Advertisement

ތިލައުތުރު ލާމަރުކަޒީ މަހާސިންތާ – ކާމިޔާބުކަމާ އެކު ކުރިއަށް

29 Aug 2024 | 22:48
ހއ. އަތޮޅު ކައުންސިލްގެ އިދާރާ ހުންނަނީ ދިއްދޫގައެވެ.

އަބާ މުޙަންމަދު

ތިލަދުންމަތީ އުތުރުބުރީގެ ރަށްތަކަށް އަމާޒުކޮށްގެން އޮގަސްޓު 29- 31ށް ހއ. އަތޮޅު ކައުންސިލުން ބާއްވާ މަހާސިންތާއެއް ހއ. ދިއްދޫގައި ފެށިގެން މިހާރު ކުރިއަށް ދާ މަހާސިންތާއަކީ ވަރަށް ފުރިހަމައަށް އިންތިޒާމުކުރެވިގެން ކުރިއަށްދާ މަހާސިންތާއެކެވެ. ހއ. އަތޮޅު ސްޓޭޓްހައުސް (އަތޮޅުގޭގެ) ކޮންފަރެންސް ހޯލްގައި ކުރިއަށް ގެންދާ، މި މަހާސިންތާ ފަށްޓަވައި ދެއްވީ ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީޤެވެ.

70 ބައިވެރީން ހިމެނޭހެން ފެށި މި މަހާސިންތާގެ މައިގަނޑު މަގުސަދަކީ އިދާރީގޮތުންނާއި މާލީގޮތުން ތިލަދުންމަތީ އުތުރުބުރީގެ ކައުންސިލްތައް ބާރުވެރިކުރުވައި، ފުރިހަމަ ލާމަރުކަޒީ ނިޒާމެއް މުޅި އަތޮޅުގައި ގާއިމުކޮށް ލާމަރުކަޒީ ނިޒާމުގެ ފައިދާ އެދެވޭ ގޮތުގައި އަތޮޅުގެ ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ. އަދި  މީގެ އިތުރަށް މި ނިޒާމު ހަރުދަނާކޮށް ކައުންސިލުތައް ބާރުވެރިކުރުވައި ރަށު ކައުންސިލްތަކަށް މި ނިޒާމު ހަރުދާނާކޮށް ހިންގައި ކުރިއަށްގެންދިޔުމުގައި ދިމާވާ ގޮންޖެހުންތަކަކީ ކޮބައިކަން ދެނެގަނެ އެ ކަންކަމަށް ހައްލު ހޯދައިދިނުމެވެ.

ތިލައުތުރު މަހާސިންތާގައި އެލްޖީއޭގެ ޑިރެކްޓަރޖެނެރަލް އާދަމް ޝަރީފު (ވ)އާއި އަތޮޅު ކައުންސިލްގެ ބައެއް މެންބަރުން އިފްތިތާޙީ ޖަލްސާގައި&nbsp; <br>

މި މަހާސިންތާ އަމާޒުކޮށްފައިވަނީ ހއ. އަތޮޅުގެ ރަށްރަށުގެ ކައުންސިލްގެ ރައީސުންނާއި، ކައުންސިލް މެންބަރުންނާއި ސެކެޓަރީ ޖެނެރަލުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސުންނާއި ރަށްރަށުގެ ކުލަބު ޖަމިއްޔާތަކުގެ އިސްފަރާތްތަކަށެވެ.  

މި މަހާސިންތާގައި ފެސިލިޓޭޓްކޮށްދެއްވާނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޑިރެކްޓާރ ޖެނެރަލް އާދަމް ޝަރީފް އަޙްމަދާއި ސީނިއަރ ޕްލޭނިންގ އޮފިސަރ އިބްރާހީމް ޝަރަފް ތައުފީޤެވެ.

ތިލައުތުރު ލާމަރުކަޒީ މަހާސިންތާގައި އަމަލީ މަސައްކަތުގައި ބައެއް ބައިވެރީން......<br>

މި މަހާސިންތާ ކުރިއަށްދާ އިރު، މަޢުލޫމާތު ދަނފަޅިތަކެއް ވެސް ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މި ދަންފަޅިތަކުގެ ތެރެއިން މަޢުލޫމާތު ހޯދައި ލިބިގަތުމާއި މަޢުލޫމާތު ހާމަކުރުމުގެ ގޮތުން މަޢުލޫމާތު ދަންފަޅި ނަންގަވައި ދެއްވާނީ  އިންފޮމޭޝަން ކޮމިޝަނަރު އޮފީހުގެ ސެކްރެޓަރީ ޖެނެރަލް އިދުރީސް އިސްމާޢީލެވެ. އަދި ކޮރޮޕްޝަނަށް ހޭލުންތެރި ކުރުވުމުގެ ދަންފަޅި ނަންގަވައި ދެއްވާނީ، އެންޓި-ކޮރޮޕްޝަން ކޮމިޝަނުގެ ޑިރެކްޓަރ އޮފް ޕްރިވެންޝަން އަލްފާޟިލް ޢަލީ ޝަމީމް އާދަމެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި މަހާސިންތާއަކީ ވަރަށް ފުރިހަމައަށް އިންތިޒާމުކުރެވިގެން ބާއްވާ މަހާސިންތާއެއްކަމަށް ބައވެރީންގެ ފަރާތުން މަޢުލޫމާތު ލިބިފައިވެއެވެ. މި މަހާސިންތާ މި މަހު 31ގެ ނިޔަލަށް ކުރިއަށް ދާނެއެވެ.

އެޑިޓަރުގެ ނޯޓް
އަބާ މުޙަންމަދަކީ މީގެ ކުރީން ވެސް ބައެއް ނޫސްތަކަށް ލިޔުއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

Advertisement

ކޮމެންޓް