް ޢިބާރާތްތައް ބޭނުންކޮށްގެންކަމަށް ހީކުރިޔަސް ހަގީގަތުގައި އެ މީހުންނަށް ވެސް ރަނގަޅަށް ދޭހަވެ ފަހުމުވާނީ ދިވެހިބަހުން ހެޔޮކޮށް މުޢާމަލާތުކޮށްގެންނެވެ. އެ މީހުންނަށް ރީތިކޮށް އަވަހަށް ދިވެހިބަހުން ވާހަކަދައްކާން ދަސްވާނީ އެ މީހުން ބޭނުންކުރާ ކުށް ލަފުޒުތައް ރަނގަޅުކޮށްދީގެންނެވެ. ޖުމުލައިގައި ލަފުޒު ބޭނުންކުރާ ގޮތް ރަނގަޅު ނޫންނަމަ ރަނގަޅު ގޮތް ބުނެދީގެންނެވެ. އެންމެ ކުޑަ މިނުން އެ މީހުންނާ ހެޔޮކޮށް ވާހަކަދައްކައިގެންނެވެ. ހެޔޮކޮށް ވާހަކަދައްކާން ދަސްކޮށްދޭން އެންމެ ފަސޭހަ ގޮތަކީ ވެސް އެއީއެވެ. ޢާންމު މުޢާމަލާތްތަކުގައި ނުބައިކޮށް ލަފުޒެއް ބޭނުންކުރާ އަޑު އިވިއްޖެ ނަމަ، ރަނގަޅު ގޮތް ބުނެދިނުމަކީ އެ ބިދޭސީންނަށް ލިބޭ ކުރިއެރުމަކަށް ވާނެއެވެ. އަދި އެ ފަދަ މީހުންނާ މުޚާޠަބުކޮށް އަޅުގަނޑުމެން ދައްކާ ވާހަކައަކީ ދިވެހިބަހުގެ ހަމަތަކާ އެއް ގޮތަށް ނުވަތަ އަޅުގަނޑުމެން ދިވެހީން ވާހަކަދައްކައި އުޅޭ ގޮތަށް ދައްކާ ވާހަކައަކަށް ވެއްޖެ ނަމަ، ރަނގަޅަށް ހެޔޮކޮށް ވާހަކަދައްކާން ދަސްކުރާން އެބައި މީހުންނަށް ފަސޭހަވާނެއެވެ. ރަނގަޅު ގޮތެއްކަމަށް ހީކޮށް ބިދޭސީން ވާހަކަދައްކާ "ހެދި ދިވެހިބަހުން" އަޅުގަނޑުމެން ވާހަކަދައްކާ ނަމަ، އެއީ އެ ކަމުގެ ސަބަބުން ދިވެހިބަހަށް ނޭދެވޭ އަސަރު ފޯރާނެކަމެކެވެ.

ބޭރު ގައުމުތަކަށް އަޅުގަނޑުމެން ގޮސް އުޅޭ އިރު އަޅުގަނޑުމެން އެ ގައުމެއްގެ ބަހުން ގޯސްކޮށް ޖުމުލައެއް ބޭނުންކޮށްފި ނަމަ، އެ ތަންތާގެ މީހުން އެ ގޮތަކަށް ވާހަކައްކައެއް ނޫޅޭއެވެ. އެ މީހުން ރަނގަޅު ގޮތް ބުނެދެނީއެވެ. ނުވަތަ އެ މީހުން ހަމަ ވާހަކަދައްކާނީ އެ މީހުން ލަފުޒުތަކާއި ޖުމުލަތައް ބޭނުންކުރާ ގޮތަށް ރަނގަޅަށެވެ. އެހެން ހެދުމުން އަޅުގަނޑުމެންނަށް އެ ބަހެއް ދަސްކުރާން ފަސޭހަވެއެވެ. ރަނގަޅު ގޮތް އެނގެއެވެ. އެއީ އެ ބަހެއް ދަސްކުރާން އަޅުގަނޑުމެންނަށް ލިބޭ ބާރަކަށް ވެއެވެ.

އެހެން ގައުމުތަކަށް ގޮސް އުޅޭ ބިދޭސީން އެ ތަންތަނުން ވަޒީފާ ހޯދާ ނަމަ، އެ ގައުމެއްގެ ބަސް، އަސާސީ މިންވަރަކަށް ދަސްކުރާން ޖެހޭ ގަވާއިދެއް ވެސް ބައެއް ގައުމުތަކުގައި ހަދައިފައި  ހުރެއެވެ. އަދި އެ ފަދަ ގައުމެއްގެ ޔުނިވަރުސިޓީއެއްގައި ތަޢުލީމު ޙާޞިލުކުރާ ނަމަ، އެ ގައުމުގެ ބަސް ވަކި މާއްދާއެއްގައި ކިޔެވުން ލާޒިމުކޮށްފައި ހުރެއެވެ. ނަމަވެސް ދިވެހިރާއްޖޭގައި އެ ކަން އެ ގޮތަށް އަދި ތަރުތީބުކުރެވިފައެއް ނެތެވެ. އެހެންވީމާ، ބިދޭސީންނަށް ހެޔޮކޮށް ދިވެހިބަސް އުނގަންނައިދިނުމުގެ ޒިންމާ މި އޮތީ އަޅުގަނޑުމެން ރައްޔިތުންގެ ކިބައިގައެވެ. ކޮންމެ މީހަކީ ވެސް މި ކަމުގައި މަސްއޫލިއްޔަތެއް އޮތް މީހެކެވެ. އެ މީހެއްގެ ދަށުގައި ވަޒީފާ އަދާކުރާ ބިދޭސީ މުވައްޒަފުންނާ ހެޔޮކޮށް ވާހަކަދެއްކުމަކީ ހަގީގަތުގައި އެ ބިދޭސީންނަށް ވެސް އެންމެ ރަނގަޅު ގޮތަށް ވާނެއެވެ. އަދި އެ މީހަކާ އެކީގައި އެއް ތަނެއްގައި ވަޒީފާ އަދާކުރާ ބިދޭސީން ނުބައިކޮށް ލަފުޒުތަކާއި ޖުމުލަތައް ބޭނުންކުރާ ދަނޑިވަޅުގައި އޯގާތެރިކަމާއި އެހީތެރިކަމާއެކު ރަނގަޅު ގޮތް ބުނެދިނުމަކީ އެ ބިދޭސީ މުވައްޒަފަށް ވެސް ވެދެވޭ ވަރަށް މަތިވެރި އެހީތެރިކަމަކަށްވާނެއެވެ. އަދި އެއީ ނޭނގި ތިބެ ނަމަވެސް އަޅުގަނޑުމެންގެ ލޮބުވެތި ދިވެހިބަހަށް ކުރެވޭ ވަރަށް މަތިވެރި ޚިދުމަތަކަށް ވެސް ވާނެއެވެ.

ބިދޭސީން ލިޔާ ލިޔުންތަކާއި ދައްކާ ވާހަކަތަކުގެ ޕޯސްޓަރުތަކާއި ވީޑިއޯތައް ހަދައި، އެ ކަން އެއީ މަޖަލަކަށް ހަދައިގެން މީސްމީޑިއާގައި އާންމުކުރުމަކީ ފަހަރެއްގައި ވެސް އެއިން ފައިދާއެއް ލިބޭނެ ޚިދުމަތަކަށް ނުވާނެއެވެ. އޭގެ ބަދަލުގައި އެ ބަޔަކާ ގުޅުން ހުރި ދިވެހީން، ދިވެހި ރައްޔިތުން، އެ މީހުންނާ މުޢާމަލާތުކޮށްގެން އެ ކަންކަން ރަނގަޅުކުރާން މަސައްކަތްކޮށްފި ނަމަ، އެއީ ހީ ވެސް ނުކުރާ ވަރުގެ ޚިދުމަތެއް ދިވެހިބަހަށް ކުރެވުނީއެވެ. އަދި އެއީ އެ ކަމުގެ ސަބަބުން ދިވެހިބަހަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް ވާނޭކަން ވެސް ކަށަވަރެވެ.

         "ޚިދުމަތް ބަހަށް ކުރުން މީ، ދެ އަޚެއް ވާޖިބެއް ނޫން

                                އެދުނަސް ދެ މީހަކަށް މީ، ކުރެވޭ ވަރުގެ ކަމެއް ނޫން"

____________________________________________

Advertisement

ކޮމެންޓް