Advertisement

އިސްރާއީލުން، ގޫގްލްގެ އިޝްތިހާރު ގަނެގެން ފަލަސްތީނަށް އެހީވުން ހުއްޓުވުމުގެ ނުބައި ކެންޕޭނެއް.

01 Sep 2024 | 00:45
ފަލަސްތީނުގެ ރެފިޔުޖީންނަށް އެހީވާ އދ.ގެ ޖަމުޢިއްޔާގެ ކޮމިޝަނަރ ޖެނެރަލް ފިލިޕޭ ލަޒާރިނީ (ފޮޓޯ: އަލްޖަޒީރާ)

އަބާ މުޙަންމަދު

އިސްރާއީލުން ގޫގްލްގެ އިޝްތިހާރުތައް ގަނެގެން ފަލަސްތީނަށް އެހީވުމަށް ޓަކައި މީހުން ޚައިރާތުކުރުން ހުއްޓުވުމުގެ މަސައްކަތް ފެށުމަކީ ދުނިޔެ އެ ކަން ހުއްޓުވާންޖެހޭ ކަމެކެވެ. އަދި އިންސާނިއްޔަތަށް ޓަކައި ގޫގުލްގެ ފަރާތުން ވެސް އިސްރާއީލަށް މި މަގުޞަދުގައި އިޝްތިހާރު ވިއްކައިގެން ވެސް ނުވާނެއެވެ. އަޅުގަނޑުމެން ފަލަސްޠީނާ ބެހޭ، ތަންކޮޅެއް އަނިޔާވެރި މަންޒަރެއް ފެންނަ ފޮޓޯއެއް ނޫހެއްގައި ޖަހައި ގޫގުލުން ޕޯސްޓެއް ކޮށްލިޔަސް ވަގުތުން އެބަ ހުއްޓުވައެވެ. ނަމަވެސް އިސްރާއިލުން ފަލަސްތީނާ ދެކޮޅަށް މި ހިންގާ ލާއިންސާނީ ކެންޕޭނު ގޫގުލުން ހުއްޓުވާ ތަނެއް ނުފެނެއެވެ.

ފަލަސްތީނުގެ ރެފިޔުޖީންނަށް އެހީތެރިވާ އދ.ގެ އެޖެންސީ (UNRWA) އިން އިއްޔެ ވަނީ މި ކަން ހާމަކޮށް މި ކަން ވަރަށް ބޮޑަށް ކުށްވެރިވެސްކޮށްފައެވެ.

ފަލަސްތީނުގެ ރެފިޔުޖީންނަށް އެހީތެރިވާ އދ.ގެ އެޖެންސީގެ ކޮމިޝަނަރ ޖެނެރަލް ފިލިޕޭ ލަޒާރިނީ އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޔޫއެންއާރޑަބްލިޔޫއޭގެ އަގުވައްޓައިލުމަށް ޓަކައި ކުރާ ނުރައްކަލާއި އެ ޖަމުޢިއްޔާގެ މުވައްޒިފުންގެ ފުރާނައަށް ނުރައްކާކުރާން އިސްރާއީލު ސަރުކާރުން ކުރާ ނުބައި ޢަމަލު ވަނީ ހާމަކުރައްވައިފައެވެ.

"ގަސްތުގައި ދޮގު މަޢުލޫމާތު ފަތުރާން ކުރާ މަސައްކަތް ވަގުތުން ހުއްޓައިލާންޖެހެއެވެ. އަދި މި ޢަމަލު ތަޙުގީގު ވެސް ކުރެވޭންޖެހެއެވެ،" ލަޒާރިނީ އިއްޔެ އެކްސްގައި ލިޔުއްވައިފައިވެއެވެ. އޭނާ އިތުރަށް ބަޔާންކުރައްވައިފައިވާ ގޮތުގައި ނަފުރަތު އުފެއްދުމާއި ދޮގު މަޢުލޫމާތު ގަސްތުގައި ފެތުރުން ހުއްޓުވުމަށް ޓަކައި، މީސްކީޑިއާގެ މަންސަތައް ހިމެނޭ ގޮތަށް ހުރިހާ ކުންފުނިތަކެއްގެ ގަވާއިދު އިތުރަށް ހަރުދަނާކުރާން އެބަ ޖެހެއެވެ.

"ނުރަނގަޅު މަޢުލޫމާތާއި ކަނޑައެޅިގެން ދޮގު މަޢުލޫމާތު [އިސްރާއީލުން] ފަތުރަނީ ހަނގުރާމައިގެ ހަތިޔާރެއްގެ ގޮތުންނެވެ." އެނާ ލިޔުއްވައިފައިވެއެވެ.

1949ން ފެށިގެން އެހެން ގައުމުތަކުގައި ފަލަސްތީނުގެ ރެފިޔުޖީނަށް އެހީވާ މައި ޖަމްއިއްޔާކަމަށްވާ "ޔޫއެންއާރޑަބްލިޔޫއޭ"އާ ބެހޭ ގޮތުން ދޮގު ވާހަކަތައް ދައްކައި އދ.ގެ އެ ޖަމުޢިއްޔާއާ ދެކޮޅަށް އިސްރާއިލުން ކެންޕޭނުކުރާތާ އެތައް އަހަރެއް ވެއްޖެއެވެ. މި ގޮތުން ފަތުރާ ވާހަކައަކީ އެއީ ނިރުބަވެރީންނާ ގުޅުން ހުރި ޖަމާޢަތެއްކަމަށާއި "ޔޫއެންއާރޑަބްލިޔޫއޭ"އަށް އެހީވުމަކީ ނިރުބަވެރީންނަށް ދެވޭ އެހީއެއްކަމަށެވެ. މި ފަދަ ދޮގު ބުހުތާނު ވާހަކަތައް ފަތުރައިގެންނާއި ގޫގުލް ފަދަ މަންސަތަކުން އިޝްތިހާރު ގަނެގެން އިސްރާއީލު ސަރުކާރުން ކުރާ އެންމެ ވަރުގަދަ ކެންޕޭނަކީ އެ ޖަމުޢިއްޔާއަށް އެކި ފަރާތްތަކުން ޚައިރާތުކުރުން ހުއްޓުވުމެވެ. ހަގީގީ ބޭނުމަކީ ފަލަސްޠީނަށް އިންސާނީ އެހީ ފޯރުވިޔަ ނުދީ އެ މީހުން ބަނޑަށް ޖައްސައި މެރުމެވެ.

"ޔޫއެންއާރޑަބްލިޔޫއޭ"ގެ ކޮމިޝަނަރ ޖެނެރަލްއަކީ "ނިރުބަވެރީންގެ ހަމްދަރުދުގާރެއް"ކަމަށް މި ދިޔަ މަހު އިސްރާއީލުގެ ތަރުޖަމާނު ތުހުމަތުކޮށް ވާހަކަދެއްކުމާ ގުޅިގެން އދ. އިން ވަނީ މި ކަން ކުށްވެރިވެސްކޮށްފައެވެ. ވީޑީއޯ ތަގުރީރެއްގައި އިސްރާއިލުގެ ތަރުޖަމާނު ވާހަކަދައްކަމުން "ޔޫއެންއާރޑަބްލިޔޫއޭ"އަކީ ޙަމާސާއި އިސްލާމީކްޖިހާދަށް އެހީތެރިވާ ނިރުބަވެރި ޖަމާއަތެއްކަމަށް ވަނީ ސިފަކޮށްފައެވެ. އދ.ން ވަނީ މި ކޮމެންޓުތައް ކުށްވެރިކޮށް އެއީ ލަޒާރިނީގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރި ނުރައްކަލެއްކަމަށް ބަޔާންކޮށްފައެވެ.

މި ޖަމުޢިއްޔާގެ މުވައްޒަފަކު ޙަމާސް ޖަމާޢަތުގެ އޮކްޓޫބަރު 7ގެ ޙަމަލާގައި ޢަމަލީ ގޮތުން ބައިވެރިވެފައިވާކަމަށް އިސްރާއީލުން ދޮގު ތުހުމަތުކޮށް އެ ޖަމުޢިއްޔާއަށް އެހީތެރިނުވުމަށާއި ޚައިރާތުނުކުރުމަށް ވެސް ގޮވައިލައިފައިވެއެވެ.

އދ.ގެ މިނިވަން އޮފިޝަލުން ވަނީ އިސްރާއީލުގެ މި ތުހުމަތަކީ އެއްވެސް ހަގީގަތެއްކަމަށް ބެލެވޭނެ ކުޑަ ނަމަވެސް ހެތްކެއް ނެތް ދޮގު ވާހަކަތަކެއްކަމަށް ބުނެފައެވެ. އިސްރާއީލުގެ މި ތުހުމަތުތަކާ ގުޅިގެން "ޔޫއެންއާރޑަބްލިޔޫއޭ"އަށް ޚައިރާތުކުރާ ބައިނަލްއަގުވާމީ ގިނަ ފަރާތްތަކުން ވަނީ ޚައިރާތުކުރުން މަޑުވެސް ޖައްސައިލައިފައެވެ.

ޣައްޒާއަށް ޙަމަލާދޭ އިސްރާއީލުގެ ލަސްކަރުތަކުން "ޔޫއެންއާރޑަބްލިޔޫއޭ"ގެ އެކި ގުދަންތަކަށާއި ތަންތަނަށް ޙަމަލާދީ އެ ޖަމުޢިއްޔާގެ 212 މުވައްޒަފުން ވަނީ މަރައިލައިފައެވެ.

ޣައްޒާގައި އޮކްޓޫބަރު މަހުން ފެށިގެން އިސްރާއީލުން ހިންގަމުން ގެންދާ އަނިޔާވެރި ޢުދުވާނު ފެށި ފަހުން މިހަތަނަށް 40691 މީހުންވަނީ ޝަހީދުކޮށްލައިފައެވެ. އަދި 94060 މީހުންނަށް ވަނީ ބޮޑެތި ޒަޚަމްތަކެއް ލިބިފައެވެ. ނަމަވެސް މި ހަމަނުޖެހުންތަކުގައި ޔަހޫދީންގެ ތެރއިން މަރުވިކަމަށް އިސްރާއީލުން ބުނަނީ އެންމެ 1139 މީހުންނެވެ.

އެޑިޓަރުގެ ނޯޓް
އަބާ މުޙަންމަދަކީ މީގެ ކުރީން ވެސް ބައެއް ނޫސްތަކަށް ލިޔުއްވައިފައިވާ ކުޅަދާން ލިޔުންތެރިއެކެވެ.

Advertisement

ކޮމެންޓް