Advertisement

އަހުރެމެންނަށް ލިބިގެންވަނީ ކޮން ކަހަލަ ހިތެއްބާ!؟؟؟ (10)

02 Sep 2024 | 07:27
ހިތް

އިބްރާހީމް ރަޝީދު މޫސާ

(2024 އޮގަސްޓު 26ވަނަ ދުވަހުގެ ބާކީ)

ހަނދުމަކުރާ ހިތް:

ހަނދުމަކުރާ ހިތަކީ މަގުގެއްލިގެންދާ އިރު ނުބައި މިސްރާބު އެނގި ރަނގަޅު އަތަށް އޮޑި އަނބުރައިލާ ހިތެވެ. އޭނާއަށް އޮޅިފައިވާ އުޞޫލުތައް ދެނެގަނެ އެ އުޞޫލުތަކަށް ރުޖޫޢަވުމަށް މަސައްކަތްކުރާ ހިތެވެ. އޭނާ އުރެދުމުގެ މަތީގައި ދެމި ނުހުންނާނެތެވެ. އޭނާ ކުށުގެ ކޫޒުން ބޮމުން ލައްޒަތު ހޯދުމުގައި ކުރިއަކަށް ނުދާނެއެވެ. ޙަސަދައިގެ ދަލުގައި ޖެހި ފައިކައްސައެއް ނުލާނެތެވެ. އެއީ ހަނދާންނެތޭ އިރަށް ހަނދުމަކުރުމަށް އިޢާދަވާ ހިތެކެވެ. ﷲ ތަޢާލާ  ވަޙީކުރެއްވިއެވެ. ﴿إِنَّ الَّذِينَ اتَّقَوْا إِذَا مَسَّهُمْ طَائِفٌ مِنَ الشَّيْطَانِ تَذَكَّرُوا فَإِذَا هُمْ مُبْصِرُونَ [1]- ހަމަކަށަވަރުން، تقوى ވެރިވި މީހުންގައި شيطان އާގެ ފަރާތުން އަންނަ އައުމެއް ބީހިއްޖެނަމަ، އެއުރެން (اللَّه) ހަނދުމަކުރެތެވެ. ފަހެ، އެހިނދު ލޯހުޅުވިފައިވާ ބަޔަކު ކަމުގައި އެއުރެންވެއެވެ..﴾ ސަޢީދު ބިން ޖުބައިރު ވިދާޅުވިއެވެ. " ހަނދުމަކުރާ ހިތަކީ އޭނާގެ ގާތަށް ރުޅި އަންނަ ވަގުތު ﷲ ހަނދުމަކޮށް އެ ރުޅި ދިރުވައިލާ މީހާއެވެ."ހަނދުމަކުރާ

މުޖާހިދު ވިދާޅުވިއެވެ. "ހަނދުމަކުރާ ހިތުގެ ވެރިޔަކީ ފާފައަކަށް އަރައިގަންނަން ގަސްތުކުރާ ވަގުތު ﷲ ހަނދުމަވެގެން އެ ފާފައަށް އަރައިގަތުން ދޫކޮށްލައި މީހާއެވެ.

އިބްނު ކަޘީރު އޭނާގެ ތަފްސީރުގައި ވިދާޅުވިއެވެ." އެއީ ﷲގެ ޢަޒާބުގެ މަތިންނާއި ސަވާބުގެ މަތިން ހަނދާންވެ،  ﷲގެ ވަޢުދާއި ވަޢީދުގެ މަތިން ހަނދާންވެ ، ﷲއަށް ތައުބާވެ ﷲގެ ޙަޟްރަތުން ރައްކައުތެރިކަމަށް އެދި ދަންނަވައި ﷲގެ  ޙަޟްރަތަށް ރުޖޫޢަވާ މީހާއެވެ.

((تذكر)) މި ކަލިމައާއި މި ކަލިމައިގެ މޫ ލަފުޒުގެ އޮފިތައް 260 ފަހަރު  ކީރިތި ޤުރްއާނުގައި ތަފާތު ގޮތްގޮތަށް އައިސްފައިވެއެވެ.މި ލަފުޒު އަމުރުގެ ޞީޣާގައްޔާއި މުފްރަދުކޮށްނާއި ޖަމްޢުކޮށް އައިސްފައި ވެއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ﴿يُؤْتِي الْحِكْمَةَ مَنْ يَشَاءُ وَمَنْ يُؤْتَ الْحِكْمَةَ فَقَدْ أُوتِيَ خَيْرًا كَثِيرًا وَمَا يَذَّكَّرُ إِلَّا أُولُو الْأَلْبَابِ [2]- އެކަލާނގެ އިރާދަކުރައްވާ މީހަކަށް حكمة ދެއްވައެވެ. އަދި، (އެމީހަކަށް) حكمة ދެއްވި މީހާއަށް ފަހެ، ގިނަވެގެންވާ ހެޔޮކަން ލިބިއްޖެކަން ކަށަވަރެވެ. ބުއްދީގެ أهل ވެރިން މެނުވީ، ވިސްނައި ހަނދުމަކޮށެއް ނަހަދަތެވެ.﴾

ހަނދުމަކުރުމާ ދެކޮޅުހަދާ މީހުންނަކީ ކޮން ފަދަ ބައެއްކަން ބަޔާން ކުރައްވައި ވަޙީކުރެއްވިއެވެ. ﴿وَلَقَدْ صَرَّفْنَا فِي هَذَا الْقُرْآنِ لِيَذَّكَّرُوا وَمَا يَزِيدُهُمْ إِلَّا نُفُورًا [3] -ތިމަންރަސްކަލާނގެ (وعد އާއި، وعيد އާއި، مثال އާއި، حِكَم ފަދަ) ހުރިހާކަމެއް، މި قرآن ގައި ބަޔާންކުރެއްވީމެވެ. އެއީ އެއުރެން ހަނދުމަކުރުމަށްޓަކައެވެ. (އެކަމަކު) އެއިން ނަފުރަތުވެ، ދުރުހެލިވުންމެނުވީ، އެއުރެންނަކަށް އިތުރެއް ނުކުރެތެވެ. ﴾ އެހެން ބަސްފުޅެއްގައި ވެއެވެ.﴿ أَفَمَنْ يَخْلُقُ كَمَنْ لَا يَخْلُقُ أَفَلَا تَذَكَّرُونَ[4] - ފަހެ (އެންމެހާ ތަކެތި) ހައްދަވާ ކަލާނގެއާއި (އެއްޗެއް) ނަހަދާ ފަރާތަކާ އެއްފަދަވާނޭ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން ހަނދުމަނުކުރަނީހެއްޔެވެ؟﴾

ހަނދުމަކުރާ ހިތަކީ ޤިޔާމަތްދުވަހުގައި އޭނާގެ ޢަމަލުތަކާމެދު ސުވާލުކުރެވޭނެތީ އޭނާގެ ޢަމަލުތަކުގެ މަތިން ހަނދުމަކުރާ މީހެކެވެ.  މާތް ﷲ ވަޙީކުރެއްވިއެވެ. ﴿وَجِيءَ يَوْمَئِذٍ بِجَهَنَّمَ يَوْمَئِذٍ يَتَذَكَّرُ الْإِنْسَانُ وَأَنَّى لَهُ الذِّكْرَى[5] - އަދި އެދުވަހުން ނަރަކަ ގެންނަވާނެތެވެ. އެދުވަހުން އިންސާނާ ހަނދުމަކުރާނެތެވެ. އެ ހަނދާންކުރުމުން އޭނާޔަށް ފައިދާއެއްކުރާނީ ކޮންފަދައަކުން ހެއްޔެވެ؟﴾

މާތްﷲ ރަޙްމަތްލެއްވި އިބްނުލްޤައްޔިމު ވިދާޅުވާ ގޮތުގައި تّذكّر އައިސްފައި ވަނީ ذكر އިންނެވެ. އެއީ ހަނދާންނެތުމުގެ އިދި ލަފުޒެވެ.

ﷲ ސުބްޙާނަހޫ ވަ ތަޢާލާ މީހަކަށް ހެޔޮކަމެއް އިރާދަކުރައްވައިފި ނަމަ އޭނާގެ ޟަމީރަށް ވާޢިޒެއްކަމުގައި ލައްވަތެވެ. އޭނާގެ ހިތަށް ނަސޭހަތްތެރިއެއް ކަމުގައި ހައްދަވަތެވެ.ދުންޔަވީ މުޞީބާތްތަކާއި އާފަތްތަކަކީ އާޚިރަތުގެ މުޞީބާތްތަކަށާއި އާފަތްތަކަށް ހުރި ޢިބްރަތެއްކަން އޭނާ ދަނެތެވެ. އެއީ އެކަމަށް އޮތް ހަނދާންކޮށްދެއްވުމެއް ކަން ވެސް އޭނާ ދަނެތެވެ. އަރަހުށި ﷲ އެފަދަ ކަންތައްތައް އޭނާއާ ކުރިމަތިކުރައްވަނީ ވަރަށް މަތިވެރި ޙިކްމަތްތަކަކަށް ޓަކައެވެ. ހަނދުމަކުރަނިވި މާހަރާ ހިތަކަށް މެނުވީ މި ޙަޤީޤަތް ދެނެއެއް ނުގަނެވޭނެތެވެ. ﷲ ޖައްލަ ޖަލާލުހޫ ވަޙީކުރެއްވިއެވެ. ﴿أَفَلَا يَنْظُرُونَ إِلَى الْإِبِلِ كَيْفَ خُلِقَتْ * وَإِلَى السَّمَاءِ كَيْفَ رُفِعَتْ * وَإِلَى الْجِبَالِ كَيْفَ نُصِبَتْ * وَإِلَى الْأَرْضِ كَيْفَ سُطِحَتْ * فَذَكِّرْ إِنَّمَا أَنْتَ مُذَكِّرٌ[6] - ފަހެ، ޖަމަލު ހައްދަވައިފައިވަނީ، ކޮންފަދައަކުން ކަމާމެދު އެއުރެން ޖަމަލަށް ނުބަލަނީހެއްޔެވެ. އަދި އުޑު އުފުއްލަވާފައިވަނީ، ކޮންފަދައަކުން ކަމާމެދު އެއުރެން އުޑަށް ނުބަލަނީހެއްޔެވެ؟ އަދި ފަރުބަދަތައް ކޮޅަށް ނަންގަވާފައިވަނީ، ކޮންފަދައަކުން ކަމާމެދު އެއުރެން ފަރުބަދަތަކަށް ނުބަލަނީހެއްޔެވެ؟ އަދި ބިން ފަތުރުއްވާފައިވަނީ، ކޮންފަދައަކުން ކަމާމެދު އެއުރެން ބިމަށް ނުބަލަނީހެއްޔެވެ؟ ފަހެ، ކަލޭގެފާނު) އެއުރެންނަށް (ހަނދުމަކޮށް ދެއްވާށެވެ! ކަލޭގެފާނު ވާކަން ކަށަވަރީ، ހަނދުމަކޮށްދެއްވާ ބޭކަލަކު ކަމުގައެވެ.﴾

އަޅުގަނޑުމެން ކޮންމެ ދުވަހަކު މި ބޭނުންކުރާ އަލިފާނަށް ނިކަން ބަލާބަލާށެވެ! މި އަލިފާން ހަނދާންކޮށްދެނީ ނަރަކައިގެ އަލިފާނެވެ. އެއީ ހަނދުމަނުކުރާ ހިތްތަކަށާއި ޣާފިލުވެފައިވާ ހިތްތަކަށް ތައްޔާރުކުރައްވައިފައިވާ އެއްޗެކެވެ. މި އަލިފާނުގެ ސަބަބުން ތަންތާނގައި ރޯވެ އެ ތަންތަން ހަލާކުވެގެންދާ ގޮތް ނިކަން  އެބަ ފެނޭނޫންހެއްޔެވެ؟ ނަރަކައިގެ އަލިފާނާ އަޅައިބަލާއިރު އެއީ އެނދުމުގެ ބާރު ވަރަށް ކުޑަ ، އޭގެ ހަކަތަ ވަރަށް ދެރަ އެއްޗެކެވެ.މާތް ﷲ މި ނަރަކައާ ބެހޭގޮތުން ވަޙީކުރެއްވިއެވެ. (( نَحْنُ جَعَلْنَاهَا تَذْكِرَةً [7]- ހަނދުމަކުރުމެއް ކަމުގައި ތިމަންރަސްކަލާނގެ އެ އަލިފާން ލެއްވީމެވެ.﴾ އެބަހީ ނަރަކައިގެ އަލިފާނުގެ މަތިން ހަނދުމަކޮށްދޭ އެއްޗެއް ކަމުގައި ލެއްވީމެވެ.މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރަތުގެފާނު އަރިހުން ރިވާވެގެންވެއެވެ. ނަބިއްޔާصلى الله عليه وسلم  ޙަދީސްކުރެއްވިއެވެ. ((نارُكُمْ هذِه الَّتي يُوقِدُ ابنُ آدَمَ جُزْءٌ مِن سَبْعِينَ جُزْءًا، مِن حَرِّ جَهَنَّمَ قالوا: واللَّهِ إنْ كانَتْ لَكافِيَةً، يا رَسولَ اللهِ، قالَ: فإنَّها فُضِّلَتْ عليها بتِسْعَةٍ وسِتِّينَ جُزْءًا، كُلُّها مِثْلُ حَرِّها[8] -  އާދަމުގެދަރިން ރޯކުރާ ތިޔަބައިމީހުންގެ މި އަލިފާނަކީ ޖަހަންނަމައިގެ ހޫނުގެ ހަތްދިހަ ބައިކުޅަ އެއް ބަޔެވެ. އެބޭކަލުން ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއޭވެ! މާތް ﷲ ގަންދީ ދަންނަވަމެވެ. ހަމަކަށަވަރުން މި މިންވަރު ފުދިގެންވެއެވެ. ޙަދީސްކުރެއްވިއެވެ. އެއަށް ވުރެ ނަވަ ހައްޓި ބައި އިތުރުވެގެން ވެއެވެ. އެއިން ކޮންމެ ބައެއް ހަމަ މި މިންވަރަށް  ހޫނުގަދަވެގެން ވެއެވެ.))

ނަބިއްޔާ ﷺ ޖަހަންނަމައިގެ ބިރުވެރިކަން ބަޔާންކޮށްދެއްވާ ޙަދީސްކުރެއްވިއެވެ. (( يُؤْتَى بِجَهَنَّمَ يَوْمَئِذٍ لَهَا سَبْعُونَ أَلْفَ زِمَامٍ، مَعَ كُلِّ زِمَامٍ سَبْعُونَ أَلْفَ مَلَكٍ يَجُرُّونَهَا [9]- ޤިޔާމަތްދުވަހުން ޖަހަންނަމަ ގެނެވޭނީ ހަތްދިހަ ހާސް ލަގަން އެޅުވިގެންނެވެ. އެއިން ކޮންމެ ލަގަނެއްގައި ހަތް ދިހަ ހާސް މަލާއިކަތް ބޭކަލުން ހިތްޕަވައިގެން ދަންމަވައިފާ ގެންނަވާނެތެވެ. ))

މުނާފިޤުން ބުނާނެތެވެ. ﴿لَا تَنْفِرُوا فِي الْحَرّ[10] - ހޫނުގެ ތެރޭގައި ތިޔަބައިމީހުން ހަނގުރާމަޔަށް ނުނިކުންނާށެވެ﴾ މާތް ﷲ އެބައިމީހުންނަށް ރައްދުދެއްވައި ވަޙީކުރެއްވިއެވެ.  ﴿ قُلْ نَارُ جَهَنَّمَ أَشَدُّ حَرًّا لَوْ كَانُوا يَفْقَهُونَ [11]- ކަލޭގެފާނު ވިދާޅުވާށެވެ! ނަރަކައިގެ އަލިފާނުގެ ހޫނުކަން މާގަދައެވެ. އެއުރެންނަށް (އެކަން) ވިސްނޭކަމުގައި ވާނަމައެވެ.﴾

އެބައިމީހުން މިގޮތަށް މި ބުނަނީ އެބައިމީހުންގެ ހިތްތަކުގެ ޣާފިލުކަމުން ނުވިސްނޭތީއެވެ. އެމީހުންގެ ހިތްތަކަކީ ހަނދުމަނުކުރާ ހިތްތަކަކަށް ވާތީއެވެ. ދުނިޔެއަށް ހެއްލުންތެރިވެފައިވާލެއް ބޮޑުކަމުންނެވެ. މިހެންވެ މާތް ﷲ ވަޙީކުރެއްވިއެވެ. ﴿ فَلْيَضْحَكُوا قَلِيلًا وَلْيَبْكُوا كَثِيرًا جَزَاءً بِمَا كَانُوا يَكْسِبُونَ [12]- ފަހެ، އެއުރެން މަދުން ހޭހުށިކަމެވެ! އަދި އެއުރެން ގިނައިން ރޯހުށިކަމެވެ! (އެއީ) އެއުރެން ހޯދައިއުޅުނު عمل ތަކުގެ ޖަޒާއެއްގެ ގޮތުގައެވެ.﴾

ﷲ ތަޢާލާ ބަޔާންކުރައްވާފައިވާ ގޮތުގައި މި ދުނިޔޭގައި ތަފާތު ވަސީލަތްތައް ބޭނުންކޮށްގެން އަޅުގަނޑުމެން ކުރާ ދަތުރުތަކަކީ އަޅުގަނޑުމެންގެ ހިތަށް  އާޚިރަތުގެ ދަތުރުމަތިން ހަނދާންކޮށްދޭނެ ކަމެކެވެ. މި ކުރާ ދަތުރުތަކުން އެނބުރިއައުން ހަނދާންކޮށްދެނީ ﷲގެ ޙަޟްރަތަށް ރުޖޫޢަވާ ރުޖޫޢަވުމެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ. ﴿ وَجَعَلَ لَكُمْ مِنَ الْفُلْكِ وَالْأَنْعَامِ مَا تَرْكَبُونَ * لِتَسْتَوُوا عَلَى ظُهُورِهِ ثُمَّ تَذْكُرُوا نِعْمَةَ رَبِّكُمْ إِذَا اسْتَوَيْتُمْ عَلَيْهِ وَتَقُولُوا سُبْحَانَ الَّذِي سَخَّرَ لَنَا هَذَا وَمَا كُنَّا لَهُ مُقْرِنِينَ * وَإِنَّا إِلَى رَبِّنَا لَمُنْقَلِبُونَ [13] - އަދި ނައުފަހަރާއި، نعم ސޫފީގެ ތެރެއިން ތިޔަބައިމީހުން ސަވާރުވާނޭތަކެތި، އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ލެއްވިއެވެ.(އެއީ) ތިޔަބައިމީހުން އެތަކެތީގެ ބުރަކަށިމަތީގައި ހަމަޖެހުމަށްޓަކައެވެ. ދެން ތިޔަބައިމީހުން އޭގެމަތީގައި ހަމަޖެހޭހިނދު، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ نعمة ހަނދުމަކުރުމަށެވެ. އަދި ތިޔަބައިމީހުން ކިޔުމަށްޓަކައެވެ. އަޅަމެންނަށް މި ތަކެތި خدمة ތެރިކޮށްދެއްވި ރަސްކަލާނގެ ހުސްطاهر ވަންތަކަމާއެވެ! އަދި އަޅަމެންއެކަމަށް ކުޅަދާނަވެގެންވާ ބަޔަކުކަމުގައި ނުވަމުއެވެ.އަދި ހަމަކަށަވަރުން، އަޅަމެންގެ ވެރިރަސްކަލާނގެ حضرة އަށް އަޅަމެން رجوع ވާނެކަން ކަށަވަރެވެ.﴾ ތަފްސީރު ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މާނައަކީ އަޅުގަނޑުމެން މަރުވުމަށް ފަހު އެކަލާނގެ ޙަޟްރަތަށް ރުޖޫޢާވާނެ ވާހަކައެވެ.

އަޅުގަނޑުމެން ދުވަސްތައް ކަޑައްތުކުރަމުން ގޮސް ހިޖްރީ އައު އަހަރަކާ ހަމައަށް އާދެވުމުން އުފާކުރަމުއެވެ. ﷲ ތަޢާލާ އަޅުގަނޑުމެންގެ ޢުމުރު އެ ހިސާބަށް ފޯރުކޮށްދެއްވީތީއެވެ. އަޅުގަނޑުމެން  އެކަމުން ޢިބްރަތް ޙާޞިލްކުރަން ޖެހޭނެއެވެ. ވޭތުވެދިޔަ އަހަރުގައި ހިނގާފައިވާ ޙާދިސާތައް ހަނދުމަކޮށެވެ.އެއްވެސް ޝައްކެއްނެތް ގޮތުގައި އިންސާނާގެ ޢުމުރަކީ އޭނާ އުފަންވި ދުވަހުން ފަށައިގެން އުނިވަމުންދާ އެއްޗެކެވެ. އޭނާގެ ޙަޔާތަކީ އެނބުރެމުންދާ ފުރޮޅެކެވެ. މި ފުރޮޅުގެ އެނބުރުން ހުއްޓޭނީ ﷲގެ ޙަޟްރަތުގައި ހިސާބުބެލެވޭ ހިސާބުންނެވެ.

ކޮންމެ ދުވަހަކު މި ލައި ފޭރާމަކީ އިންސާނާގެ ހިތް އެއިން ޒީނަތްތެރިވާ ތަޤްވާވެރިކަމުގެ ފޭރާން މަތިން ހަނދާންކޮށްދޭ ކަމެކެވެ. މި ފޭރާމުގެ ކުލަތަކާއި ފެޝަންތައް ރީތިކުރާ މިންވަރަށް ތަޤްވާވެރިކަން ނަލަކޮށް ރީތރިކުރެވޭތޯ ބަލަމާހިނގާށެވެ! ﷲ ޢައްޒަ ވަ ޖައްލަ ވަޙީކުރެއްވިއެވެ.

﴿يَابَنِي آدَمَ قَدْ أَنْزَلْنَا عَلَيْكُمْ لِبَاسًا يُوَارِي سَوْآتِكُمْ وَرِيشًا وَلِبَاسُ التَّقْوَى ذَلِكَ خَيْرٌ ذَلِكَ مِنْ آيَاتِ اللَّهِ لَعَلَّهُمْ يَذَّكَّرُونَ[14] - އޭ آدم ގެދަރިންނޭވެ! ތިޔަބައިމީހުންގެ عورة ތައް ނިވައިކުރަނިވި ހެދުމާއި، ޒީނަތްތެރި ފޭރާން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވީމެވެ. އަދި تقوى ގެ ފޭރާން މާހެޔޮކަން ބޮޑެވެ. އެކަންތައްތައްވަނީ، اللَّه ގެ آية ތަކުގެ ތެރެއިންނެވެ. (އެއީ) އެއުރެން ހަނދުމަ ކުރުމަށްޓަކައެވެ. ﴾

މި ދުނިޔޭގައި އަޅުގަނޑުމެން އިށީންނަ އިމްތިޙާނުތަކުން ފާސްވޭތޯ ގަދައަޅައި މަސައްކަތްކުރަމުއެވެ. ރޭގަނޑު ހޭލައި އިނދެގެން ވެސް ފިލާވަޅުތައް  ދަސްކޮށް މުރާޖަޢާކުރަމުއެވެ. ފާއިތުވެގޮސްފައިވާ ސުވާލު ކަރުދާސްތައް ހޯދައިގެން އެ ސުވާލުތަކުގެ ޖަވާބުތައް ދަސްކުރަމުއެވެ. ފިލާވަޅުތައް ދަސްކުރުމަށާއި ޓިޔުޝަންނެގުމަށް ވަގުތާއި ފައިސާ ހޭދަކުރަމުއެވެ. މިއީ ކަށްވަޅުގައި މަލާއިކަތުން ސުވާލުކުރައްވާނެ ދުވަސް މަތިން ހަނދާންކޮށްދޭ ކަމަކަށް ހަދަމާތޯއެވެ! މިއީ ނަތީޖާ ފާޅުކުރުމުގެ އެންމެ ބޮޑު އަދި އެންމެ ބިރުވެރި ވަގުތުގެ މަތިން ހަނދާންކޮށްދޭ ކަމެއް ނޫންތޯއެވެ؟ އެ ދުވަހު އެންމެންގެ ޖަވާބުކަރުދާސްތައް ބުރަބުރައިގެން ދާނެތެވެ. އެ ކަރުދާސްތައް ކަނާތަށް ލިބުނު މީހުންނަށް ހެޔޮ ޚަބަރު ލިބިގެންވެއެވެ. ފާސްވި މީހުން ދާނީ ބާއްޖަވެރިކަން ލިބިގެންވާ ސުވަރުގެއަށެވެ. ފޭލްވި މީހުން ދާނީ އަބާއްޖަވެރިކަމުން ފުރިގެންވާ ނަރަކައަށެވެ.

އަލްއިމާމުއް ޝާފިޢީ އަވަހާރަވި އާލާސްކަންފުޅުގެ ތެރޭގައި އެކަލޭގެފާނުގެ އިސް ދަރިވަރެއް ކަމުގައިވާ އިމާމުލް މުޒްނީ ވަޑައިގެން  ދެންނެވިއެވެ. " އޭ އަބޫޢަބްދުﷲގެފާނޭވެ! ޙާލުކޮޅު ކިހިނެއްތޯއެވެ؟ ޝާފިޢީގެފާނު ވިދާޅުވިއެވެ. " މި ދުނިޔެއިން ފުރަން ގާތްވެއްޖެއެވެ. އެކުވެރީންނާ ވަކިވާން ޖެހޭ ވަގުތު އަތުވެއްޖެއެވެ.މި އަޅާގެ ނުބައި ޢަމަލުތަކާ ބައްދަލުކުރާން ޖެހޭ ވަގުތު ގާތްވެއްޖެއެވެ. މަރުގެ ކޫޒުން ބޯންޖެހިއްޖެއެވެ. ﷲގެ ޙަޟްރަތަށް ވާރިދުވާން ޖެހިއްޖެއެވެ. މަގޭ ފުރާނައަށް ވާނެ ގޮތެއް ނޭނގެއެވެ. ސުވަރުގެއަށް ދާތީ ތަހްނިޔާކިޔާނީ ހެއްޔެވެ؟ ނުވަތަ ނަރަކައަށް ދާތީ ތަޢުޒިޔާކިޔާނީ ހެއްޔެވެ؟ "  

ﷲ ހަނދުމަކުރާ ހިތްތަކުގެ ޙާލަކީ މިއެވެ. ހުރިހާ ޙާލަތެއްގައި ވެސް މި ހިތްތައް  ވިސްނާނީ އާޚިރަތާ ބެހޭ ގޮތުންނެވެ.

ސަލަފުންގެ ނަމޫނާތައް

އަޅުގަނޑުމެންގެ ސަލަފުންނަކީ ހަނދުމަކުރާ ހިތްތަކެއްގެ ވެރި ބައެކެވެ. މާތް ﷲ ރުއްސުންލެއްވި ޢުމަރު ބުނުލްޚައްޠާބަށް އަލިފާންގަނޑެއް ފެނިވަޑައިގަތްފިނަމަ އެކަލޭގެފާނުގެ އަތްޕުޅު އެ އަލިފާންގަނޑާ ކައިރިކޮށްލައްވާ  ވިދާޅުވެތެވެ. " އޭ ޚައްޠާބުގެ ދަރިޔާއޭވެ!ތިބާއަށް މި އަށް ކެތްކުރެވޭނެ ހެއްޔެވެ؟ "

މާތް ﷲ ރުއްސުންލެއްވި އިބްނު ޢުމަރު ފަދަ ބޭބޭކަލުން ފިނިފެންފޮދެއް ހިއްޕަވައިފިނަމަ ނަރަކައިގެ އަހްލުވެރިންގެ އުންމީދުގެ މަތިން ހަނދުމަކުރައްވައެވެ. ނަރަކައިގެ އަހްލުވެރިން ސުވަރުގޭގެ އަހްލުވެރީންގެ ކިބައިން އެދޭނެތެވެ.

﴿أَنْ أَفِيضُوا عَلَيْنَا مِنَ الْمَاءِ أَوْ مِمَّا رَزَقَكُمُ اللَّهُ[15]  - ތިމަންމެންނަށް ފެންފޮދަކުން، ނުވަތަ اللَّه، ތިޔަބައިމީހުންނަށް رزق ކުރެއްވި އެއްޗަކުން އެހީވާށެވެ! ﴾  ސުވަރުގޭގެ އަހްލުވެރިން ޖަވާބުގައި ބުނާނެއެވެ. ﴿ إِنَّ اللَّهَ حَرَّمَهُمَا عَلَى الْكَافِرِينَ[16] - އެތަކެތި ވަނީ، كافر ވި މީހުންނަށް اللَّه، حرام ކުރައްވާފައެވެ. ﴾

ޞިލަތު ބިން އަޝްޔަމު މީހަކާ ކާވެނިފުޅުބައްލަވައިގަތުމަށް ފަހު ޙައްމާމަށް ވަދެވަޑައިގެން އަނބިކަނބަލުންގެ އަރިހަށް ވަޑައިގެންނެވިއެވެ. ކުއްލިއަކަށް ތެދުވެވަޑައިގެން ފަތިސްވަންދެން ނަމާދު ކުރެއްވިއެވެ. އޭނާ ވިދާޅުވިއެވެ. " އިއްޔެ ގެއަކަށް ވަނީމެވެ. އެ ގެއިން ނަރަކަ ހަނދުމަކޮށްދެވުނެވެ.ރޭ އެހެން ގެއަކަށް ވަނީމެވެ. އެ ގެއިން ސުވަރުގެ ހަނދުމަކޮށް ދެވުނެވެ.ފަތިސްވަންދެން އަހުރެން މި ހުރީ އެ ދެ ކަމާމެދު ވިސްނާށެވެ. "

މާތް ﷲ ރުއްސުންލެއްވި އިބްނު މަސްޢޫދުގެފާނަށް ކަނބުރުވެރީންތަކެއް މަސައްކަތްކުރާން ތިބި ތަނެއް ކައިރިން ވަޑައިގެންނެވުނެވެ. އެމީހުން އުނދުނުން ދޮންވެފައިވާ ދަނގަނޑުގަނޑެއް ނެރުނު ތަން ފެނިވަޑައިގަތުމުން  އެކަލޭގެފާނަށް ކީރިތިކުރެއްވުނެވެ.  

އަލްފުޟައިލު ބިން ޢިޔާޟް[17] ތައުބާވެވަޑައިގެންނެވިގޮތާ ބެހޭގޮތުން އައްޛަހަބީ ވިދާޅުވިއެވެ. އޭނާ ހިތްޕުޅާވެގެން އުޅުއްވި އަންހެންކުއްޖާގެ ގާތަށް ވަދެވަޑައިގަންނަވަންވެގެން އެ ގޭގެ ފާރުމަތިން އަރައިވަޑައިގަންނަވަނިކޮށް މީހަކު ﴿ أَلَمْ يَأْنِ لِلَّذِينَ آمَنُوا أَنْ تَخْشَعَ قُلُوبُهُمْ لِذِكْرِ اللَّهِ وَمَا نَزَلَ مِنَ الْحَقِّ وَلَا يَكُونُوا كَالَّذِينَ أُوتُوا الْكِتَابَ مِنْ قَبْلُ فَطَالَ عَلَيْهِمُ الْأَمَدُ فَقَسَتْ قُلُوبُهُمْ وَكَثِيرٌ مِنْهُمْ فَاسِقُونَ [18]- اللَّه ހަނދުމަކުރުމަށާއި، حق ބަސްފުޅުގެ ތެރެއިން ބާވައިލެއްވި ފޮތަށް އެއުރެންގެ ހިތްތައް މަޑުމައިތިރިވުމަށާއި، މީގެކުރިން ފޮތް ލިބުނު މީހުން ފަދައިން ނުވުމަށް، إيمان ވި މީހުންނަށް އަދިވެސް ވަގުތު ނާންނަނީހެއްޔެވެ؟ ފަހެ، އެއުރެންނަށް ޒަމާން ދިގުވެގެންދިޔައެވެ. ދެން (އެކަމުގެ ސަބަބުން) އެއުރެންގެ ހިތްތައް ހަރުކަށިވިއެވެ. އަދި އެއުރެންކުރެ ގިނަމީހުންނީ فاسق ންނެވެ. ﴾ މި އާޔަތް ކިޔަވަމުން ދިޔަ އަޑު އިވިވަޑައިގަތެވެ. އެހިނދު ޢިޔާޟް ވިދާޅުވިއެވެ. މި އަޅާގެ ވެރިރަސްކަލާކޯއެވެ! އާދޭހެވެ! ވަގުތު އަތުވެއްޖެއެވެ.  ވަގުތުން  އޭނާ އެތަނުން ގޮޑަށް ވަޑައިގަތެވެ. އެތާނގައި ޙައްޖަށްދާ ބަޔަކު ތިއްބެވެ. އެމީހުންގެ ތެރެއިން ބަޔަކު މިތާނގައި ނުތިބެ ފުރަން ހިނގާށޭ ބުންޏެވެ. އަނެއް ބަޔަކު ބުންޏެވެ. ފަތިސްވަންދެން މަޑުކުރަމާ ހިނގާށެވެ.ފުޟައިލް މިހާރު އުޅޭނީ މަގުފޭރުމުގެ މަސައްކަތުގައެވެ. އަހުރެމެންގެ އެތިކޮޅު ވެސް އަތުލައިގަތްފާނެއެވެ. ފުޟައިލް ވިދާޅުވިއެވެ. އަހުރެން މުޅި ރޭ މި އުޅެނީ އުރެދުމުގެ ތެރޭގައެވެ. މުސްލިމުންގެ ބަޔަކު އަހުރެންދެކެ ބިރުގަނެތެވެ. މާތް ﷲ އަހުރެން މި ރޭ އެމީހުންގެ ގާތަށް މި ގެންނެވީ އަހުރެން މައިތިރިކުރައްވަންކަން ނޭނގެއެވެ. ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! އިބަރަސްކަލާނގެއަށް މި އަޅާ ތައުބާވެއްޖައީމުއެވެ.އިބަރަސްކަލާނގެ ޙުރްމަތްތެރިކުރައްވާފައިވާ ގެފުޅުގެ އަރިހުގައި މި އަޅާގެ ތައުބާ އަވަށްޓެރިކޮށްފީމެވެ.

ޙަވާލާ ލިސްޓު:

[1] - الأعراف: 201

[2]  - البقرة: 269

[3]  - الإسراء: 41

[4]  - النحل: 17.

[5]  - الفجر: 23

[6]  - الغاشية: 17 - 21

[7]  - الواقعة: 73

[8] -  أخرجه البخاري (٣٢٦٥)، ومسلم (٢٨٤٣).

[9]  - أخرجه مسلم (٢٨٤٢)

[10]  - التوبة: 81

[11]  - التوبة: 81

[12] - التوبة: 82]

[13]  - الزخرف: 12 - 14

[14]  - الأعراف: 26

[15]  - الأعراف: 50

[16]  - الأعراف: 50

[17] - އޭނާ ތައުބާވެވަޑައިގަތުމުގެ ކުރިން ފުޟައިލަކީ މަގުފޭރުމުގެ ޢަމަލުތަކުގައި ރޭގަނޑު  އުޅުއްވި އެންމެން ބިރުގަންނަ ބޮޑު ވަގެކެވެ.

[18] - الحديد: 16

އެޑިޓަރުގެ ނޯޓް
މިޞްރުގެ އަލްއަޒުހަރުގެ ދަސްވެންޏެއްކަމަށްވާ އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާއަކީ ނޫސްވެރިކަމާއި ލިޔުންތެރިކަމާއި ޢިލްމީ ތަފާތު މައިދާންތަކުގައި އެ ފަދަ ދެވަނައެއް ނެތުމުގެ ސަބަބުން ކިޔުންތެރީންނަށް އިތުރު ތަޢާރަފަކަށް ބޭނުންވާނެ ބޭފުޅެއް ނޫނެވެ. އެއީ ޢިލްމީ އަދި އަދަބީ ދާއިރާގައި "ފަސް މީރު ކުރިރުކެކެވެ."

Advertisement

ކޮމެންޓް