Advertisement

ރޭގަނޑުގެ ތީރުތަކަކަށް މިސްރާބެއް ނޯޅޭނެއެވެ!

23 Aug 2024 | 06:00
ރޭގަނޑުގެ ތީރުތަކަކަށް މިސްރާބެއް ނޯޅޭނެއެވެ.

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

ބަލާވެރިކަމުން މިންޖުކޮށް، ﷲ ޢައްޒަ ވަ ޖައްލަގެ ކޯފާ ދުރަށްލައިދޭ އެއްޗަކީ ދުޢާއެވެ. رسول الله ﷺ ޙަދީސްކުރެއްވިއެވެ. ((من لم يَسألِ اللهَ يَغضبْ عليه[1] -ކަންކަމަށް އެދި ﷲއަށް ނުދަންނަވާ މީހާ ދެކެ އެކަލާނގެ ކޯފާވެވޮޑިގަންނަވަތެވެ.))  މާތް ﷲ ވަޙީކުރެއްވިއެވެ. ((وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ فَلْيَسْتَجِيبُوا لِي وَلْيُؤْمِنُوا بِي لَعَلَّهُمْ يَرْشُدُونَ[2] - އަދި ތިމަންރަސްކަލާނގެއާ މެދު ތިމަންރަސްކަލާނގެ އަޅުން ކަލޭގެފާނާ سؤال ކޮށްފި ނަމަ، (ކަލޭގެފާނު ވިދާޅުވާށެވެ!) ފަހެ، ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ (އެއުރެންނާ) ކުއްތަންވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. ތިމަންރަސްކަލާނގެ حضرة އަށް دعاء ކޮށްފިނަމަ دعاء ކުރި މީހާގެ دعاء ތިމަންރަސްކަލާނގެ އިޖާބަ ކުރައްވަމެވެ. ފަހެ، އެއުރެން (އެބަހީ: ތިމަންރަސްކަލާނގެ އަޅުން) ތިމަންރަސްކަލާނގެއަށް އިޖާބަދޭހުށިކަމެވެ! އަދި އެއުރެން ތިމަން ރަސްކަލާނގެއަށް إيمان ވާހުށިކަމެވެ! (އެއީ) އެއުރެންނަށް ތެދުމަގު ލިބުމަށް ޓަކައެވެ.)) މާތް ﷲގެ މި ބަސްފުޅުގައި އަޅުން ކުރާ ދުޢާތައް އައްސަވާ ވާހަކައިގެ ބަދަލުގައި މި އަންގަވަނީ ދުޢާކުރި މީހާގެ ދުޢާއަށް އިޖާބަދެއްވާ ވާހަކައެވެ. މި ބަސްފުޅުން އިޖާބަދެއްވާލެއް އަވަސްކަން ދޭހަވެއެވެ. މިއީ ﷲގެ ދީލަތިވަންތަކަމުގެ އަޖައިބުތަކުން ފުރިގެންވާ ބަސްފުޅެކެވެ. މިއީ މުއުމިނާގެ ހިތް، ދުޢާކުރުމަށް ޝައުޤުވެރިކުރުވައި، އެ ކަމަށް ހިތްވަރުދެއްވާ ބަސްފުޅެކެވެ. ﷲގެ ރުއްސެވުމާއި ފުއްސެވުން ﷲގެ އަޅުންނާ އެކުގައި ވާކަމުގެ ޔަޤީންކަން ދެއްވާ ބަސްފުޅެކެވެ. މި އާޔަތް ވާރިދުވެފައި މި ވަނީ ރޯދަޔާ ބެހޭ އާޔަތްތަކުގެ ތެރޭގައެވެ.ރޯދަވެރިޔާގެ ދުޢާއަކީ ﷲގެ ޙަޟްރަތުގައި އިޖާބަލިބިގެންވާ ދުޢާއަކަށް ވާތީއެވެ.

ރައްދުނުކުރައްވާ ބައެއް ދުޢާތައް:

1- ރަސޫލާ صلى الله عليه وسلم ޙަދީސްކުރެއްވިއެވެ. ((للصائِمِ عندَ إفطارِهِ دعوةٌ مستجابَةٌ [3]-ރޯދަވެރިޔާއަށް ރޯދަވީއްލާ ވަގުތު އިޖާބަކުރަނިވި ދުޢާއެއް ލިބިގެންވެއެވެ.))

2- ކައުރަސޫލާ صلى الله عليه وسلم ޙަދީސްކުރެއްވިއެވެ. ((إنَّ لِلصَّائمِ عِنْدَ فِطْرِهِ لَدَعْوَةً لا تُرَدُّ [4] - ހަމަކަށަވަރުން ރޯދަވެރިޔާއަށް ރޯދަވީއްލާ ވަގުތު ރައްދުނުކުރައްވާ ދުޢާއެއް ލިބިގެން ވެއެވެ.))

3- އެމީހުންގެ ދުޢާއަށް އިޖާބަދެއްވާ ތިން މީހަކު ބަޔާންކުރައްވައި ރަސޫލާ  صلى الله عليه وسلم ޙަދީސްކުރެއްވިއެވެ. ((ثلاثةٌ لا تُرَدُّ دعوتُهم الإمامُ العادلُ والصّائمُ حتّى يُفطِرَ ودعوةُ المظلومِ تُحمَلُ عَلَى الغَمَامِ وَتُفتَحُ لَهَا أبْوابُ السَّمَاءِ وَيَقُولُ الرَّبُّ وَعِزَّتِي لَأنْصُرَنَّك ولَوْ بَعْدَ حِيْنٍ [5] - ތިން މީހެއްގެ ދުޢާ ރައްދުނުކުރައްވާނެތެވެ. ޢަދްލުވެރި އިމާމާ ކުރާ ދުޢާއާއި ރޯދަވެރިޔާ ރޯދަވީއްލާ އިރު، ކުރާ ދުޢާއާއި އަނިޔާލިބިފައިވާ މީހާގެ ދުޢާއެވެ. އޭނާގެ ދުޢާ ވިލާތަކުގެ މައްޗަށް އުފުއްލެވޭނެތެވެ. އަދި އޭގެ ކުރިމަތީގައި އުޑުގެ ދޮރުތައް ހުޅުވޭނެތެވެ. ހައްދަވާބޮޑުކުރެއްވި ރަސްކަލާނގެ ވަޙީކުރައްވާނެތެވެ. ތިމަންރަސްކަލާނގެ ޢިއްޒަތްތެރިކަން ގަންދެއްވައި ވަޙީކުރައްވަމެވެ. ތިމަންރަސްކަލާނގެ ތިބާއަށް ތަންކޮޅެއް ފަހުން ނަމަވެސް ނަޞްރުދެއްވާހުށީމެވެ!))

4- ނަބިއްޔާ صلى الله عليه وسلم ޙަދީސްކުރެއްވިއެވެ. ((إنَّ اللَّهَ تعالى ليَستَحْيِي أَنْ يَبْسُطَ العَبْدُ إلَيْهِ يَدَيْهِ يَسْألُهُ فِيْهِمَا خيرًا فيرُدَّهُما خائبتَينِ [6]-ހަމަކަށަވަރުން ﷲގެ އަޅާ ހެޔޮކަމަކަށް އެދި އޭނާގެ ދެ އަތް އުފުލާ ފަތުރައލުމުން އެ ދެ އަތް ނާއުންމީދު ޙާލަތުގައި ރައްދުކުރައްވަން ﷲ ތަޢާލާ ލަދުވެތިވެވޮޑިގަންނަވާނެތެވެ.))

5- ދުޢާއަކީ ވަރަށް ބާރުގަދަ ހަތިޔާރެކެވެ. އަދި ކިއެއްހެއްޔެވެ؟ އެއީ މި ދުނިޔޭގައި އިންސާނާއާށް ލިބިގެންވާ އެންމެ ނުރައްކާތެރި ހަތިޔާރެވެ. މި ގެންގުޅޭ މިސައިލްތަކާއި ޑްރޯންތަކާއި ބިޔަ ބޮންތަކަށްވުރެ އޭގެ ކުރުންތެރިކަން މާ ބޮޑެވެ. އެއީ ﷲއަށް ތެދުވެރިކަމާ އެކު އީމާންވާ ކަމުގެ ޢަލާމާތެކެވެ. އެއީ ﷲގެ އަޅާ އެކަލާނގެއަށް ފުރިހަމައަށް އަޅުވެތިވާކަމުގެ ދަލީލެކެވެ. އެއީ ﷲގެ ކުޅަދުންވަންތަކަމާއި ރަސްވަންތަކަމަށް އީމާންވާކަމުގެ ހެތްކެކެވެ. އެކަލާނގެ ކަމަކަށް އިރާދަކުރައްވައިފި ނަމަ، ވަޙީކުރައްވާނީ "ވާށޭ"އެވެ. އެ ހިނދުން އެކަމެއް ވެދާނެތެވެ. ((ރަސޫލާ  صلى الله عليه وسلم ކަމެއް ބޮޑުވެޑައިގެންފި ނަމަ މައްޗަށް އިސްތަށިފުޅު އުފުއްލަވައި ދުޢާކުރައްވާން ފަށްޓަވައެވެ. އެކަލޭގެފާނު  ޙަދީސްކުރައްވަނީ : يا حي يا قيوم – ދިރިދެމިވޮޑިގެންވާ ރަސްކަލާކޯ! ދާއިމަށް ޤާއިމުވެވޮޑިގެންވާ ރަސްކަލާކޯ!))[7]އެވެ.

6- ރަސޫލުﷲ صلى الله عليه وسلم ޙަދީސްކުރެއްވިއެވެ. ((لا يُغني حَذَرٌ مِن قَدَرٍ والدُّعاءُ ينفَعُ ممّا نزَل وما لَمْ ينزِلْ وإنَّ الدُّعاءَ لَيَلْقى البَلاءَ فيَعْتَلِجانِ إلى يومِ القيامةِ[8] -ރައްކައުތެރިކަމުގެ ފިޔަވަޅަކުން ޤަދަރުން ސަލާމަތްތެރިކަމެއް ނެތެވެ. ބާވައިލެއްވޭ ކަންކަމަށާއި ބާވައިނުލެއްވޭ ކަންކަމަށް ދުޢާއިން ފައިދާ ކުރާނެތެވެ. ބަލާވެރިކަން ފައިބަމުންދަނިކޮށް ދުޢާއާ ބައްދަލުވެއްޖެ ނަމަ ޤިޔާމަތާ ޖެހެންދެން އެކަތި އަނެކައްޗާ ހަނގުރާމަކޮށްކޮށް ތިބޭނެތެވެ.))

ދުޢާގެ ޙާލަތްތައް:

ބަލާވެރިކަމާއެކު ދުޢާއަށް ތިން ޙާލަތެއް ވެއެވެ.

ހ- ބަލާއަށްވުރެ ދުޢާ ވަރުގަދަވުން: މި ޙާލަތުގައި ބަލާވެރިކަމުން ދިފާޢުވެވޭނެތެވެ.

ށ- ބަލާއަށް ވުރެ ދުޢާ ބަލިކަށިވުން: މި ޙާލަތުގައި އަޅާއަށް އެ ބަލާވެރިކަން ޖެހޭނެތެވެ. ނަމަވެސް އޭގެ ނުބައި އަސަރު ކުޑަވާނެތެވެ.

ނ- ބަލާއާއި ދުޢާ ބާރުގައި އެއްވަރުވުން. މި ޙާލަތުގައި އެ ދޭތި އެކަތި އަނެކައްޗާ ތަޅައިފޮޅައި ހަނގުރާމަކުރުމުގައި ދެމި ތިބޭނެތެވެ.  މިއިން އެނގެނީ ދުޢާ އިޖާބަކުރެއްވުމަށް ތިން ޙާލަތެއް ވާ ކަމެވެ. ފުރަތަމަ ޙާލަތަކީ ދުޢާއަށް އިޖާބަދެއްވުން އަވަސްކުރައްވައި އެ ބަލާއިން އޭނާ ސަލާމަތްކޮށްދެއްވުމެވެ. ދެވަނަ ޙާލަތަކީ އެ ދުޢާގެ ސަވާބު އާޚިރަތްދުވަހަށް ރައްކައުކޮށްދެއްވުމެވެ. ތިންވަނަ ޙާލަތަކީ އެ ބަލާއެއް ލުއިކޮށްދެއްވުމެވެ.

ދުޢާކުރުމުގެ އަދަބުތައް:    

ދުޢާކުރުމުގައި ތަބާވާން ޖެހޭ އަދަބުތަކެއް ވެއެވެ.

· މަޑުމޮޅިކަމަކާ އެކު ދުޢާކުރުން

· ދުޢާކުރާ އިރު އަޑުމަޑުކޮށް ދުޢާކުރުން

· ކުށަށް އިޢުތުރާފުވާ ޙާލުގައި ދުޢާކުރުން

· ދުޢާ އިޖާބަކުރައްވާނެކަމުގެ އުންމީދު މަތީގައި ހުރެ/ އިނދެ  ދުޢާކުރުން

· ފަސޭހަ ކުރު ޢިބާރާތުން ދުޢާކުރުން

· ދުޢާގައި ދަންނަވާ އެއްޗެއް ރަނގަޅަށް ފަހުމުވެގެންވާ ޙާލުގައި ދުޢާކުރުން

· ﷲއަށް ޙަމްދުކުރުމާއި ސަނާ ދެންނެވުމާއި ރަސޫލާގެ މައްޗަށް ޞަލަވާތް ކިޔެވުމުން ދުޢާ ފެށުން

· ދުޢާއަށް އިޖާބަދެއްވުން ލަސްވާތީ އެ ކަމާ ކަންބޮޑުނުވުން

· ޙަރާން ކަންތައްތަކާ ދުރުހެލިވެގެން ހުރެ ދުޢާކުރުން

ދުޢާގެ ބާރު:

مجابو الدعوة   ނަމަކަށް ކިޔާ ފޮތުގައި އިބްނު އަބިއްދުންޔާ،  ޙަސަނުލް ބަޞްރީގެ އަރިހުން ރިވާކުރައްވައިފައިވާ ގޮތުގައި (ކީރިތި ރަސޫލާގެ ޞަޙާބީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ކުންޔާއަކަށް އަބޫ މުޢައްލަޤު ކިޔާ އަންޞާރީ ބޭކަލަކު ވިއެވެ. އެއީ ވިޔަފާރުކުރައްވާ އަދި އެހެން މީހުންނަށް ވިޔަފާރިކޮށްދެއްވާ އުޅުއްވި ބޭކަލެކެވެ. އެއީ ވަރަށް އަޅުވެރި ވަރަޢުވެރި ބޭކަލެކެވެ. އެއްފަހަރަކު ވިޔަފާރި ދަތުރުފުޅެއް މަތީގައި އުޅުއްވަނިކޮށް ހަތިޔާރު އަޅައިގެން މޫނުނިވާކޮށްގެން ހުރި ވަގަކު އެކަލޭގެފާނާ ދިމާކޮށްލިއެވެ. އެމީހާ ބުންޏެވެ. ތިބާގެ ހުރިހާ މުދާތަކެއް ނެރެ ބަހައްޓާށެވެ. އަހުރެން މި އައީ ކަލޭ މަރައިލާށެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ކަލޭ ތިޔައައީ މުދާ ހޯދާން ނޫންހެއްޔެވެ. މަގޭ ލެއާ އެކަމާ ކީއްކީއްހެއްޔެވެ؟ އެ ހިނދު އޭނާ ބުންޏެވެ. ކަލޭގެ މުދާ ބޭނުމެއް ނޫނެވެ. ކަލޭގެ ލޭނޫން އެއްޗެއް ބޭނުމެއްނޫނެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އެހެންވެއްޖެއްޔާ މަށަށް ހަތަރު ރަކުޢަތްކޮށްލާނެ ވަގުތުކޮޅެއް ދޭށެވެ. އޭނާ ބުންޏެވެ. ކަލޭ ބޭނުން ވަރަކަށް ނަމާދުކުރާށެވެ. އެހިނދު ވުޟޫކުރައްވައިގެން ހަތަރު ރަކުޢަތް ކުރެއްވިއެވެ. އެންމެ ފަހު ރަކުޢަތުގައި ސަޖިދައިގައި އޮންނަވައި މި ދުޢާކުރެއްވިއެވެ. ((يا ودودُ، يا ذا العَرشِ المجيدِ، يا فعّالُ لِما تُريدُ، أسألُك بعِزِّك الَّذي لا يُرامُ، وبمُلكِك الَّذي لا يُضامُ، وبنُورِكَ الَّذي ملأَ أركانَ عَرشِكَ، أنْ تَكفِيَني شرَّ هذا اللِّصِّ، يا مُغيثُ أغِثْنِي، يا مُغيثُ أغِثْنِي، يا مُغيثُ أغِثْنِي -  ނުހަނު އޯގާވަންތަ ރަސްކަލާނކޯ! عرش ގެ ވެރި، މާތްވަންތަ ރަސްކަލާނކޯ! އިރާދަކުރައްވާ ކޮންމެ ކަމެއް ކުރައްވާ ރަސްކަލާނކޯ! ނެތިވެދިޔުމެއް ނެތް އިބަރަސްކަލާނގެ ޢިއްޒަތާއި ނިކަމެތިކަމެއް ނެތް އިބަރަސްކަލާނގެ ރަސްވަންތަކަމާއި އިބަރަސްކަލާނގެ ޢަރްޝިފުޅުގެ ކަންކޮޅުތައް ފުރާލައިފައިވާ އިބަރަސްކަލާނގެ ނޫރުފުޅުން މި އަޅާ މި ވަގުކަލޭގެ ނުބައިކަމުން ރައްކައުތެރިކޮށްދެއްވުމަށް ދަންނަވަމެވެ. ޙާލުގައިޖެހިފައިވާ ފަރާތްތަކަށް އެހީތެރިވެވޮޑިގަންނަވާ ރަސްކަލާކޯ! މި އަޅާ މި މުޞީބާތުން ސަލާމާތްކުރައްވާނދޭވެ! (ތިން ފަހަރު) އެ ހިނދު އަސްވާރަކު އަހުގެ ދެ ކަންފަތް ދެމެދުގައި ލޮންސިއެއް  ބާއްވައިގެން އޭނާގެ ގާތަށް އައެވެ. ވަގުކަލޭގެއަށް އޭނާ ފެނުމުން މި އަސްވާރާ ކުރިމަތިލިއެވެ. އެހިނދު މި އަސްވާރު މީނާގެ ގަޔަށް އެ ލޮންސި ހަރާލައި އޭނާ މަރައިލިއެވެ. މި އަސްވާރު އެކަލޭގެފާނުގެ އަރިހަށް ގޮސް ތެދުވެވަޑައިގަތުމަށް ދެންނެވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔައީ ކާކުހެއްޔެވެ؟ މިއަދު ﷲ ތިބާ މެދުވެރިކުރައްވައި އަހުރެން މުޞީބާތުން ސަލާމަތްކުރައްވައިފިއެވެ. އޭނާ ބުންޏެވެ. މަށަކީ ހަތަރުވަނަ އުޑުގެ އަހުލުވެރި މަލާއިކަތަކީމެވެ. ތިބާގެ ފުރަތަމަ ދުޢާއިން އުޑުގެ ދޮރުތައް ހުޅުވިގެންދިޔަ އަޑު މަށަށް އިވުނެވެ. ދެވަނަ ދުޢާއިން އުޑުގެ އަހުލުވެރިން ހަލަބޮލިވެގެންދިޔަ އަޑު މަށަށް އިވުނެވެ. ތިބާ ތިންވަނަ ދުޢާކުރުމުން އެއީ މުޞީބާތެއް ޖެހިފައިވާ މީހެއްގެ ދުޢާކަން އެނގުނެވެ. އެހިނދު އޭނާ މަރައިލުމުގެ މަސައްކަތް މަށާ ޙަވާލުކުރެއްވުމަށް ﷲއަށް ދެންނެވީމެވެ.))[9]  

އަލްޙަސަން ވިދާޅުވާ ގޮތުގައި މީހަކު ވުޟޫކޮށްގެން ހަތަރު ރަކުޢަތްކުރުމަށް ފަހު މި ދުޢާއިން ދުޢާކުރި ނަމަ، އެއީ މުޞީބަތަކަށް ވިޔަސް ނުވިޔަސް އެ ދުޢާއެއް ޤަބޫލުކުރައްވާނެތެވެ. އިބްނު ޢައްބާސް ވިދާޅުވާ ގޮތުގައި ކީރިތި ރަސޫލާއާ ބަލާވެރިކަމެއް ކުރިމަތިވެވަޑައިގެންފި ނަމަ ހަދީސްކުރައްވަނީ (( لا إلَهَ إلّا اللَّهُ العَظِيمُ الحَلِيمُ، لا إلَهَ إلّا اللَّهُ رَبُّ العَرْشِ العَظِيمِ، لا إلَهَ إلّا  اللَّهُ رَبُّ السَّمَواتِ ورَبُّ العَرْشِ الكَرِيمِ ))[10] އެވެ.

ދުޢާއަކީ މި ބިމުގައި ވާ އެންމެ ނުރައްކާތެރި ހަތިޔާރެވެ. މިއީ އަގެއް ދީފައި ގަނެވޭވަރަށް ވުރެ އަގު ބޮޑު ހަތިޔާރެކެވެ. އެހެނަސް މިއީ ގެންގުޅުން މަނާ ހަތިޔާރެއް ނޫނެވެ. މި ހަތިޔާރު އެންމެ ބާރުގަދަ ވާނީ އަނިޔާލިބޭ މަޒުލޫމެއްގެ އަތަށް  އެރުމުންނެވެ. رسول الله صلى الله عليه وسلم މި ހަތިޔާރަށް ރައްކައުތެރިވުމަށް ވަނީ ގޮވައިލައްވައިފައެވެ. އެކަލޭގެފާނު ޙަދީސްކުރެއްވިއެވެ. ((اتَّقوا دعوةَ المظلومِ، إنَّها تصعَدُ إلى السَّماءِ كأنَّها شِرارٌ[11] -ތިޔަބައިމީހުން އަނިޔާލިބިފައިވާ މީހާގެ ދުޢާއަށް ރައްކައުތެރިވާށެވެ! ހަމަކަށަވަރުން ކަނި ބުރައިގެންދާ ގޮތަށް އެ ދުޢާ އުޑަށް އަރައިގެންދާނެތެވެ.))

އެތައް މަހެއް ވަންދެން މުސާރަނުދީ ގެންގުޅޭ މުވައްޒަފަކީ އަނިޔާލިބެމުންދާ މީހެކެވެ. އަނބިމީހާގެ ޙައްޤުތައް އަދާނުކޮށްދޭ ފިރިހެނާއަކީ އަނިޔާލިބެމުންދާ އިންސާނެކެވެ. މައިންބަފައިން ހަމަހަމަކޮށް އަޅައިނުލާ ދަރިއަކީ އަނިޔާލިބެމުންދާ މީހެކެވެ. ޤާބިލު މުވައްޒަފަށް ވަޒީފާގެ ކުރިއެރުން ނުދީ ވައިއަޅުވާ މުވައްޒަފަށް ކުރިއެރުން ލިބޭނަމަ އެއީ އަނިޔާލިބެމުންދާ މުވައްޒަފެކެވެ. އަލްއިމާމުއްޝާފިޢީ ވިދާޅުވަނީ ތިބާ ދުޢާއަށް މަލާމާތްކޮށް އިހާނެތިކޮށް ހަދާއިރު ދުޢާގެ ކުރުންތެރިކަން ދެނެގަންނާށެވެ! ރޭގަނޑުގެ ތީރުތަކަށް މިސްރާބެއް ނޯޅޭނެތެވެ.

_________________________

މަރުޖިޢުތައް:

[1]  - أخرجه الترمذي (٣٣٧٣)  وابن ماجه (٣٨٢٧) وأحمد (٩٧١٩)

[2]  - البقرة: 186

[3]  - أخرجه الطيالسي في ((المسند)) (٢٣٧٦)، والبيهقي في ((شعب الإيمان)) (٣٩٠٧) وابن عساكر في ((معجم الشيوخ)) (٣٦٥)

[4]  -  أخرجه ابن ماجه (١٧٥٣)، والطبراني (١٣/٤٧٦) (١٤٣٤٣) والحاكم (١٥٣٥)

[5]  - أخرجه الترمذي (٢٥٢٦)، وابن ماجه (١٧٥٢)، وأحمد (٨٠٣٠)

[6]  - أخرجه أبو داود (١٤٨٨)، والترمذي (٣٥٥٦)، وابن ماجه (٣٨٦٥)، وأحمد (٢٣٧١٥)

[7]  - رواه الترمذي (3569)

[8]  -  أخرجه ابن عدي في ((الكامل في الضعفاء)) (٣/٢١٢)، والحاكم (١٨١٣)، والقضاعي في ((مسند الشهاب)) (٨٥٩) و الطبراني فى المعجم الأوسط ( ٣/  ٦٦ )

[9] - أخرجه ابن أبي الدنيا في ((مجابو الدعوة)) (٢٣)

[10]  - أخرجه البخاري (٧٤٣١  ) و  مسلم (٢٧٣٠)

[11] - الألباني، السلسلة الصحيحة ( ٨٧١  ) أخرجه الحاكم (٨١)، والديلمي (٣٠٧)

އެޑިޓަރުގެ ނޯޓް
މިޞްރުގެ އަލްއަޒުހަރުގެ ދަސްވެންޏެއްކަމަށްވާ އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާއަކީ ނޫސްވެރިކަމާއި ލިޔުންތެރިކަމާއި ޢިލްމީ ތަފާތު މައިދާންތަކުގައި އެ ފަދަ ދެވަނައެއް ނެތުމުގެ ސަބަބުން ކިޔުންތެރީންނަށް އިތުރު ތަޢާރަފަކަށް ބޭނުންވާނެ ބޭފުޅެއް ނޫނެވެ. އެއީ ޢިލްމީ އަދި އަދަބީ ދާއިރާގައި "ފަސް މީރު ކުރިރުކެކެވެ."

Advertisement

ކޮމެންޓް