Advertisement

ހަމަނުޖެހުން ބޮޑު ލީބިޔާގައި އަނެއްކާ އިގުތިސާދީ ބޮޑު އަރައިރުމެއް - ގަވަރުނަރު ފިއްލަވައިފި

31 Aug 2024 | 06:59
ލީބިޔާގެ ޓްރިޕޮލީގައި ހުންނަ މަރުކަޒީބޭންކް (ފޮޓޯ: ފައިނޭންޝަލް ޓައިމްސް)


އަބާ މުޙަންމަދު

ދެ ސަރުކާރެއް އޮންނަ ލީބިޔާގެ ޓްރިޕޮލީގައި މަރުކަޒުކުރެވިފައިވާ ސަރުކާރުގެ މަރުކަޒީ ބޭންކްގެ ގަވަރުނަރު ޞާދިޤުލްކަބީރާއި އެ މުއައްސަސާގެ އިސް މުވައްޒަފުން ގައުމު ދޫކޮށް ފިއްލަވައިފިކަމަށް ފައިނޭންޝިއަލް ޓައިމްސް ޚަބަރުދީފިއެވެ. އެއީ ބޮޑުވަޒީރާއި ގަވަރުނަރާ ދެމެދު އުފެދުނު ދެބަސްވުންތަކަކާ ގުޅިގެން، ހަތިޔާރުއެޅި ޖަމާޢަތްތަކުން ދައްކަމުން ގެންދާ ބިރުދެއްކުންތައް ތަޙައްމަލު ނުކުރެއްވިގެންނެވެ. ޓްރިޕޮލީގައި މަރުކަޒުކުރެވިފައިވާ ސަރުކާރަކީ އދ.ގައި ލިބިޔާ ތަމްސީލުކުރާ ސަރުކާރެވެ.

"ހަތިޔާރުއެޅި ޖަމާޢަތުން ބެންކްގެ މުވައްޒަފުން ބިރުގަންނަވައި އެ މީހުންނަށް ބިރުދައްކަމުން ގެންދަނީއެވެ. ބައެއް ފަހަރު އެ މީހުންގެ ދަރީންނަށާއި ތިމާގެ މިހުންނަށް ވެސް ބިރުދައްކަނީއެވެ." އަލްކަބީރު ހުކުރުދުވަހު ދެއްވި ޓެލެފޯނު ބަސްދީގަތުމެއްގައި ވިދާޅުވެފައިވެއެވެ.

2011ގައި ނޭޓޯގެ އެހީތެރިކަމާ އެކު، ލީބިޔަން ޢަރަބް ޖަމާހީރިއްޔާގެ ޤާއިދު ކާނަލް މުޢައްމަރުއަލް ޤައްޒާފީ ވެރިކަމުން ވައްޓައިލައި އެ މަނިކުފާނު އަވަހާރަކޮށްލި ފަހުން ލީބިޔާގެ މަރުކަޒީ ބޭންކަކީ، ލީބިޔާގެ އިރުމައްޗާއި ހުޅަނގުގައި އުފެދިފައިވާ ދެ ސަރުކާރުގެ ދެމެދުގައި އަރައިރުން އުފެދިފައިވާ މުއައްސަސާއެކެވެ. ލީބިޔާގެ މަރުކަޒީ ބޭންކަކީ ތެޔޮ ވިއްކައިގެން ލިބޭ އެތައް ބިލިޔަން ޑޮލަރެއްގެ އާމްދަނީ ލިބޭ ތަނެކެވެ.

އެންމެ ފަހުން ހޯމަދުވަހު ދެ ސަރުކާރުގެ ދެމެދުގައި ހިނގި ޒުވާބަކަށް ފަހު އދ. އިން ގަބޫލުކުރާ ސަރުކާރުގެ ބޮޑުވަޒީރު ޢަބްދުލްޙަމީދު ދުބައިބާ މަރުކަޒީ ސަރުކާރުގެ ގަވަރުނަރުގެ އޮފީހަށް ވަފުދެއް ފޮނުވައިގެން އަލްކަބީރު މަގާމުން ވަކިކުރާން މަސައްކަތް ފަށައިފައިވެއެވެ. ބޮޑުވަޒީރު ޢަބްދުލްޙަމީދުގެ ސަރުކާރަކީ ޤައުމުގެ ހުޅަނގުގައި މަރުކަޒުކުރެވިފައިވާ ސަރުކާރެވެ.

ފައިނޭންޝަލް ޓައިމްސް ބުނާ ގޮތުގައި ބޮޑުވަޒީރާއި ގަވަރުނަރާ ދެމެދު ދެބަސްވުންތައް އުފެދުނީ ބޮޑުވަޒީރުގެ އިސްރާފުކުރުންތައް އިތުރުކޮށް އޭނާގެ ތަޤުރީރުތަކުގައި ގައުމުގެ އިގުތިސާދީ ޙާލަތާ މެދު ރީތި ތަސްވީރުތައް ކުރަހާކަމަށް ގަވަރުނަރު ތުހުމަތުކުރެއްވުމާ ގުޅިގެންނެވެ.

މި ކަންތައްގަނޑުގެ ރައްދުގައި ބޭންކުގެ އިސްވެރީންނާއި މުވައްޒަފުންނަށް ރައްދުދިނުމަށް ޓަކައި ބޮޑުވަޒީރު އުސާމާ ޙައްމާދުގެ އިސްވާރުކަމުގެ ދަށުގައި ބެންގާޒީގައި މަރުކަޒުކުރެވިފައިވާ އިރުމަތީ ސަރުކާރުން އިޢުލާނުކޮށްފައިވަނީ ތެޔޮވަޅުތައް ބަންދުކުރާނޭކަމަށެވެ.

ލީބިޔާގެ އިރުމަތީގައި އޮންނަ، އުސާމާގެ ސަރުކާރަކީ ބައިނަލްއަގުވާމީ ގޮތުން ގަބޫލުކުރާ ސަރުކާރެއް ނޫނެވެ. އެހެންނަމަވެސް ގައުމުގެ ތެޔޮވަޅުތަކުގެ ބޮޑު ބައި ކޮންޓްރޯލްކުރަނީ އެ ސަރުކާރުގެ އަސްކަރީ އިސްވާރު ޚަލީފާ ހަފްތާރެވެ.

ގަވަރުނަރު އަލްކަބީރު ފައިނޭންޝަލް ޓައިމްސްއަށް ފޯނުން ދެއްވި ބަސްދީގަތުމުގައި ވިދާޅުވެފައިވަނީ މަރުކަޒީ ބޭންކުގެ ގަވަރުނަރުކަމުން އޭނާ ދުރުކޮށް އެހެން ބޭފުޅަކު އެ މަގަމަށް ލައްވާން ބޮޑުވަޒީރު ޢަބްދުލް ޙަމީދު ނިންމެވި ނިންމެވުކމަކީ، މަލީ މުއައްސަސާތަކަށް ވެރީން ލައްވާން އދ.އާ އެކު އެއްބަސްވެފައިވާ ހަމަތަކާއި ގަވާއިދާ ޚިލާފަށް ނިންމެވި ޣައިރުޤާނޫނީ ނިންމެވުމެއްކަމަށެވެ.

ޓްރިޕޮލީ ސަރުކާރުގެ ރިޔާސީ މަޖިލީހުން މަރުކަޒީ ބޭންކަށް އާ ޑިރެކްޓަރުންގެ ބޯޑެއް މިހާރު ކަނޑައަޅުއްވައިފައި ވީ ނަމަވެސް، ޓްރިޕޮލީގައި ހުންނަވައި، އަލްޖަޒިރާގެ މުރާސިލު މާލިކު ތުރައިނާ ޚަބަރުދެއްވާ ގޮތުގައި ބޭންކުގެ މައްޗަށް އެއްވެސް ބަޔެއްގެ ފުރިހަމަ ކޮންޓްރޯލު މިހާރު އޮތްކަމަކަށް ނުބެލެއެވެ.

މި ކަންތައްގަނޑާ ގުޅިގެން ބޭންކުގެ ޚިދުމަތްތައް ވަނީ މެދުކެނޑިފައެވެ. ބޭންކުން ފައިސާ ނެގުމާއި ފައިސާ ޖަމާކުރުމުގެ ޚިދުމަތް ވެސް މިހާރު ވަނީ މެދުކެނޑިފައެވެ.

"ރައްޔިތުންނަކަށް ވާނުވާއެއް ނޭނގެއެވެ." ތުރައިނާ ބުންޏެވެ. "ޢިމާރާތުގެ ކޮންޓްރޯލް އޮތީ އަލަށް ޢައްޔަންކުރި ޑިރެކްޓަރުންގެ ބޯޑުގެ ކިބައިގައެވެ. ބޭންކުގެ ވަށައިގެން އޮތީ ސަލާމަތީ ބާރުތަކުން ވަށައިލައިފައެވެ. ދާޚިލީ ވުޒާރާގެ ފަރާތުން ސަލާމަތީ ވަރަށް ބޮޑު ފައުޖެއް އެ ތަނަށް އޮތީ ޙާޒިރުކޮށްފައެވެ."

އިރުމަތީގައި އޮންނަ ސަރުކާރުން އަންގަނީ މި ހަމަނުޖެހުންތަކާ ގުޅިގެން ތެޔޮވަޅުތައް ބަންދުކޮށްފައިވާ ކަމަށެވެ.

(މައުލޫމާތު: ފައިނޭންޝަލް ޓައިމްސް އަދި އަލްޖަޒީރާ)

_________________________________

އެޑިޓަރުގެ ނޯޓް
އަބާ މުޙަންމަދަކީ މީގެ ކުރީން ވެސް ބައެއް ނޫސްތަކަށް ލިޔުއްވައިފައިވާ ކުޅދާނަ ލިޔުންތެރިއެކެވެ.

Advertisement

ކޮމެންޓް