Advertisement

ކަތުރެއް ގެއްލިގެން މަތީންދާބޯޓުތަކުގެ ދަތުރުތައް ކެންސަލް

20 Aug 2024 | 22:05
ހޮއްކައިޑޯ ނިއު ޗިތޯސޭ އެއަރޕޯޓު: މިއީ ޖަޕާނުގެ އެންމެ ހަލަބޮލި އެއަރޕޯޓެވެ.

ޢަޒީޒު ޖަމާލު

ފިހާރައަކުން ކަތުރެއް ގެއްލިގެން އެތައް މަތީންދާ ބޯޓެއްގެ އުދުހުން ކެންސަލް ކުރި ވާހަކަ އަޑުއެހީމުހެއްޔެވެ؟  މި ދިޔަ ހޮނިހިރު ދުވަހު ޖަޕާނުގެ ހޮއްކައިޑޯގެ ނިއު ޗިޓޯސޭ އެއަރޕޯޓުގެ އެތެރޭގެ އުދުހުންތަކުގެ ގިމަތަ ދެ ގަޑިއިރަށް މަސައްކަތް ހުއްޓައިލިއެވެ. ހަ ބޯޓެއްގެ ދަތުރު ކެންސަލްކުރިއެވެ. 201 ބޯޓެއްގެ އުދުހުން ފަސްކުރެވުނެވެ.  އެތައް ސަތޭކަ ފަސިންޖަރުނެއް އެއަރޕޯޓު ތެރޭގައި މަޑުކުރާން ޖެހުނެވެ.

އެތައް ބަޔަކު އަލުން ސަލާމަތީ ޗެކުކުރާން ޖެހުމުން ކިޔޫތައް ދިގުވެ މުޅި އެއަރޕޯޓުގެ ނިޒާމު ބޮއްސުންލިއެވެ. ފުރާ ގިމަތައާ ކައިރި ހިސާބެއްގައި ހުރި ފިހާރައަކުން ކަތުރެއް ގެއްލިގެންނެވެ.

ކަމާ ބެހޭ ފަރާތްތަކުން އެ ކަތުރު ފެނޭތޯ ކުރި މަސައްކަތުން އެ ކަތުރު ފެނުނީ ހަމަ އެ ފިހާރައިން އޭގެ އަނެއް ދުވަހުއެވެ.

ހޮނިހިރު ދުވަހު އެ ކަތުރު ފެނިފައި ނުވިޔަސް ފަސިންޖަރުން އަލުން ސަލާމަތީ ގޮތުން ޗެކުކުރުމަށް ފަހު، ދަތުރުތައް ފަހުން އެ ދުވަހު ގަވާއިދުން ކުރާން ފެށިއެވެ.

ގެއްލުނު ކަތުރު އާދިއްތަ ދުވަހު ފެނިފައިވަނީ ވެސް ކަތުރު ގެއްލު ފިހާރައިގެ މުވައްޒަފަކަށެވެ.

މި ކަތުރުގެ ވާހަކަ އިޢުލާނުކުރުން ހުއްޓައިލީ އާދީއްތަ ދުވަހު ފެނުނު ކަތުރަކީ ހަމަ އެ ފިހާރައިން ގެއްލުނު ކަތުރުކަން ޔަގީންކުރެވުނީމައެވެ.

މި ކަމާ ގުޅިގެން ދަތުރުވެރީންނަށް ވަރަށް ބޮޑެތި ތަކުލީފުތައް ކުރިމަތިވިއެވެ. ވަރަށް ބޮޑެތި ގެއްލުންތައް ވެސް ވިއެވެ. އެހެނީ،  ހަފުތާ ޗުއްޓީ ނިންމައި މަސައްކަތަށް ނުކުންނާން އުޅުނު އެތައް ބަޔަކަށް ގަޑިއަށް މަސައްކަތަށް ނުދެވުން ފަދަ ކިތަންމެ ކަމެއް ދިމާވިއެވެ.

"މަޑުކުރުން ނޫން އެހެން އިޚުތިޔާރެއް ނެތެވެ." ޖަޕާނުގެ ނޫހަކަށް މަޢުލޫމާތު ދެމުން އެއް ދަތުރުވެރިއަކު ބުނެފައިވެއެވެ. "ނަމަވެސް މި ބާވަތުގެ ކަންކަންކަމާ މެދު އިތުރަށް ސަމާލުވާނެކަމަށް އުންމީދުކުރަމެވެ."

އެހެން ދަތުރުވެރިއަކު ބުނީ "މި ދުވަސްވަރު ކަންބޮޑުވާ ވަރަށް ގިނަ ކަންކަމާ ދިމާވިއެވެ. ގެޔާ ހަމައަށް ފޯރުމުން ނޫނީ އަހަންނަކަށް ރައްކާތެރިކަން އިހުސާސެއް ނުވެއެވެ."

މި ކަމާ ގުޅިގެން މި ކަން މެދުވެރިވި ސަބަބު ހޯދުމަށް ޓަކައި ތަހުގީގުކުރާން ޖަޕާނުގެ ބިމާއި ބިނާރާއި ދަތުރުފަތުރާއި ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ހޮއްކައިދޯ އެއަރޕޯޓު ކުންފުންޏަށް މިހާރު ވަނީ އަންގައިފައެވެ.

"އަހަރެމެންނަށް ފާހަގަކުރެވުނީ މިއީ ފިހާރައިގެ ތަކެތި ބެލެހެއްޓުމާއި މެނޭޖުމަންޓުގެ ދޯދިޔާކަމުން މެދުވެރިވި ކަމެއް ކަމުގައެވެ." ހޮއްކައިޑޯ އެއަރޕޯޓުން ބުނެފައިވެއެވެ. "މިއީ ވައިފޭރުމާ ނުވަތަ ނިރުބަވެރިކަމާ ގުޅުން ހުރި ކަމެއްކަމަށް ވެދާނެތީ މެނޭޖުމަންޓު ހޭލުންތެރިކަން އިތުރުކުރުމަށް އަހަރެމެން މަސައްކަތްކުރާނަމެވެ."

މި ޙާލަތުގައި ދަތުުރުވެރީންގެ ސަލާމަތަށް ޓަކައި އެއަރޕޯޓުން އިޖާބަދިންލެއް ހަލުވިކަމަށް ޓަކައި މީސްމީޑިއާގައި ގެންދަނީ ތަޢުރީފުކުރަމުންނެވެ. "މި ކަމުގެ ސަބަބުން އަހަރެމެންނަށް ޔަގީންވީ ނިއު ޗިތޯސޭ އެއަރޕޯޓަކީ ސަލާމަތްތެރި ރައްކާތެރި އެއަރޕޯޓެއްކަމަށެވެ."

ޖަޕާނު މީހުންނަކީ އަޚުލާގު ރަނގަޅު ބަޔެއްކަން ކޮންމެ ދިމާއަކުން ވެސް ދުނިޔެއަށް އެ ގެންދަނީ ސާބިތުކޮށްދެމުންވެ. މި ހާދިސާއާ ގުޅިގެން ނަފުރަތުގެ އެންމެ ބަހެއް ވެސް މީސްމީޑިއާއަކުން ނުފެނެއެވެ. އޭގެ ބަދަލުގައި ތަޢުރީފުގެ ބަސްތައް އައީ އޮހެމުންނެވެ.

މި ބާވަތުގެ ކަމެއް މި ރާއްޖޭގައި ދިމާވި ނަމަ މީސްމީޑިއާގައި ފެންނާނީ އެއަރޕޯޓަށް ތަޢުރީޕުކުރުންހެއްޔެވެ؟ ނުވަތަ ޖޯކުޖަހައި އެއްޗެހި ކިޔުންހެއްޔެވެ؟ ޚިޔާލުކޮށްލައްވާށެވެ!

ނިއު ޗިތޯސޭ އެއަރޕޯޓަކީ ޖަޕާނުގެ ޖަޕާނުގެ އެންމެ ހަލަބޮލި އެއަރޕޯޓެވެ. 2022ވަނަ އަހަރުގެ ތަފާސްހިސާބު ދައްކާ ގޮތުން އެ އަހަރު 15 މިލިއަން މީހުން އެ އެއަރޕޯޓުން ދަތުރުކުރިއެވެ.

____________________________________

Advertisement

ކޮމެންޓް