Advertisement

ތިބާއަކީ ވަގުތެވެ!

01 Sep 2024 | 00:40
ތިބާއަކީ ވަގުތެވެ.

ލިޔުނީ: ޝަފީޢު ޢަބްދުﷲ

ކަންނެތްކަމެވެ. ލަސްކުރުމެވެ. ފަރުވާލެއް ނެތުމެވެ. ފިލްމާއި ޑްރާމާ ބެލުމެވެ. ބޭކާރު ވާހަކަތައް ދެއްކުމެވެ. ބޭނުމެއް ނެތް ގޮތުގައި ރޭހަތަރުދަން ހޭލައި ހުރުމެވެ. މާނައެއް ނެތް އެތައް ވަގުތެއް މީސްމީޑިއާގައި ހޭދަކުރުމެވެ. މިހިރީ މުޅީން ވެސް މީސްތަކުންގެ ވަގުތު ބޭކާރުވެގެންދާ ކަންކަމެވެ.

މާތް ﷲ އަޅުގަނޑުމެންނަށް ދެއްވައިފައި މިވާ ވަގުތަކީ އަޅުގަނޑުމެންގެ ޙަޔާތެވެ. ޙަޔާތުން އުނިވެގެންދާ ކޮންމެ ދުވަހަކީ އަޅުގަނޑުމެން މަރާ ކައިރިކުރަމުންދާ ދުވަހެކެވެ. އެހެންކަމުން، ޢަރަބި ބަހެއްގައި ވެއެވެ. "يَا إِنْساَن! أَنْتَ بِضْعَةُ أَيَّامِ، كُلّمَا انْقَضَى يَومٌ، اِنْقَضَى بِضْعٌ مِنْكَ" ("އޭ އިންސާނާއެވެ! ތިބާއަކީ ދުވަސްތަކެކެވެ. ފާއިތުވާ ކޮންމެ ދުވަހަކީ ތިބާގެ ގައިން އުނިވެގެންދާ ބައެކެވެ.")

ވަގުތަކީ އެއްވެސް މީހަކަށް ހިފެހެއްޓޭނޭ އެއްޗެއް ނޫނެވެ. ވަގުތު ދާނީ ކުރިޔަށެވެ. ފާއިތުވެއްޖެ ވަގުތަކީ ގެއްލިއްޖެ އެއްޗެކެވެ. ކުރިޔަށް އޮތް ވަގުތަކީ އިންސާނާގެ މިލްކިއްޔާތުގައިވާ އެއްޗެއް ނޫނެވެ. އިންސާނާއަށް ވަނީ އޭނާ އެ ހިނދެއްގައި ހޭދަކުރަމުންދާ ވަގުތެވެ. ކިތައްކިތައް ޒުވާނުން ކުއްލިއަކަށް މަރާ ބައްދަލުކޮށްފައިވޭތޯއެވެ؟

ގިނަ ބަޔަކު ވަގުތު ބޭކާރުކުރަނީ ކަންނެތްކަމުންނެވެ. ކަންނެތްކަމަކީ ނާތަހުޒީބީ މީހުންގެ ސިފައެކެވެ. އެއީ މުއުމިނުންގެ ސިފައެއް ނޫނެވެ. ކަންނެތްކަމާއި ބޭކާރު ވާހަކަދެއްކުމާއި ކަމެއް ނެތި އޮށޯވެ އޮތުމަކީ މުއުމިނުންނާ އެކަށީގެންވާ ސިފަތަކެއް ނޫނެވެ. މުއުމިނުއަޅާގެ ވަގުތަކީ އަގުބޮޑު އެއްޗެކެވެ. މުއުމިނުންގެ ކޮންމެ ޙަރަކާތަކީ އަދި ކޮންމެ ސަކަނާތަކީ (ހަނުހުރުމަކީ) މާނައިން ފުރިގެންވާ އެއްޗެކެވެ.

ބައެއް މީހުން ވަގުތު ބޭކާރުކޮށް އުޅެނީ ކުޅިވަރުގައެވެ. ގަނޑު ކުޅުމުގައެވެ. ރާޒުވާ ކުޅުމުގައެވެ. ބައެއް ޒުވާނުން ޒަމާނީ ގޭމުތައް ކުޅުމުގައެވެ. ކޮމްޕިޔުޓަރު ގޭމާއި ޕްލޭސްޓޭޝަން ގޭމުތަކެވެ. އެތައް ގަޑިއިރެވެ. މުޅި ދުވަހެވެ. މި ކަންކަން މި ގޮތަށް ހުރުމުގެ އެންމެ މައިގަނޑު އެއް ސަބަބަކީ، އެ މީހެއްގެ ޙަޔާތުގައި އެއްވެސް މަޤްޞަދެއް ނެތުމެވެ. ލަނޑުދަނޑިއެއް ނެތުމެވެ. އެ މީހެއްގެ ލަނޑުދަނޑިއަކީ ބަނޑުހައިވީމާ ކެއުމެވެ. ކަރުހިއްކައިގަތީމައި ފެންބުއިމެވެ. ނިދި އައީމައި ނިދުމެވެ. އެހެން އިތުރު މަޤްޞަދެއް އޭނާގެ ޙަޔާތުގައެއް ނެތެވެ. އޭނައަށް ދުނިޔޭގައި މާތް ﷲ ލެއްވި މަޤްޞަދެއް އެނގިފައެއް ނޯވެއެވެ. އެނގިފައި އޮތަސް އެ ކަމާ މެދު އޭނާ ވަނީ ޣާފިލުވެފައެވެ. މާތް ﷲ އިންސާނާ ދުނިޔޭގައި ލެއްވީ އެ އިލާހަށް އަޅުކަން ކުރުމަށެވެ. وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ ‎(سورة الذاريات:56) މާނައީ: "ތިމަންރަސްކަލާނގެއަށް އަޅުކަންކުރުމަށް މެނުވީ، ތިމަންރަސްކަލާނގެ ޖިންނީންނާއި، އިންސީން ނަހައްދަވަމެ."

ވަގުތަށް ފަރުވާތެރިކަމެއް ނެތި ޙަޔާތުގެ ވަގުތުތައް ވޭތުކުރަމުން ދާ އިންސާނަކަށް ހޭވެރިކަމެއް ވާނީ ކުއްލިއަކަށް އޭނާއާ ދިމާވާ ކަމަކުންނެވެ. އޭނާއަށް ބައްޔެއް ޖެހުމުންނެވެ. ނުވަތަ އޭނަގެ އަޖަލު އޭނާއާ ބައްދަލުކުރާ ހިނދުގައެވެ. އެހައިރުން އޭނާއަށް ހިތާމަކުރުން ނޫން ކަމެއް ނޯވެއެވެ. ތިމާ އެއިރު މިވެނިއެވެނި ކަމެއް ކުރި ނަމައޭ ހިތަށް އަރާނެއެވެ. ހެޔޮ ޢަމަލުތައް ކުރެވުނު ނަމައޭ، އާޚިރަތް ބާއްޖަވެރިކުރަން އުޅެވުނު ނަމައޭ ހިތަށް އަރާނެއެވެ.

އޭ ލޮބުވެތި އަޚާއެވެ! މާތް ﷲގެ ރަޙްމަތަށް އެދޭށެވެ! އެ އިލާހުގެ ޙަޟްރަތަށް ތައުބާވާށެވެ! ބަރާބަރަށް ނަމާދު އަދާކުރާށެވެ! ޤުރުއާން ކިޔަވާށެވެ! ގިނަގިނައިން މާތް ﷲއަށް ދުޢާކުރާށެވެ! ޢިލްމުގެ މަޖްލިސްތަކުގައި ބައިވެރިވާށެވެ! ރަނގަޅު ހެޔޮލަފާ މީހުންނާ އެކުގައިވާށެވެ! ދެ ދުނިޔެ ބާއްޖެވެރިވާނޭ ފަދަ ކަންކަމުގައި ތިބާގެ ވަގުތު ހޭދަކުރާށެވެ! އެހެނީ ތިބާއަކީ ވަގުތެވެ. ވަގުތުން އުނިވާ އުނިވުމަކީ ތިބާގެ ގައިން އުނިވާ އުނިވުމެކެވެ.

އެޑިޓަރުގެ ނޯޓް
އައްޝައިޚު ޝަފީޢު ޢަބްދުﷲއަކީ ދީނީ ޢިލްމުވެރިއެއްގެ އިތުރަށް އެއީ ކުޅަދާނަ ލިޔުންތެރިއެއް ވެސްމެއެވެ. ދީނީ ތަފާތު މައުޟޫޢުތަކަށް އެކި ނޫސް މަޖައްލާތަކުގައި އޭނާ ލިޔުއްވަމުން ގެންދަވައެވެ.

Advertisement

ކޮމެންޓް