Advertisement

ސިޔާސީ މުނާފިގުކަމުގެ ބަލި: ދަނޑިވަޅުބަލައިފައި ޚުޝާމަދުކުރުމާއި ބިރުވެރިކަމުގެ ވަގުތުގައި ފިލުން.

29 Aug 2024 | 16:14
ނިފާގުކަމުގެ ބަލި

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

އަޅުގަނޑުމެންގެ އަމިއްލަ ދިވެހި ދުނިޔޭގެ ސިޔާސީ މަސްރަހުން ވޭތުވެގެންދިޔަ ވެރިކަމުގެ ދައުރުގެ ތެރޭގައި ފެނި ތަޖުރިބާ ވެގެން ދިޔަ ސިޔާސީ ނިފާގުކަން، ގައުމުގެ ހަޔާތަށް ގެނެސްދޭ ގެއްލުންތަކާ މެދު އެއްޗެއް ދެންނެވުމުގެ ކުރީން ދުނިޔޭގެ އެހެން ގައުމެއްގެ މިސާލެއް ވެސް ދަންނަވާލުމަކީ، މައުޟޫއުން ބޭރުކަމެއް ކަމަކަށް އަޅުގަނޑު ނުދެކެމެވެ. އަޅުގަނޑު ބޭނުން މުހިއްމު ނުކުތާއެއް ފާހަގަ ކޮށްލުމަށް ޓަކައި މުގައްދިމާއެއްގެ ގޮތުންނެވެ. 'ދަންބެރަށްވުރެ ތަގުޑި ދިގުވެގެން ދިޔަ ނަމަ ވެސް' އައްސަވާ ބޭފުޅުންގެ އަރިހުން މައާފަށް އެދެމުންނެވެ.

އިންޑިޔާގައި 700 އަހަރުވަންދެން ދެމިއޮތް މުސްލިމުންގެ ވެރިކަން ނިމިގެންދިޔައީ އިންޑިޔާގެ މައްޗަށް އިނގިރޭސީން ވެރިވެގަތުމުންނެވެ. އޭގެ ފަހުން އިންޑިޔާގައި މުސްލިމުންގެ އަމިއްލަ ވެރިކަމެއް ގާއިމުކުރެވޭ ގޮތްނުވެ، އިނގިރޭސި އިސްތިއުމާރުގެ ދަށުގައި ސަތޭކަ އެތައް އަހަރެއް ވަންދެން ދެމި އޮތެވެ.

މި ހާދިސާއާ ގުޅިގެން އިންޑިޔާގެ މުސްލިމަކު ލިޔުއްވި ލިއުއްވުމެއްގައިވެއެވެ. "ހިސާބަކަށް އަޅުގަނޑުމެންގެ އަމިއްލަ ފަރުވާކުޑަކަމުގެ ސަބަބުން، އަދި ވަކިވަރަކަށް އަޅުގަނޑުމެންނަށް ލިބިފައިވާ މުސްކުޅި ތައުލީމެއްގެ ސަބަބުން، ސިޔާސީ ކަންތައްތަކާއި ސިޔާސީ ޢިލްމުގެ މައްޗަކަށް އެއްވެސް ސަމާލުކަމެއް ނުދެވެއެވެ. ކަމުގެ ނަތީޖާއަކަށްވީ މުޣުލް ރަސްކަމުގެ އިރުއޮއްސިގެން ދިޔުމާ އެކު އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ހަޔާތުގައި އެއްވެސް ކަހަލަ ދިރުމެއް އުފައްދައިލެވޭނޭ ކަހަލަ ގޮތެއް ނުވުމެވެ. އިނގިރޭސީން އައިސް އަޅުގަނޑުމެންގެ ރަށުގެ މައްޗަށް ވެރިވެގަތް ހިނދު 'ފޫނުބެދޭ ފިތުނަގަނޑެއް' ('ޣަދަރު'ގެ ނަމުން މަޝްހޫރުވެފައިވާ އިނގިރޭސީންނާ ދެކޮޅަށް އިންޑިޔާގެ މުސްލިމުން ހިންގި ބަޣާވަތް) އުފެއްދުން ފިޔަވައި ކުރާނޭ އެއްވެސް ކަމެއް އަޅުގަނޑުމެންނަކަށް ނޭނގުނެވެ. ދަނޑިވަޅު ބަލައިފައި ޚުޝާމަދުކުރުމާއި ބިރުވެރިކަމުގެ ވަގުތުގައި ގެއަށް ވަދެ ދޮރު ބަންދުކޮށްލައިގެން ތިބުން، އެއީ ހަމަގައިމު ވެސް އަޅުގަނޑުމެންނަށް އެނގޭ ކަންކަމެވެ.

ތިމާގެ އަމިއްލަ އަބުރާއި އިއްޒަތް ސަލާމަތްކުރުމަށް ޓަކައި ހަނގުރާމަކުރާ މީހުންތައް މުސްކުޅި ޒަމާންތަކުގައި ވަރަށް ގިނައިން ފެނެއެވެ. ނަމަވެސް ސިޔާސީ ކަންތައްތަކުގައި ނުވަތަ ސަރުކާރު ހިންގުމުގައި އަޅުގަނޑުމެންގެ ގައުމު ބައިވެރިވުމަށް މަސައްކަތްކޮށްފައިވާކަން ދޭހަވާ ހާދިސާއެއް އަޅުގަނޑުމެންގެ ތާރީޚަކުން ފެންނާކަށް ނެތެވެ. އަދި ގައުމީ ހައިސިއްޔަތަކުން ތިމާގެމެންގެ އަބުރާއި އިއްޒަތް ސަލާމަތްކުރުމުގެ މަސައްކަތް ކުރެވިފައިވާކަން ވެސް ސާބިތެއްނުވެއެވެ. އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ އަމިއްލަ އާއިލާއާއި ގާތްތިމާގެ މީހުންގެ މަސްލަހަތާއި ފައިދާ ހޯދުން ފިޔަވައި ވިސްނައި ފިކުރުކުރާނޭ އެހެން އެއްވެސް ކަމެއް ނޯވެއެވެ. ފަހަރެއްގައި ވެސް ގައުމަށް ޓަކައި ނުވަތަ ވަޒަނަށް ޓަކައި މަސައްކަތްކުރުމުގެ އަޒުމެއް ނުކުރެވެއެވެ.

އަޅުގަނޑުމެން ދިރިއުޅޭ އުޅުމުގައި ކުރިމަތިވާ މުސީބަތްތަކުން ސަލާމަތްވާން ދުއާކޮށްލަކޮށްލައި ސިހިސިހި ތިބޭ ދިރިއުޅުމަކީ ކޮން ކަހަލަ ދިރިއުޅުމެއްތޯއެވެ؟ ޝިކާރަކުރާ މީހަކު ޝިކާރައަށް ނުފެނި ސިއްރުސިއްރުން އުޅޭފަދައިން ބިރުން ސިހިސިހި ތިބޭ އަޅުގަނޑުމެން ދިރިއުޅޭ އަމިއްލަ ރަށަކީ ކީއްކުރާން އުޅޭ ތަންތަނެއްތޯއެވެ؟ ޔޫރަޕްގެ މީހުން ސިޔާސީ ހަޔާތޭ ކިޔާ އެއްޗަކީ އަޅުގަނޑުމެންގެ ތެރޭގައި ވައްތަރެއްގެ ޖުވާއެކެވެ. އެ ޖުވާ ކުޅުމުގެ ބިރުކުޑަކަން ލިބިފައިވަނީ ވަކި ބަޔަކަށެވެ. މިނިކާވަގެއްގެ އަނގައިގެ ތެރެއަށް އެއްވެސް މީހަކު އަތެއް ނުލާނެއެވެ. ހުސް ފިލައެއްގެ މަތީގައި އެއްވެސް މީހަކު ކަނޑުދަތުރު ކުރާކަށެއް ނޫޅޭނޭއެވެ. ގައުމަށް ޚިދުމަތްކުރެވޭނީ ރަސްގެފާނުގެއަރިހުގައި އުޅެގެންނެވެ. ރަސްގެފާނުގެ އަރިހަށް ދެވޭތޯ މަސައްކަތްކުރާމީހުން ރަސްގެފާނުގެ ދަރުބާރުގޭ މީހުންގެ ތެރެއަށް ވަދެ ހައްޔަރުވެ އަޅުވެތިވެފައި ތިބެތެވެ. ރަސްގެފާނުގެ އަރިހަށް ދެވުނަސް ރަސްގެފާނު ރުއްސައިފައި ބެހެއްޓުމަކީ ވެސް މާ ފަސޭހަ ކަމަކަށް ނުވެއެވެ. އެއްވެސް ކަމެއްގައި ކުޑަ ވެސް އިއުތިރާޒެއް ކުރެވިއްޖެ ނަމަ އަބުރާއި އިއްޒަތް އަދި ފުރާނަ ވެސް ދިޔައީއެވެ. ކަން މިހެން ހުންނައިރު ވިސްނޭ ބުއްދިވެރީން ސިޔާސީ ހަޔާތާއި ދުރަށް ދުވެފިލާކަން އެއީ އަޖާއިބުވާންވީ ކަމެއްތޯއެވެ...؟"

"އިސްވެދިޔަ ވާހަކަކޮޅުން ދަލީލު ލިބިގަންނާން މަސައްކަތްކުރެވެނީ ގައުމެއްގެ މީހުން އެބައިމީހުންގެ ސިޔާސީ ކަންތަކާ މެދު ޚިޔާލެއް ފިކުރެއް ނުކޮށް ވެރީންނަށް ތިއްބަވާ ޢިއްޒަތްތެރީންގެ އިސްތަށިފުޅުގައި ހުރިހައި ކަމެއް އަޅުވައި، ޚުޝާމަދާއި ތައުރީފުތައްކޮށްކޮށް ތިބުމުގެ ސަބަބުން ގައުމީ ހަޔާތަށް އަންނަ ނިކަމެތިކަމާއި ދެރަކަމެވެ.

ދިވެހިރާއްޖޭގައި ސުމުއްވުލްއަމީރު މުޙަންމަދު އަމީނުގެ ވެރިކަމުގައި އަދި އޭގެ ފަހުން ނިމިގެންދިޔަ ވެރިކަމުގައި ވެސް އަޅުގަނޑުމެންނަށް މި ކަން ތަޖުރިބާ ކުރެވިފައި ވެއެވެ. އެންމެ ފާހަގެކޮށްލެވޭ ގޮތެއްގައި ސިޔާސީ ނިފާގުކަމުގެ ބަލީގެ ގޮތުގައެވެ.

"އެ ދައުރުގެ ފަހުކޮޅުގައި ވަރަށް ގިނަ ކަނތައްތަކެއް ރާއްޖެއާ އެކަށީގެންނުވާ ގޮތުގެ މަތީން، ހަމައާއި އިންސާފުން މުޅީންނެއްޓިގެން، ހިނގަމުން ދިޔަކަން ކަށަވަރެވެ. ކާބޯތަކެތީގެ ދަތިކަމުގެ ސަބަބުން މުޅިރާއްޖެހެން ބަނޑަށް ޖެހުނެވެ. އާންމު ރައްޔިތުންގެ ޙާލު، ވަރަށް ނިކަމެތި ދަށު ދަރަޖައަކަށް ގޮސްފައިވަނިކޮށް ހާއްސުންގެ ބަޔަކު 'އުދުހުނެވެ'. ދައުލަތުގެ ޚަޒާނާއިން ގައުމުގައި ކުރިޔަށް ތިބި ވަރަށްގިނަ ބައެއްގެ އަމިއްލަ ފޮށިތައް ފުރެމުން ދިޔައެވެ. ދައުލަތުގައި ބެހެއްޓެމުންދާ ރައްޔިތުންގެ އަމާނާތްތަކަށް ޚިޔާނާތްތެރިވަމުން ދިޔައީ މަތިވެރިދަރަޖައަކަށެވެ..." (އަލީ އަހްމަދު.، 'އިންގިލާބަކީ އިބުރަތެކެވެ'.، ހަގީގީ މިނިވަންދުވަހުގެ ހާއްސަ ނަމްބަރު.)

"އަލްއަމީރު މުޙަންމަދު އަމީނާ މެދު ސިޔާސީ ނަޒަރަކުން ކުރުކޮށް ދަންނަވަނީ ނަމަ އޭނާއަށް ރާއްޖޭގެ މިންވަރު ނުވިސްނެވުނު ކަމުގެ ދެރައާއި މަލާމާތް ހައްގުނޫނެކޭ ނުބުނެވޭނެއެވެ. ޖިންސުއްލަތީފުންގެ ތަހުރީރުގައި އިސްލާމީ ޝަރީއަތުގެ އުސޫލުތަކަށް ކުޑަވެސް ރިއާޔަތެއް ނުކުރެއްވުމުގެ ފުރައްސާރަ ރައްދުނުވެއެއް ނުހުންނާނެއެވެ. ދައުލަތުގެ ކޮންމެއެއްޗަކީ، ރައްޔިތުންގެ ހުގޫގުތަކަކީ، އޭނާގެ އަމިއްލަފުޅު އެއްޗެއްކަމުގައި މަސްހުނިކުރެއްވުނުކަމުގެ ދެރަކަން ނުދެވިއެއް ނުމެދާނޭމެއެވެ.........

"ނަމަވެސް ސިޔާސީ ރޮނގުންނާއި އިގުތިސާދީގޮތުން އޭނާއަށް އެކަށީގެންނުވާ މަގާމުތަކެއް ލިބިވަޑައިގަތުމުގެ ނަތީޖާއެއްގެ ގޮތުން އޭނާގެ ހަޔާތްޕުޅުގެ ނިމުން ތަމްސީލުވެގެން ދިޔައީ ދިވެހި ޒައީމެއްގެ ހަޔާތް ނުނިމޭ ފަދަ ހިތާމަވެރި ގޮތެއްގައެވެ."

"ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސަކުކަމުގައި އޭނާ ވަވަޑައިގަތުމުގެ މާކުރިއްސުރެ ފެށިގެން އޭނާގެ ހަޔާތްޕުޅަށް ސިޔާސީ އިންހިލާލު އަންނާންފަށައިފިއެވެ. މުޅިއުންމަތަކީ މުޙަންމަދު އަމީނުކަމުގައި ޔަގީންވެވަޑައިގަތްކަން އޭނާ ވެއްޓިވަޑައިގަތުމުގެ އެއްއަސްލަކަށް ހިމެނިއްޖެއެވެ." (އިބްރާހީމް ޝިހާބު، ސަރުކާރުގެ ޚަބަރު، 1 ޖުމާދިލް އާޚިރާ 1373)

"އިސްވެ ދިޔަ ތާގައި ކޮޕީކުރެވުނު އެކި ލިޔުންތަކުގައި ބަޔާންކުރެވިފައިވާ ވާހަކަތަކުން ސުމުއްވުލްއަމީރު މުޙަންމަދު އަމީނުގެ ވެރިކަމުގެ ދައުރުގައި ކިޔެވެމުންދިޔަ ލީޑަރު ތަސްބީހައާއި އެމަނިކުފާނުގެ ވެރިކަން ވެއްޓުމުން މަހާނަ މައްޗަށް މަޑިއަށް ޖެހެވުނު ގޮތް ހިސާބަކަށް ނަމަވެސް ހިތްޕުޅަށް ގެންނެވޭނޭކަމަށް ހީކުރަމެވެ. އަދި ހަމަ މިއާއެކު ވަރަށް ޚާއްސަ ކަންތައްތަކެއް ފާހަގަކޮށްލެވޭނެއެވެ. އެ ކަންކަމަކީ މައްސަލަތައް ކުރިމަތިވެގެން އައިއިރު އަޅުގަނޑުމެންގެ ތެރޭގައިއޮތް ގާނޫނީ ހުރިހާ ބާރުތަކަކީ މާނައެއް ނެތް، ބޭނުމެއް ނެތް، ބޭކާރު އެއްޗެއްކަމަށްވެފައި އޮތްކަމެވެ........."

"ގައުމުގެ އެންމެ މަތީ ވެރިޔާގެ މައްޗަށް މި ފަދަ ކުށްތަކާއި ގައުމީ ޚިޔާނަތުގެ ތުހުމަތުކުރެވުނުއިރު މިފަދަ ކަންކަމުގައި މަސްއޫލިއްޔަތު އުފުލާންޖެހޭ އެއްވެސް ފަރާތަކުން ކުރެވުނު ކަމެއް ނެތެވެ. ކަމެއް ކުރެވޭތޯ ގާނޫނީ ސިފައެއްގައި އުޅެފައެއް ވެސް ނެތެވެ. ވީމާ، އެއިރު ޝަރީއަތާއި ގާނޫނު ހިންގާ ފަރާތްތަކާއި ގާނޫނު ހަދާފަރާތްތަކުގެ އެއްވެސް މަސްއޫލިއްޔަތެއް ނެތި ހަމައެކަނި ހުރިހާ ކުށެއް އެ ފަރާތެއްގައި އަޅުވައިލެވުނު ކުށްވެރިޔަކަށް ވެގެންދިޔައީ ސުމުއްވުލްއަމީރު މުޙަންމަދު އަމީނެވެ.

ސަބަބަކީ ކޮބައިތޯއެވެ! ޖަވާބެއްގެ ގޮތުން އަޅުގަނޑަށް އިވެނީ އޭނާގެ ވަރުގަދަ މުސްތަބިއްދު ވެރިކަމުގައި ސަރުކާރުގެ ހުރިހާ ގާނޫނީ ބާރުތަކެއް ބޭކާރުކޮށްލެވިފައި އޮތީއެވެ. ރައްޔިތުންގެ މަޖްލިހުގައި އެއްވެސް ޝަކުވާއެއް، ރައްޔަތުންގެ ދަތިތަކުގެ ވާހަކައެއް، ހުށަހެޅޭނެ ފުރުސަތެއް ނެތީއެވެ. ވީމާ ޣައިރުގާނޫނީ ސިފައަކަށް ކަންތައް ވެގެން ދިޔައީއެވެ.

"އާދެ، މި ހިސާބުން މައްސަލަ ނިމުނީކަމަށް ވެސް ހީކުރެވިދާނެއެވެ. އެހެންކަމަށް ވެއްޖެ ނަމަ، ވެރިކަމުގެ ކޮންމެ ދައުރެއްގައި ވެސް އަޅުގަނޑުމެންނަށް ކުރެވޭން އޮތް ކަމަކަށް ވެގެންދަނީ، އަދި އަޅުގަނޑުމެންނަށް އެނގޭ ގައުމީ ޚިދުމަތަކަށް ވެސް ވާނީ، "ލީޑަރު ތަސްބީހަ"ކިޔުމާއި "މަހާނަ މައްޗަށް މަޑިއަށް ޖެހުމެވެ." އަދި ގައުމުގެ ސިޔާސީ މަސްރަހުގައި ކުޅެވެމުންދާނީ އެކްޓަރުން ބަދަލުވެފައިވާ އެއް ޑުރާމާއެކެވެ. މި ހަގީގަތް ހޯދައިލުމަށް އަޅުގަނޑުމެންގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ދައުރުގެ ފެށުމާއި ނިމުމުގެ މައްޗަށް އެހެން ފުރުސަތެއްގައި ވިސްނައިލެވޭތޯ ބަލައިލާން ގަސްދުކުރަމެވެ." (އަޅުނގަޑުމެން ދަންނަ ގައުމީ ޚިދުމަތަކީ ލީޑަރު ތަސްބީހަ ކިޔުމާއި މަހާނަ މައްޗަށް މަޑިޔަށް ޖެހުންތޯއެވެ؟ - ޢަބްދުއްރަޙީމު އަބްދުލްމަޖީދުގެ މި ލިޔުމުން ނެގިފައި.)

އަޅުގަނޑުގެ އަމިއްލަ ކޮމެންޓެއް:

އާދެ، އަޅުގަނޑުމެންގެ ސިޔާސީ މަސްރަހުން އަދިވެސް ފެންނަމުން ދަނީ ހަމަ މި މަންޒަރެކެވެ. އެއް ބަޔަކު އެމީހުންގެ އަމިއްލަ މަސްލަހަތު އެއީ ގައުމީ މަސްލަހަތުކަމުގައި ހަދައިގެން މަސައްކަތްކުރާ ތަނެވެ. އަނެއް ބަޔަކު، އެފަދަ މީސްމީހުންގެ ކިބައިން ކޮންމެ ވެސް ފައިދާއެއް ލިބުމުގެ އެދުމުގައި ނުވަތަ އެބަޔަކު ތާއީދުކުރާ މީހެއްގެ ޚަސްމަށް ކުރާ ނަފުރަތުގެ ސަބަބުން، ނުވަތަ އެ ނޫން ވެސް އެ ފަދަ އެހެން ޒާތީ ސަބަބަކާ ހުރެ، އެ މީހުން ތާއީދުކުރާ މީހުންނަށް ލީޑަރު ތަސްބީޙަ ކިޔާ ތަނެވެ. އެ ބަޔަކު ތާއީދުކުރާ މީހަކީ، މަތީގައި ޝިހާބު ވިދާޅުވެފައިވާ ފަދައިން، 'މުޅި އުންމަތަށް' ހަދައިލައިގެންނެވެ. މިހެން ހަދައިލުމުން، އޭނާ ކުރާ ހުރިހާ ކަމެއް ރަނގަޅު ކަންކަމުގައި ވެގެން ދެއެވެ. އޭނާ އެދޭ ހުރިހައި ކަމެއް ކޮށްދޭން ޖެހެއެވެ. ގައުމު ބައިބައިކޮށްލައި، ގައުމުގެ މައްޗަށް ވެރިވުމަށް ބޭރު ބާރުތަކަށް، ފާޅުގައި މަގުފަހިކޮށްދިން ކަމުގައި ވިޔަސް ވެހެވެ. މި ފަދަ ހާލަތެއްގައި ވެސް، ގައުމީ މަސްލަހަތަށް، ޖަމާއަތުގެ ފައިދާއަށް، ބެލެމުގެ ޒަރޫރަތްތެރިކަމެއް ހަނދާނެއް ނުވެއެވެ. އެ ކަމުގެ ރަނގަޅު ނުރަނގަޅު، އެ ކަމުގެ ނިޔަތް، ތިމާމެންގެ އަމިއްލަ ސިކުނޑީގެ ވިސްނުމުން ވިސްނައި ކަނޑައަޅައިލާން ޖެހޭނޭކަމެއް ނުދެކެއެވެ. އެ ބަޔަކު ތާއީދުކުރާ މީހާ ދެކޭ ގޮތަކީ ރަނގަޅު ގޮތްކަމުގައި ވެފައި އޮތުމުންނެވެ.

މިހެން އާންމު ވިސްނުން ހުރުމުން، މައުޟޫއީ ސިފައެއްގައި ސިޔާސީ ވެރީންގެ ސިޔާސަތުތަކަށް ބަލައިލެވޭ ތަނެއް ނާދެއެވެ. އަދި، އެ ފަދަ ގޮތެއްގައި ކަންތައް ކުރާން ޖެހޭ މަގާމުތަކުގައި ގިނައިން ތިބެނީ އެ ފަދަ ގޮތެއްގައި ކަންކަމާ ބެހޭ ގޮތުން އެއްޗެއް ބުނެވޭ ފަދަ، ސިކުނޑީގެ ތެތްކަމެއް ލިބިފައި ތިބި ބަޔެއް ނޫނެވެ. އެ މަގާމުތަކަށް ވާސިލުވެވެނީ ފައިސާއާއި ރިޝްވަތާއި އާއިލީ އަދި ރައްޓެހިކަމުގެ ގުޅުންތައް މެދުވެރިކޮށެވެ. ކަން މިހެން އޮތުމުން ސިޔާސީ ވެރީންނަށް އެ މީހުންގެ މަސްލަހަތު ނިޔާކުރާ ގޮތަކަށް ކަންތައް ކުރެވެއެވެ. ގައުމަށް، އާންމު ރައްޔިތުންނަށް، ކުރިމަތިވެފައި ހުރި މައްސަލަތައް ބަލައި ހައްލުކުރާން އުޅުމުގެ ބޭނުމެއް އޮތްކަމަކަށް ނުވެއެވެ. ފަހުން އަންނަ ބަޔަކު ކުރީން އުޅުނު ބަޔަކު ގޯސްކޮށް، ރައްޔިތުން ކަނު ބަނދެލައި، ކުރީން އައި މީސްމީހުން ކުރިކަންތައްތައް އަލިފުން ޔާއަށް ކުރަމުންދެއެވެ. މީގެ އިތުރަށް، ބޭރު ބަޔަކަށް ގައުމު ވިއްކައިލުން ވެސް އެއީ އެންމެ ރަނގަޅު ކަމަކަށް ހަދައި، އެ ކަން އެއް ބަޔަކު ކޮށް، އަނެއް ބަޔަކު އެ ކަން ދިފާއުކުރުމުގައި ތިބެއެވެ!

ދެން، އެ ކަމުގެ ނަތީޖާ ރައީސް އަމީން ދީދީގެ ދައުރުގައި ވެސް ފެނުނީ ވަރަށް ހިތިކޮށެވެ. ވެރީން، އެ މީހުންގެ އަމިއްލަ މަސްލަހަތަށް ޓަކައި، އެކި ކަންކަން ކޮށް، އެ ކަމަށް އެހެން މީހުން ޚުޝާމަދުކުރުމުގައި ތިބުމުން، ތާރީޚު އިއާދަ ވެގެންދަނީ އެވެ. ދެން، ފެންނަނީ ކޮން ކަމެއްހެއްޔެވެ؟ އެކިއެކި ގާނޫނުތައް ހެދުމެވެ. [ޤައުމާއި މުޖތަމަޢު] އިސްލާޙުކުރުމުގެ ނިޔަތަކުނޫނެވެ. ލަޓިބުރިއެއްގެ ގޮތުގައެވެ. ތިމާ ނުރުހޭ މީހެއްގެ ގައިގައި ތަޅައި، ތިމާ ވެއްޓެންދާ ވަގުތު އޭގައި ހިފަހައްޓާށެވެ! މި ކަހަލަ ގާނޫނުތައް ކުރީގެ [އެކިއެކި] ވެރީންގެ ދައުރުތަކުގައި ވެސް ހެއްޖެވެ! މިހާރު ވެސް މިކަން ތަކުރާރުވާން ވަމުން އެބަ ދާކަމަށް ވެއެވެ.

އެޑިޓަރުގެ ނޯޓް
ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމަކީ ކުޅަދާނަ ޢިލްމީ ލިޔުންތެރިއެކެވެ. މީގެ ކުރީން ނޫސް-މަޖައްލާތަކަށް ވަރަށް ގިނައިން ލިޔުއްވައިފައިވެއެވެ. މިހާރު ވެސް އޭނާގެ ބައެއް ލިޔުންތައް ނޫސްތަކުން އެބަ ފެނެއެވެ. މިހާރު އޭނާގެ ލިޔުންތެރިކަން ބޮޑަށް އަމާޒުކުރައްވައިފައިވަނީ މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ޓަކައި ތަފާތު މަޢުޟޫޢުތަކަށް މީސްމީޑީއާގައި ލިޔުއްވާ ލިޔުންތަކުގެ މައްޗަށެވެ. ޑރ. ޢަބްދުލްޣަފޫރު މާލޭގައި ތަޢުލީމު ހާސިލުކުރެއްވުމަށް ފަހު، އޭނާ ފުރަތަމަ ޑިގްރީ ޙާޞިލުކުރެއްވީ މަދީނާގެ އިސްލާމިކް ޔުނިވަސިޓީއިންނެވެ. އޮސްޓްރޭލިޔާގެ ލެޓްރޯބް ޔުނިވަރސިޓީއިން މާސްޓަރސް ޑިގްރީ ހާސިލުކުރެއްވުމަށް ފަހު، ޕީއެޗްޑީ ނެންގެވީ މެލްބަން ޔުނވަސިޓީއިންނެވެ. އޭނާ މިހާރު ދިރިއުޅުއްވަނީ އޮސްޓްރޭލިއާގައެވެ. މިހާރު މަސައްކަތްޕުޅުކުރައްވަނީ އޮސްޓްރޭލިޔަން އިންޓަނޭޝަނަލް އެކަޑަމީ އޮފް އެޑިޔުކޭޝަންގައެވެ. އެ ތާނގައި އަރަބި ބަހާއި މެދުއިރުމައްޗާއި ޔޫރަޕްގެ ތާރީޚު ކިޔަވައިދެއްވާށެވެ. އޭނާއަކީ ވަރަށް މަތީ ފެންވަރުގެ ޢިލްމުވެރިއެކެވެ. ފަލްސަފާވެރިއެއް ވެސް މެއެވެ. ޑރ. ޢަބްދުލްޣަފޫރަކީ ރާއްޖޭގެ މަޝްހޫރު ލިޔުންތެރިއެއް އަދި ކެލިގްރާފަރެއް ކަމުގައިވާ ޢަބްދުއްރަޙީމް ޢަބްދުލްމަޖީދު (ރަޙިމަހުﷲ)ގެ ޢިލްމުވެރި ދަރިކަލެކެވެ.

Advertisement

ކޮމެންޓް