އަހުރެމެންނަށް ލިބިގެންވަނީ ކޮން ކަހަލަ ހިތެއްބާ!؟؟؟(9)
އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ
(2024 އޮގަސްޓް 9ވަނަ ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
ޢިއްޒަތްތެރިކަމުގެ އިދިކޮޅަކީ ނިކަމެތިކަމެވެ.ޢިއްޒަތްތެރިކަމުގައި ބާރާއި ގަދަކަން ހިމެނެއެވެ.އައްރާޣިބުލްއަޞްފަހާނީ ވިދާޅުވާ ގޮތުގައި ޢިއްޒަތްތެރިޔާ ބަލިކޮށެއް ނުލެވޭނެއެވެ.
ކީރިތި ޤުރްއާނުގައި "عز" އާއި މި ލަފުޒުގެ އޮފި ލަފުޒުތައް 140 ފަހަރު ވާރިދުވެފައި ވެއެވެ. އޭގެ ތެރޭގައި ހިމެނޭ ލަފުޒެއް ކަމުގައިވާ "العزيز" ސަތޭކަ އެތައް ފަހަރަކު ކީރިތި ޤުރްއާނުގައި އައިސްފައި ވެއެވެ. އިސްލާމްދީނުގައި މި ސިފައަށް މަތިވެރި މަޤާމެއް ލިބިފައިވާ ކަން މި ކަމުން އެނގެއެވެ.
ޢިއްޒަތަކީ އީމާންކަމާއެކު ދައުރުކުރާ ކަމެކެވެ. އީމާންކަން ވަރުގަދަވި ވަރަކަށް ޢިއްޒަތްތެރިކަން ވަރުގަދަވާނެއެވެ. އީމާންކަން ބަލިކަށިވި ވަރަކަށް ޢިއްޒަތްތެރިކަން ވެސް ނިކަމެތިވެގެންދާނެއެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. ((وَأَنتُمُ الأَعْلَوْنَ إِن كُنتُم مُّؤْمِنِينَ [1]- މަތިވެރިކަން ބޮޑުވެގެންވާ ބަޔަކީ ތިޔަބައިމީހުންނެވެ. (އެއީ) ތިޔަބައިމީހުން مؤمن ން ކަމުގައި ވާނަމައެވެ.)) .މިހެންވެ ޢިއްޒަތްތެރިކަން އެކަލާނގެ ޒާތުފުޅަށާއި ރަސޫލާއަށާއި މުއުމިނުންނަށް ނިސްބަތްކުރެއްވިއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ((وَلِله الْعِزَّةُ وَلِرَسُولِهِ وَلِلْمُؤْمِنِينَ وَلَكِنَّ الْمُنَافِقِينَ لا يَعْلَمُونَ [2] - عزّة ވަނީ، اللَّه އަށެވެ. އަދި އެކަލާނގެ رسول އާއަށާއި، مؤمن ންނަށެވެ. އެހެނެއްކަމަކު منافق ންނަކަށް (އެކަމެއް) ނޭނގެތެވެ.)) އަލްބަޣުވީ އެކަލޭގެފާނުންގެ ތަފްސީރުގައި ވިދާޅުވެފައިވާ ގޮތުގައި ﷲގެ ޢިއްޒަތަކީ ހުރިހާ ކަމެއް ބަލިކުރެއްވުމުގެ ކުޅަދުންވަންތަކަމެވެ. ރަސޫލާގެ ޢިއްޒަތަކީ އެކަލާނގެ ދީން އެހެން ހުރިހާ ދީންތަކެއްގެ މައްޗަށް ފާޅުކުރެއްވުމެވެ. މުއުމިނުންގެ ޢިއްޒަތަކީ މާތްﷲ އެމީހުންނަށް ނަޞްރުދެއްވައި އެމީހުންގެ ޢަދުއްވުން ބަލިކުރެއްވުމެވެ.
ޢިއްޒަތްތެރި ހިތުގެ ވެރިޔަކީ އޭނާގެ ނަފްސު ނިކަމެތިކަމުން ރައްކައުތެރިކޮށްފައިވާ މީހެކެވެ. އޭނާ ﷲ ސުބްޙާނަހޫ ވަ ތަޢަލާއަށް މެނުވީ ބޯނުލަނބާނެތެވެ. އޭނާ އެކަލާނގެ އަމުރުފުޅާ ދެކޮޅަށް އެހެން އެއްވެސް ބާރަކަށް ބޯނުލަނބާނެތެވެ.އެހެން އިންސާނަކަށް ބޯނުލަނބާނެތެވެ. އެނާ ޓަކިދޭނީ ރައްޒާޤުވަންތަ ރަސްކަލާނގެ ދޮރުކޮޅުތަކުގައެވެ.
ޢިއްޒަތްތެރި ހިތަކީ ދުންޔަވީ ކަންތައްތަކުގައި ވާދަކުރާނެ ހިތެއްނޫނެވެ.ފަނާވެދަނިވި އަރާމުތައް ޙާޞިލްކުރުމަށް ޓަކައި މުބާރާތްތަކަކަށް އެ ހިތް ނުނުކުންނާނެތެވެ. އޭނާ ޤުރްބާން ވާނީ ރަސްވަންތަ ކުޅަދުންވަންތަ ރަސްކަލާނގެ ޙަޟްރަތުން ހިތްހަމަޖެހޭ، އުފާވެރިކަމުގެ ދާނެއް ޙާޞިލްކުރެވޭތޯއެވެ. އަލްއިމާމުލް ޣަޒާލީ ވިދާޅުވިއެވެ. " މާތް ﷲ ތިބާއަށް ފުދުންތެރިކަން ދެއްވައި، ތިބާގެ ހަވާނަފްސުގެ މައްޗަށް ބާރުފޯރުވުމުގެ ޤާބިލްކަން ދެއްވައިފިނަމަ ތިބާ އެ ވަނީ ޢިއްޒަތްތެރިކުރައްވައިފައެވެ. މާތް ﷲ އެމީހާ ޤިޔާމަތްދުވަހުން ޢިއްޒަތްތެރިކުރައްވާނެތެވެ."
ﷲ ތަޢާލާ ޢިއްޒަތް ނުދެއްވި މީހަކަށް ޢިއްޒަތެއް ނުލިބޭނެއެވެ. ﷲއީ ޢަޒީޒުވަންތަ ރަސްކަލާނގެ ކަމުގައިވާތީއެވެ. ހުރިހާ އެއްޗެއް ބަލިކުރެއްވުމުގެ ބާރު ލިބިވޮޑިގެންވާ ފަރާތަކީ ﷲ ތަޢާލާ ކަމުގައިވާތީއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. (( مَن كَانَ يُرِيدُ الْعِزَّةَ فَلِلَّهِ الْعِزَّةُ جَمِيعًا [3] - عزّة ތެރިކަން އެދޭމީހާ (ދަންނާށެވެ!) ފަހެ، އެންމެހާ عزّة، މިލްކުވެގެންވަނީ اللَّه އަށެވެ. ))
އިބްނު ތައިމިއްޔާ رحمه الله ވިދާޅުވިއެވެ. " ﷲ ތަޢާލާ ޢިއްޒަތް ދެއްވަނީ އެކަލާނގެއަށް ކިޔަމަންގަންނަ އަޅާއަށެވެ. ނިކަމެތި ކުރައްވަނީ އެކަލާނގެއަށް އުރެދޭ މީހާއެވެ. ކައު ރަސޫލާ ޙަދީސްކުރެއްވިއެވެ. ((وَجُعِلَ الذِّلَّةُ وَالصَّغَارُ عَلَى مَنْ خَالَفَ أَمْرِي -[4] ތިމަންކަލޭގެފާނުގެ އަމްރުފުޅާ ޚިލާފުވާ މީހުންނަށް ނިކަމެތިކަން ލެއްވިއެވެ. ))
ޢިއްޒަތްތެރި ހިތް ދެކޭގޮތުގައި ދުނިޔެއާ ދުރުހެލިވުމަކީ މުއްސަނދިކަމެކެވެ. ދުނިޔޭގެ ޝަހްވަތްތައް ނިކަމެތިކޮށްލުމަކީ މަތިވެރިކަމެކެވެ. ދުނިޔެއާ ދުރަށް ދިޔަވަރަކަށް ދުނިޔެ އޭނާއާ ގާތަށް އަންނާނެތެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީސްކުރެއްވިއެވެ. (( مَنْ كَانَتِ الدُّنْيَا هَمَّهُ، فَرَّقَ اللَّهُ عَلَيْهِ أَمْرَهُ، وَجَعَلَ فَقْرَهُ بَيْنَ عَيْنَيْهِ، وَلَمْ يَأْتِهِ مِنَ الدُّنْيَا إِلاَّ مَا كُتِبَ لَهُ. وَمَنْ كَانَتِ الآخِرَةُ نِيَّتَهُ، جَمَعَ اللَّهُ لَهُ أَمْرَهُ، وَجَعَلَ غِنَاهُ فِي قَلْبِهِ، وَأَتَتْهُ الدُّنْيَا وَهِيَ رَاغِمَةٌ[5] - އޭނާ އެންމެ އިސްކަންދޭ ތަނަކަށް ދުނިޔެ ހަދައިފިނަމަ އޭނާގެ ކަންތައްތައް ﷲ ވިއްސިވިހާލިކޮށްލައްވާނެތެވެ. އަދި އޭނާގެ ދެ ލޮލުގެ ކުރިމަތީގައި ފަޤީރުކަން ލައްވާނެތެވެ. އޭނާއަށް ކަނޑައަޅުއްވައިފައިވާ އެއްޗެއް މެނުވީ އޭނާގެ ގާތަކަށް ނާންނާނެތެވެ. އެހެނަސް އޭނާގެ ނިޔަތަކީ އާޚިރަތް ދުވަސްކަމަށް ހަދައިފި މީހާ ދަންނައެވެ. އޭނާގެ ކަންތައްތައް ﷲ ޖަމާކޮށްދެއްވާނެތެވެ. ފުދުންތެރިކަން އޭނާގެ ހިތުގައި ލައްވާނެތެވެ.އަދި އޭނާގެ ގާތަށް ދުނިޔެ މަޖްބޫރީ ޙާލަތުގައި އަންނާނެތެވެ. ))
ޢިއްޒަތްތެރި ހިތަކީ ހިތްތިރި ހިތެކެވެ. ތަވާޟުޢު ހިތެކެވެ. ރަސޫލާ e ޙަދީސް ކުރެއްވިއެވެ. (( ولا تواضَعَ عَبْدٌ للهِ إلّا رفَعَه اللهُ[6] - ﷲގެ ވަޖްހުފުޅަށް ޓަކައި ތަވާޟުޢު ވެރިވި އަޅާގެ ދަރަޖަ ނޫފުއްލަވާ ދޫކޮށްނުލައްވާނެތެވެ. ))
އިބްނު ޢަޠާއުﷲ ވިދާޅުވިއެވެ. " ޢިއްޒަތްތެރިކަން ވަނީ ތަވާޟުޢުވެރިކަމުގައެވެ.ބޮޑާވެރިކަމުން ޢިއްޒަތްތެރިކަމަށް އެދުމަކީ އަލިފާނުން ފެނަށް އެދުންފަދަ ކަމެކެވެ. "
ޢިއްޒަތްތެރި ހިތަކީ ޢަފޫކޮށް މާފުކުރާ ހިތެކެވެ. ބަދަލުހިފުމުގެ ބާރުގެ މައްޗަށް ޙިލްމުވެރިކަމާއި ކެތްތެރިކަމުގެ ބާރު ވެރިކުރުވައިގެން މެނުވީ މާފެއް ނުކުރެވޭނެއެވެ.
ޢިއްޒަތްތެރި ހިތަކީ ނަސަބާއި ޙަސަބާމެދު ފަޚްރުވެރިވާ ހިތެއްނޫނެވެ.މައިންބަފައިންނާއި ކާބަފައިންގެ ކާމިޔާބުތަކާ ހެދި އޭނާ ފަޚްރުވެރިއެއް ނުވާނެއެވެ. ރަސޫލާ - صلى الله عليه وسلم މައްކާ ފަތަޙަކުރެއްވި ދުވަހު ދެއްވި ޚުޠުބާގައި އައިސްފައި ވެއެވެ. ((يَا أَيُّهَا النَّاسُ، إِنَّ اللَّهَ قَدْ أَذْهَبَ عَنْكُمْ عُبِّيَّةَ الْجَاهِلِيَّةِ، وَتَعَاظُمَهَا بِآبَائِهَا، فَالنَّاسُ رَجُلاَنِ: رَجُلٌ بَرٌّ تَقِيٌّ كَرِيمٌ عَلَى الله، وَفَاجِرٌ شَقِيٌّ هَيِّنٌ عَلَى الله[7] - އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން ﷲ ތިޔަބައިމީހުންގެ ކިބައިން ޖާހިލީ ޒަމާނުގެ ކިބްރުވެރިކަމާއި މައިންބަފައިންގެ މަތިވެރިކަން ގެންދަވައިފިއެވެ. ފަހެ މީސްތަކުން ބެހެނީ ދެ ބަޔަކަށެވެ. އެއީ ﷲގެ ޙަޟްރަތުގައި ހެޔޮލަފާ ތަޤްވާވެރި މާތް މީހާއެވެ.ނުވަތަ އެއީ ﷲގެ ޙަޟްރަތުގައި ނުބައި ނުލަފާ އަބާއްޖަވެރި ނިކަމެތި މީހާއެވެ. ))
ޢިއްޒަތެރި ހިތަކީ މުދަލަށް ހެއްލުންތެރިވެގެންދާނެ ހިތެއްނޫނެވެ.އޭނާއަށް ތާއީދުކުރާ މީހުންގެ ޢަދަދު ގިނަވެގެން ވެސް އެ ހިތް ހެއްލުންތެރިއެއް ނުވާނެއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. (( وَكَانَ لَهُ ثَمَرٌ فَقَالَ لِصَاحِبِهِ وَهُوَ يُحَاوِرُهُ أَنَا أَكْثَرُ مِنْكَ مَالًا وَأَعَزُّ نَفَرًا [8]- އަދި އޭނާއަށް (އެހެނިހެން) މުދާތައްވެސްވެއެވެ. ފަހެ، އޭނާ، އޭނާގެ އެކުވެރިޔާއާ ވާހަކަދައްކަމުން (ބޮޑާވެފައި) ބުންޏެވެ. ކަލެޔަށްވުރެ އަހުރެންގެ މުދާ ގިނައެވެ. އަދި (އަހުރެންގެ ދަށުގައިވާ) މީހުން ގިނަކަމުގެގޮތުން، ގަދަފަދަވެފައި عزّة ބޮޑެވެ.))
މާތް ﷲ ރުއްސުންލެއްވި ޢުމަރު ބުނުލް ޚައްޠާބު މާތް ﷲ ރުއްސުންލެއްވި އަބޫ ޢުބައިދަތުގެފާނަށް ވިދާޅުވިއެވެ. " އަހުރެމެން ނިކަމެތި ބަޔަކު ކަމުގައި ވީމުއެވެ. ފަހެ ﷲ އަހުރެމެން އިސްލާމްދީނުގެ ސަބަބުން ޢިއްޒަތްތެރި ކުރެއްވިއެވެ. ﷲ ޢިއްޒަތްތެރިކުރެއްވި އެއްޗެއް ދޫކޮށްލައިފާ އެހެން އެއްޗަކުން ޢިއްޒަތް ހޯދަން މަސައްކަތް ކުރާނަމަ ﷲ އަހުރެމެން ނިކަމެތިކުރައްވާނެތެވެ.))
____________________________
މަރުޖިޢުތައް:
[1] - آل عمران : 139
[2] - المنافقون : 8
[3] - فاطر : 10
[4] - وأخرجه أحمد (٥١١٥)
[5] - أخرجه أحمد (٢١٥٩٠) و أبو داود (٣٦٦٠)، والترمذي (٢٦٥٦) والنسائي في ((السنن الكبرى)) (٥٨٤٧)، وابن ماجه (٤١٠٥)
[6] - أخرجه مسلم (٢٥٨٨)، والترمذي (٢٠٢٩)، وأحمد (٧٢٠٦)
[7] - أخرجه الترمذي (٣٢٧٠) وابن حبان (٣٨٢٨) والبيهقي في ((شعب الإيمان)) (٥١٣٠)
[8] - الكهف :34