Advertisement

"ހަނގުރާމަ" ހުއްޓުމާ ބެހޭ އެންމެ ފަހުގެ ޚަބަރު: ޙަމާސްގެ ވަފުދު ޤާހިރާއަށް ހިނގައްޖެ.

25 Aug 2024 | 06:00
ޙަމާސްގެ ހަނގުރާމަވެރި ފައުޖެއް

ޢަޒީޒު ޖަމާލު

ޒިންހުއާ ނިއުސް އެޖެންސީއިން ޚަބަރުދޭ ގޮތުގައި ޣައްޒާ "ހަނގުރާމަ" ހުއްޓުމާ ބެހޭ ގޮތުން ދައްކާ ވާހަކަތަކުގެ ނަތީޖާ އަޑުއަހައިލުމަށް ޓަކައި ޙަމާސް ޖަމާޢަތުގެ އިސް ވަފުދެއް ރޭ ޤާހިރާއަށް ހިނގައްޖެއެވެ.

ޤާހިރާއަށް ދިޔަ ވަފުދުގެ ވެރިއަކަށް ހުންނެވީ ޙަމާސްގެ އިސް އޮފީޝަލެއްކަމަށްވާ އައްސައްޔިދު ޚަލީލް އަލްޙައްޔާއެވެ. ޙަމާސްގެ ސިޔާސީ އޮފީހުގެ އޮފިޝަލެއްކަމަށްވާ ޢިއްޒތުއްރިޝްޤު ދެއްވި ބަޔާނަކާ ޙަވާލާދީ ޒިންހުއާ ނިއުސް އޭޖެންސީއިން ޚަބަރުދޭ ގޮތުގައި ޙަމާސްގެ ވަފުދު ޤާހިރާއަށް ދިޔައީ މި މަޝްވަރާތަކުގެ މެދުވެރިއެއްގެ ބައި އަދާކުރާ މިޞްރާއި ޤަޠަރުގެ ދަޢުވަތަކަށެވެ.  

އައްރިޝްޤު ކަށަވަރުކަން ދެއްވާ ގޮތުގައި މި ދިޔަ ޖުލައިމަހު ދެވަނަ ދުވަހު އެމެރިކާގެ ރައީސް ޖޯބައިޑްން ހުށަހެޅުއްވި ހުށަހެޅުއްވުމާއި އދ.ގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފައިވާ ޤަރާރު (ނަންބަރު 2735)ގައި ވާ ހުށަހެޅުމަށް ހަމާސް ކަށަވެއްޗެވެ.

ޣައްޒާގެ އަދުގެ ޙާލަތު: ހަނގުރާމަ ހުއްޓުމާ ބެހޭ ވާހަކަތަކަށް ކުރިއެރުންތަކެއް ލިބިފައިވާކަމަށް އަޑުއިވެއެވެ.<br>

ޖުލައި 2ގައި ހުށަހެޅި ހުށަހެޅުމާ ޙަމާސް އެއްބަހެވެ. އެ އެއްބަސްވުމުގައިވާ ކަންތައްތައް ތަންފީޒުކުރާން ޙަމާސުން އެއްބާރުލުން ދޭނެއެވެ. އޭނާ ވިދާޅުވި ގޮތުގައި އެ އެއްބަސްވުމުގައިވާ ކަންކަން ތަންފީޒުކުރާން އިސްރާއީލަށް ބާރުއަޅާންވާނެއެވެ. އަދި "ހަނގުރާމަ" ހުއްޓުން ކާމިޔާބުކުރުމަށް ޓަކައި ހުރި ހުރިހައި ހުރަސްތަކެއް ނައްތައިލާން ވެސް ޙަމާސުން އެއްބަހެވެ.

އެމެރިކާއާއި މިޞްރާއި ޤަރަތުން ބޭއްވި "ހަނގުރާމަ" ހުއްޓުމުގެ ވާހަކަތަކުގައި ދައުޙާގައި ދެ ދުވަސް ވަންދެން ކުރި މަޝްވަރާތަކުގައި "ހަނގުރާމަ" ހުއްޓުމާ ބެހޭ ގޮތުން އެއްބަސްވެވުނު އެއްބަސްވުން ވަނީ ހުށަހަޅައިފައެވެ.

މި ވާހަކަތަކުގެ މެދުވެރިއެއްގެ ބައި އަދާކުރާ ގައުމުތަކުން ބުނެފައިވާ ގޮތުގައި އެ ފަރާތްތަކުން ބޭއްވި ބައްދަލުވުން ބޭއްވުނީ ވަރަށް ފައްސި މާޙައުލެއްގައި ވަރަށް ބިނާކުރަނިވި ގޮތެއްގައެވެ. އެހެންނަމަވެސް، ދައުޙާގައި ބޭއްވި ވާހަކަތަކުގައި ސީދާ ގޮތެއްގައި ޙަމާސަކުން ބައިވެރިއެއް ނުވެއެވެ. އިސްރާއީލުން އާ ޝަރުޠުތަކެއް ހުށަހަޅައި ނަސްލު ހޭދަށް ފުރުޞަތު ހޯދާން އުޅޭކަމަށް ތުހުމަތުކޮށްފައެވެ. އެހެންކަމުން "ހަނގުރާމަ" ހުއްޓުމުގެ ވާހަކަތަކުން ނުކުންނާނެ އެދެވޭ ނަތީޖާއަކާ މެދު އެ މީހުން ޝައްކުކުރެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި "ހަނގުރާމަ" ހުއްޓުމުގެ ވާހަކަތައް މި ހަފުތާ ބަންދުގެ ތެރޭގައި ކުރިއަށް ގެންދާން މި ހަފުތާގެ ކުރީކޮޅު ވަނީ އެއްބަސްވެފައެވެ.

ބައެއް ލަފުޒުގެ މާނަ:

ކަށަވެތި       ނއ      ޒިންމާދާރުކަމާއި ޝައުގުވެރިކަމާއެކު ކަމެއް ކުރުމުގެ ސިފަ ހުރި.

ކަށަވެތި       ނ.      ކަށަވަރު

ނަސްލުހޭދު     ނ.      އިންސާނީ ނަސްލެއް ނައްތާލުމަށް ޓަކައި ގަސްތުގައި މަރައި ހުސްކުރުމުގެ ޢަމަލު.

އެޑިޓަރުގެ ނޯޓް
އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރަކީ ލިޔުންތެރިކަމާއި އަދަބިއްޔާތުގެ ދާއިރާގައި އިތުރު ތަޢާރަފަކަށް ބޭނުންވާ ވަރަށް ވުރެ މަޝްހޫރު ލިޔުންތެރިއެކެވެ.

Advertisement

ކޮމެންޓް