Advertisement

ކުރީއާ ޕްރައިވެޓް ލިމިޓެޑާއި "ފަރަގު އެކެޑަމީ" ގުޅިގެން ބީބީސީ މައިކްރޯބިޓް ކޯހެއް ފަށަނީ!

22 Aug 2024 | 20:11
"ކުރީއާ"ގެ ފަރާތުން މަރިޔަމް ހަނާ (ވ)އާއި "ފަރަގު އެކެޑަމީގެ ފަރާތުން ހުސައިން ޝުއާޒު (ކ) ފަރަގު އެކެޑަމީއާއި ކުރީއާގެ ފަރާތުން "ފަރަގު އެކެޑަމީގެ "ފަރަގު ކެމްޕަސް"ގައި ފަހުމުނާމާގައި ސޮއިކުރައްވަނީ. (ފޮޓޯ: ފަރަގު މީޑިއާ)

ޢަޒީޒު ޖަމާލު

ފަންނިއްޔާތުގެ ގޮތުން މިއަދު ދުނިޔެއަށް އަންނަމުންދާ އިންގިލާބީ ބޮޑެތި ބަދަލުތަކާއި އެއްހަމައިން، ފަންނިއްޔާތުގެ ކުރިއެރުންތަކަށް އަހުލުވެރި ތަޢުލީމީ ޖީލެއް ބިނާ ކުރެވުމަކީ ޤައުމަކަށް ލިބިގެންދާނޭ އެންމެ އަގުހުރި ރައުސުލްމާލުކަމާ މެދު ޝައްކެއް ނެތެވެ. މި ފަދަ ކަންކަމަށާއި ޤައުމީ ތަރައްގީއަށް ވިސްނާ ބަޔަކު، ދިވެހި ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ތަޢުލީމީ ޚިދުމަތްތަކެއް ދިނުމަށް ޓަކައި ވިނުމުގެ ނަތީޖާއެއްގެ ގޮތުން "ފަރަގު އެކެޑެމިކް ސަރވިސަސް ޕރައިވެޓް ލިމިޓެޑް"ގެ ނަމުގައި އާ ކުންފުންޏެއް މި މަހުގެ ތެރޭގައި ވަނީ ރަޖިސްޓަރީކޮށްފައެވެ. މި ކުންފުނީގެ ދަށުން މީހުންގެ ހުނަރުތައް ތަރައްގީކުރުމަށާއި ހުނަރުވެރިކުރުމަށް ޓަކައި ޚިދުމަތްދޭނެ ޢިލްމީ މުއައްސަސާއެއް "ފަރަގު އެކެޑަމީ"ގެ ނަމުގައި ވަނީ ވުޖޫދަށް ގެނެސް މި މަގުގެ ތެރޭގައި ޚިދުމަތްދޭން ފަށައިފައެވެ. މި ތަން އުފެދުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި މި ބާވަތުގެ (އަޕް-ސްކިލްއާއި ރީ-ސްކިލްގެ) ތަފާތު ތަމްރީނު ޕްރޮގްރާމްތައް ގެންދަނީ ހިންގަމުންނެވެ.

ފަރަގު އެކެޑަމީއިން ހިންގާ ކޮންމެ ޕްރޮގަރާމެއްގައި ވެސް ތަމްރީނު ދެނީ ކަމުގެ ތަޢުލީމާއި ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި، އެ ދާއިރާއެއްގެ އެންމެ ފުންނާބު އުސް މުދައްރިބުންނާއި ދާރިސުންކަން ފާހަގަކޮށްލެވެއެވެ.

ކުރީން ދެންނެވި ފަދައިން ފަންނިއްޔާތުގެ ކުރިއެރުންތަކަށް އަހުލުވެރި ތަޢުލީމީ ޖީލެއް ބިނާކުރުމަށް އެހީތެރިވުމަކީ މި ހިނދަށް ދިވެހި ޤައުމަށް އެންމެ ބޭނުންވެފައިވާ އެއް ދާއިރާކަން ފަރަގު އެކެޑަމީއިން ގަބޫލުކުރެއެވެ.

އެހެންކަމުން ޅަ އުމުރުއްސުރެ ހަރުދަނާ ގޮތެއްގައި ޒަމާނީ އައު އީޖާދުތަކަށް ދަރިވަރުންނާއި ޒުވާނުން އަހުލުވެރިކޮށް، ބިނާކުރަނިވިގޮތެއްގައި އެ އީޖާދުތަކުގެ ބޭނުންހިފައި، އުފެއްދުންތެރި ހިޔާލުތަކަށް ހިތްވަރުދީ، އަދި އެ ކުދީންނަށް ފަހި ފުރުސަތުތައް ތަނަވަސްކޮށްދިނުމަކީ ނުހަނު ބޭނުންތެރި މުހިންމު ކަމެއްކަމަށް މިއަދު މި ވަނީ ވެފައެވެ. މި މަގުޞަދު ޙާޞިލުކުރުމަށް ޓަކައި ފަރަގު އެކެޑަމީ މި އަދު މިވަނީ އާ ފިޔަވަޅެއް އަޅައިފައެވެ. އެއީ ބީބީސީ މައިކްރޯސޮފްޓް ގުޅިގެން އުފައްދައިފައިވާ ޑިވައިސްއެއް ބޭނުންކޮށްގެން ބީބީސީ މައިކްރޯބިޓް ކޯސް ހިންގުމަށް ޓަކައި މި ދާއިރާގެ ތަޖުރިބާކާރު ކުންފުންޏެއްކަމުގައިވާ "ކުރީއާ ޕްރައިވެޓް ލިމިޓެޑާއެކު ފަހުމުނާމާއެއްގައި މިއަދު ސޮއިކުރި ސޮއިކުރުމެވެ.

ކުރީކާއި ފަރަގުގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރުމަށް ފަހު ފަހުމުނާމާ ދައްކައިލަނީ (ފޮޓޯ: ފަރަގު މީޑިއާ)<br>

މިއީ ޒުވާނުންނާއި ދަރިވަރުންނަށް ފަންނިއްޔާތުގެ ދާއިރާއިން އިތުރު ފަންނީ ހުނަރުތަކެއް ދަސްކޮށްދިނުމުގެ މަޤްސަދުގައި "ކުރީއާ"އިން އިސްނަގައިގެން ކުރާ މަސައްކަތްތަކުގައި "ފަރަގު އެކެޑަމީއިން ބައިވެރިގެން ހިންގާ ޙަރަކާތުގެ ފެށުމެވެ. މި އެއްބަސްވުމުގެ ދަށުން މި ކޯސް މި އަންނަ ސެޕްޓެންބަރު މަހުގެ ތެރޭގައި ފަށާނެކަމަށް ކުރީއާ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލާ މަރިޔަމް ހަނާއާއި "ފަރަގު އެކެޑަމިކް ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް ޙުސައިން ޝުއާޒު ވިދާޅުވިއެވެ.

މި ކޯހުގެ ޒަރިއްޔާއިން އަމަލީ ގޮތުން މައިކްރޯބިޓް ޑިވައިސް ބޭނުންކޮށްގެން ކޯޑިންގކުރުމާއި އިލެކްޓްރޯނިކްސްއާއި އިންޖިނިއަރިންގގެ ހުނަރުތައް ބައިވެރީންނަށް ދަސްކޮށްދެވޭނެއެވެ. މައިކްރޯބިޓްއަކީ ތަފާތު އެކި ގޮތްގޮތަށް ޕްރޮގްރާމްކުރެވޭ، ޖީބަށް ލެވޭ ވަރުގެ ކުޑަކުޑަ އާލަތެކެވެ. (ޑިވައިސްއެކެވެ.)

މި ކޯހުގައި ކިޔަވައި ދެއްވާނީ މި ކަމުގެ ތަޢުލީމާއި ފަންނީ ތަމްރީން ލިބިފައިވާ ހުނަރުވެރި އިންޖިނިއަރުންގެ ޓީމަކުންކަމަށް ކުރީއާ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ. އަދި މި ކޯހުގެ ފިލާވަޅުތައް ފަރުމާކޮށްފައިވާނީ ދަރިވަރުންގެ އުފެއްދުންތެރިކަން ކުރިއަރުވައި ތަރައްޤީކުރެވޭނޭ ގޮތްތައް ދިރާސާކުރައްވައިގެންކަމަށް ވެސް މެނޭޖިންގ ޑިރެކްޓަރ ހަނާ ވިދާޅުވިއެވެ.

މި ކޯހުގައި ބައިވެރިވާ ކޮންމެ ދަރިވަރަކަށް މައިކްރޯބިޓް ޑިވައިސްއެއް ލިބޭނެކަމަށް ވެސް ހަނާ ވިދާޅުވިއެވެ.

"ފަރަގު" މީޑިއާއިން އުންމީދުކުރަނީ މިއަދު މި ދެ ކުންފުނީގެ މެދުގައި ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން ހިންގާ މި ކޯސްތަކުގެ ޒަރީޢާއިން ގިނަ ދަރިވަރުންތަކަކަށް ފައިދާހުރި އިލްމާއި ބޭނުންތެރި ހުނަރުތަކެއް ދަސްވެ، އޭގެ ސަބަބުން މުޖުތަމަޢަށް ފައިދާހުރި އުފެއްދުންތަކެއް ވުޖޫދަށް އަންނާނެކަމަށެވެ. ގެންދިޔުން. އަދި ދެމެހެއްޓެނިވި ގޮތެއްގައި މި މަސައްކަތް ކުރިއަށް ގެންދިޔުމުގެ އެއްބާރުލުމާއި ފުރުސަތު އިތުރަށް މަގުފަހިވެގެން ދާނެކަމަށެވެ. މިއީ ރޮބޮޓިކްސްގެ ދާއިރާއިން އެޅޭ ޢިލްމާއި ހުނަރުގެ އެންމެ ވަރުގަދަ ބިންގާކަމަށްވާނެއެވެ. މިއީ ދިވެހިރާއްޖޭގެ ހަމަ ކޮންމެ ދަރިވަރަކު ވެސް މިއަދު ފުރިހަމަކުރާންޖެހޭ ކޯހެއްކަމަށް "ފަރަގު މީޑިއާ" ގަބޫލުކުރެއެވެ.

Advertisement

ކޮމެންޓް