Advertisement

ދެ ތަސްވީރެއްގެ ތަފާތާއި އެ ތަފާތު ބުނެދޭ ވާހަކައެއް

25 Oct 2023 | 10:02
.

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

ޝައްކެއްނެތް ގޮތުގައި ތިޔަ ފެނިވަޑައިގަންނަވާ ދެ ތަސްވީރު އަޅައިކިޔައިލާ އިރު، އެންމެނަށް ވެސް ވަރަށް ބޮޑު ތަފާތެއް ފާހަގަކުރެވޭނެއެވެ. ނިދާން ތިބި ދެ ކުދީން ނިދާން ތިބި ތަނުގެ ތަފާތެވެ. ފިނިހޫނުކަމާއި ވަޔާއި ވިއްސާރަ ފަދަ ތަބީއަތުގެ އުންސުރުތަކުން ސަލާމަތްކަން ލިބިގެންވީ އަރާމު ކޮޓަރިއެއްގައި އެއް ކުއްޖަކު އޮތުމާއި، އެ ފަދަ އުންސުރުތަކަށް ނަފުސު ހުށަހަޅައިލެވިގެން، ހާމަ އުޑުގެ ދަށުގައި އަނެއް ކުއްޖާ އޮތް އޮތުމުގެ ތަފާތެވެ. ދެ ކުދިންގެ ބޯ ދަށުގައި އޮތް 'ބާލީހުގެ' ތަފާތެވެ. ކަފަ ބާލިހެއްގެ މަޑު އޮމާންކަމާއި ހަރު ހިލައިގެ 'ބާލިހެއް'ގެ ހަރު ކުރަކިކަމާ ދެމެދުގެ ތަފާތެވެ. ދެ ކުދީން ލައިގެން ތިބި ދެ ހެދުމުގެ ތަފާތެވެ. ސާފު ތާހިރު ހެދުމަކާއި ކިލާވެ، މިލަވެފައިވާ ހެދުމެއްގެ ތަފާތެވެ. އެއް ކުއްޖަކު ހިފައިގެން އޮތް ކުޅޭކުޅޭ ބުދާއި އަނެއް ކުއްޖާގެ އަތް ހުޅުވައިލެވި ހުސްކޮށް އޮތްކަން ރަމްޒުކޮށްދޭ ރަމްޒުކޮށްދިނުމެވެ. އެއް ކުއްޖަކަށް ލޯތްބާއި އަޅައިލުން އޮތްކަމެވެ. އަނެއް ކުއްޖަކު މި ކަމުން މުޅީން މަހުރޫމުވެފައި އޮތްކަމެވެ.

މި ތަފާތުތައް ބުނެދެނީ ކޮން ވާހަކައެއްތޯއެވެ؟ މުޖުތަމައުގެ އަފުރާދުންގެ މެދުގައި އޮންނަ، ބޮޑު އަދި ހުއްޓުމެއް ނެތި ބޮޑުވަމުންދާ އިގުތިސާދީ ބޮޑު ތަފާތު، ބޮޑުވުމުގެ ވާހަކައެވެ. ލިބުމާއި ނުލިބުމުގެ ތަފާތުގެ ވާހަކައެވެ. އެއް ބަޔަކަށް ދިރިއުޅުމުގެ ހުރިހާ ކަމެއް ހަމަޖެހި އަދި އިތުރު ވެފައި އޮތުމާއި އަނެއް ބަޔަކު މި ކަމުން މުޅީން ހެން މަހުރޫމުވެފައި އޮތުމުގެ ވާހަކައެވެ. އާދޭހެވެ! މުޖުތަމައުގެ މުއްސަނދިކަން ހަމަހަމަ ގޮތެއްގައި އެންމެންގެ މައްޗަށް ބެހިގެން ނުދާ މައްސަލައިގެ ވާހަކައެވެ. މި ކަން ކުރާން މުޖުތަމައުގެ ވެރީން ނުކުޅެދިފައި ވާކަމުގެ ނުވަތަ ކުރާން ބޭނުން ނޫންކަމުގެ ވާހަކައެވެ. އަދި، މި ކަމުގެ ސަބަބުން، ދެބަސްވުންތަކާއި ކޯޅުންތައް، ތަޅައިފޮޅުމާއި ހަނގުރާމަތައް ކުރުން މެދުވެރިވެ، އިންސާނުންގެ އިންސާނިއްޔަތުކަން ގެއްލި، އެއްވެސް ކުށެއް ނެތް، އެންމެ މައުސޫމު ނިކަމެތީން، އިތުރަށް ނިކަމެތިވާ ވާހަކައެވެ. އަދި، ކަންކަން މި ދަރަޖައަށް ދާއިރު، މުޖުތަމައުގެ ޒަމީރު މަރުވެ، ލީޑަރު ތަސްބީހަ ކިޔައި، ޚުޝާމަދުކޮށް އަތްތިލަބަޑިޖަހައި ލީޑަރުންގެ މޮޅުކަން ބުނެދޭން މުޖުތަމައުގެ އަފުރާދުން ތިބޭކަމުގެ ވާހަކައެވެ.

އެހެންވެ، އަޅުގަނޑުމެން އެންމެނަށް ވެސް މި ތަސްވީރު ދައްކުވައިދޭ މަންޒަރު، އަޅުގަނޑުމެންގެ މުޖުތަމަޢުން ވެސް ފެންނާން އޮތްކަން ދެނެގަންނާން ޖެހެއެވެ. އެ މަންޒަރު ފެންނާނީ އަޅުގަނޑުމެންގެ ޒަމީރު އިހުޔާއުކޮށް ދިރުވައިގެންނެވެ. އެ ޒަމީރު ދިރުވުމަށް ޓަކައި، މުޖުތަމައެއްގެ އިސްލާންކަން މިނައިލެވޭ މައިގަނޑު ދެ މިންގަނޑުގެ މަތީން ހަނދާންކޮށްލާން ޖެހެއެވެ. ފުރަތަމަ މިންގަނޑަކީ ހަމަހަމަކަމުގެ މިންގަނޑެވެ. ހުޖުރާތު ސޫރަތުގެ 13ވަނަ އާޔަތުގައި ބަޔާންކުރެވިފައިވާ ބާޔާންކުރެއްވުމެވެ. ދެވަނަ މިންގަނޑަކީ ޢަދުލުވެރިކަމެވެ. މި ކަން ނަހުލު ސޫރަތުގެ 90ވަނަ އާޔަތުގައި ބަޔާން ކުރައްވައިފައި ވެއެވެ. އަދި، އިސްލާމީ މުޖުތަމައީ މައިގަނޑު މިންގަނޑަކީ މިއީކަމަށް ވުމުން، ކޮންމެ ހުކުރު ދުވަހަކުމެ ހުކުރުގެ ފަހު ޚުތުބާގައި ހަނދާން ކޮށްދެވެއެވެ. އާދޭހެވެ! إن الله يأمر بالعدل ...(މާތްﷲ ތިޔަބައިމީހުންގެ މައްޗަށް އަމަރުފުޅުކުރައްވަނީ އަދުލުވެރިވުމަށެވެ!...) މި އާޔަތުންނެވެ. މާނައަކީ މުޖުތަމައީ ހުރިހާ ހުކުމެއް ގުޅެނީ މި ކަމާކަމެވެ. އަދުލުވެރިވުމާކަމެވެ. މީގެ މާނައަކީ ކޮބައިތޯއެވެ؟ މުޖުތަމައުގެ ހުރިހާ އަފުރާދުންނަށް ވެސް އެ މީހުންގެ އަސާސީ ބޭނުންތައް ފުއްދުމުގެ މަގު ފަހިވެފައި އޮންނާން ޖެހޭނޭކަމެވެ. އެ މީހުންގެ ކެއުމާއި ބުއިމާއި އަންނައުނު ލިބުމުގެ ބޭނުމެވެ. ބޯހިޔާވަހިވާނޭ ގޮތާއި ސިއްހަތާއި ތައުލީމުގެ ބޭނުން ހަމަޖެހިފައި އޮތުމެވެ.

އެހެންވެ، މުޖުތަމައުގެ ޖަމާއީ މަސައްކަތާ ހަވާލުވެގެން ތިބޭ މީހުންގެ އެންމެ އިސް ވާޖިބަކީ މި ބޭނުންތައް ޖަމާއަތުގެ ހުރިހާ އަފުރާދުންނަސް ވެސް ފުއްދޭނޭ ފަދަ ރަނގަޅު ނިޒާމެއް ގާއިމުކުރުމެވެ. އެންމެނަށް ވެސް ދިރި ހުރި ޒަމީރެއް ލިބި، މިއީ ކޮންމެހެން ވެސް ކުރާން ޖެހޭނޭ ކަމެއްކަން ފެނި، އެ ލަނޑުދަނޑިއާ ހަމައަށް ވާސިލުވުމުގެ މަސައްކަތް ފެށިއްޖެ ނަމަ، އެ ކަން ކުރެވުން ކައިރިވެދެއެވެ. ނަމަވެސް، ތިމާމެންގެ ޒަމީރު މަރުވެ، ތިމާމެންގެ ހުރިހާ ވެސް އެދުމަކީ ހަމައެކަނި އަމިއްލަ މަސްލަހަތުކަމަށް ވެއްޖެ ނަމަ، ފޮޓޯއިން އެ ފެންނަ މަންޒަރުން އެއްވެސް ތަފާތެއް ނުފެންނާނެއެވެ. އަދި، އެއިން އެއްވެސް އަސަރެއް ވެސް ނުކުރާނެއެވެ. އެހެނީ ޒަމީރު މަރުވެއްޖެ ނަމަ، ޅެންވެރިޔާ އާދަމް ނަސީރު އިބުރާހީމް ވިދާޅުވާ ފަދައިން އަލިކަމާއި އަމާންކަން ގެއްލި މުޅި ތަނުގައި އަނދިރިކަމާއި ނާމާންކަން ފެތުރިގެން ހިނގައިދާނެއެވެ.

"ޒަމީރު އިންސާނީ މަރުވުމީ  މުޞީބަތެކޭ،

                 ޒަމީނު އޭރުން  އެއްފަދަ ވެޔޭ  ޤިޔާމަތެކޭ!

އަމާންކަމުގެ އަސަރާ ހިޔަނިވެސް ފިލައި ނެތިގޮސް

                 ޒަމާނުގައި  ވާނީ އަގަލު ކުޑަ  ޚަޞީލަތެކޭ!

މިހެން ވުމުން ދެމުނަސް ކޯރުތައް ލެޔާ ކަރުނައިން

                 އެހެން ވެދާނެޔެ ބުނެލުން އެވެސް ޢަދާލަތެކޭ"

އެޑިޓަރުގެ ނޯޓް
ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމަކީ ކުޅަދާނަ ޢިލްމީ ލިޔުންތެރިއެކެވެ. މީގެ ކުރީން ނޫސް-މަޖައްލާތަކަށް ވަރަށް ގިނައިން ލިޔުއްވައިފައިވެއެވެ. މިހާރު ވެސް އޭނާގެ ބައެއް ލިޔުންތައް ނޫސްތަކުން އެބަ ފެނެއެވެ. މިހާރު އޭނާގެ ލިޔުންތެރިކަން ބޮޑަށް އަމާޒުކުރައްވައިފައިވަނީ މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ޓަކައި ތަފާތު މަޢުޟޫޢުތަކަށް މީސްމީޑީއާގައި ލިޔުއްވާ ލިޔުންތަކުގެ މައްޗަށެވެ. ޑރ. ޢަބްދުލްޣަފޫރު މާލޭގައި ތަޢުލީމު ހާސިލުކުރެއްވުމަށް ފަހު، އޭނާ ފުރަތަމަ ޑިގްރީ ޙާޞިލުކުރެއްވީ މަދީނާގެ އިސްލާމިކް ޔުނިވަސިޓީއިންނެވެ. އޮސްޓްރޭލިޔާގެ ލެޓްރޯބް ޔުނިވަރސިޓީއިން މާސްޓަރސް ޑިގްރީ ހާސިލުކުރެއްވުމަށް ފަހު، ޕީއެޗްޑީ ނެންގެވީ މެލްބަން ޔުނވަސިޓީއިންނެވެ. އޭނާ މިހާރު ދިރިއުޅުއްވަނީ އޮސްޓްރޭލިއާގައެވެ. މިހާރު މަސައްކަތްޕުޅުކުރައްވަނީ އޮސްޓްރޭލިޔަން އިންޓަނޭޝަނަލް އެކަޑަމީ އޮފް އެޑިޔުކޭޝަންގައެވެ. އެ ތާނގައި އަރަބި ބަހާއި މެދުއިރުމައްޗާއި ޔޫރަޕްގެ ތާރީޚު ކިޔަވައިދެއްވާށެވެ. އޭނާއަކީ ވަރަށް މަތީ ފެންވަރުގެ ޢިލްމުވެރިއެކެވެ. ފަލްސަފާވެރިއެއް ވެސް މެއެވެ. ޑރ. ޢަބްދުލްޣަފޫރަކީ ރާއްޖޭގެ މަޝްހޫރު ލިޔުންތެރިއެއް އަދި ކެލިގްރާފަރެއް ކަމުގައިވާ ޢަބްދުއްރަޙީމް ޢަބްދުލްމަޖީދު (ރަޙިމަހުﷲ)ގެ ޢިލްމުވެރި ދަރިކަލެކެވެ.

Advertisement

ކޮމެންޓް