Advertisement

ޙަމާސްގެ އިސް ވަފުދެއް ޤާހިރާއަށް: ނަމަވެސް ސީދާ ގޮތެއްގައި މަޝްވަރާގައި ބައިވެރިވާނެކަމަކަށް ނުބެލެވެއެވެ.

25 Aug 2024 | 00:09
ޣައްޒާގެ މިހާރުގެ ޙާލަތު: މި ވަގުތު ވެސް ޔަހޫދީ ފައުޖުތަކުން ގެންދަނީ ތަނެއްދޮރެއް ނުބަލައި ޣައްޒާއަށް ބޮން އަޅަމުންނެވެ.

އަބާ މުޙަންމަދު

ޣައްޒާއިން އެންމެ ފަހުން ޚަބަރު ލިބިފައިވާ ގޮތުގައި ހޮނިހިރުވިލޭރޭ ފަތިހުން ފެށިގެން މިހާތަނަށް އިސްރާއީލުން ތަނެއްދޮރެއް ނުބަލައި ޣައްޒާއަށް ދެމުން ގެންދާ ވައިގެ ޙަމަލާތަކުގައި ސާޅީހާ ކައިރިކުރާ ޢަދަދަކަށް މީހުން ޝަހީދުކޮށްލައިފިއެވެ. މި ޙަމަލާތައް ދެމުން ގެންދާ އިރު، ޞުލްޙައިގެ ވާހަކަތަކޭ ކިޔައިގެން މިޞްރުގެ ވެރިރަށް ޤާހިރާގައި ވާހަކަތަކެއް ވެސް ކުރިއަށް އެބަ ގެންދެއެވެ. މި ވާހަކަތަކުގައި ޙަމާސުން ބައިވެރިވާން ދެކޮޅުހަދަމުން ގެންދަނީ އެއީ ޣައްޒާގައި އިސްރާއީލުން ހިންގަމުން ގެންދާ ނަސްލުހޭދު އިތުރަށް ވަރުގަދަކުރާން ވަގުތު ހޯދައިދިނުމުގެ ގޮތުން އެމެރިކާއިން ކުޅޭ ގޭމެއްކަމަށް ބުނަމުންނެވެ.

އެހެންކަމުން މިހާރު ޤާހިރާގައި ކުރަމުންދާ މަޝްވަރާތަކުގައި ޙަމާސަކުން ބައިވެރިއެއް ނުވެއެވެ. ޙަމާސުން ބުނީ, އެއްބަސްވުމަށް އުނިއިތުރު ގެންނާން ޔަހޫދީންނަށް ފުރުޞަތު ދޭން ބޭނުންނުވާކަމަށެވެ. ޤަޠަރުގައި ބޭއްވި މަޝްވަރާތަކުގައި އެމެރިކާއިން ހުށައަޅައިފައިވާ އައު ހުށައެޅުންތަކަށް ޔަހޫދީން އެއްބަސްވެފައިވާކަން އެ ޤައުމުން އިޢުލާނުކުރި ނަމަވެސް, މިހާރު ބާއްވަމުންދާ ވާހަކަތަކުގައި ވެސް ހައްދުފަހަނައެޅި ނަތަންޔާހޫ އެއްބަސްވުމަށް އުނިއިތުރު ގެންނާން މަސައްކަތްކުރާނެކަމަށް ޙަމާސުން ބުނެއެވެ. ޤަޠަރާއި މިޞްރުން ވިލަރެސްކޮށް ބާއްވަމުންދާ ވާހަކަތަކުގައި އެމެރިކާއިން ވެސް ގެންދަނީ ބައިވެރިވަމުންނެވެ. މަޝްވަރާތަކުގައި އެ ޤައުމުގެ ތަމްސީލުކުރަނީ ޖާސޫސީ އިދާރާގެ ވެރިޔާ ވިލިޔަމް ބާންސާއި މެދުއިރުމައްޗަށް ކަނޑައަޅައިފައި ހުންނަ ސަފީރު ބްރެޓް މެކްގަރކެވެ.

ވައިޓް ހައުސްގެ ޤައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ތަރުޖަމާނު ޖޯން ކަރބީ ބުނީ މަޝްވަރާތަކުގައި ކުރިއެރުންތަކެއް ލިބޭނީ ޙަމާސްގެ ބައިވެރިވުމާ އެކުގައިކަމަށެވެ. "އަހަރެމެން މި ތިބީ ޤާހިރާގައި. އެ މީހުން [މިޞްރާއި ޤަޠަރާއި ޔަހުދީ މަންދޫބުން] ތިބީ ޤާހިރާގައި. އަހަރެމެން ބޭނުންވަނީ ޙަމާސުން ވެސް ބައިވެރިވެ، މި އެއްބަސްވުމުގައިވާ ކަންކަމާ މެދު މަޝްވަރާކުރާން. ކުރިއަށް އޮތް ދުވަސްތަކުގައި އަހަރެމެން މި ބަލަނީ އެ ކަމަށް،" ކަރބީ ބުންޏެވެ.  ޤާހިރާގައި ބާއްވާ ވާހަކަތަކުގައި ކުރިއެރުންތަކެއް ލިބިފައިވާކަމަށް ވެސް އޭނާ ބުނެއެވެ. ޙަމާސްގެ މުޖާހިދުންނާއި ޔަހޫދީންނާ ދެމެދު ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލައި ޢުދުވާން ހުއްޓުމަކަށް ގެންނާން މަސައްކަތްކުރާން ފަށައިފައި މި ވަނީ ޔަހޫދީންގެ އަމަލުތަކާ ގުޅިގެން މެދުއިރުމަތީގެ މަސްރަޙު ހޫނުވެ، ސަރަޙައްދީ ހަނގުރާމައެއް ފެށިދާނެކަމުގެ ބިރުހީވާން ފެށުމުންނެވެ.

ސުލްޙައަށޭ ކިޔައިގެން މަޗްވަރާތަކެއް ކުރިކަމަށް ވިޔަސް މި ވަގުތު ވެސް ޔަހޫދީން ގެންދަނީ އެޔެއްމިޔެއް ނުބަލައި ޣައްޒާއަށް ބޮންއަޅަމުންނެވެ.<br>

ޔަހޫދީ ފައުޖުން ވަނީ ޖުލައި 31ވަނަ ދުވަހު އީރާނުގެ ވެރިރަށް ތެހެރާނަށް ނިރުބަވެރި ޙަމަލާއެއް ދީ، ޙަމާސް ޖަމާޢަތުގެ ސިޔާސީ ގޮފީގެ ވެރިޔާ އިސްމާޢީލް ހަނިއްޔާ ޝަހީދުކޮށްލައިފައެވެ. އެ ޙަމަލާގެ ޒިންމާ އުފުލާން ޔަހޫދީން ދެކޮޅުހެދިކަމުގައި ވިޔަސް އީރާނުން ގަބޫލުކުރާ ގޮތުގައި ޔަހޫދީ ފައުޖުން ވަނީ އެ ޤައުމުގެ ސިޔާދަތީ މިނިވަންކަމާއި އިސްތިޤުލާލަށް އަރައިގަނެފައެވެ. އަދި، އެ ކަމުގެ ބަދަލުހިފުމުގެ ގޮތުން ޔަހޫދީންނަށް ނުރައްކާތެރި ޙަމަލާތަކެއްދޭނެކަމުގެ އިންޒާރު އީރާނުން ވަނީ ދީފައެވެ.

ރޭ ދަންވަރު ޚަބަރު ލިބުނު ގޮތުގައި އައްސައްޔިތު ޚަލީލުލް ޙައްޔާގެ އިސްވާރުކަމުގެ ދަށުގައި ޙަމާސްގެ ވަފުދެއް ވެސް ރޭ ޤާހިރާއަށް ދާނެއެވެ. މިހާރު މިޞްރުގައި ހިނގަމުންދާ މަޝްވަރާތަކުގެ އަދާހަމައެއް މި ވަފުދަށް ދޭނެކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް މި މަޝްވަރާތަކުގައި ޙަމާސުން ސީދާ ބައިވެރިވާނެކަމަށް ލަފާނުކުރެވޭކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

މި މަޝްވަރާތަކުގައި މި ވަގުތު އެންމެ ބޮޑު ދެބަސްވުމެއް އުފެދިފައިވާ އެއް މައްސަލައަކީ ޣައްޒާއާއި މިޞްރު ގުޅޭ ސަރަޙައްދީ ރޮނގު ކޮންޓްރޯލުކުރާނެ ފަރާތަކާ މެދު އުފެދިފައިވާ ޚިޔާލު ތަފާތުވުމެވެ. މި ސަރަހައްދުގެ ކޮންޓްރޯލު މިހާރު ވެސް އޮތީ ޔަހޫދީ ފައުޖުގެ ހައްދުފަހަނަ އެޅި ސިފައިންގެ އަތްދަށުގައެވެ. ޔަހޫދީން ގެންދަނީ، ޢުދުވާނު ހުއްޓައިލުމަށް ފަހު ވެސް އެ ތަނުގެ ކޮންޓްރޯލު ދޫކޮށްނުލާނެކަމަށް ބުނަމުންނެވެ. އެ ކަމަށް އެންމެ ބޮޑަށް ބާރުއަޅަނީ އިސްރާއީލުގެ އަނިޔާވެރި ބޮޑުވަޒީރު ބުންޔާމީން ނަތަންޔާހޫއެވެ.

އދ.ގެ އޮފިޝަލުން ބުނާ ގޮތުގައި ކާޑުބަލި ތަޙައްމަލުކުރަމުން ގެންދާ ޣައްޒާގެ ކުޑަކުދީންގެ ސަބަބުންނާއި އިންސާނީ އެހީ ނުލިބުމުގެ ސަބަބުން ފަލަސްތީނުގެ ކުޑަކުދީން ގެންދަނީ އެ ކަމަށް "ވަރަށް ބޮޑު އަގެއް ދައްކަމުން"ނެވެ. އިންސާނީ އެހީއާއި ކާބޯތަކެތި ނުލިބުމުގެ ސަބަބުން ކުޑަކުދީންތައް މަރުވަނީއެވެ. ނުރައްކާތެރި އެތައް ބައްޔެއް ޣައްޒާގައި ވަނީ ޢާންމުވެފައެވެ.

2023 އޮކްޓޫބަރު 7ން ފެށިގެން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދުކޮށްލައިފައިވާ މީހުންގެ ޢަދަދު ވަނީ 40,334އަށް އުފުލިފައެވެ. އޭގެ ތެރޭގައި 16،000އަށް ވުރެ ގިނަ ޢަދަދަކަށް މައުސޫމު ކުޑަކުދީން ހިމެނެއެވެ. އަދި، ޔަހޫދީ ފައުޖުން ސުންނާފަތި ކޮށްލައިފައިވާ އިމާރާތްތަކުގެ ދަށުގައި އިތުރު 10،000އަށް ވުރެ ގިނަ މީހުންގެ ހަށިތައް ތާށިވެފައިވާކަމުގައި ޣައްޒާގެ އޮފިޝަލުން ގަބޫލުކުރެއެވެ. ޔަހޫދީންގެ ރަޙުމު ކުޑަ ޙަމަލާތަކުގައި ޒަޚަމު ކޮށްލައިފައިވާ މީހުންގެ ޢަދަދު ވަނީ 93356އަށް އުފުލިފައެވެ. މި މުއްދަތުގައި މި ހަމަނުޖެހުންތަކުގައި ޔަހޫދީންގެ ތެރެއިން މަރުވެފައިވަނީ އެންމެ 1139 މީހުންނެވެ.

______________________________

އެޑިޓަރުގެ ނޯޓް
އަބާ މުޙަންމަދަކީ މީގެ ކުރީންވެސް ބައެއް ނޫސް މަޖައްލާތަކަށް ލިޔުއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

Advertisement

ކޮމެންޓް