Advertisement

އިސްކޫލުތައް އެއަރކޮންޑިޝަންކުރުން – ކުތުބުޚާނާތައް ތަރައްގީކުރުން: އިސްކަން ދޭންވީ ކޮން ކަމަކަށް؟

03 Sep 2024 | 00:39
އެއަރކޯނ ކޮށްފައިވާ ލައިބްރަރީއެއް

އަބާ މުޙަންމަދު

ރާއްޖޭގެ ހުރިހައި މިސްކިތްތަކެއް އެއަރކޮންޑިޝަން (އޭސީ) ކުރައްވައި ފަސް އަހަރުން ނިންމަވާނެކަމަށް އެއް ދުވަސްވަރެއްގައި ސަރުކާރަކުން ވިދާޅުވިއެވެ. އެ ސަރުކާރުގެ ފަސް އަހަރުގެ ދައުރު ނިމުނުއިރު އެ ކަން ހާސިލުކުރައްވާން މަސައްކަތްކުރެއްވި ތަނެއް ނުފެނުނެވެ. އެ ވީ ހުސް ވާހަކައަށެވެ. މިހާރު މި އަޑު އިވެނީ ހުރިހައި އިސްކޫލުތަކެއް އޭސީކުރައްވާނެ ވާހަކައެވެ.

އަޑުއަހައިލާން ފަސޭހަ ހިތްގައިމު ވާހަކައެކެވެ. ރައްޔިތުންނަށް، ޚާއްޞަކޮށް ބެލެނިވެރީންނާއި ދަރިވަރުންނާއި މުދައްރިސުންނަށް، އުފާވެރި ޚަބަރަކަށް ވާނެއެވެ. ނަމަވެސް ކަންކަމާ މެދު ފުންކޮށް ވިސްނާ މީހުން މި ކަންކަމާ މެދު ބުނަނީ ކީކޭތޯ ބަލައިލަމާތޯއެވެ؟ މި ކަމާ ބެހޭ ގޮތުން ވަރަށް އިސް އިސްކޫލެއްގެ ޕްރިންސިޕަލަކާ ވާހަކަދައްކައިލުމުން ޖަވާބުދެއްވީ ވަރަށް ކުރު ސުވާލަކުންނެވެ. އިސްކޫލުތަކުގައި ފުރިހަމަނުވެ އޮތް ކަމަކީ އެއީހެއްޔެވެ؟

ތެދެކެވެ. ރާއްޖޭގެ ކުތުބުޚާނާތަކުގެ 75 އިންސައްތައަކީ އިސްކޫލުތަކުގެ ކުތުބުޚާނާތައްކަމަށް ވީ ނަމަ ވެސް، އިސްކޫލުތަކުގެ ކުތުބުޚާނާތަކަށް އެތައް ދަހަރެއް ވެފައިވާ އިރު އެ ތަންތަނަށް އައީ ކޮން ކުރިއެރުމެއްތޯއެވެ! ފޮތް ގަންނާން ބަޖެޓުކުރެވެނީ ކިތައް ރުފިޔާތޯއެވެ؟

މި ކަމާ، އެހެން އިސްކޫލެއްގެ އެހެން ޕްރިންސިޕަލަކާ ވާހަކަދައްކައިލުމުން އަޅުގަނޑާ ކުރެއްވީ މުޅިން އެހެން ބާވަތެއްގެ ސުވާލުތަކެކެވެ. އެއަރކޯން ކިލާސްތަކުގައި ކިޔެވުމަށް ފަހު، އެ ކުދީން ގޮސް ވަންނާނީ ކޮން ކަހަލަ ގެޔަކަށް، ކޮން ކަހަލަ ކޮޓަރިއަކަށްތޯއެވެ؟ އަދި އިތުރަށް އޭނާ ސުވާލުކުރެއްވީ އެ ދަރިވަރުން ހިނގައިފައިދާނީ ކޮން ކަހަލަ މަގުތަކަކުންތޯއެވެ؟

ވަރަށް މަތީ އިސްކޫލެއްގެ ޑެޕިޔުޓީ ޕްރިންސިޕަލް ވެސް ދެއްކެވީ ހަމަ މި ފަދަ ވާހަކަފުޅުތަކެކެވެ.

މި ކަމާ ބެހޭ ގޮތުން ދެތިންހަތަރު ޕްރިންސިޕަލުންނާ މަޝްވަރާކޮށްލި އިރު ވެސް އިސްކޫލުތައް އެއަރކޯންކުރުމަށް ވުރެ މުހިންމު އެހެން ކަންކަން އެ އިސްކޫލުތަކުގައި ނުވެ ހުރިކަން ފާހަގަކުރެއްވިއެވެ. ގަސް އިންދައި، ވައި ދައުރުވާ ގޮތަށް ޢިމާރާތްކޮށް، ބޭނުންވާ ވަރަށް ކަރަންޓު ފަންކާ ހަރުކޮށްފައި ހުރެއްޖެ ނަމަ، ހޫނުވެގެން ދަރިވަރުންނަށް އުނދަގުލެއް ނުވާނެއެވެ.

ޒަރޫރީ ކަމަކަށް ބައްލަވައި ހުރިހާ އިސްކޫލެއްގައި އެއަރކޮންޑިޝަނަރ ހަރުކުރާން ތަޢުލީމީ ކަންތައްތަކާ ބެހޭ ވަޒީރު ނިންމެވި އިރު، ބައެއް އިސްކޫލުތަކުގައި ކުލަ ބާވެގެން ބެލެނިވެރީން އަތުން ޗަންދާ ނަގައިގެން ކުލަ ލައިފައި އެބަހުއްޓެވެ. ބެލެނިވެރީންގެ ޚަރަދުގައި ފަންކާ ގަނެފައި އެބަ ހުރިކަމަށް ވެއެވެ. އަދި ބައެއް އިސްކޫލުތަކުގައި ބެލެނިވެރީންގެ ޚަރަދުގައި އެއަރކޮންޑިޝަނަރ ހަރުކޮށްފައި ހުރިކަމަށް ވެއެވެ. އަދި ޔުނިފޯމު ބައެއް ހަރަކާތްތަކުގެ ޔުނިފޯމު ވެސް ހޯދަނީ ބެލެނިވެރީންގެ ޚަރަދުގައެވެ. އެހެންވީ އިރު، ހުރިހައި އިސްކޫލުތައް އެއަރކޯންކުރަނީ އެއީ އިސްކޫލުތަކުގެ ތަރައްގީއަށް އެންމެ މުހިންމު ކަމަކަށް ވާތީކަމަށް ގަބޫލެއް ނުކުރެވެއެވެ.

ދިވެހިރާއްޖެ އިގުތިސާދީ އަނދަވަޅަކަށް ވެއްޓެމުން ދަނިކޮށް، އެ ވަޅުގަނޑަށް ނުވެއްޓި ގައުމުގެ އިގުތިސާދު ސަލާމަތްކުރެއްވުމުގެ މަސައްކަތްޕުޅު ރައީސުލްޖުމްހޫރިއްޔާ ކުރައްވައިގެން އިގުތިސާދުގެ މިސްރާބު، ތަރައްގީއާއި ކުރިއެރުމާ ދިމާއަށް ބަދަލުކޮށްލެއްވީ މި ވޭތުވެ ދިޔަ އަށެއްކަ މަސްދުވަހުގެ ތެރޭގައެވެ. ކުރީ އަހަރުގެ އެ މުއްދަތުގައި އޭރުގެ ސަރުކާރުން ކުރެއްވި ޚަރަދަށް ވުރެ އެ މުއްދަތުގައި މި އަދުގެ ސަރުކާރުން ކުރެއްވި ޚަރަދު 1.8 ބިލިއަން ރުފިޔާއަށް ވުރެ މަދުކުރައްވައި، ލިބޭ އާމްދަނީ އިތުރުކުރައްވައިގެންނެވެ. މިއީ ރާއްޖޭގެ އިގުތިސާދީ ހާލަތު ރަނގަޅުކުރުމަށް ޓަކައި؛ ލިބޭ އާމްދަނީ އިތުރުކުރައްވައި ކުރެވޭ ޚަރަދު ކުޑަކުރެއްވުމުގެ ހެޔޮ ނަތީޖާއެވެ. އަދި ރާއްޖޭގެ އިގުތިސާދީ ސިޔާދަތު ޙިމާޔަތްކުރައްވާން ރައީސުލްޖުމްހޫރިއްޔާ ކުރައްވައިފައިވާ ތަދުބީރާއި، އެ ތަދުބީރުގައި މިހައި ތަނަށް ޙާޞިލުކުރެއްވިފައިވާ ކާމިޔާބީއާއި ކުރިއަށް ރާއްވަވައިފައި ހުރި ތަދުބީރުތައް މިއަހަރުގެ މިނިވަންދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހާމަކުރައްވައިފައެވެ. ރައްޔިތުންނަށް އުންމީދުތަކެއް ދެއްވި ތަގުރީރެކެވެ. އެއްދަން ހުސްވެ މެންދަމުން އަލިވެ ދިޔައިރު ވެސް ޝައުޤުވެރިކަމާއެކު އަޑުއަހާން ޓީވީ ދޮށުގައި ތިބެވުނީ އެ ތަޤުރީރުން އުންމީދުތަކެއް ލިބުނީތީއެވެ. ހުރިހައި މާނައެއްގައި މިނިވަންކަން ހޯއްދަވައިދެއްވުމުގައި އިޤުތިޞާދީ ސިޔާދަތު މުހިންމުކަން ހާމަކުރައްވަމުން، އިގުތިޞާދީ ސިޔާދަތު ޙިމާޔަތްކުރައްވާން ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކާއި ކުރިއަށް ރާއްވައިފައި ހުރި ކަންތައްތަކުން ރައްޔިތުންނަށް ލިބުނީ އުންމީދެވެ. ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރުދަންނަވަމެވެ. އެ މަނިކުފާނުގެ ޒަޢާމަތަށް ކާމިޔާބީއަށް އެދެމެވެ.

މި ފަދަ ފަހި ގޮތަކަށް ރާއްޖޭގެ އިގުތިސާދު މިސްރާބު ޖަހައިފައި ވަނިކޮށް ހަމައެކަނި މާއްދީ ތަރައްގީއަކަށް ޓަކައި (އިސްކޫލުތައް އެއަރކޯންކުރައްވާން) މިހައި ބޮޑު ޚަރަދެއް ކުރައްވާން ސަރުކާރުން ނިންމެވީ ކީއްވެގެންބާވައެވެ؟  އަޅުގަނޑުމެން ފަދަ އާދައިގެ މައްދިވެއްސެއްގެ ނަޒަރުން ވިސްނާ އިރު، މި ކަމަށް ޓަކައި މަދުވެގެން 10 ވަރަކަށް މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް އަންދާޒާކުރެވެއެވެ. އަދި މިއަށްވުރެ އެތައް ގުނައެއް މި ޚަރަދު ބޮޑުވުމަކީ އެންމެ އެކަށީގެންވާ ގޮތެވެ.

އަދި މި ވަރަކުން ފުދުނީކީ ނޫނެއްނޫންތޯއެވެ! ކަރަންޓު ބިލުގެ މަތީން ހަނދާންކޮށްލުމުން މި ކަމަށް ޚަރަދު ބޮޑުވެގެން އަންނާނެ މިންވަރު ހަމައެކަނި އޮތީ އަންދާޒާކޮށްލުމެވެ. އިގުތިސާދު ހަމަމަގަށް ދަތުރުކުރަމުން އަންނަނިކޮށް ރިކަރެންޓު ޚަރަދަށް މިހައި ބޮޑު ޢަދަދެއް އިތުރުވާ ގޮތަށް ތަޢުލީމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ނިންމެވީ ކީއްވެބާވައެވެ!

ޒަރޫރަތަކަށް ނުވާ، އަދި އެ ކަމަކުން ތަޢުލީމުދިނުމުގެ މަގުސަދަށް ސީދާ އަސަރެއް ނުފޯރާ ކަމެއްގައި މިހައި ބޮޑު ހޭދައެއް ދައުލަތުގެ ބަޖެޓުން މި ވަގުތު ކުރެއްވުމަކީ ދައުލަތުގެ އިގުތިސާދު ހަމަމަގަށް އަޅުވާން ރައީސުލްޖުމްހޫރިއްޔާ މަސައްކަތްކުރައްވާ މި ފަދަ ދުވަސްވަރެއްގައި އެ ސިޔާސަތާ ތަޢާރުޒުވާ ސިޔާސަތަކަށް ނުވޭބާވައެވެ. މިއީ ބެލެނިވެރީން ކުރައްވާ ކަމެއް ކަމަށް ވެސް އަޑުއިވުނެވެ. ނަމަވެސް ހުރިހައި އިސްކޫލެއްގެ ހުރިހައި ބެލެނިވެރީން ހަމަ އެހައި ތަނަވަސްހެއްޔެވެ؟ އަޅުގަނޑަކަށް ހިޔެއް ނުވެއެވެ.

ފަންކާއެއް ވެސް ހަރުކުރާން ނުލިބުނު ޒަމާނުގައި އިސްކޫލުތަކުން ކިޔަވައިގެން ނުކުތް ކުދީންގެ ކިބައިން ޢިލްމީ ޤާބިލުކަމާއި ރީތި ސުލޫކު ފެނުނެވެ. އެ މީހުންނަކީ ގޮތް ހުރި އުޅުންތެރި މީހުންކަން މުޖުތަމަޢަށް ސާބިތުކޮށްދިނެވެ. މިއަދު ހުޅަނގުގެ އަވާގައި ޖެހިގެން އަހަރެމެންގެ ދަރީން "ދުނިޔޭން އެއްވަނަ"އޭ ކިޔައިގެން ތިބޭ އިރު، އެ ކުދީންގެ ކިބައިން އެ ހުނަރާއި ޢިލްމީ ގާބިލުކަމާއި އެ ރީތި، ގޮތް ހުރި އުޅުންތެރިކަމާއި ސުލޫކާއި ރީތި އަޚުލާޤު ފެނޭތޯއެވެ؟ ނުވަތަ ނޫންތޯއެވެ؟ އަޅުގަނޑުގެ މި ސުވާލުގެ ޖަވާބަކީ "އާނއެކޭ" ނަމަ، އިސްކޫލުގެ ކިލާސްކޮޓަރި ކީއްކުރަންތޯ ގުދަނާއި ފާޚާނާތައް ވެސް އޭސީކުރާންވީއެވެ.

ނަމަވެސް ކުރީން އިސްކޫލުތަކުން ނިމުނު އަޅުގަނޑުމެންގެ މާމަމެން ކާފަމެންގެ ކިބައިން ފެނުނު، ގާބިލުކަމާއި ހުނަރާއި އަޚުލާގާއި ގޮތާއިފޮތާއި ސުލޫކު މިއަދު "ދުނިޔޭން އެއްވަނަ" ހޯދާ ދަރިވަރުންގެ ކިބައިން ނުފެނި، ތަޢުލީމަކީ ކޮލިޓީއަށް ބެލުމެއްނެތި ހަމައެކަނި ކުވާންޓިޓީ (އޭތަކާއި އޭ-ސްޓަރއާއި ޓޮޕްޓެން) ހޯދުން ނިޔަތަކަށް ވެފައި އޮންނަ އެއްޗެއް ނަމަ، އޭސީއަށާއި އެހެން ކަންކަމަށް ވެސް ހަމަ ތަޅައި ބުރުއްސާން ވީއެވެ.

ނަމަވެސް ތަޢުލީމުގެ ބޭނުމަކީ މުޖުތަމަޢަށް ބޭނުން ހިފޭ ގޮތަށް ވިސްނާން ދަސްކޮށދިނުމާއި އެ ދަސްވާ އެއްޗަކުން އުފެދޭ ޢިލްމު އެހެން ބަޔަކަށް ފޯރުކޮށްދޭން ދަސްކޮށްދިނުމާއެކު، އިންފިރާދީ، ޢާއިލީ، އިޖުތިމާޢީ އަދި ޥަޠަނީ ބޭނުންތަކަށް އިޖާބަދެވޭނެ، ހުނަރުވެރި ވިސްނުންތެރި، ގާބިލު، ފާޑުވެރި، ސުލޫކުހުރި، ޚުލްގު ރަނގަޅު ރައްޔިތަކު ބިނާކުރުންކަމަށް ވާ ނަމަ، ހަމަ ގައިމު ވެސް އަޅުގަނޑުގެ ނަޒަރުގައި އޭސީއަށް ކޮންމެ މަހަކު ހޭދަކުރާން ޖެހޭ ފައިސާއަކީ ހުރިހައި ކުތުބުޚާނާތަކެއް ތަރައްގީކޮށް އަދާހަމަކުރާން ބޭނުންކުރާ ފައިސާއަކަށް ހަދާން އެބަ ލާޒިމުކުރެއެވެ. އަދި ކުތުބުޚާނާގެ މުހިންމުކަން ދަރިވަރުންނަށް ވިސްނައިދީ، "ޚުޠުބުޚާނާ ގަޑި" އެ ނޫން ކަމަކަށް ގުރުބާންނުކުރުމަށް ދަރިވަރުންގެ އިތުރަށް މުދައްރިސުންނަށް ވެސް އެބަ ވިސްނައިދޭން އެބަ ޖެހެއެވެ.

ބައެއް މީހުންގެ ނަޒަރުގައި އިންޓަރނެޓްގެ މި ޒަމާނުގައި ފޮތްކިޔުމެއް މުހިންމެއް ނޫނެވެ. އަތުގައި އޮންނަ ފޯނުން ހުރިހައި އެއްޗެއް ލިބެއެވެ. ނަމަވެސް މިއީ ވަރަށް ބޮޑު ކުށް ހީއެކެވެ. ތަޢުލީމީ މުޖުތަމަޢެއް ބިނާކުރާން ބޭނުން ނަމަ، ކިޔުންތެރިކަމަށް ލޯބިކުރާ މުޖުތަމަޢެއް ބިނާކުރާން އެބަ ޖެހެއެވެ. މި ކަން ކުރެވޭނީ ޅަފަތުގައި ކިޔުންތެރިކަމަށް ދަރިވަރުން ހިތްޖައްސުވައިގެންނެވެ. މި ކަމަށް ޓަކައި އިސްކޫލުތަކުގެ ކުތުބުޚާނާތައް ފެންވަރު ރަނގަޅުކުރާން ޖެހެއެވެ. ނިޒާމީ ތަޢުލީމުގެ ތެރެއިން ކުތުބުޚާނާގައި ދަތިވަރުން ހޭދަކޮށް މަޢުލޫމާތު ހޯދާނެ ވަގުތުތަކެއް ކަނޑައެޅޭން ޖެހެއެވެ. ފޮތަކީ ދަރިވަރުންގެ އެކުވެރީންކަމުގައި ހަދާން އެބަ ޖެހެއެވެ. މި ކަން ކުރެވޭނީ ކުތުބުޚާނާތަކަށް ތަރައްގީ ގެނެސްގެންނެވެ. ކުތުބުޚާނާތައް މުއްސަނދިކޮށްގެންނެވެ. ކުތުބުޚާނާތަކަށް މިހާރު ވެފައިވާ އިހުމާލު ނައްތައިލެވިގެންނެވެ.

އިސްކޫލުތައް އޭސީކުރުމަކީ ރަނގަޅު ޚިދުމަތެކެވެ. ނަމަވެސް އެއީ މި ހިނދަށް ޒަރޫރަތެއްހެއްޔެވެ؟ އެއަށް ވުރެ މުހިންމުކަމެއް ނެތީހެއްޔެވެ! ކުތުބުޚާނާތަކަށް ފޮތެއް ގަނެލާނެ ފައިސާއެއް ނުލިބޭ އިރު.................................. އޭސީކުރުމަށް އިސްކަންދެވެނީ އެއީ ހަމައެކަނި މާއްދިއްޔަތަށް އިސްކަންދެވޭތީހެއްޔެވެ؟

އާދޭހެވެ! އިސްކޫލުތަކާއި މިސްކިތްތަކާއި ................................. މަގުތައް ވެސް އޭސީކުރާންވީއެވެ. ނަމަވެސް އޭގެ ކުރީން ކުރާންޖެހި ނުކުރެވި ހުރި ކަންކަމަށް ވެސް އިސްކަން ދޭން އެބަޖެހެއެވެ. ބެލެނިވެރީން އަތުން ޗަންދާ ނަގައިގެން ކުރާންޖެހޭ ޚަރަދުތައް ނުކޮށް އެއީ އިސްކޫލު ބަޖެޓުން ކުރާ ޚަރަދުތަކަކަށް ހެދިއްޖެ ނަމަ، ބެލެނިވެރީންނަށް ހަމަ ގައިމު ވެސް ލުޔެއް ލިބޭނެއެވެ. އިސްކޫލުތަކުގެ ކުލަލުމާއި ފަންކާ ހަރުކުރުމާއި އޭސީ ހަރުކުރުން ފަދަ ކަންކަން ބެލެނިވެރީންނާ ނުބައްސައި ކުރެވޭ ފަދަ އިންތިޒާމެއް ކުރާން އެބަޖެހެއެވެ. އިސްކޫލުތަކުގެ ކުތުބުޚާނާތައް ތަރައްގީކޮށް އިންތިޒާމުކުރާން އެބަ ޖެހެއެވެ. މި ކަންކަން ފުރިހަމަކުރުމަށް ފަހު، އިސްކޫލުތައް އޭސީކުރާންވީއެވެ. ރަނގަޅު ކަމެކެވެ. މިއީ ހަމައެކަނި އަޅުގަނޑުގެ ޚިޔާލެވެ.

Advertisement

ކޮމެންޓް