Advertisement

ސިނަމާލޭ ބުރިޖު ހަދައި ނިންމައިފައިވަނީ މަޝްރޫޢު ފެށި އިރު، އާންމުކުރި ކުރެހުމާ އެއް ގޮތަށްކަން ސާބިތުކޮށްދީފި.

28 Aug 2024 | 15:31
ސިނަމާލެ ބުރިޖުގެ ފޮޓޯއެއް

އަބާ މުޙަންމަދު

މާލެއާއި ހުޅުލެއާއި ހުޅުމާލެ ގުޅުވައިލުމަށް ޓަކައި ހިންގި ސިނަމާލޭ ބުޖިޖަކީ އާދަޔާ ޚިލާފު ބިޔަ މަޝްރޫޢެކެވެ. އެއީ އެ ކަމަށް ހޭދަވި ފައިސާގެ ބޮޑު ބަޔެއް ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ދީގެން ކުޑަ މުއްދަތެއްގައި ހިންގި ފުރިހަމަ މަޝްރޫޢެކެވެ. އެ މަޝްރޫޢަކީ އެހާ އޮއިގަދަ، އެހައި ފުން ކަނޑުއޮޅިއެއްގައި ދުނިޔޭގައި ވެސް ގާއިމުކުރެވުނު ފުރަތަމަ ދާލަމެވެ.

މި ދާލަމަކީ ވުޖޫދަށް ގެނެވިދާނެ ތަނެއްތޯ އޭރުގެ އިދިކޮޅު ފަރާތްތަކުން ސުވާލު އުފައްދަމުން ގެންދިޔައެވެ. އެ ދާލަން ބިނާކުރުމަށް ޓަކައި ފުރަތަމަ އެޅި ދަގަނޑު ފާލަމާ ގުޅިގެން ވެސް އޭރުގެ އިދިކޮޅު ފަރާތްތަކުން ފާޑުފާޑުގެ ވާހަކަތައް ފެތުރިއެވެ. އެއީ ދައްކާ ދަޅައެއްކަމަށާއި ރައީސް ޢަބްދުﷲ ޔާމީންގެ ރިޔާސީ ފަސް އަހަރުގެ ދައުރު ނިމޭ އިރު ވެސް އެ ކަން ނުވާނެކަމަށް ވާހަކަދެއްކިއެވެ. އަދި ބުރިޖު އެޅި ކުންފުނީގެ ގާބިލިއްޔަތާ މެދު ސުވާލު އުފައްދައި "ފޭކު" ބުރިޖުތަކުގެ ފޮޓޯއާއި ވީޑީއޯ ޢާންމުކުރިއެވެ.

ރައީސް ޔާމީނަކީ އަދި އެ މަނިކުފާނުގެ އޭރުގެ ހައުސިން މިނިސްޓަރ ޑރ. މުޙަންމަދު މުޢިއްޒަކީ މީހުންގެ ފިތުނަވެރި ވާހަކަތަކަށް ރައްދު ދެއްވުމުގެ ބަދަލުގައި "ފަސް އަހަރުގެ ތެރޭގައި ކަމެއް ކުރެއްވޭތޯ" މަސައްކަތްކުރެއްވި ދެ ބޭފުޅުންނެވެ. ރައީސް ޔާމީންގެ ރިޔާސީ އެންމެ ބޮޑު މަސައްކަތްޕުޅެއްކަމަށް ކުރީން ވެސް ބެއްލެވީ އެ މަނިކުފާނުގެ ރިޔާސީ ފުރަތަމަ ދައުރު ނިމުމުގެ ކުރީން ސިނަމާލޭ ބުރިޖު ގާއިމުކޮށް ހުޅުވައިލެއްވުމަށެވެ.

ޗައިނާ ސަރުކާރުން މައިގަނޑު ތިން މަޝްރޫޢެއް ރާއްޖޭގައި ހިންގައިދޭން އެހީތެރިވެދޭން ނިންމައި ދިވެހި ސަރުކާރުން ބޭނުންވަނީ ކޮން ތިންކަމެއްތޯ ރައީސް ޔާމީނާ ސުވާލުކުރެއްވިއެވެ. އަދި ފުރަތަމަ މަޝްރޫޢަކީ ކޮބައިތޯ ދެންނެވުމުން ރައީސް ޔާމީން ވިދާޅުވީ ސިނަމާލެ ބުރިޖުކަމަށެވެ. އެ ވާހަކަ ނޯޓު ކޮށްލެއްވުމަށް ފަހު ޗައިނާ ސަފީރު، ދެވަނައަށް އިސްކަންދެއްވަނީ ކޮން ކަމަކަށްތޯ ދެންނެވުމުން ވެސް ރައީސް ޔާމީން ވިދާޅުވީ ސިނަމާލޭ ބުރިޖުކަމަށެވެ. ސަފީރު ކުޑަކޮށް ހިނިތުންވެވަޑައިގަތުމަށް ފަހު، ތިންވަނަ ކަމަކީ ކޮބައިތޯ ދެންނެވުމުން ވެސް ރައީސް ޔާމީން ދެންނެވީ ސިނަމާލޭ  ބުރިޖުކަމަށެވެ.

ސިނަމާލޭ ބުރިޖުގެ މަޝްރޫޢޫގެ އެއްބަސްވުމުގައި ސޮއިކުރުމާއި މަޝްރޫޢު ފެށުމުގެ ރަސްމިއްޔާތުގައި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ (އޭރުގެ ހައުސިންގ މިނިސްޓަރ) ޑރ. މުޙަންމަދު މުޢިއްޒު (ވ)އާއި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް (މ)އާއި ޗައިނާ ސަފީރު<br>

އެހެންކަމުން ދިވެހި ސަރުކާރުން، ޚުދު ރައީސް އެ ކަމަށް ދެއްވާ ސަމާލުކަން ސަފީރު ޗައިނާގެ ރައީސަށް ދެންނެވިއެވެ. އަދި ޚުދު ރައީސް ޔާމީން ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ވެސް ވަރަށް ތަފުޞީލުކޮށް އެ ވާހަކަ ޗައިނާގެ ރައީސަށް ދެންނެވިއެވެ. އަދި އެ ކަމުގެ ކަށަވަރުކަން ޗައިނާގެ ރައީސް ދެއްވިއެވެ.

ކޮންމެއަކަސް އިދިކޮޅު ފަރާތްތަކުން ތިޔަ މަސައްކަތަށް ފައިސާ ހޯދަނީ ކިހިނެއްތޯ، އިންޖިނޭރުން ކޮބައިތޯ، ސުވާލުކޮށްކޮށް ތިއްބައި އެންމެ ތިން އަހަރުގެ ތެރޭގައި އެ މަސައްކަތް ނިންމައިލައި އާންމުންނަށް ހުޅުވައިލިއެވެ. މިއީ ޗައިނާ ސަރުކާރާއި ރައީސް ޔާމީނާއި، އޭރުގެ ހައުސިންގ މިނިސްޓަރ (މިހާރުގެ ރައީސުލްޖުމްހޫރިއްޔާ) ގުޅިވަޑައިގެން ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރެއްވި ޤައުމީ ބިޔަ ބޮޑު މަޝްރޫޢެކެވެ.

މި މަޝްރޫޢު ކާމިޔާބުކަމާއެކު އެހާ އަވަހަށް ނިންމައިލުމުން އެ ކަން ވީ އިދިކޮޅު ފަރާތަތަކަށް ވަރަށް ވޭން ދިން ކަމަކަށެވެ. ސަބަބަކީ އެ މީހުންގެ ކިބައިގައި އެ ފަދަ ގާބިލުކަމެއް ނެތުމުންނެވެ.

ދެން އިދިކޮޅު ފަރާތްތަކުން ދައްކާން ފެށި ފިތުނަވެރި ވާހަކައަކީ ދާލަން ހަނި ވާހަކައެވެ. ލޭނުތަކެއް މަދުވާހަކައެވެ. މި ފަހަކަށް އައިސް ވެސް އެ ވާހަކަ ދައްކާން ފަށައިފިއެވެ. ސަބަބަކީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ސަރުކާރުން ދެ އަހަރު ދުވަހުން ނިންމާން ޗައިނާއިން އެއްބަސްވެފައިވާ ވިލިމާލޭ ބުރިޖު، މި ދިޔަ ސަރުކާރުގެ ފަސް އަހަރު ދައުރު ނިމުނު އިރު ވެސް މަސައްކަތްތުގެ ބޮޑުބައި ނުނިމިވާތީއެވެ.

މިހާރު ސިނަމާލެ ބުރިޖު ހަނިކަމަށާއި ލޭނުތަކެއް މަދުކަމަށާއި ސިނާމާލެ ބުރިޖުގެ މަސައްކަތްކޮށްފައި ވަނީ ފަރުމާއާއި އެއްގޮތަށް ނޫންކަމަށް ބުނެ ދައްކާ ވާހަކަތަކަކީ ހަޤީޤަތާ ޚިލާފު ވާހަކަތަކެއްކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ސާބިތުކޮށްދެއްވައިފިއެވެ.

އިދިކޮޅު ވާހަކަތަކަށް އިޝާރާތްކުރައްވައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި، އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވަނީ، ސިނަމާލެ ބުރިޖު މަޝްރޫޢު އިފުތިތާޙުކުރުމަށް ޓަކައި 2015ވަނަ އަހަރު ބޭއްވި ރަސްމިއްޔާތުގައި ދެއްކި ވީޑިއޯއެއް ޢާންމުކުރައްވައިފައެވެ. ވީޑިއޯގައި ބުރިޖުގެ ފައިނަލް ކުރެހުމާއި ބުރިޖު ނިމުމުން އޮންނާނެ ގޮތުގެ އެނިމޭޝަނެއް ވެސް ހިމެނެއެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި ބުރިޖުގައި ހިމެނެނީ ކޮންމެ ފަރާތެއްގައި ދެ ލޭނާ އެކު ޖުމްލަ ހަތަރު ލޭނާއި ބުރިޖުގެ ދެ ފަޅީން ހިނގާ މީހުންނަށް ޚާއްސަކޮށްފައިވާ ހިނގާ ސަރަހައްދެކެވެ. ބުރިޖުގެ މަސައްކަތް ނިންމި އިރު އޮތީ ފުރަތަމަ އިފުތިތާޙުކުރި ރޭ ދެއްކި ކުރެހުމާ އެއްގޮތަށްކަން ވަޒީރު މި ވަނީ ސާބިތުކޮށްދެއްވައިފައެވެ. އަދި އެއީ ވިސްނުންތެރިކަމާ އެކު މި ކަން ދިރާސާ ކުރެއްވި ކޮންމެ ބޭފުޅަކަށް ވެސް ފާޅުކަން ބޮޑު ގޮތެއްގައި ފެންނާން އޮންނާނެ ހަގީގަތެކެވެ.

އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ވިދާޅުވީ ސިނަމާލެ ބުރިޖުގެ މަޝްރޫޢު މުޅީން ފުރިހަމަކޮށް، ބޭނުންކުރާން ފަށައިފައިވަނީ މަޝްރޫޢުގެ ނިހާއީ ކުރެހުންތަކަށް އެއްވެސް އުނި އިތުރެއް ނުގެނެސްކަމަށެވެ. ވަޒީރު އެހެން ވިދާޅު ނުވިޔަސް އެއީ ފެންނާން އޮތް ހަގީގަތެކެވެ. ނަމަވެސް އެ ހަގީގަތްތައް ވީޑިއޯގެ ޒަރީޢާއިން ވަޒީރު ސާބިތުކޮށްދެއްވިކަމީ ފިތުނަވެރި ވާހަކަތައް ދައްކާ މީހުންގެ އަނގަމަތީގައި އެޅުނު ޓޭޕެއްކަމަށް ވާނެއެވެ.

ސިޔާސީ ޕާޓީތަކުން ވެރިކަން ހޯދާން ހަގީގަތެއް ނެތް ފިތުނަވެރި ބުހުތާނު ވާހަކަތައްދެއްކުމަކީ ޑިމޮކްރެސީއެއް ނޫނެވެ. އެއީ މުޖުތަމަޢަށް ފައިދާ ހުރި ކަމެއް ވެސް ނޫނެވެ. ސިނަމާލެ ބުރިޖު މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފައިވަނީ 2016ވަނަ އަހަރު މާރިޗުމަހުގެ ތެރޭގައެވެ. ބުރިޖުގެ މަސައްކަތް ނިންމައި، ހުޅުވައިފައި ވަނީ 2018 ވަނަ އަހަރު އޮގަސްޓު މަހު 31ވަނަ ދުވަހުއެވެ. ސިނަމާލެ ބުރިޖުގައި ދިގުމިނުގައި 1.34 ކިލޯމީޓަރު ހުރެއެވެ. ފުޅާމިނުގައި ހުންނަނީ 20.3 މީޓަރެވެ. މި މަޝްރޫޢަށް 210 މިލިއަން ޑޮލަރު ހޭދަކޮށްފައިވާ އިރު އޭގެ ތެރެއިން 200 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީއެވެ. ލުއި ލޯނުގެ ގޮތުގައި ޗައިނާއިން ނަގައިފައިވަނީ އެންމެ އަށް މިލިއަން ޑޮލަރެވެ. ބާކީ ބައި ޚަރަދުކުރީ ދިވެހި ސަރުކާރުންނެވެ.

__________________________________

އެޑިޓަރުގެ ނޯޓް
އަބާ މުޙަންމަދަކީ މީގެ ކުރީން ވެސް ބައެއް ނޫސް މަޖައްލާތަކަށް ލިޔުއްވައިފައިވާ ކުޅަާނަ ލިޔުންތެރިއެކެވެ.

Advertisement

ކޮމެންޓް