Advertisement

ޝައިތާނާއަށް ނަފުސު ވިއްކައިލުން (3)

27 Aug 2024 | 20:56
ޝައިޠާނާއަށް ނަފުޒު ވިއްކައިލުމަކީ ވަރަށް ބޮޑު ފާފައެކެވެ.

އިސްމާޢީލް މުބާރަކް

(2024 މޭ 15ގައި ޝާއިޢުކުރި ބައިގެ ބާކީ)

އިންސާނާގެ ތަބީޢީ ހަށިގަނޑަކީ  ގިނަ ބަޔަކު  ހީކުރާ ފަދަޔަކުން އަމިއްލަ ޚިޔާލުތަކާއި ފިކުރުތަކާއި އިޙްސާސްތައް އުފެދޭ ގޮތަށް، އަމިއްލައަށް އުފެދިފައިވާ އެއްޗެއް ނޫނެވެ. ހަށިގަނޑަކީ ޖިސްމާނީ އެޓޮމްތަކާއި ހަތާތަކާއި މޮލެކިޔުލްތަކުން އެމުނި އެކުލެވިގެން ގުޅިގެން މަސައްކަތްކުރާ ގޮތަށް ފުރިހަމަ ނިޒާމަކުން ދައުރުވެ ހިނގަހިނގައި ހުންނާނެ ގޮތަށް ވަރަށް ރޭވުންތެރި އެހެން ފަރާތަކުން ފަރުމާކުރައްވައި އުފައްދަވައިފައިވާ ވެހިކަލެއް ފަދަ އެއްޗެކެވެ.

އިންސާނާގެ  ގުނަވަންތަކަށް ހަކަތަ  ލިބެނީ "ވެއްޔާ، ފެނާ، ވަޔާއި، އަލިފާނުންނެވެ."  އިންސާނާގެ ހަށިގަނޑު  ޞިއްޙީ ގޮތުން ތަވާޒުނުވެފައިއި ހުންނަނީ މި ހަތަރު ޢުންސުރު ތަވާޒުނުވެފައިއި ހުންނަ ހުރުމުގެ މައްޗަށެވެ.  މިއިން އެއްވެސް ޢުންސުރެއް ގިނަ ވެއްޖެ ނަމަ، ނުވަތަ މަދުވެއްޖެ ނަމަ، އިންސާނާ ބަލިވެއެވެ. އަޅުގަނޑުމެން މަދަރުސާގައި ކިޔެވި އިރ ސައިންސް ފިލާވަޅުގައި ކިއެވި ސޮލިޑް، ލިކުއިޑް، ގޭސް އަދި އިލެކްޓްރިސިޓީއަކީ މިއީއެވެ.

މިއީ އިންސާނާގެ މާއްދީ ވެހިކަލް ނުވަތަ އޭނާގެ ޖިސްމާނީ ހަށިގަނޑުގެ ޠަބީޢަތު ދެމެހެއްޓުމަށް ޓަކައި ބޭނުންވާ ޢުންސުރުތަކެވެ. މި ޢުންސުރުތައް އުފެއްދުމާއި މެއިންޓެއިންކުރުމާއި، މި ހުރިހައި ޕްރޮސެސްތައް ހިނގަމުންދަނީ އިންސާނާގެ ފިކުރީ ބެލެހެއްޓުމެއް ނެތި، އިޚްތިޔާރަކާ ނުލައި އަދި އޭނާއަށް އެ ކަމުގެ އެއްވެސް ހޭލުންތެރިކަމެއް ނެތިއެވެ .

މި ޢުންސުރުތައް އަޅުގަނޑުމެންގެ ހަށިގަނޑުގައި ވާކަމަކަށް، އެއްވެސް މީހަކު އިންކާރެއް ނުކުރާނެއެވެ. އެހެނީ އަޅުގަނޑުމެން  ކާ ކާނާއާއި  ބޯ ފެން އަޅުގަނޑުމެންނަށް ފެނެއެވެ. އަޅުގަނޑުމެން ނޭވާލާ ވައިގެ ވުޖޫދު އަޅުގަނޑުމެންނަށް އެނގެއެވެ. އަދި އަޅުގަނޑުމެންގެ ހަށިގަނޑު ހޫނުކޮށްދޭ ހޫނުކަން އަޅުގަނޑުމެންނަށް އިހުސާސް ކުރެވެއެވެ.

ބިމުގެ  ތަބީޢަތު ވެސް އެކުލެވިގެންވަނީ މި ހަތަރު  ޢުންޞުރުންނެވެ. ބިމުގެ އެންމެ އަޑީގައި ވަނީ އަލިފާނެވެ. އެއިން އުފެދިގެން މައްޗަށް އަރައިފައިވާ ކަރަންޓް ބިމުގެ އުތުރު ދަނޑީން ދެކުނު ދަނޑިއަށް ފެތުރިފައިވެއެވެ.  ބިމުގެ އެތެރޭގައިވާ އަލިފާނުގެ މަތީގައި ވަނީ ވެއްޔެވެ. އޭގެ މަތީގައި ވަނީ ފެނެވެ. އޭގެ މަތީގައި ވަޔެވެ. އެހެން ކަމުން ބިމާއި ބިމުން ފަޅާ އެއްޗިއްސާއި އިންސާނާގެ ހަށިގަނޑު ވަނީ ލައިމެހިފައެވެ.

އެހެންނަމަވެސް އިންސާނާގެ  ބުއްދިއަކީ  މި ދެންނެވި މާއްދިއްޔަތުގެ ފަށަލައިގެ ބޭރުން ފިކުރަށާއި އަދި ޖަޒުބާތަށް ނުފޫޒު ފޯރުވޭ ގޮތަށް ރޫޙާނީ ގޮތުން ފަރުމާކުރެވިފައިވާ  އުފެއްދުމެވެ. އިންސާނާގެ ނަފުސަށް ވަސްވާސްދޭ ބާރުތަކާއި، ރޫޙާނީ ކަންކަން  ނުފެންނަ އުސޫލުތަކަކާ އެކު ހިނގާހިނގައި ހުރެއެވެ.  އަޅުގަނޑުމެންގެ ބުއްދީގައި ހިނގާ ފިކުރުތަކަކީ  ހުސް  އަޅުގަނޑުމެންގެ އަމިއްލަ ފިކުރުތަކެއް ނޫނެވެ.   سورة قގެ  16ވަނަ އާޔަތުގައި މަތިވެރި ﷲ މި ފަދައިން ވަޙީކުރައްވާފައިވެއެވެ .

وَلَقَدْ خَلَقْنَا الإنسان وَنَعْلَمُ مَا تُوَسْوِسُ بِهِ نَفْسُهُ وَنَحْنُ أَقْرَبُ إليه مِنْ حَبْلِ الْوَرِيدِ ۝

(ހަމަކަށަވަރުން އިންސާނާ ހެއްދެވީ ތިމަން ﷲ އެވެ . އޭނާގެ ނަފުސަށް  ވަސްވާސް ދެނީ  ކޮންކޮން އެއްޗެއްކަން ތިމަން ﷲ ދެނެވޮޑިގެންވަމެވެ .  ތިމަން ﷲ އޭނާގެ ކަނދުރާގެ މައިނާރަށްވުރެ ގާތުގައި ވޮޑިގެންވަމެވެ .)

ޖަނަވާރުންވެސް  ހެއްދެވީ ހަމަ އެކަލާނގެއެވެ. އެހެންނަމަވެސް  އޭގެ ނަފުސަށް  ވަސްވާސްދޭ ބާރުތަކެއް ވާކަމެއް ﷲ ތަޢާލާ  ނާންގަވައެވެ. އަދި އެސޮރުމެން ހައްދަވައިފައި ވަނީ ވެސް އެ ގޮތަކަށް ނޫނެވެ. ޖަނަވާރުންގެ ވިސްނުމަށް އަންނަ ކަންކަމަކީ ހަމައެކަނި އެސޮރުމެންގެ ފިތުރަތުގެ ޣަރީޒާގެ ސަބަބުން އެސޮރުމެންނަށް އަންނަ ކަންކަމެވެ.  އެ ކަންކަން  އެހެން ވިސްނުމަކަށް ބަދަލުކޮށް އިންކާރުކޮށް އެހެން ގޮތަކަށް ވިސްނުމުގެ ބާރެއް އެއަކަށް ލިބިގެންނެއް ނުވެއެވެ .

އިންސާނާގެ ތަފާތަކީ ބުއްދިއަށް އަންނަ ކަންކަން އިންކާރުކުރުމާއި އެހެން ވިސްނުމެއް ބޭނުންކޮށްގެން އެ ވިސްނުން އެއްކިބާކުރުމާއި  ނަރަކައާއި ސުވަރުގެއާއި މަލަކޫތީ ޢާލަމާ މެދު ވިސްނުމާއި މި ފަދަ ކަންކަން މަތިވެރި ﷲ ދެއްވާފައި ވަނީ  އަޅުގަނޑުމެން އިންސާނުންނަށްކަމަށް ވާ ކަމެވެ.

އެހެންކަމުން އިންސާނާއަށް އޮތީ  ރަނގަޅު ގޮތުގައި ވިސްނުން ބޭނުންކޮށްގެން އެ ވިސްނުމަކީ ތިމާގެ ވިސްނުންތޯ ޔަޤީންކޮށް، އެ ވަންނަ ބާރުތަކަށް އިންކާރުކޮށް ދެކޮޅުހެދުމެވެ.  އަންނަ ކޮންމެ ވިސްނުމަކީ ތިމާގެ ވިސްނުންކަމުގައި ޤަބޫލުކުރެވިއްޖެ ނަމަ ޝައިޠާނާޔަށް ނަފުސު ވިއްކައިނުލައި ސަލާމަތްނުވާ ހިސާބަށް  އޭނާ އަޅުގަނޑުމެން ގެންދާނެއެވެ. 

އަޅުގަނޑުމެންގެ ތެރޭން ގިނަ މީހުން ބުއްދި ބޭނުންކުރުމެއް ނެތި، އަމިއްލަ ވިސްނުމުން ބޭރުގައި އެތައް ކަމެއް މިހާރު ވެސް ކުރަމުންދާކަން އަމިއްލަފުޅަށް ވިސްނައިވަޑައިގަތުވުމުން ވެސް އެނގިވަޑައިގަންނަވާނެއެވެ.  މީސްމީޑިޔާގެ ޕޯސްޓްތަކާއި  އެކި އެކި ޓިކްޓޮކް ވީޑިޔޯ، ރައްޓެހިންނާއި ޙިއްސާކޮށްލައްވާ އިރު އޭގައި ލިޔެފައި ވަނީ އަދި އެ ވީޑިޔޯގައި ވަނީ  ކޮން ޗެއްކަން ވެސް އަޅުގަނޑުމެންނަކަށް ނޭނގެއެވެ .

ވިސްނުމެއް ނެތި ލިންކްތަކަށް ފިތައިގެން އެތައް މިލިއަން ރުފިޔާއެއް ބޭންކް އެކައުންޓްތަކުން ގެއްލިއްޖެއެވެ. ގޭގައި ހުންނަ ތަށިތައް ތަޅައިލައި އަނބިމީހާ ވަރިކޮށް، ރުޅިމައިތިރި ނުވެގެން ބައެއް ފަހަރު ހޮސްޕިޓަލްގައި ވެސް އެބަ އެޑްމިޓްކުރަން ޖެހެއެވެ.  އަމިއްލަ ވިސްނުން އަންނަނީ ކަންކަން ނިމޭ ފަހުންނެވެ.  އަޅުގަނޑު މި ދެންނެވީ ކުޑަކުޑަ މިސާލެކެވެ. މާތް ﷲ ކީރިތި ޤުރްއާނުގައި  ވަޙީކުރައްވާފައިވެއެވެ .وَلَقَدْ أَضَلَّ مِنكُمْ جِبِلًّا كَثِيرًا ۖ أَفَلَمْ تَكُونُواْ تَعْقِلُونَ (يس سورة ގެ  62 ވަނަ އާޔަތް) ("ތިޔަބައިމީހުންގެ ތެރޭން އެތައް ޖީލެއްގެ މީހުން  شيطان އާ  މަގުފުރައްދައިފިއެވެ.  ފަހެ ތިޔަބައިމީހުން  ބުއްދި ބޭނުން ކުރާބައެއް ކަމުގައި ނުވަމު ހެއްޔެވެ ؟")

ވިސްނުމާއި ފިކުރާއި ބުއްދިއަކީ  ޝައިޠާނާޔަށް ނަފުސު ވިއްކައިނުލައި ސަލާމަތްވެވޭނެ ގޮތެއްކަން މި ހިސާބުން އަޅުގަނޑުމެންނަށް އެނގިއްޖެއެވެ. ޝައިތޯނާގެ ކިބައިން ސަލާމަތްވުމަށް ޓަކައި ހުރިހައި ވަގުތެއްގައި ވެސް ބުއްދީގެ ބޭނުންކޮށް ރަނގަޅު ގޮތް ޚިޔާރުކުރާ ބަޔެއްކަމުގައި އަޅުގަނޑުމެން ވަމާތޯއެވެ!  ދުނިޔޭގެ ވަގުތީ އުފަލަށްޓަކައި އާޚިރަތުގެ ދާއިމީ އުފާ ވިއްކައިލައިފައި ޝައިޠާނާޔަށް ނަފުސު ވިއްކައިނުލަމާތޯއެވެ!

اعْلَمُوا أَنَّمَا الْحَيَاةُ الدُّنْيَا لَعِبٌ وَلَهْوٌ وَزِينَةٌ وَتَفَاخُرٌ بَيْنَكُمْ وَتَكَاثُرٌ فِي الْأَمْوَالِ وَالْأَوْلَادِ ۖ كَمَثَلِ غَيْثٍ أَعْجَبَ الْكُفَّارَ نَبَاتُهُ ثُمَّ يَهِيجُ فَتَرَاهُ مُصْفَرًّا ثُمَّ يَكُونُ حُطَامًا (حديد ސޫރަތުގެ  20 ވަނަ އާޔަތް)

ދަންނާށެވެ!

ދުނިޔޭގެ ޙަޔާތަކީ މުދަލާއި ދަރީން ގިނަކަމުގެ މޮޅު ވާހަކަދައްކައިގެން ތިޔަބައި މީހުން އެކަކު އަނެކަކުގެ މައްޗަށް  ފަޚުރުވެރިވާ ޒީނަތެއް ކަމުގައި، އަދި  މުނިފޫހިފިލުވާން ކުޅޭ ކުޅިގަނޑެއް ކަމުގައި ނޫނީ ނުވެއެވެ.   ދުނިޔޭގެ މިސާލު، ވެހޭ ވާރޭ ފަދައެވެ. އެފެނުން ފެން ލިބިގެން ފަޅާ ގަސްތައް  ދަނޑުވެރީން  އަޖާއިބު ކޮށްލައެވެ. ދެން އެ ގަސްތައް ހިކިދެއެވެ. ދެން އެ ގަހުގެ ފަތްތައް ރީނދޫވެފައި ވަނިކޮށް ތިބާޔަށް ފެންނާނެއެވެ. ދެން އެ ގަސްތައް ހިކި ހުއިތަކަކަށް ވެގެންދެއެވެ .

(ނިމުނީ)

އެޑިޓަރުގެ ނޯޓް
އިސްމާޢީލް މުބާރަކަކީ ރާއްޖޭގެ މަޝްހޫރު ޢިލްމުވެރިއެއް އަދި އަދީބެއްކަމުގައިވި އައްޝައިޚު ޢުމަރު ޢީސާ (ރަޙިމަޙުއްﷲ)ގެ އަރިހުން ދަރިވަރުވެވަޑައިގެންފައިވާ، އޭނާގެ އުފަން ދަރިކަލެކެވެ. ބައިނަލްއަޤުވާމީ މަސްރަޙާއި އިސްލާމް ދީނަށް ލޯފުޅު ހުޅުވިފައިވާ، އަދި ކަންކަމާ މެދު، ފިކުރުކުރައްވައި މަނޠިޤީ ހަމަތަކުން ވިސްނައިވަޑައިގަންނަވާ ޢިލްމީ ބޭފުޅެކެވެ.

Advertisement

ކޮމެންޓް