ﷲއަށް ޓަކައި ދޫކޮށްލާ އެއްޗަކަށް ﷲ ހެޔޮ ބަދަލު ދެއްވާނެ
އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ
މައްކާގެ މުޝްރިކުންގެ ދުއްތުރާތައް އިންތިހާއަށް ދިޔުމުން ﷲއަށް ޓަކައި މުހާޖިރިއްޔަ ބޭކަލުން އެ ބޭކަލުންގެ ގެދޮރާއި އަހުލުން ދޫކުރައްވައި މަދީނާއަށް ހިޖުރަކުރެއްވިއެވެ. ﷲ ސުބްޙާނަހޫ ވަ ތަޢާލާ އެބޭކަލުންނަށް މިކަމަށް ބަދަލުދެއްވީ އެބޭކަލުންނަށް ދުނިޔެ ފަތަޙަކޮށްދެއްވައިގެންނެވެ. އިސްލާމީ ދައުލަތް ދުނިޔޭގެ އިރުމައްޗަށާއި ހުޅަނގަށް ފަތުރުއްވައިގެންނެވެ.
ރަސޫލާ ﷺ ލޯބިފުޅުވާ ރަށް، މައްކާ، ދޫކުރައްވައިފައި މަދީނާއަށް ވަޑައިގެންނެވުނު ހިނދު އެކަލޭގެފާނުގެ ހިތްޕުޅަށް މަދީނާ ދެކެ ލޯބިވުން ޖައްސުވައިދެއްވުން އެދިވަޑައިގެން ދުޢާކުރެއްވިއެވެ. އެކަލޭގެފާނުގެ ދުޢާފުޅަކީ ((اللَّهُمَّ حَبِّبْ إِلَيْنَا المَدِينَةَ كَحُبِّنَا مَكَّةَ أَوْ أَشَدَّ، وَصَحِّحْهَا، وَبَارِكْ لَنَا فِي صَاعِهَا وَمُدِّهَا، وَانْقُلْ حُمَّاهَا فَاجْعَلْهَا بِالْجُحْفَةِ[1] -ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯއެވެ! އަޅަމެން މައްކާ ދެކެ ލޯބިވާ މިންވަރަށް ނުވަތަ އެއަށް ވުރެ ވެސް ބޮޑަށް މަދީނާއަށް ލޯބިޖައްސުވާނދޭވެ! އަދި މަދީނާ ދުޅަހެޔޮ ރަށަކަށް ހައްދަވާނދޭވެ! އެ ރަށުގެ ޞާޢާއި މުއްދުގައި[2] ބަރަކާތްލައްވާނދޭވެ! އެ ރަށުގެ ހުން، އެ ރަށުން ބޭރަށް ލައްވައި މި ހުން ޖުޙުފާގައި ލައްވާނދޭވެ!)) ޖުޙުފާއަށް މަދީނާގެ ހުން ގެންދެވުމަށް ދުޢާކުރެއްވީ އެ ދުވަސްވަރު ޖުޙުފާއަކީ ކާފިރުން އުޅޭ ސަރަޙައްދަކަށް ވާތީއެވެ. ރަސޫލާގެ މި ދުޢާފުޅު ވަނީ އިޖާބަކުރައްވައިފައެވެ.
ރަސޫލާ މަދީނާ ދެކެ ލޯބިފުޅުވިލެއް ބޮޑުކަމުން ދަތުރުފުޅެއް ކުރައްވައިފައި މަދީނާއަށް ވަޑައިގަންނަވާ އިރު އެ ރަށުގެ މަލަތައް ފެނިވަޑައިގަތުމުން އުފާފުޅުކުރައްވައި ސަވާރީކޮޅު ބާރަށް ދުއްވައިލައްވައެވެ.
މާތް ﷲ ބަދަލުދެއްވާ ގޮތް:
1- ﷲ ތަޢާލާއަށް ޓަކައި ވަޒަނާއި އަހުލުން ދޫކުރައްވައި ވަޑައިގަތުމުން މަދީނާއާއި އަންޞާރުންގެ އަޚުވާންތަކަން ދެއްވުން: މައްކާގެ މުޝްރިކުން ކީރިތި ރަސޫލާއަށާއި މުސްލިމުންނަށް ކުރަމުން ދިޔަ ގޯނާތަކާއި ކުރިމަތިކުރި ގިލަންތަކުގެ ސަބަބުން އެ ބޭކަލުން ލޯބިފުޅުވި މައްކާއާއި މުދަލާއި އަހުލުން ދޫކުރައްވައި މަދީނާއަށް ހިޖުރަކުރެއްވިއެވެ. މާތް ﷲ ރަސޫލާއަށް މީގެ ބަދަލުގައި މަދީނާއާއި މަދީނާގެ އަހުލުވެރީންގެ ލޯތްބާއި އަޅައިލުން ދެއްވިއެވެ. މުހާޖިރުންނާއި އަންޞާރުން އިސްލާމްދީނުގެ ސަބަބުން އަޚުންކަމުގައި ވިއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. (( لِلْفُقَرَآءِ ٱلْمُهَٰجِرِينَ ٱلَّذِينَ أُخْرِجُوا۟ مِن دِيَٰرِهِمْ وَأَمْوَٰلِهِمْ يَبْتَغُونَ فَضْلًا مِّنَ ٱللَّهِ وَرِضْوَٰنًا وَيَنصُرُونَ ٱللَّهَ وَرَسُولَهُۥٓ ۚ أُو۟لَٰٓئِكَ هُمُ ٱلصَّٰدِقُونَ ﴿٨﴾ وَٱلَّذِينَ تَبَوَّءُو ٱلدَّارَ وَٱلْإِيمَٰنَ مِن قَبْلِهِمْ يُحِبُّونَ مَنْ هَاجَرَ إِلَيْهِمْ وَلَا يَجِدُونَ فِى صُدُورِهِمْ حَاجَةً مِّمَّآ أُوتُوا۟ وَيُؤْثِرُونَ عَلَىٰٓ أَنفُسِهِمْ وَلَوْ كَانَ بِهِمْ خَصَاصَةٌ ۚ وَمَن يُوقَ شُحَّ نَفْسِهِۦ فَأُو۟لَٰٓئِكَ هُمُ ٱلْمُفْلِحُونَ[3] - އެއުރެންގެ ގެދޮރުންނާއި، އެއުރެންގެ މުދަލުން ނެރެލާފައިވާ فقير مهاجر ންނަށް (އެ فَىء މުދަލުގައި) حق އެއްވެއެވެ. އެއުރެންނީ اللَّه ގެ حضرة ން فضل ވާންތަވެރިކަމާއި، ރުހިވޮޑިގަތުން އެދޭ މީހުންނެވެ. އަދި اللَّه އަށާއި، އެކަލާނގެ رسول އާއަށް نصر ދޭ މީހުންނެވެ. އެއުރެންނީ ހަމަ ތެދުވެރިންނެވެ. (8) އަދި އެއުރެންގެ ކުރީގައި، المدينة ގައި ވަޒަންވެރިވެ، إيمان ކަމުގައި قائم ވެތިބި أنصار ން، އެއުރެންގެ ގާތަށް هجرة ކުރި مهاجر ންދެކެ ލޯބިވެތެވެ. އަދި އެއުރެންނަށް (އެބަހީ: مهاجر ންނަށް) ދެއްވި އެއްވެސް އެއްޗަކަށް އެއްވެސް ބޭނުމެއް (ނުވަތަ ދަހިވެތި ކަމެއް) އެއުރެން (އެބަހީ: أنصار ން) ގެ ހިތްތަކުގައި ނުވެއެވެ. އަދި އެއުރެންގެ އަމިއްލަ نفس ތަކުގެ މައްޗަށް، އެއުރެންނަށް އިސްކަންދެތެވެ. އެއުރެންނަށް ބޭނުންތެރިކަން ބޮޑުވެފައި ވީނަމަވެސްމެއެވެ. އެމީހެއްގެ އަމިއްލަ نفس ގެ ދަހިވެތިކަމުން މިންޖުވެއްޖެ މީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ ހަމަ ދިންނަވާނެ މީހުންނެވެ.))
2- ސުރާޤަތު މައްކާގެ މުޝްރިކުން ރަސޫލާގެ އިސްތަށިފުޅަށް ހުށައެޅި ސަތޭކަ ޖަމަލުގެ އިނާމު ދޫކޮށްލައްވައި ރަސޫލާ ހައްޔަރުނުކުރައްވައި ދޫކޮށްލެއްވުމުން އެކަލޭގެފާނަށް ކިސްރާގެ ރަން އުޅާތައް ދެއްވުން: ކީރިތި ރަސޫލާ މަދީނާއަށް ހިޖުރަކުރެއްވުމަށް ޓަކައި ސިއްރިއްޔާތުގައި މައްކާއިން ނުކުމެވަޑައިގަތުމުން އެކަލޭގެފާނު ހިފައި ހައްޔަރުކޮށްގެން ގެނައި މީހަކަށް ސަތޭކަ ޖަމަލުގެ ބޮޑު އިނާމެއް ދޭނެކަން ޤުރައިޝުން އިޢުލާނުކުރިއެވެ. ސުރާޤަތުގެފާނު މުދްލަޖުވާންހައިގެ މަޖިލީހެއްގައި އިންނަވަނިކޮށް އައި މީހަކު ދެންމެއަކު އަތިރިމަތި ފަރާތުން ދެތިން މީހުން ދަތުރުކުރަމުންދާ މޭގައެއް ފެނުނޭ ބުންޏެވެ. ސުރާޤަތުގެފާނަށް އެއީ ރަސޫލާކަން ކަށަވަރުވެވަޑައިގެން އެ ކަން އޮޅުވައިލެއްވުމަށް ޓަކައި އެއީ މިވެނި އެވެނި ތިން މީހެކޭ ވިދާޅުވެ އެ މަޖިލީހުން ނުކުމެވަޑައިގަތެވެ. އެއަށް ފަހު، އެހެން މީހުންނަށް ސިއްރިއްޔާތުގައި އަސް މައްޗަށް ސަވާރުވެވަޑައިގެން ހަތިޔާރު ހިއްޕަވައިގެން ކީރިތި ރަސޫލާއާ ބައްދަލުކުރައްވާން ނުކުމެވަޑައިގަތެވެ. ސުރާޤަތު ވިދާޅުވިއެވެ. "އަޑުފޯރާ ފަށަށް ގާތްވުމުން ތިމަން ގޮވައިލީމެވެ. މިއަދު މަގޭ ކިބައިން ކަލޭގެފާނު ސަލާމަތްކުރާނީ ކާކުހެއްޔެވެ؟ އެކަލޭގެފާނު ވިދާޅުވިއެވެ. މާތްﷲއެވެ. އެ ހިނދު ތިމަން އަރައި އިން އަހުގެ ހަތަރެސް ފައި އެ އޮތް ހަރު ބިމުގެ ތެރެއަށް ގަނބައިގެން ގޮސް އަސް ހައްޔަރުވެއްޖެއެވެ. ދެން ތިމަން އަސްމަތީން ފުންމައިލުމުން ތިމަން ވެސް ގަނބައިގެންފިއެވެ. ދެން ތިމަން އަމާނަށް އެދި ގޮވާން ފަށައިފީމެވެ. އެކަލޭގެފާނު އަމާންދެއްވުމުން އަސް ވީއްލި އަދި ތިމަން ވެސް ވީއްލިއްޖެއެވެ."
ބައެއް ރިވާޔަތްތައް ބުނާގޮތުގައި ސުރާޤަތު ސަލާމަތްވެ ވަޑައިގަތުމުން ޢަހުދަށް ޣައްދާރުވެވަޑައިގެން ރަސޫލާގެ އަރިހަށް ވަޑައިގެންނެވޭތޯ ބެއްލެވިއެވެ. އެހެނަސް ސުރާޤަތަށް ކުރިއަށް ވަޑައެއްނުގެންނެވުނެވެ. ދެން ރަސޫލުﷲގެފާނު ސުރާޤަތަށް އިސްލާމްދީން ހުށައެޅުއްވިއެވެ. ސުރާޤާތު ދެންނެވިއެވެ. ކަލޭގެފާނުގެ ދީން ކުރިއަރައިދާނޭކަން ކަށަވަރެވެ. އެ ދުވަހުން އަޅުގަނޑަށް އަމާންކަން ދެއްވާނޭކަމުގެ ލިޔުމެއް ދެއްވާށެވެ. ރަސޫލާ އަމުރުފުޅުކުރައްވައިގެން މި ފަތް ލިޔެދެއްވީ ޢާމިރު ބިން ފުހައިރަތެވެ. ސުރާޤަތުގެފާނު ވިދާޅުވިއެވެ. ((އެދުވަހު ރަސޫލާ r ތިމަންނާއާ ވާހަކަފުޅު ދައްކަވަމުން ޙަދީސްކުރެއްވިއެވެ. ތިބާ ކިސްރާގެ ދެ އުޅާ އަޅައިގެން އިންނަ އިރު، ކޮން ފަދައަކުން ހީވާނޭހެއްޔެވެ؟ ތިމަން އަޖައިބުވެގެން ދެންނެވީމެވެ. ކިސްރާ ހުރްމުޒުތޯއެވެ؟ ޙަދީސްކުރެއްވިއެވެ. އާނއެކެވެ! ފަހެ މި ބަސްފުޅު ތިމަންނާއާ ދިމާއަށް ވިދާޅުވެފައިވަނިކޮށް ޢުމަރުގެފާނުގެ ޒަމާނުގައި ސަޢުދު ބިން އަބީ ވައްޤާޞްގެފާނުގެ ވެރިކަމުގައި އިސްލާމީ ލަޝްކަރު ފާރިސްކަރަ ފަތަޙަކޮށް ކިސްރާގެ ތާޖާއި ތަޚުތު ޣަނީމަކޮށް މަދީނާއަށް ގެންދެވުނެވެ. އެހިނދު ޢުމަރުގެފާނު، ސުރާޤަތު ގެންނަވައި އޭނާގެ އަތްޕުޅުގައި ކިސްރާގެ އުޅާތައް އެޅުއްވިއެވެ. އެއަށް ފަހު ސުރާޤަތު އަހެއް މައްޗަށް ލައްވައިގެން މަދީނާގެ މަގުތައް މަތީގައި ބުރުޖައްސުވައި މީސްތަކުންނަށް ދައްކަވައި ވިދާޅުވިއެވެ. الله أكبر، ކިސްރާ ބިން ހުރްމުޒުގެ މުދާތައް ޣަނީމަކޮށްދެއްވައި އޭނާގެ ދެ އުޅާ މުދްލަޖުވާންހައިގެ އަޢުރާބީއެއް ކަމުގައިވާ ސުރާޤަތު ބިން މާލިކުގެ ދެ އަތުގައި އަޅުއްވައިދެއްވި މާތްﷲ އަށް ހަމްދު ހުށްޓެވެ.[4]
ސުރާޤަތު އިސްލާމްވެވަޑައިގަތީ މައްކާ ފަތަޙަކުރެވުނު ދުވަހުއެވެ. މިއީ ކީރިތި ރަސޫލާގެ ނަބީކަމުގެ ހެކިތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ﷲއަށް ޓަކައި އެއްޗެއް ދޫކޮށްލި މީހާއަށް އެއަށް ވުރެ ހެޔޮ އެއްޗަކުން ބަދަލުދެއްވާނެތެވެ.
3- މާތްﷲ ރުއްސުންލެއްވި ޞުހައިބުއްރޫމީ މަދީނާއަށް ހިޖުރަކުރެއްވީ އެކަލޭގެފާނުގެ ހުރިހައި މުދާތަކެއް ﷲގެ ވަޖުހުފުޅަށް ޓަކައި ދޫކުރައްވައިފައެވެ. މާތް ﷲ އޭގެ ބަދަލުގައި އެކަލޭގެފާނަށް ﷲގެ ރުއްސެވުމާއި ސުވަރުގެ ދެއްވިއެވެ.ޞުހައިބުއްރޫމީއަކީ ވަރަށް ކުރިން އިސްލާމްދީން ޤަބޫލުކުރެއްވި ޞަޙާބީއެކެވެ. މާތްﷲ އެކަލޭގެފާނުގެ މުދަލުގައި ބަރަކާތްލެއްވިއެވެ. އެކަލޭގެފާނު މަދީނާއަށް ހިޖުރައަށް ވަޑައިގަންނަވާން ވެގެން މައްކާއިން ނުކުމެވަޑައިގަތުމުން ޤުރައިޝުންގެ ބަޔަކު އެކަލޭގެފާނަށް ހުރަސްއަޅައި ބުންޏެވެ. "ތިބާ މަމެން ގާތަށް އައީ ފަޤީރު މިސްކީނެއްގެ ގޮތުގައެވެ. އަހުރެމެންގެ ތެރޭގައި އުޅެގެން ތިބާ މިހާރު ތިޔަ ހުރީ މުއްސަނދިވެފައެވެ. މާތްﷲ ގަންދީ ބުނަމެވެ. އެ މުދާތައް ހިފައިގެން ތިބާއަކަށް ނުދެވޭނެއެވެ. އެހިނދު ސަވާރީ މަތީން ފައިބައިވަޑައިގެން ތީރު ކޮތަޅުން ތީރެއް ނަންގަވައި ވިދާޅުވިއެވެ. އޭ ޤުރައިޝުންނޭވެ! ތިޔަބައިމީހުންނަށް އެނގޭނެ ފަދައިން ދުނިދަނޑީގެ ހެވިކަމަށް މަށަށް ވުރެ މޮޅު މީހަކު ތިޔަބައިމީހުންގެ ތެރޭގައެއް ނުހުންނާނެއެވެ. ﷲ ގަންދީ ބުނަމެވެ. މަގޭ އަތުގައި މި ހުރި ދުނިތައް ހުސްވާންދެން ތިޔަބައިމީހުންގެ ތެރެއިން ހަމަ އެކަކަށް ވެސް މަށާ ގާތަކަށް ނާދެވޭނެތެވެ. ތިޔަބައިމީހުން ބޭނުންކަމެއް ކުރާށެވެ! މަގޭ މަގަށް ހުރަސްނާޅައި މަ ދޫކޮށްލާށެވެ! މަގޭ މުދާތައް ހުރި ތަން ކިޔައިދީފާނަމެވެ. އެބައިމީހުން މި ކަމާ ޤަބޫލުވެ އެކަލޭގެފާނު ދޫކޮށްލިއެވެ. އެކަލޭގެފާނު މަދީނާއަށް ވަޑައިގެން ރަސޫލާ ﷺގެ އަރިހަށް ވަޑައިގަތުމުން ޙަދީސްކުރެއްވިއެވެ. ربِح البيعُ أبا يَحيى، ربِح البيعُ أبا يَحيى – އަބޫ ޔަޙުޔާއޭވެ! ކުރި ވިޔަފާރީގެ ފައިދާ ބޮޑެވެ. ކުރި ވިޔަފާރީގެ ފައިދާ ބޮޑެވެ. މިކަމާ ވިދިގެން މާތްﷲ ވަޙީކުރެއްވިއެވެ: وَمِنَ النَّاسِ مَنْ يَشْرِي نَفْسَهُ ابْتِغَاءَ مَرْضَاتِ اللَّهِ وَاللَّهُ رَءُوفٌ بِالْعِبَادِ [5] - އަދި اللَّه ގެ ރުހިވޮޑިގަތުން އެދި (އެކަލާނގެއަށް) ތިމާގެ نفس ދޫކޮށްލާ މީހުން ވެސް މީސްތަކުންގެ ތެރެއިން ވެއެވެ. اللَّه އީ، އަޅުތަކުންނާ މެދު، ނުހަނު އޯގާވާންތަ ރަސްކަލާނގެއެވެ ((.[6] ޞުހައިބުގެފާނަށް އެ މުދަލަށް ބަދަލުދެއްވީ ސުވަރުގެއާއި ﷲގެ ރުއްސެވުމުންނެވެ.
4- މާތްﷲ ރުއްސުންލެއްވި އަސްމާއުގެފާނު އެ ކަމަނާގެ ހެދުންކޮޅު ރަސޫލާއަށް ޓަކައި ދެ ފަޅިއަށް އިރައިލެއްވުމުން މާތް ﷲ އެ ކަމަނާއަށް ސުވަރުގޭގައި އޭގެ ބަދަލުގައި ދެ ހެދުންކޮޅު ދެއްވުން: މުސްލިމުން މަދީނާއަށް ހިޖުރަކުރަމުންދިޔަ އިރު ނަބިއްޔާ ﷺގެ އަރިހުގައި ހިޖުރަކުރެއްވުމުގެ ފޮނި އުންމީދުގައި އަބޫބަކުރުގެފާނު މައްކާގައި ހުންނެވިއެވެ. އަބޫބަކުރުގެފާނު މި ދަތުރުފުޅަށް ތައްޔާރުވެވަޑައިގަތް އިރު، ކާތަކެއްޗާއި ފެންހަން ވަކީން ބަންނާނެ ވައުކޮޅެއް ލިބިވަޑައިނުގެންނެވިއެވެ. އެހިނދު އަސްމާއުގެފާނު އެކަމަނާގެ ހެދުންކޮޅުގެ ނިޠާޤު[7] ދެ ފަޅިއަށް އިރައިލައްވައި އެއް ފަޅީން ކާތަކެތީގެ ސުފުރާ ބެންނެވިއެވެ. އަނެއް ފަޅީން ފެންހަން ބެންނެވިއެވެ. ބުޚާރީގައި އައިސްފައިވާ ގޮތުގައި އެކަމަނާ ވައުކޮޅެއް ލިބިވަޑައިނުގަތުމުން އަބޫބަކުރުގެފާނު ވިދާޅުވިއެވެ. "ދަރިފުޅާއޭވެ! ކަނބުލޭގެ ނިޠާޤު ދެ ފަޅިއަށް އިރައިލާށެވެ! އެއް ފަޅީން ސުފުރާ ބަންނާށެވެ! އަނެއް ފަޅީން ފެންހަން ބަންނާށެވެ!" މިހެންވެ ރަސޫލުﷲގެފާނު އެ ކަމަނާއަށް "ޛާތުއްނިޠާޤައިނި"ގެ ލަޤަބުދެއްވިއެވެ.
5- އެބޭކަލުން ދުނިޔެއަށް ފުރަގަސްދެއްވުމުން މާތް ﷲ އެބޭކަލުންނަށް ދުނިޔެއާއި އާޚިރަތް ދެއްވުން: ނަބިއްޔާ rއާއި އެކަލޭގެފާނުގެ ޠާހިރު ޞަޙާބީންނަކީ ދުނިޔޭގެ ފޮނިމީރުކަމުގެ މައްޗަށް އާޚިރަތް އިސްކުރެއްވި ބޭކަލުންތަކެކެވެ. އެ ބޭކަލުން ދުނިޔެ ވިއްކައިލެއްވީ ﷲގެ ވަޖުހުފުޅަށް ޓަކައެވެ. އޭގެ ބަދަލު މާތްﷲ އެ ބޭކަލުންނަށް ފުރިހަމައަށް ދެއްވިއެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ. ((وَالَّذِينَ هَاجَرُوا فِي اللَّهِ مِنْ بَعْدِ مَا ظُلِمُوا لَنُبَوِّئَنَّهُمْ فِي الدُّنْيَا حَسَنَةً وَلَأَجْرُ الْآخِرَةِ أَكْبَرُ لَوْ كَانُوا يَعْلَمُونَ [8] - އެއުރެންނަށް އަނިޔާ ލިބުމަށްފަހު، اللَّه އަށްޓަކައި هجرة ކުޅަ މީހުންނަށް، ހަމަކަށަވަރުން، ދުނިޔޭގައިވެސް އެއުރެން އުޅޭނޭ ރަނގަޅު ވަޒަން، ތިމަންރަސްކަލާނގެ ދެއްވާހުށީމެވެ. އަދި ހަމަކަށަވަރުން، آخرة ގެ ދަރުމަ މާބޮޑެވެ. އެއުރެން (އެކަން) ދަންނަނަމައެވެ.)) މާތް ﷲ ރަޙުމަތް ލެއްވި އިބްނު ކަޘީރު ވިދާޅުވިއެވެ."
ﷲގެ ވަޖުހުފުޅަށް ޓަކައި ކަމެއް ދޫކޮށްލި މީހާއަށް މާތްﷲ އެއަށް ވުރެ ރަނގަޅު ކަމަކުން ބަދަލު ދެއްވަތެވެ. މާތް ﷲ ބައެއް މީހުން މުއްސަނދި ސައުދާގަރުންނަށް ހެއްދެވިއެވެ.އަނެއް ބަޔަކަށް ވެރިކަން ދެއްވިއެވެ. އަނެއްބަޔަކު ތަޤްވާވެރި އިމާމުންކަމުގައި ލެއްވިއެވެ.
އަޅުގަނޑުމެންގެ ޢަމަލީ ޙަޔާތުގައި މި މަންހަޖަށް ތަބާވުން ކިހާ މުހިންމުތޯއެވެ؟
1- މީސްތަކުންގެ ގާތަށް ގޮސް ސަލާންޖެހުމުގެ ބަދަލުގައި ﷲގެ ޙަޟްރަތުގައި ކަންކަމަށް އެދޭ މީހާއަށް މާތް ﷲ ހެޔޮ ބަދަލުދެއްވާނެތެވެ. އޭނާގެ ހިތް މިނިވަންކުރައްވައި އޭނާގެ ނަފުސު ޢިއްޒަތްތެރި ކުރައްވައި އޭނާއަށް ފުދުންތެރިކަން ދެއްވާނެއެވެ. ކައު ރަސޫލާ r ޙަދީސްކުރެއްވިއެވެ. ((مَن يَسْتَعْفِفْ يُعِفَّهُ اللَّهُ، ومَن يَسْتَغْنِ يُغْنِهِ اللَّهُ، ومَن يَتَصَبَّرْ يُصَبِّرْهُ اللَّهُ، وما أُعْطِيَ أحَدٌ عَطاءً خَيْرًا وأَوْسَعَ مِنَ الصَّبْرِ[9]- ޢިއްފަތްތެރިވުމަށް އެދޭ މީހާ ﷲ ޢިއްފަތްތެރި ކުރައްވާނެތެވެ. ފުދުންތެރިކަން ޙާޞިލްކުރަން އެދޭ މީހާ ﷲ ފުދުންތެރިކުރައްވާނެތެވެ. ކެތްތެރިވާން އެދޭމީހާ މާތް ﷲ ކެތްތެރިކުރައްވާނެތެވެ. ކެތްތެރިކަމަށް ވުރެ ބޮޑު، ތަނަވަސްކަން ފުޅައު ހެޔޮ ކަމެއް ﷲ މީހަކަށް ނުދެއްވަތެވެ.))
2- ﷲގެ މިންވަރުފުޅަށް އިޢުތިރާޟްނުކޮށް ހުރިހައި ކަމެއްގައި ﷲއަށް ބޯލަނބައި ކިޔަމަންގަތް މީހާއަށް ﷲގެ ރުހުމާއި ޔަޤީންކަން ރިޒުޤުކުރައްވާނެތެވެ. އަދި އޭނާއަށް ރަނގަޅު ނިމުމެއް ދެއްވާނެތެވެ.
3- ފާލުބަލައި މީހުންނާއި އިރުވަރުބަލައި މީހުންނާއި ސިޙުރުވެރީން ގާތަށް ދިޔުން ހުއްޓައިލާ މީހާއަށް މާތް ﷲ ކެތްތެރިކަން ދެއްވާނެތެވެ.
4- ﷲ ދެކެ އެކަނި ބިރުގަންނަ މީހާ މާތް ﷲ ހުރިހައި ބިރުތަކަކުން އަމާންކޮށްދެއްވާނެތެވެ.
5- ދޮގުހެދުން ދޫކޮށްލައި ތެދު ބުނުން މަތީގައި ދެމިހުންނަ މީހާއަށް މާތް ﷲ ތެދުވެރި ދުލެއް ރިޒުޤުކުރައްވާނެތެވެ.
6- ގަނެވިއްކުމުގައި މަކަރުހެދުން ދޫކޮށްލާ މީހާއަށް މީސްތަކުންގެ އިތުބާރު ލިބި މީސްތަކުން އޭނާގެ ފިހާރައަށް ބާޒާރުކުރާން ދިޔުން އިތުރުކުރައްވާނެތެވެ.
7- ރިބާ ކެއުމާ ދުރުހެލިވާ މީހާއަށް މާތް ﷲ ބަރަކާތްލައްވާނެއެވެ. އޭނާއަށް ހެޔޮކަމާއި ބަރަކާތުގެ ދޮރުތައް ހުޅުއްވައިދެއްވާނެތެވެ.
8- ކަންދެއްކުމާ ދުރުހެލިވެ ސާފުކަންމަތީ ހިތް ދަމަހައްޓާ މީހާގެ ޢައިބުތައް ރައްކައުތެރިކޮށްދެއްވާނެއެވެ.
______________________________
މަރުޖިޢުތައް:
[1] - أخرجه البخاري (٥٦٥٤)، ومسلم (١٣٧٦)
[2] - ޞާޢާއި މުއްދުގައި ބަރަކާތްލެއްވުމުގެ މާނައަކީ ގަނެވިއްކުމުގައި ބަރަކާތް ލެއްވުމެވެ.
[3] - الحشر: 8، 9
[4] - السيرة النبوية لأبي شهبة
[5] - البقرة : 207
[6] - الحاكم، المستدرك على الصحيحين ٥٨١٦
[7] - ނިޠާޤު އަކީ އަންހެނުން ބުރަ މަސައްކަތްކުރާއިރު ހެދުން މައްޗަށް އުފުލައިލުމަށް ޓަކައި ބަނޑުމަތީގައި އައްސާ ފޮތިގަނޑެކެވެ.
[8] - النحل: 41
[9] - أخرجه البخاري ( ١٤٦٩ ) و أحمد (١١٠٩١) وابن حبان (٣٣٩٩)، والطبراني في ((المعجم الأوسط)) (٩٠٤٦)