Advertisement

އަހަރުން އަހަރަށް ރައްޔިތުންގެ މަޖިލީސް ފުޅާވަމުންދާ ދިޔުމަށް ނިމުމެއް އަންނާން ޖެހެއެވެ.

26 Oct 2023 | 09:10
.

ޤާނޫނުއަސާސީގައި ވާ ގޮތުން ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ތިއްބަވާން ޖެހެނީ އާބާދީގެ ކޮންމެ 5000 ރައްޔިތަކަށް މެންބަރެކެވެ. މި އުސޫލުން މިހާރު މަޖިލީހުގައި 87 މެންބަރުން ތިއްބެވި ނަމަވެސް 2024ގައި އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެ އަދަދު 93 އަށް އިތުރުވާނެއެވެ.

2008 ވަނަ އަހަރު ފާސްކޮށް ޢަމަލުކުރާން ފެށި ޤާނޫނުއަސާސީގެ ދަށުން ފުރަތަމަ އެކުލަވައިލި ރައްޔިތުންގެ މަޖިލީހުގައި (17ވަނަ ރައްޔިތުންގެ މަޖިލީހުގައި) މި ދެންނެވި މިންގަނޑުން، އާބާދީގެ ކޮންމެ ފަސް ހާސް މީހަކަށް މެންބަރެއް މަގުން، އިންތިޚާބުކުރައްވައިފައިވަނީ 77 މެންބަރުންނެވެ. މިހާރު އާބާދީ އިތުރުވުމުގެ ސަބަބުން އެ ޢަދަދު ވަނީ ކުރީން ވެސް އިޝާރާތް ކޮށްލެވުނު ފަދައިން 87އަށް އިތުރުވެފައެވެ. 2024 ވަނަ އަހަރު އިންތިޚާބުކުރެވޭ ރައްޔިތުންގެ މަޖިލީހަށް، ކުރީން ވެސް ދެންނެވި ފަދައިން، 93 މެންބަރުން އިންތިޚާބުކުރާން ޖެހެއެވެ.

ޤާނޫނުއަސާސީގެ 71ވަނަ މާއްދާގެ (ހ)ގައި ވާ ގޮތުން "އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީކުރެވިފައިވާ އާބާދީ، ފަސް ހާހަށް ވުރެ އިތުރު ވާ ނަމަ، އިތުރުވާ ކޮންމެ ފަސް ހާސް މީހަކަށް މެންބަރެއް" އިންތިޚާބުކުރާން ޖެހެއެވެ. މި ގޮތަށް ޤާނޫނުއަސާސީގައި އޮތުމުން ކޮންމެ ފަސް އަހަރަކުން އެއް ފަހަރު، ތިންހަތަރު، ފަސްހަ މެންމަބަރަކު ނުވަތަ އަށެއްކަ މެންބަރުން އިތުރުވެއެވެ. މިއީ ދިވެހިރާއްޖެ ފަދަ ކުޑަ ގައުމަކަށް އުފުއްލޭ ވަރުގެ ބުރައަކަށް ނުވާނެއެވެ. މި ގޮތަށް ކޮންމެ ފަސް އަހަރަކުން މެންބަރުން އިތުރުވަމުން ދާ ނަމަ، ބަޖެޓަށް ބުރަވުމުގެ އިތުރަށް އިމާރާތް ކުޑަވެ އިދާރީ އެތައް މައްސަލަތަކެއް ކުރިމަތިވާނެއެވެ.

އަނެއްކޮޅުން ބަލާއިރު، ރައްޔިތުންގެ މަޖިލީހަށް މި ގޮތަށް މެންބަރުން އިތުރުވުމަކީ މަޖިލީހުގެ އުފެއްދުންތެރިކަން (ޕްރޮޑަކްޓިވިޓީ) އިތުރުވާ ކަމެއް ވެސް ނޫނެވެ. މި ފަދައިން ޤާނޫނުއަސާސީ އެކުލަވައިލައިފައި އެ ވަނީ ޤައުމީ ވިސްނުމަކުންކަމަށް ވެސް ގަބޫލުކުރާން ދައްޗެވެ. އެއީ ކޮންމެވެސް ބަޔެއްގެ މަސްލަހަތުގައި ކޮށްފައިވާ ކަމެއްކަމަށް ގިނަ ރައްޔިތުން ގަބޫލުކުރެއެވެ. އެހެނީ ކޮންމެ ފަސް ހާސް މީހަކަށް ދާއިރާއެއް ކަނޑައަޅައި އެ ދާއިރާގެ ރައްޔިތުންގެ ވޯޓުން މެންބަރުން އިންތިޚާބުކުރާ ގޮތަށް އޮތުމުން ރިޝްވަތާއި ފަސާދައިގެ ކަންތައް އިތުރުވުން ނޫން ކަމެއް ނުވެއެވެ. ސަބަބަކީ މުޅި އަތޮޅުން ދެ މެންބަރުން އިންތިޚާބުކުރާ ގޮތަށް އޮތް ނަމަ، ވޯޓު ގަނެ ވިއްކާ މީހުންނަށް އެ ކަން ކުރާން އުނދަގޫވާނެތީއެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ ބޮޑުކޮށް އިންތިޚާބީ ދާއިރާ ހަނިކުރި ވަރަކަށް ފަސޭހައިން ކޮރަޕްޝަން ފެތުރޭން މަގު ފަހިވެއެވެ. ނަމަވެސް 10 ހާސް މީހުން ތިބޭ ކޮންމެ އަތޮޅަކަށް ދެ މެންބަރުންނާއި 20 ހާސް މީހުން ތިބޭ ކޮންމެ އަތޮޅަކަށް ތިން މެންބަރުން އަދި 30 ހާސް މީހުންނަށް ވުރެ އިތުރުވާ ކޮންމެ އަތޮޅަކަށް ހަތަރު މެންބަރުން އިންތިޚާބުކުރާ ގޮތަށް ހަމަޖެހިއްޖެ ނަމަ، ހުރިހާ އަތޮޅެއްގައި 30 ހާސް މީހުން ހަމަވެ އިތުރު ވިޔަސް 80 މެންބަރުންނަށް ވުރެ އިތުރެއް ނުވާނެއެވެ. އޭރުން ވަކި މިންވަރެއް ކަނޑައެޅުނީއެވެ. އަދި މި ހިސާބަށް ދާނީ ވެސް އެތައް ޖީލުތަކެއްގެ ފަހުންނެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ދޭ މުސާރަ ވެސް ކުޑަކުރާން އެބަޖެހެއެވެ. މީގެ އިތުރަށް މެންބަރުކަމުގައި ތިއްބާވާ ދުވަސްވަރު ތިއްބަވާނެ އެޕާޓްމަންޓްތަކެއް ސަރުކާރުން ޢިމާރާތްކުރައްވައި، ހުޅުމާލޭގައި "ރައްޔިތުންގެ ހިޔާ"ގެ ނަމުގައި މެންބަރުން ދިރިއުޅުއްވާ ލަގްޒަރީ އެޕާޓްމަންޓްތަކެއް ކޮންމެ ދާއިރާއަކަށް ބިނާކުރައްވައިފި ނަމަ، މެންބަރުންގެ ސަލާމަތީ ކަންކަން ވެސް ވަރަށް ފުރިހަމައަށް ބެލެހެއްޓޭނެއެވެ. އަދި މަޖިލީހަށް ގެނެސް ގެންދާން ފެންވަރު ރަނގަޅު ބަހެއް ކަނޑައަޅައިލެވިދާނެއެވެ. އޭރުން އެންމެން އެއްތާކުން އެއް ތާކަށް، ސަލާމަތީ ފިޔަވަޅުތަކާއެކު އުފުއްލޭނެއެވެ. މެންބަރުން މާލޭގައި ދިރިއުޅުއްވާން ތަންތަން ކުއްޔައްހިއްޕަވާން ޖެހިވަޑައި ނުގަންނަވާނެތީ ކޮންމެ މެންބަރަކަށް މިހާރު ލިބިވަޑައިގަންނަވާ މުސާރައާއި ޢިނާޔަތްތަކުން ތިރީހަކަށް ހާސް ރުފިޔާ އުނިކުރެވިދާނެއެވެ.

ހަމަ މި ފަދައިން، ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލެވޭ މީހުންނަކީ ތަޢުލީމާއި ތަޖުރިބާ ހުރި، ސުލޫކު ރަނގަޅު ބަޔަކަށް ހެދުމަށް ޓަކައި، ޝަރުޠުތަކެއް ވެސް ކަނޑައަޅާން ޖެހެއެވެ. އެމެރިކާއާއި އިނގިރޭސިވިލާތުގައި ޝަރުޠު ކަނޑައަޅައިފައި ނެތުމަކީ މި ރާއްޖޭގައި އެ ކަން ނުކުރާން ޖެހޭ ސަބަބެއް ނޫނެވެ. އެހެނީ އެ ތަންތަނަކީ ތަސައްރަފު ފުދިފައިވާ ހޭލުންތެރި މުޖުތަމައުތަކެކެވެ. އެ ތަންތާނގައި ޝަރު ކަނޑައަޅައިފައި ނެތަސް، ކޮންމެކޮންމެ މީހަކު މަޖިލީހަށް ކުރިމައްޗެއް ނުލާނެއެވެ. އަދި ކުރިމަތިލިޔަސް ނުވެސް ހޮވާނެއެވެ. އެހެންކަމުން އޭޝިއާގެ ބައެއް ގައުމުތަކުގައި (މިސާލަކަށް ތައިލެންޑާއި ބޫޓާން ފަދަ ގައުމުތަކުގައި) މެންބަރުންގެ ތަޢުލީމީ ޝަރުޠު ކަނޑައަޅައިފައިވާ ގޮތަށް މި ރާއްޖޭގައި ވެސް ޝަރުޠު ކަނޑައަޅާން ޖެހެއެވެ. މުސާރަ ވެސް 30 ހާހެއްހާ ވަރަށް ކުޑަކުރާން ޖެހެއެވެ. މި ގޮތަށް ބަދަލު ގެނެވިއްޖެ ނަމަ، ބޮޑު މުސާރަ ލިބޭތީ، އަމިއްލަ ފައިދާއަށް ޓަކައި، މަޖިލީހަށް ކުރިމަތިލުމުގެ ޝައުޤު ކުޑަވާނެއެވެ. އަދި ވޯޓު ގަންނާން އުނދަގޫވާނެއެވެ. ކޮރްޕްޝަނަށް އޮންނަ ފުރުސަތު ހަނިވާނެއެވެ.

މިއީ ގައުމަށް ހެޔޮ އެދޭ ނަމަ، ރައްޔިތުންގެ މަޖިލީހުން ވިސްނާން ޖެހޭ ކަންކަމެވެ. ރައްޔިތުންގެ މަޖިލީހުން ޤާނޫނުއަސާސީއަށް ބަދަލު ގެނެވޭނެ ފަދަ، ސުޕަރ މެޖޯރިޓީއެއް އެއް ޕާޓީއަކަށް އޮވެ، އެ ކަން ނުކޮށް އޮތުމަކީ އެ ބޭފުޅުން ރައްޔިތުންނަށް އިޚުލާސްތެރިކަން ހުރި މިންވަރު ހާމަވާނެކަމެކެވެ.

ޤާނޫނުއަސާސީއާއި ޤާނޫނުތަކުގައިވާ ގޮތުން ކުރިއަށް އޮތް 2024ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހަށް ވަނީ ހަ ދާއިރާއެއް އިތުރުކޮށް، އެ ދާއިރާތައް ކަނޑައެޅި ގޮތާމެދު ޝަކުވާ ހުށަހަޅާން ރައްޔިތުންނަށް ހުޅުވައިލައިފައެވެ. މި ފުރުޞަތު ހުޅުވައިލުމާއެކު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައަޅާފައިވާ ގޮތާ މެދު 65 ޝަކުވާއެއް ލިބިވަޑައިގެންފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކުރައްވައިފައެވެ.

އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އަލްއުސްތާޒު އިސްމާޢީލް ޙަބީބު އެކްސްގައި ކުރައްވައިފައިވާ މެސެޖެއްގައި ވިދާޅުވެފައިވަނީ އިންތިޚާބީ ދާއިރާތައް ކަނޑައެޅި ގޮތާ މެދު، 65 ޝަކުވާއެއް ލިބިވަޑައިގެންފައިވާކަމަށާއި އެ ޝަކުވާތަކާ މެދު، ނޮވެންބަރު ފަސްވަނަ ދުވަހުގެ ކުރީން ގޮތެއް ނިންމަވައި، އެ ގޮތަށް ނިންމެވި ސަބަބާއެކު، ޝަކުވާ ހުށަހެޅި ފަރާތްތަކަށް ފޮނުވާނެކަމަށެވެ.

އެންމެ ގިނައިން ޝަކުވާ ހުށަހަޅުއްވައިފައި ވަނީ އަލަށް އުފައްދާ ދާއިރާއެއްކަމުގައިވާ އައްޑޫސިޓީގެ ފޭދޫ އުތުރު ދާއިރާއަށްކަމަށް ވެސް ޙަބީބު ކުރީން ވަނީ ހާމަކުރައްވައިފައެވެ. އެ ދާއިރާއާ ބެހޭ ގޮތުން 44 ޝަކުވާއެއް ހުށަހަޅުއްވައިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވެފައި ވެއެވެ.

މި ފުރުޞަތުގައި ފާހަގަކޮށްލާން ޖެހޭ އެހެން ކަމެއް ވެސް އެބަ އޮތެވެ. ދިވެހިރާއްޖޭގެ ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް މިހާރު ގާނޫނުއަސާސީގައި އޮންނަ ދޯހަޅި ގޮތެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން ގާނޫނުއަސާސީއަކީ ހިތަށް އެރިހާ ވަގުތަކުން އިސްލާޙުކޮށްލެވޭހައި ފަސޭހަކޮށް އޮވެގެންވާނެ އެއްޗެއް ނޫނެވެ. އަދި އިސްލާޙުކުރާން ކޮންމެހެން ޖެހިއްޖެ ޙާލަތެއްގައި އިސްލާޙުނުކުރެވޭ ގޮތަށް ތަޅުއެޅުވިފައި އޮވެގެންވާނެ އެއްޗެއް ވެސް ނޫނެވެ.

މިހާރު ގާނޫނުއަސާސީގައި އޮންނަ ގޮތުން ވަކި ޕާޓީއަކަށް އަޣުލަބިއްޔަތު ލިބިއްޖެ ނަމަ، ބޭނުން ކޮންމެ އިރަކު ބޭނުން ކޮންމެ އިސްލާޙެއް ކޮންމެ ދުވަހަކު ގެނެވިދާނެއެވެ. އެއްވެސް ޕާޓީއަކަށް އަޣުލަބިއްޔަތު ނެތިއްޖެ ނަމަ، ހަގީގަތުގައި ގާނޫނުއަސާސީއަށް އިސްލާހެއް ގެންނާން މަޖުބޫރު ވިޔަސް އިސްލާޙު ގެނެވޭނެ ހަމަ އެއްވެސް ގޮތެއް ނޯންނާނެވެ.

ވީމާ، ގައުމުގެ ޙާލަތަށް އަންނަ ބަދަލާ ގުޅިގެން ގިނަ ދުވަސްތަކަކަށް ފަހު ޤާނޫނުއަސާސީ އިސްލާޙުކުރާން މީގެ ކުރީން، 2008ގެ ކުރީން، އޮންނަ ފޯމިޔުލާ މާ ބޮޑަށް ވެސް ރަނގަޅުކަމުގައި ދަންނަވާން ޖެހެއެވެ. އެއީ ޤާނޫނުއަސާސީއަށް އިޞްލާހެއް ގެންނާން ހަމަ ކޮންމެހެން ޖެހިއްޖެ ނަމަ، އެ ކަމަށް ޓަކައި ޚާއްސަ މަޖިލީހެއް (ރައްޔިތުންގެ ޚާއްސަ މަޖިލީސް)، އެއްކުރުމުގެ ފޯމިޔުލާއެވެ. އިޚުލާސްތެރިކަމެއް ހުރި ނަމަ، މި ފަދަ ކަންކަމާ މެދު ރައްޔިތުންގެ މަންދޫންބުން ފިކުރު ހިންގަވާން އެބަ ޖެހެއެވެ.

Advertisement

ކޮމެންޓް
މަރީ
ވަރަށް ބޮޑަށް ތާއީދުކުރާ ލިޔުމެއް. ޝުކުރިއްޔާ ފަރަގު!
26 Oct 2023