Advertisement

"ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރީންގެ އަހަރީ ބައްދަލުވުން 2024" ރޭ ފަށައިފިއެވެ.

24 Aug 2024 | 00:27
ރޭ ފެށި ޢިލްމުވެރީންގެ ބައްދަލުވުމުގެ ބައިވެރީން ފަހަތުން

އަބާ މުޙަންމަދު

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިއަހަރު ބާއްވާން ރާއްވަވައިފައިވާ ޙަރޚާތްތަކުގެ ތެރެއިން އެންމެ މުހިންމު އެއް ޙަރަކާތްކަމަށްވާ "ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން 2024" ރޭ އިފުތިތާޙުކުރެވުނުކަމީ ރާއްޖޭގެ ދީނީ ޢީލްމުވެރީންނަށާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ. ދައުލަތުގެ ބަޖެޓުން ޚަރަދު ނުވާ ގޮތަށް އަދި ވަރަށް ޚަރަދުކުޑަ ގޮތަކަށް ކަރުދާހާއި ބޭކާރު ޚަރަދުތައް ނުކޮށް މި ފަދަ ބޮޑު ބައްދަލުވުމެއް ބާއްވާކަމީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރާއި އެ މަނިކުފާނުގެ މިނިސްޓްރީގެ ވެރީންނާއި ހިންގުންތެރީންގެ ޙިކުމަތުޢަމަލީ އާއި ޤާބިލުކަން ދައްކައިދިން ކަމެއްކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން ރަސްމީކޮށް އިފުތިތާޙުކުރެއްވުމަށް ޓަކައި އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ރޭ 8:45ގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވަވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފައިވަނީ ސުޢޫދީ ޢަރަބިއްޔާގެ ޖަމްޢިއްޔަތު ތުފޫދުލްޙަރަމްގެ ރައީސް އަލްއުސްތާޛުއްދުކްތޫރު ޙަމްދާން ބިން ޙުމައިދު ބިން ބުރައިކް އައްސުލަމީއެވެ.

އިފްތިތާޙީ ރަސްމިއްޔާތުގައި ވާހަކަފުޅުފދައްކަވަމުން އޭނާ ވަނީ ދުވަހި ރާއްޖެއަށް ވަރަށް ބޮޑަށް ތަޢުރީފުކުރައްވައި ވާހަކަފުޅުދައްކަވައިފައެވެ. އަދި އިސްލާމީ ރިސާލަތާއި ތަޢުޙީދުގައި ދިވެހި ދައުލަތުން އަދާކުރާ މަތިވެރި ޚިދުމަތް އޭނާ ފާހަގަކުރެއްވިއެވެ. އޭނާ ވަނީ މި ކަމަށް ޓަކައި އިސްލާމީ ކަންތައްތކާ ބެހޭ ވަޒީރު ޑރ. މުޙަންމަދު ޝަހީމް ޢަލީ ސަޢީދަށް ޝުކރުރުއަދާކުރައްވައިފައެވެ.

ސުޢޫދީ ޢަރަބިއްޔާގެ ޖަމްޢިއްޔަތު ތުފޫދުލްޙަރަމްގެ ރައީސް އަލްއުސްތާޛުއްދުކްތޫރު ޙަމްދާން ބިން ޙުމައިދު ބައެއް ދިވެހީންނާ ސަލާމްކޮށްލައްވަނީ

ޑރ. ޙަމަދާން ބިން ޙުމައިދަކީ ވަރަށް ގިނަ ރޮނގުތަކުން ޚާއްޞަވެވަޑައިގެންފައިވާ ބޭފުޅެކެވެ. އޭނާގެ އެންމެ ޚާއްޞަ އެއް ދާއިރާއަކީ ޤުރުއާން ތަފްސީރެވެ. އެހެންކަމުން ސޫރަތު ނޫޙުގެ ތަފްސީލާއި ޝަރަޙައިގެ މައްޗަށް އޭނާ ރޭ ތަޤުރީރެއްދެއްވިއެވެ. އެ ސޫރަތުން ދަޢުވަތުގެ ރީތި ހަމަތަކާއި އަދަބުތަކާއި ކެތްތެރިކަމާއި މި ފަދަ އެތައް ކަމެއް ދަސްވާކަމަށް އޭނާ ވިދާޅުވިއެވެ.

ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވި ގޮތުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރައްވަމުން ގެންދަވާ ކަންތައްތަކާ ޙާޞިލްކުރައްވަމުން ގެންދަވާ ކާމިޔާބީތަކުގެ ފަހަތުގައި ހުންނެވި އެންމެ ބޮޑު ހިއްސާދާރަކީ މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. އަދި މިއަދުގެ ސަރުކާރަކީ އިސްލާމްދީނަށް ނަޞްރުދިނުމުގައި ދެމި އޮންނާނެ ސަރުކާރެއްކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

އަދި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިހާރު ކުރިއަށް ގެންދާ ގިނަ ކަންކަމުގައި އެންމެ މުހިންމު ދައުރެއް އަދާކުރެއްވޭނެ ބަޔަކީ ދީނީ ޢިލްމުވެރިންކަމަށް ވިދާޅުވެ، އެ ކަންކަމުގައި ޢިލްމުވެރިންގެ ފަރާތްޕުޅުން ލިބިވަޑައިގަންނަވާ އެއްބާރުލެއްވުމަށް ޓަކައި، ދީނީ ޢިލްމުވެރިންނަށް ޝުކުރު އަދާކުރެއްވިވެ. މީގެ އިތުރަށް އަހަރުތަކެއްގެ މެދުކެނޑުމަކަށްފަހު ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން އަލުން ބޭއްވޭކަމީ އުފާފުޅުކުރައްވާކަމެއްކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ރޭ ފެށުނު ޢިލްމުވެރިންގެ އަހަރީ ބައްދަލުވުމުގައި ރާއްޖޭގެ ގިނަ ދީނީ ޢިލްމުވެރިން ބައިވެރިވެވަޑައިގަނެއެވެ. އެއް ދުވަހުގެ މުއްދަތަށް ބާއްވާ ޢިލްމުވެރިންގެ މި ބައްދަލުވުމުގެ އެކި ދަންފަޅިތަކުގައި ދީނީ އެކި މުހިންމު މަޢުޟޫއުތަކަށް ބަޙުސްކުރައްވައި ޚިޔާލުތައް އެއް ގޮތަކުރެއްވޭތޯ މަސައްކަތްޕުޅުކުރައްވޭނެއެވެ. އަދި ތަފާތު މަޢުޟޫއުތަކަށް ޢިލްމުވެރިންނަށް މަޢުލޫމާތު ދިނުމުގެ އެކި ދަންފަޅިތައް ބާއްވާން ވެސް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުންތަކުގެ ދަންފަޅިތައް މި ރޭ ނިންމައިލުމަށް ފަހު، ނިންމުމުގެ އިޙުތިފާލު ވެސް މިރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ..

Advertisement

ކޮމެންޓް