Advertisement

މިސްކިތްތައް ސުންނާފަތިކޮށް މުޞްހަފުތައް އަންދަނީ! މުސްލިމު ޤައުމުތަކުން ހަނު!!!

26 Aug 2024 | 05:12
ޣައްޒާގެ މިސްކިތަކަށް ޙަމަލާދީ މުންނާރު ވައްޓައިލައިފައި

އަބާ މުޙަންމަދު

ޣައްޒާގެ މިސްކިތެއްގައި ހުރި މުޞްޙަފުތައް އިސްރާއީލު ސިފައިން އަންދަމުން ގެންދާތީ، އެ ބިރުވެރި ޖަރީމާ ކުށްވެރިކުރުމަށް އިސްލާމީ ޤައުމުތަކަށާއި އިސްލާމީ ޖަމާޢަތްތަކަށް ޙަމާސުން ގޮވައިލީ މި ބާވަތުގެ އަނިޔާވެރި ޖަރީމާތައް އިސްރާއީލުގެ ބާރުތަކުން މެދު ނުކެނޑި ޣައްޒާގައި ހިންގަމުން ގެންދާ އިރު، މުސްލިމު ޤައުމުތަކުން ބީރު ކަންފަތެއް ދީގެން ތިބޭތީއެވެ.

"ޔަހޫދީންގެ ހައްދު ފަހަނަޅައިފައިވާ މުޖުރިމު ހަނގުރާމަވެރީން މުޞްޙަފުތައް އަންދައި މިސްކިތްތައް ތަޅައި ސުންނާފަތިކުރަމުން ގެންދާ ގެންދިޔުން ދައްކައިދެނީ އަހަރެމެންގެ ޤައުމަށް ނިސްބަތްވާ ކޮންމެ އެއްޗެއް ނައްތައިލައި މުޅި ފަލަސްޠީނުގެ އަސަރު ވުޖޫދުން ފޮހެލާން ހިންގަ ނަސްލީ ތަފާތުކުރުމުގެ އަނިޔާވެރި ޢަމަލުތައް ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދާ ގެންދިޔުމެވެ." ޙަމާސުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އަލްޖަޒީރާއިން ޢާންމުކުރި ވީޑިއޯއަކުން ފެންނަ ގޮތުގައި އިސްރާއީލުގެ ޑްރޯންތަކުން، ޚާން ޔޫނިސްގެ ތާރީޚީ މައި މިސްކިތަށް ފުލުފުލުގައި ޙަމަލާތައްދީ މުޅި މިސްކިތް ސުންނާފަތި ކޮށްލައިފިއެވެ. މިސްކިތުގެ މުންނާރު މަގު ހުރަހަށް ވެއްޓެމުންދާ ތަން ވެސް ފެނެއެވެ.

ޣައްޒާ ސަރުކާރުގެ މީޑިއާ އޮފިސަރު ބަޔާންކުރާ ގޮތުގައި މި ވޭތުވެ ދިޔަ 10 މަސް ދުވަހުގެ ތެރޭގައި ޣައްޒާއިން 610 މިސްކިތަކާއި ތިން ފައްޅިއެއް ޔަހޫދީ ސިފައިން އެކީ އެކަށް ސުންނާފަތިކޮށްލައިފިއެވެ.

"ދުނިޔޭގެ މިނިވަންކަމަށް ގޮވައިލާ މީހުންނަށް" ޙަމާސުން ގޮައިލައިފައި ވަނީ، މުޅި ޣައްޒާ ފަނާކޮށް، ފަލަސްތީނުގައި ހުރި މުސްލިމުންނާއި ނަޞާރާއީންގެ މުޤައްދަސް ތަންތަން ހަލާކުކުރަމުން ދެންދާ ގެންދިޔުމާ ދެކޮޅަށް ފިޔަވަޅު އެޅުމަށެވެ.

އެމެރިކާގައި ޙައްގަށް ވަކާލާތުކުރާ ގުރޫޕެއްކަމަށްވާ "ދަ ކައުންސިލް އޮފް އެމެރިކަން އިސްލާމިކް ރިލޭޝަންސް" (ސީއޭއައިއާރ)އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، "ކީރިތި ޤުރުއާން ލިޔެފައިވާ މުޞްޙަފުތަކަށް އިހާނާތްތެރިކޮށް ހިތައި، މުޞްހަފުތައް އަންދައި، މިސްކިތްތަކަށް ސީދާ އަމާޒުކޮށްގެން ފުލުފުލުގައި ޙަމަލާދީ އެ މުޤައްދަސް ބިނާތައް ފުޑުކުރަމުން ގެންދާ ގެންދިޔުމުން ސާބިތުކޮށްދެނީ، ޣައްޒާގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ޔަހޫދީ ސިފައިން ހިންގާ ލާއިންސާނީ ޖަރީމާތަކަކީ ފަލަސްޠީނާއި މުޅި އިސްލާމީ އުންމަތާ ދެކޮޅަށް ހިންގާ ޖަރީމާއެއް"ކަމެވެ.

ސީއޭއައިއާރުން އެމެރިކާގެ ރައިސް ޖޯބައިޑުނަށް ގޮވައިލައިފައިނީ [އެމެރިކާގެ އެހީތެރިކަމުގެ] ނާޖާއިޒު ފައިދާ ނަގައިގެން ހިންގަމުން އެ ގެންދާ ޖަރީމާތައް ކުށްވެރިކޮށް އެ ކަން ހުއްޓުވައިދިނުމަށެވެ.

"ޔަހޫދީ ސަރުކާރުން އެކި ދީންތަކުގެ ކަރާމާތަށް އަރައިގަނެ މި ހިންގާ ބޮޑުވެގެންވާ ޖަރީމާ، ބައިޑުންގެ އިދާރިއްޔަތުން ހުއްޓުވާން އެބަ ޖެހެއެވެ. އަދި ޣައްޒާގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުޢާންމު ހުއްޓުވުގެ ގޮތުން އެމެރިކާއިން އިސްރާއީލު ސަރުކާރަށް ހަތިޔާރު ދިނުން [މިހާރުން މިހާރަށް] ހުއްޓުވާންޖެހެއެވެ." ސީއޭއައިއާރުގެ ޑިރެކްޓަރ ޖެނެރަލް ނިހާދު އަވާދު ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ހަލާކުކޮށް ސުންނާފަތިކޮށްލައިފައިވާ މިސްކިތްތަކުގެ ކައިރީގައި ޣައްޒާގައި ދިރިއުޅޭ ފަލަސްތީމު މުސްލިމުން އަޅުކަންކުރުން ހުއްޓައިނުލައި ކުރިއަށް ގެންދެއެވެ. ނަމަވެސް މި ފަދަ ދީނީ އެއްވުންތަކަށް ކިތަންމެ ފަހަރަކު ޔަހޫދީން ވަނީ ސުމާރެއް ނުބަލައި ބޮމާއި އެހެނިހެން ހަތިޔާރުތަކުން ޙަމަލާދީ އެތައް ބަޔަކު ޝަހީދުކޮށްލައިފައެވެ.

މި ދިޔަ މަހު ވެސް ހަލާކުކޮށްލައިފައިވާ މި ފަދަ މިސްކިތެއްގެ ކައިރީގައި ނަމާދުކުރާން ތިބި ބަޔެއްގެ ތެރެއަށް ޙަމަލަދީ މަދުވެގެން ވިއްސަކަށް މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.

ހާލުގައި ޖެހި ވިއްސިވިހާލިވެފައިވާ ފަލަސްތީނީންތަކެއް ހިޔާވަހިކަން ހޯދަމުން ދިޔަ އިސްކޫލަކަށް ޙަމަލާދީ މި މަހު ކުރީކޮޅު 100 ވަރަކަށް މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.

އިސްރާއީލުގެ އަނިޔާވެރި ސިފައިން ގެންދަނީ މުސްލިމުންގެ މުޤައްދަސްތަންތަނަށް މެދުކެނޑުމެއް ނެތި ޙަމަލާ ދީ އެ ފަދަ ތަންތައް ތަޅައި ބިމާ ހަމަކުރަމުންނެވެ.

ހުޅަނގު އައްސޭރީގެ ޖެނީން އަވަށުގައި ޔަހޫދީން ރޭޑުކުރި މިސްކިތެއްގައި ތިބެ ޔަހޫދީން މި ދިޔަ ޑިސެންބަރު މަހު ވަނީ ޔަހޫދި ދީނީ ދުޢާތަކާއި ހަނޫއްކާ ލަވަ ކިޔައިފައެވެ. މިއީ އިސްލާމް ދީނަށް އިހާނެތިކޮށް ހިތުމަށް ޓަކައި ހިންގި ބޮޑުވެގެންވާ ޖަރީމާއެކެވެ.

މި ކަންތައް މިހެން ހިނގަމުން ދިޔަކަމުގައި ވިޔަސް ވަރަށް ގިނަ ޢަދަދެއްގެ ޑުރޯނާއި ރޮކެޓުން އިސްރާއީލަށް ރޭގައި ޙަމަލާދީފައިވާނެކަމަށް ލުބުނާނުގެ ޙިޒުބުﷲ ޖަމާޢަތުން ބުނެއެވެ. އެއީ މި ދިޔަ މަހު އެ މީހުންގެ އިސް ކޮމާންޑަރަކު އިސްރާއީލުން ޝަހީދުކޮށްލައިފައިވާތީ ހިފި ބަދަލެއްކަމަށް އެ މީހުން ބުނެއެވެ. އިސްރާއީލުން ވެސް ވަނީ އެ މީހުންގެ ނަފުސު ދިފާޢުކުރުމުގެ ނަމުގައި ލުބުނާނުގެ ތެރެއަށް އެތައް ޙަމަލާތަކެއް ފޮނުވައިލައިފައެވެ. މި ޙަމަލާތަކުން ލިބުނު ގެއްލުންތަކުގެ ތަފުސީލެއް ނުލިބެއެވެ. އަދި ގެއްލުމެް ލިބުނުކަމެއް ނުވަތަ ނޫންކަމެއް ވެސް ނޭނގެއެވެ.

އެޑިޓަރުގެ ނޯޓް
އަބާ މުޙަންމަދަކީ މީގެ ކުރީން ވެސް އެކި ނޫސްތަކަށް ލިޔުއްވައިފައިވާ ކުޅަދާން ލިޔުންތެރިއެކެވެ.

Advertisement

ކޮމެންޓް