Advertisement

ހަޅުތާލުކުރާ މީހުންގެ ކިބައިގައި "ނުކުތާއެއް އެބަ އޮތް" – ބައިޑުން

21 Aug 2024 | 00:53
ޗިކާގޯގައި ޕަލަސްތީނަށް ތާއީދުކޮށް މުޒާހަރާ ކުރި މީހުން

އަބާ މުޙަންމަދު

އެމެރިކާގެ ޗިކާގޯގައި ޑިމޮކްރެޓިކް ނޭޝަނަލް ކޮންގްރެސްގެ ބޭރުގައި އިއްޔެ އެތައް ހާސްބަޔަކު ފަލަސްތީނަށް ތާއީދުކޮށް މުޒާހަރާކުރިއެވެ. އަދި ޣައްޒާގައި ހިނގަމުންގެންދާ "ހަނގުރާމަ" [ޔަހޫދީން ހިންގާ ނަސްލުހޭދު] ވަގުތުން ހުއްޓައިލުމަށް ގޮވަމުން ގެންދިޔައެވެ.

އިސްރާއީލަށް ތާއީދުކޮށް އެ މީހުންނަށް ހުރިހައި ގޮތަކުން މަދަދުވެރިވަމުން ގެންދާ އެމެރިކާގެ ރައީސް ޖޯ ބައިޑުން މި ކަމަށް އިޝާރާތްކޮށް، އިއްޔެ ބުނެފައިވަނީ އެ މީހުންގެ "ނުކުތާއެއް އެބަ އޮތް"ކަމަށެވެ. މާނައަކީ އެ މީހުން މުޒާހަރާކުރުމުގެ އަސާސެއް އެބަ އޮތޭއެވެ. މި ވަރުގެ ބަހެއް ވެސް އޭނާގެ އަނގައިން ނުކުތީ އިންތިޚާބާ ކައިރިވެފައިވާތީބާވައޭ ހިތަށް އަރައެވެ.

އިއްޔެ އޭނާ ތަގުރީިރުދެމުން ބުނެފައިވަނީ ޣައްޒާއަށް ސުލްޙަ ގެނައުމަށް ކުރަމުން ގެންދާ މަސައްކަތް ހުއްޓައިނުލާނެކަމަށެވެ. އަދި ސުލްޙައިގެ އެއްބަސްވުން ގާއިމުކޮށް ހަނގުރާމަ ހުއްޓުވާނެކަމަށެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށް އަމާންކަން ހޯދައިދޭނެކަމަށް ވެސް އޭނާ ބުންޏެވެ. ފަލަސްތީނަށް ތާއީދުކޮށް މުޒާހަރާކުރަމުން ގެންދާ މީހުންނަށް ވެސް [މުޒާހަރާކުރުމުގެ] ނުކުތާއެއް އެބަ އޮތްކަމަށް އެނާ ބުންޏެވެ.

މިއީ ހަނގުރާމައެއް ނޫން، މިއީ ނަސްލުހޭދެއް - ޗިކާގޯގައި މުޒާހަރާކުރި މީހުން(ގެ ޝުޢޫރު)<br>

ނަމަވެސް އެކަމުގެ ސަބަބު ދައްކަމުން އޭނާ ބުނީ "ދެ ފަރާތުން ވެސް" ކުށެއް ނެތް އެތައް ބަޔަކު މަރުވަމުންދާ ބާހަކައެވެ. އިސްރާއީލުން އެންމެ 1100 ވަރަކަށް މީހުން މަރުވިޔަސް ޣައްޒާއިން 41 ހާސް މީހުން ޝަހީދުވެއްޖެއެވެ. މި ކަން އޭނާ ފާހަގަކުރާކަށް ބޭނުމެއް ނުތްވެވެ. އެހެންވީމާ، މި ވާހަކަދެއްކުމުގައި އޭނާގެ އެއްވެސް އިޚުލާބްތެރިކަމެއް އަދި އެ ކަމުގެ ނިޔަތެއް ވެސް ނެތްކަން ހާމަވެއެވެ.

ޖޯބައިޑުނަކީ ޞަހުޔޫނީ ޔަހޫދީއެއްކަމަށް އަމިއްލައަށް ދަޢުވާކުރާ މީހެކެވެ. އަދި އޭނާގެ ސަރުކާރުން އެއްވެސް ހިފެހެއްޓުމެއް ނެތި، ޔަހޫދީންނަށް ތާއިދުކޮށް ފަލަސްޠީނުންނާ ދެކޮޅަށް ޢުދުވާނު ހިންގުމަށް ޓަކައި ތަކެއްޗާއި ފައިސާއިން ގެންދަނީ އިސްރާއީލަށް މެދުކެނޑުމެއް ނެތި އެހީވަމުންނެވެ. އަދި ފަލަސްތީނުގައި ހިންގަމުން ގެންދާ ޢުދުވާނު ހުއްޓައިލާން ގޮވައިލައި ފާސްކުރާން އުޅުނު ތިން ޤަރާރެއް، އޭނާގެ ސަރުކާރަށް ލިބިފައިވާ ވީޓޯކުރުމުގެ ނުޙައްޤު ބާރު ބޭނުންކޮށްގެންވަނީ ފާސްވިޔަނުދީފައެވެ. އަދި ދާދި ފަހުން ބައިޑަން ވަނީ އިސްރާއީލަށް އަސްކަރީ އެހީގެ ގޮތުގައި އިތުރު 14 ބިލިޔަން ޑޮލަރު ދޭން ހުއްދަދީފައެވެ.

ވީމާ، އޭނާގެ ހިތުގައި ފަލަސްތީނަށް މުސްލިމުންނަށް ރަހުމެއް އޮންނާނެކަމަށް ހޭބުއްދި ސަލާމަތުން ހުރި މީހަކު ގަބޫލެއް ނުކުރާނެއެވެ. އެއީ ހަމައެއް އިންސާފެން ނެތް އަނިޔާވެރި އިސްރާއީލުގެ ފުރިހަމަ ބައިވެރިއެކެވެ. ޣައްޒާއަށް ލިބެމުންދާ އަނިޔާއާއި ގެއްލުމުގެ ފުރިހަމަ ޙިއްސާ ޖޯބައިޑަން އުފުއްލާން ޖެހޭނެއެވެ.

އެޑިޓަރުގެ ނޯޓް
އަބާ މުޙަންމަދަކީ މީގެ ކުރީން ވެސް ބައެއް ނޫސްތަކަށް ލިޔުއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

Advertisement

ކޮމެންޓް