މި މަޝްރޫޢު ނިމޭ އިރު ކަރަންޓު އަގުހެޔޮވާނެ!
އަބާ މުޙަންމަދު
ފެނަކައިން ކަރަންޓު މީޓަރުތައް ޒަމާނީކޮށް ހުރިހައި ގޭބިސީއެއްގައި ސުމޭކު އިސްމާޓު މީޓަރު ހަރުކޮށް ނިމިފައިވާ ރަށަކަށް ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ވެއްޖެއެވެ.
ފެނަކަ އިސްމާޓު މީޓަރު މަޝްރޫޢަކީ ފަންނިއްޔާތުގެ އެހީގައި ލިބޭ ކުރިއެރުންތަކުގެ ލުއިފަސޭހަތައް ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދިނުމުގެ މަގުސަދުގައި ހިންގި ވަރަށް ޚާއްޞަ މަޝްރޫޢެކެވެ. ފެނަކައިން ހިންގާ ސުމޭކު އިސްމާޓު މީޓަރު މަޝްރޫޢުގެ ދަށުން ހަރުކުރި މި އިސްމާޓު މީޓަރުތަކަކީ، މީގެ ކުރީން ބޭނުންކުރަމުން އައި އެނަލޮގް މީޓަރުތަކާއި ސުމޭކު މީޓަރުތަކުގެ ބަދަލުގައި މުޅިން އޮޓޮމޭޓުކުރެވި، ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ކަލަންޓުގެ ޙާލަތު ބަލައި، ބެލެހެއްޓޭނެ މީޓަރެކެވެ.
ފެނަކަ ސްމާޓު މީޓަރު ހަރުކުރުމުގެ ގެ މަޝްރޫޢުގެ ދަށުން ދ. ކުޑަހުވަދޫގެ ހުރިހައި ގޭބީސީއެއްގައި އިސްމާޓު މީޓަރު ހަރުކޮށް ނިމުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި އިސްމާޓު މީޓަރު އެޕްލިކޭޝަން ވެސް ފެނަކައިން ވަނީ، ތަޢާރުފުކޮށްފައެވެ. މި އެޕްލިކޭޝަން ތަޢާރުފުކޮށްދެއްވީ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވަޒީރު އޮންރަބްލް އަލްފާޟިލް ތާރިޤް އިބްރާހީމެވެ. ފެނަކައިގެ އިސްމާޓު މީޓަރުތަކުގެ ޚިދުމަތް ލިބޭ މީހުންގެ، ގޭގޭގައި ކަރަންޓު ހިނގާ މިންވަރު ދުވަހުން ދުވަހަށް އަމިއްލަ އަތުފޯނުން، މި އެޕްލިކޭޝަނުގެ އެހީގައި، ބަލައި ބެލެހެއްޓޭނެއެވެ.
ކުޑަހުވަދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުއާޒު މުޙަންމަދު ރަޝީދު ވިދާޅުވީ، މިހާރު ދުވާލަކު ބޭނުންކުރެވޭ މިންވަރު އެކަނި މި މީޓަރުތަކުން ފެނުނުނަމަވެސް އެ ކުންފުނީގެ ކުރިމަގުގެ އަމާޒަކީ ކޮންމެ ގަޑިއަކު ކަރަންޓު ބޭނުންކުރެވޭ މިންވަރު ކަސްޓަމަރުންނަށް ފެންނާނެ އިންތިޒާމު ހަމަޖެއްސުންކަމަށެވެ. ކުޑަހުވަދޫގެ އިތުރަށް ދ. އަތޮޅުގެ ހުރިހާ ރަށަކާއި އެހެން ބައެއް އަތޮޅުތަކުގައި ވެސް މި މަޝްރޫޢުގެ ދަށުން އިސްމާޓު މީޓަރު ހަރުކުރުމުގެ މަސައްކަތް ފެނަކައިން އަންނަނީ ކުރަމުންނެވެ.
ޗައިނާގެ ޑޮންފަންގ ކުންފުނީގެ އުފެއްދުމެއްކަމަށްވާ މި އިސްމާޓު މީޓަރުތަކަކީ، ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފެތޭ، އަދި ދުނިޔޭގެ އެންމެ ކުރިއަރައިފައިވާ ޤައުމުތަކުގައި ވެސް ބޭނުންކުރާ މީޓަރެކެވެ. ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގަވާއިދުތަކަށް ފެތޭ މި އިސްމާޓު މީޓަރ ޓެސްޓު ކުރެވޭނެ ވަސީލަތްތައް ފެނަކަ ކޯޕަރޭޝަނުގައި ވަނީ ޤާއިމްކޮށްފައެވެ.
ކުޑަހުވަދޫގައި ސުމޭކު އިސްމާޓު މީޓަރު ހަރުކޮށް ބޭނުންކުރާން ފެށުން އިފުތިތާޙުކުރުމަށް ޓަކައި އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވީ، ގޭބިސީތަކުގައި ސުމޭކު އިސްމާޓު މީޓަރު ހަރުކުރުމުގެ މަޝްރޫއަކީ ރާއްޖޭގެ ހަކަތައިގެ ސިނާޢަތަށް ގެނެވުނު އިންޤިލާބީ ބޮޑު ކުރިއެރުމެއްކަމަށެވެ. ވަޒީރު ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ދެތިން އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ސުމޭކު ސްމާޓު މީޓަރު ހަރުކޮށް ނިމި ބޭނުންކުރަން ފެށުމާއެކު، ކަރަންޓު އެންމެ ގިނައިން ބޭނުންކުރެވޭ ގަޑިތައް އެނގޭނެއެވެ. އަދި ގޭބިސީތަކުގައްޔާއި ރަށުގެ ކޮންމެ ސަރަޙައްދެއްގައި ކަރަންޓުގެ މައްސަލައެއް ދިމާވި ނަމަވެސް އެނގޭނެކަމަށް ވިދާޅުވިއެވެ. މިއީ ކަރަންޓު ހެޔޮ ގޮތުގައި ބޭނުންކުރާން ލިބޭ ބާރެއްކަމަށާއި މި މަޝްރޫޢު މުޅީން ނިމޭ އިރު، ކަރަންޓުގެ އަގުހެޔޮވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
"މީގެ އެންމެ މުހިންމު އެއް ކަމަކީ އެ ގޭބިސީއެއްގައި އެ ދުވަހަކު ކަރަންޓު ބޭނުންކުރެވޭ މިންވަރު އެނގޭނެ. މީގެ މާނައަކީ ހަކަތަ އިޤްތިޞާދުކުރާން އެޅެނު ފިޔަވަޅެކޭ މިއީ. ކަރަންޓު ލީކެއް އުޅޭ ނަމަ މީގެ ސަބަބުން އެނގޭނެ." ވަޒީރު ވިދާޅުވިއެވެ.
ހަކަތައާ ބެހޭ ވަޒީރު ވިދާޅުވީ ސުމޭކު އިސްމާޓު މީޓަރު ހަރުކުރުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާ މަޝްރޫޢެއްކަމަށެވެ. މި މަޝްރޫޢުގެ ދަށުން ފެނަކައާއި ސްޓެލްކޯއިން ކަރަންޓުގެ ޚިދުމަތް ދެމުންދާ ރަށްރަށުގައި މި މަސަްކަތްކޮށް، ކުރިއަށް އޮތް ދެތިން އަހަރުގެ ތެރޭގައި ނިންމުމަކީ އަމާޒެއްކަމަށެވެ. އަދި ހުރިހާ ރަށެއްގައި މި ނިޒާމު ޤާއިމުކުރެވުމާ އެކު، ކަރަންޓު ބޭނުންކުރާ މިންވަރު ބެލުމަށް ފަހު "ޓައިމް އޮފް ޔޫސް ޓެރިފް" ތަޢާރުފުކުރެވޭނެކަމަށް ވިދާޅުވިއެވެ. މިއާ އެކު ގޭބިސީތަކުގައި މަދުން ކަރަންޓު ބޭނުންކުރާ ގަޑިތަކަށް ޚާއްސަކޮށްގެން އަގު ހެޔޮ ބޭންޑުތަކެއް ތަޢާރުފުކޮށް ގިނައިން ކަރަންޓު ބޭނުންކުރާ ފަރާތްތަކަށް ފޯރުކޮށްދިނުމުގެ ޚިދުމަތް ވެސް ފެށޭނެކަން ވަޒީރު ފާހަގަކުރެއްވިއެވެ. ހަކަތައާ ބެހޭ ވަޒީރު ވަނީ ރާއްޖޭގެ ހަކަތައިގެ ދާއިރާ ކުރިއެރުވުމަށް ވޭތުވެދިޔަ ފަސް އަހަރުގެ ރިޔާސީ ދައުރުގައި އެއްވެސް މަސައްކަތެއް ކުރެވިފައި ނުވާކަން ފާހަގަކުރައްވައިފައެވެ. އަދި ކަރަންޓަށް ބޭނުންވާ މިންވަރު ކޮންމެ އަހަރަކު 10 އިންސައްތަ އިތުރުވަމުންދާ އިރު އެއާ އެއް ވަރަށް ޤާބިލިއްޔަތު އިތުރުކުރެވިފައި ނުވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.