ދިވެހީންގެ ބޭންކް މެދުވެރިކޮށް ދިވެހި ސަރުކާރު ވައްޓައިލާން އުޅުނުކަމުގެ ތުހުމަތު!
ޒައުޖަތު އަޙުމަދު
މި މަހުގެ 25ވަނަ ދުވަހު ބީއެމްއެލްއިން ކާޑު ލިމިޓަށް ގެނައި ބަދަލާއެކު ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ސަރުކާރު ވައްޓައިލާން އުޅުނުކަމަށް ތުހުމަތު ކުރެވޭ ކަންތައްތަކެއް ހިންގިކަމަށް ބެލެވޭކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. މި ކަމާ ގުޅިގެން ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ ބީއެމްއެލްއިން ސަރުކާރުގެ މަޝްވަރާއާ ޚިލާފަށް، ރައްޔިތުންނަށް ކުއްލި ސިހުމެއް ލިބޭ ކަހަލަ ނިންމުމެއް ނިންމި ވަގުތާ ދިމާކޮށް ސިޔާސީ ފަރާތްތަކުން ސަރުކާރުގެ މާލީ ޙާލަތާ ބެހޭ ގޮތުން ނޫސްވެރީންގެ ބައްދަލުވުމެއް ބޭއްވިކަމަށް ތުހުމަތު ކުރެއްވިފައިވާ ކަމަށެވެ.
ފުލުހުން އިތުރަށް ވިދާޅުވީ ހަމަ އެ ވަގުތާ ދިމާކޮށް އެތައް ސަތޭކަ ބޮޓް އެކައުންޓެއް ބޭނުންކޮށްގެން މީސްމީޑިއާގައި، ސަރުކާރު ވައްޓައިލާން މަގުތަކަށް ނިކުތުމަށާއި އާންމު ހަމަޖެހުން ނަގައިލުމަށާއި ޤައުމުގެ މަސްލަޙަތު ނަގައިލާން ހިތްވަރުދީ ހަދައިފައިވާކަމަށެވެ. އަދި އެ ކަމަކީ ޤާނޫނީ ސަރުކާރެއް ޣައިރުޤާނޫނީކޮށް ބަދަލުކޮށްލުމަށް ކުރެވިގެން ދިޔަ ކަމެއްކަމަށް ބެލުމުގެ ޖާގަ އޮތުމުން އެ މައްސަލަ ދިވެހި ފުލުހުންގެ އިދާރާއިން ތަޙުޤީޤުކުރައްވާން ފައްޓަވައިފައިވާކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ބީއެމްއެލްއިން ރުފިޔާ ކާޑުތަކުން ޑޮލަރުގެ މުއާމަލާތް ނުކުރެވޭ ގޮތަށް އެ ނިންމި ނިންމުމާ ގުޅިގެން އާންމުންގެ ގިނަ ބަޔަކު ވަރަށް ބޮޑަށް ހިތްހަމަ ނުޖެހި ސަރުކާރަށާ ބީއެމްއެލްއަށް ނުރުހުމުގެ ބަސްތައް މީސްމީޑިއާ "ފުރޭ ވަރަށް" އޮއްސައިލިއެވެ. ހަމަ އެއާ އެކު، އެ ނިންމުމަކީ ބީއެމްއެލްއާ ސަރުކާރާ އެކު ކުރެވުނު މަޝްވަރާތަކުގައި ދިން ލަފަޔާ ޚިލާފު ނިންމުމެއްކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.
ނަމަވެސް ބީއެމްއެލްއިން ހަމަ އެ ދުވަހު ވަނީ އެ ނިންމުން ބަދަލުކޮށް ކުރީން އޮތް ގޮތަށް ރުޖޫޢަކޮށްފައެވެ. އަދި އެ ނިންމުން ބަދަލުކުރީ އެމްއެމްއޭގެ ލަފާގެ މަތީންކަމަށް ވެސް ބީއެމްއެލްއިން ވަނީ ހާމަކުރައްވައިފައެވެ.
ޕީއެންސީން ރޭ ބޭއްވި އެ ޕާޓީގެ ހަރުގެ ޖަލްސާގައި ވެސް އެ ތުހުމަތުތައް ކޮށްފައިވާ އިރު، [އެ ތުހުމަތުކުރެއްވި] އެއްބޭފުޅަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުޢިއްޒެވެ. އެ ގޮތުން އެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ލީޑަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް އިދިކޮޅު ފަރާތްތަކުން ގެންނަން އުޅުން ބަޣާވާތް ފެއިލްވެފައިވާ ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ ބީއެމްއެލްއިން އެ ގޮތަށް ބަދަލު ގެންނާން ނިންމީ ބީއެމްއެލްގެ ވެރީންނާ ބައްދަލުކުރައްވައި އެ މަނިކުފާނު ދެއްކެވި ވާހަކަފުޅާ ޚިލާފަށްކަމަށާއި، ބޭންކުން އެ ނިންމުން ނިންމި ވަގުތުން ފެށިގެން އެ މަނިކުފާނުގެ ވަޒީރުންގެ މަޖިލީސް އެއްކޮށް އެ މައްސަލައަށް ޙައްލެއް ގެނައުމަށް މަސައްކަތްކުރައްވަމުން ގެންދެވިކަމަށެވެ. އަދި އެ ނިންމުން އަނބުރައި ގެންދިއުމަށް ބީއެމްއެލްގެ ޑައިރެކްޓަރުންގެ ބޯޑްގައި މިހާރު ތިއްބެވި މެންބަރުން ހުރަސްތައް ކުރިމަތިކުރުވި ނަމަވެސް އެ ކަން ކާމިޔާބުވީ ބައެއް އަމިއްލަ މެންބަރުންގެ އެހީތެރިކަމާ އެކުގައިކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެ މަނިކުފާނު ވިދާޅުވީ އެ މަނިކުފާނުގެ ސަރުކާރުން ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަނުކުރުމަށް ފޮނުވި ނަންތައް އަދި ފާސްކޮށްފައި ނުވާކަމަށެވެ.
ބީއެމްއެލްގެ ނިންމުމާ ގުޅިގެން ހިނގައި ދިޔަ ކަންކަން ތަޙުޤީޤުކޮށް ފިޔަވަޅު އަޅުއްވާނެކަމަށް ރައީސް ވިދާޅުވި އިރު، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙުމަދު ޝިޔާމު ވެސް ވަނީ އެއީ ގެންނާން އުޅުނު މާލީ ބަޣާވާތެއްކަމަށް ވިދާޅުވެ ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯގެ އިސްތިޢުފާއަށް ގޮވައިލައްވައިފައެވެ. ބޭންކް އޮފް މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) އަދި މެނޭޖިންގ ޑިރެކްޓަރ ކާލް ސްޓްމަކަކީ ދެކުނު އެފުރިކާއަށް ނިސްބަތްވާ ބޭފުޅެކެވެ. ބީއެމްއެލްގެ ސީއީއޯއަކަށް އޭނާ އައްޔަނުކުރެއްވީ ކުރީގެ ރައީސް އިބުރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި 2022ވަނަ އަހަރުގެ ފަހުކޮޅުގައިކަން ފާހަގަކުރެވެއެވެ.
އެމްޑީޕީ ސަރުކާރުން ދިވެހިރާއްޖެ އިގުތިސާދީ ގޮތުން ވަރަށް ފުން، އަޑިނޭނގޭ ފުން ވަޅުގަނޑަކަށް ވައްޓައިލައިފައިވާކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. ޑޮލަރުގެ ދަތިކަން އިންތިހާއަށް ބޮޑުވެ ރާއްޖޭގެ އިޤްތިޞާދު އަޑިއަޅައިލައިފައި މި ވަނީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ބޮޑެތި އިންޓަރެސްޓް ރޭޓުގައި އިންތިހާއަށް ގިނައިން ލޯނުތައް ނަގައި، އަދި ގިނަ އަދަދަކަށް ފައިސާ ޗާޕުކުރުމުގެ ސަބަބުންކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ. އެ ގޮތުން އެމްޑީޕީ ސަރުކާރުގައި އަށް ހާސް މިލިއަން ރުފިޔާ އެންމެ ފަސް އަހަރު ތެރޭގައި ޗާޕުކުރިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުޢިއްޒު ވިދާޅުވިއެވެ. އެހެންކަމުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)، މެދުވެރިކޮށް މާލީ ބަޣާވާތެއް ގެނެސް، ސަރުކާރު ވައްޓައިލާން އުޅުނުކަމުގެ ތުހުމަތު ގިނަ ފަރާތްތަކަކުން މި ވަނީ ކޮށްފައެވެ. މި ކަމުގެ ސާފު ހަގީގަތް އެނގޭނީ ފުލުހުން ވިދާޅުވާ ތަހުގީގު ނިމުނީމާކަމަށް ގަބޫލުކުރެވެއެވެ.