Advertisement

މި ލިޔުންކޮޅު އެއްލައިނުލާށެވެ!

24 Aug 2024 | 07:58
اللَّهގެ ޝިޢާރުތަކަށް މާތްކޮށްހިތާ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެ ކަންތައް ވަނީ، ހިތްތަކުގެ ތަޤްވާވެރިކަމުގެ ތެރެއިންނެވެ.

އައްޝައިޚު ޝަފީޢު ޢަބްދުﷲ

قال الله تعالى: وَمَن يُعَظِّمْ شَعَائِرَ اللَّهِ فَإِنَّهَا مِن تَقْوَى الْقُلُوبِ (އަލްޙައްޖު: 32) މާނައީ: "އަދި اللَّهގެ ޝިޢާރުތަކަށް މާތްކޮށްހިތާ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެ ކަންތައް ވަނީ، ހިތްތަކުގެ ތަޤްވާވެރިކަމުގެ ތެރެއިންނެވެ."

އާދޭހެވެ! މި ލިޔުމުގެ މަތީގައި އެ ވަނީ ކީރިތި ޤުރްއާނުގެ ވަރަށް މާތްމަތިވެރި އާޔަތެކެވެ. މި އާޔަތުގައި ވަނީ މާތް ﷲގެ ޝިޢާރުތައް މަތިވެރިކުރާ މީހަކު އެ ކަން ކުރާނީ އޭނާ ހިތުގައި ހިނގާ ތަޤްވާވެރިކަމެއްގެ ސަބަބުންކަމަށް  ބަޔާންކުރައްވައިފައެވެ.

މި ލިޔުމުގައި މި ފަދައިން މާތް ﷲގެ އިސްމުފުޅާއި، އެ އިލާހުގެ ކަލާމްފުޅު ހިމެނިފައިވުމުން މުއުމިނަކު ހަމަގައިމު ވެސް މި ލިޔުންކޮޅު މަގުމައްޗަކަށް އެއްލައެއްނުލާނެވެ. އަދި، ކިޔުމަށް ފަހު، ކުނިވަށިގަނޑަށް ވެސް ވައްޓައެއްނުލާނެއެވެ. ހަމަ އެންމެ ސަބަބަކާ ހުރެއެވެ. މާތް ﷲގެ އިސްމުފުޅާއި އެ އިލާހުގެ ކަލާމްފުޅު އޭގައި ލިޔެވިފައި ވާތީއެވެ. އަދި އޭނާއަކީ، މާތް ﷲ އިސްމުފުޅު މަތިވެރިކުރާ މީހަކަށް ވާތީއެވެ. އެ އިލާހުގެ ކަލާމްފުޅު މަތިވެރިކުރާ މީހަކަށް ވާތީއެވެ. މާތް ﷲގެ ޝިޢާރުތައް މަތިވެރިކުރާ މީހަކަށް ވާތީއެވެ. އޭނާ ހިތުގައި ވަނީ މާތް ﷲއަށް ބިރުވެތިކަމާއި، ތަޤްވާވެރިކަމާއި، ޤަދަރާއި ލޯތްބެވެ.

މަތީގައި އެ ވަނީ ކީރިތި ޤުރްއާނުގެ ވަރަށް މާތްމަތިވެރި އާޔަތެކެވެ.

ނަމަވެސް، ހިތާމައަކީ، ބައެއް ފަހަރު، އަޅުގަނޑުމެންގެ މުޖުތަމަޢުން މިއާ ޚިލާފަށް ވެސް ކަންކަން ވަމުންދާކަމެވެ. ލިޔުންކޮޅެއް އެއްލައިލާ އިރު، އެއްވެސް ބަލައިލުމެއް ނެތި އެއްލައިލާ ތަން ފެނެއެވެ. ނޫސްމަޖައްލާތަކާއި، ފޮތްތަކާއި، ލިޔެކިޔުންތަކާއި ކަރުދާސްތައް އެއްލައިލާ އިރު، އޭގައި މާތް ﷲގެ އިސްމުފުޅެއް ލިޔެވިފައިވޭތޯ ނުވަތަ އާޔަތެއް ލިޔެވިފައިތޯ ބަލައިނުލައި އެއްލައިލާ ތަން ފެނެއެވެ. މިއީ ހަމަގައިމު ވެސް މުއުމިނެއްގެ ހިތަށް ކެތްވާނޭ މަންޒަރެއް ނޫނެވެ.

މާތް ﷲގެ އިސްމުފުޅު ނުވަތަ ޤުރުއާނުގެ އާޔަތްތައް ލިޔެވިފައި ހުންނަ ކަރުދާސްކޮޅެއް، ކޮންމެހެން އެއްލައިލާން ޖެހިއްޖެ ހިނދެއްގައި ކަންތައް ކުރަންވާ ގޮތްތަކެއް ވެސް އެބަހުއްޓެވެ. އެއީ، އެ ކަރުދާސްކޮޅު އަންދައިލުމެވެ. އަދި އެފަދަ ކަރުދާސްކޮޅެއް ވަޅުލުމަކީ ވެސް ޢިލްމުވެރީން ދެއްވާ ޙައްލެކެވެ. އަދި، އޭގައިވާ އިސްމުފުޅުތަކާއި އާޔަތްތައް ނޭނގޭނެ ވަރަށް ގަލަމަކުން ފަވައި ކަނޑައިލުމަކީ ވެސް ކުރެވިދާނެ ކަމެކެވެ.  

މިއީ ފަރުވާކުޑަކުރެވޭން ޖެހޭ ކަންކަމެއް ނޫނެވެ. އެހެން މީހަކު އެއްލައިލައިފައިވާ ކަރުދާސްކޮޅެއް ބިންމަތިން ފެނިއްޖަ ނަމަ ވެސް ނަންގަވާށެވެ! އެއީ، ތިބާ ސުވަރުއަށް ވައްދައިފާނޭ ސަބަބަކަށް ވެސް ވެދާނެއެވެ. އެހެނީ، މާތް ﷲގެ އިސްމުފުޅު މަތިވެރިކުރުމަކީ ކުޑަކަމެއް ނޫނެވެ. އެއީ ބޮޑުކަމެކެވެ. އެފަދަ މީހަކު އެ ޙާސިލުކުރަނީ ހިތުގެ ތަޤްވާވެރިކަމެވެ. އަދި، ބޮޑެތި ފަރުބަދަތައް ވަރުގެ ސަވާބާއި ދަރުމަކަން ކަށަވަރެވެ.

Advertisement

ކޮމެންޓް