Advertisement

އިސްރާއީލުގެ ނަސްލުހޭދު ދަމަހައްޓާން އެމެރިކާއިން ވަގުތު "ގަންނަނީ" - ޙަމާސް

20 Aug 2024 | 06:10
ދާރުލްބަލާޙު އަވަށުގެ ގެޔަކަށް އިސްރާއީލުން ބޮމުން ޙަމަލަދީ އިއްޔެ ޝަހީދުކޮށްލި ޙާއިލާއެއްގެ ޤަބުރުތައް ކައިރީގައި ހިތާމަފާޅުކުރަނީ (ފޮޓޯ: އަޝްރަފު އަމްރާ/ އަލްޖަޒީރާ)

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

އިސްރާއީލުން ޣައްޒާގައި ހިންގާ ނަސްލުހޭދު ދަމަހައްޓާން އެމެރިކާއިން ވަގުތު ގަނެދެނީކަމަށް ތުހުމަތުކޮށް ހަމާސުން އެމެރިކާއަށް ވަރަށް ބޮޑަށް ފާޑުކިޔައިފިއެއެވެ. ހަމާސުން މިހެން ބުނެފައިވަނީ އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓަނީ ބްލިންކަން ކުރި އިޢުލާމަކާ ގުޅިގެންނެވެ. ބްލިންކަން ބުނެފައިވަނީ ޣައްޒާގެ ސުލްޙައަށް ޓަކައި ހުށަހެޅިފައިވާ ދާލަމީ ހުށަހެޅުން އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ގަބޫލުކޮށްފިކަމަށާއި، ފަލަސްތީނުގެ 'ގުރޫޕު'ން ވެސް މި ހުށަހެޅުން ގަބޫލުކުރާން އިލްތިމާސްކުރާކަމަށެވެ.

ޙަމާސުން ބުނާ ވާހަކައަކީ ތެދެއްކަން ދުނިޔެއަށް އިރުއަރައި އޮއްސޭ ކޮންމެ ދުވަހަކު އިސްރާއީލުން ޢަމަލުކުރާ ގޮތުން ސާބިތުވެއެވެ. މި ވޭތުވެދިޔަ 24 ގަޑިއިރުތެރޭ އެކަނި ވެސް ވައިގެ މަގުން ޙަމަލަދީ ފަލަސްތީނުގެ 35 މީހުން އިސްރާއީލުން ވަނީ ޝަހީދުކޮށްލައިފައެވެ. އެމެރިކާއާއި ވިލާތުގެ ގިނަ ގައުމުތަކުގެ އެހީގައި އިސްރާއީލުން މަސައްކަތްކުރަމުން ގެންދަނީ ފަލަސްތީނުގެ ނަސްލު މުޅިން ނައްތައިލައި، ފަލަސްތީނުގެ މުޅި ބިމަކީ ޔަހޫދީ ދައުލަތުގެ ބިންކަމަށް ހަދާށެވެ. މި ކަން އިސްރާއީލުގެ ޢަމަލުތަކުން ވަރަށް ސާފުކޮށް ފެނެއެވެ.

އެހެންނަމަވެސް އެމެރިކާގެ ރައީސް ޖޯ ބައިޑަން ބުނަކީ ޣައްޒާގައި ސުލްޙަ ގާއިމުކުރުމަށް ޓަކައި އޭނާގެ ސަރުކާރުން މިހާރު 24 ގަޑިއިރު މަސައްކަތްކުރާކަމަށެވެ.

ނަމަވެސް އޭނާއަކީ ޚުދު ޞަހުޔޫނީ ޔަހޫދީއެއްކަމަށް އަމިއްލައަށް ދަޢުވާކުރާ މީހެކެވެ. އަދި އޭނާގެ ސަރުކާރުން އެއްވެސް ހިފެހެއްޓުމެއް ނެތި، ޔަހޫދީންނަށް ތާއިދުކޮށް ފަލަސްޠީނުންނާ ދެކޮޅަށް ނަސްލުހޭދު ހިންގުމަށް ޓަކައި ތަކެއްޗާއި ފައިސާއިން ގެންދަނީ އިސްރާއީލަށް މެދުކެނޑުމެއް ނެތި އެހީވަމުންނެވެ. އަދި ފަލަސްތީނުގައި ހިންގަމުން ގެންދާ ޢުދުވާނު ހުއްޓައިލާން ގޮވައިލައި ފާސްކުރާން އުޅުނު ތިން ޤަރާރެއް، އޭނާގެ ސަރުކާރަށް ލިބިފައިވާ ވީޓޯކުރުމުގެ ނުޙައްޤު ބާރު ބޭނުންކޮށްގެންވަނީ ފާސްވިޔަނުދީފައެވެ. އަދި ދާދި ފަހުން ބައިޑަން ވަނީ އިސްރާއީލަށް އަސްކަރީ އެހީގެ ގޮތުގައި އިތުރު 14 ބިލިޔަން ޑޮލަރު ދޭން ހުއްދަދީފައެވެ.

އަނެއް ކޮޅުން އިސްރާއީލުން ލުބުނާނަށް ވެސް ހަމަ ހަމަލާދެމުން އެބަ ގެންދެއެވެ. ލުބުނާނުގެ އަލަމަޔާދީން ޓީވީއިން ޚަބަރުދީފައިވާ ގޮތުގައި ލުބުނާނުގެ އިރުމަތީ ބައިގައި އޮންނަ ބެކާ ވާދީއަށް އިސްރާއީލުން ރޭ ވެސް ބޮންއަޅައި މަދުވެގެން އަށެއްކަ މީހުން ވަނީ ވަރަށް ބޮޑަށް ޒަޚަމުކޮށްލައިފައެވެ.

ބައިޑުނާއި އޭނާގެ އިދާރިއްޔަތުގައި ހިމެނޭ އެންމެން ޔަހޫދީންނަށް ތާއީދުކޮށް ފަލަސްތީނުގެ ނަސްލު ނައްތައިލުމަށް ޓަކައި މުސްލިމުންނާ ދެކޮޅަށް މުޅި މެދުއިރުމަތީގައި ހިންގާ އުދުވާނަށް އެހީވިކަމުގައި ވިޔަސް އެމެރިކާގައި ވެސް، ބައިޑުންގެ މި ސިޔާސަތާ ދެކޮޅު، އަދި އިންސާފަށް ލޯބިކުރާ މީހުން އުޅެއެވެ. އިއްޔެއާއި މިއަދު ވެސް ޗިކާގޯގެ އެތައް ހާސް ބަޔަކު މަގުތަކަށް ނުކުމެ، ބައިޑުންގެ ސިޔާސަތާ ދެކޮޅަށް އަޑު އުފައި ޣައްޒާގައި ހިންގަމުން ގެންދާ ޢުދުވާނު ހުއްޓައިލާން ގޮވައިލިއެވެ.

ނަމަވެސް މި އަނިޔާވެރިކަން ހުއްޓުވާން މަސައްކަތްކުރާނެ ބާރެއް ދުނިޔެއަކު ނެތެވެ. މުސްލިމު ގައުމުތައް އޮތީ އެމެރިކާއާއި އިސްރާއީލުގެ ބާރުގެ ދަށުވެ ފިތިފައެވެ.

އެންމެ ފަހުގެ ތަފާސްހިސާބުތައް ބުނާ ގޮތުގައި މި ދިޔަ އަހަރުގެ އޮކްޓޫބަރު ހަތެއްގެ ޙަމަލާގެ ފަހުން އިސްރާއީލުން ޣައްޒާގައި ހިންގާ އަނިޔާވެރި ޢުދުވާނުގައި 40139 (ސާޅީސް ހާސް އެއް ސަތޭކަ ތިރީސް ނުވައެއް) މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. 92 ހާހގަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމުކޮށްލައިފައެވެ. (މަޢުލޫމާތު: އަލްޖަޒީރާ)

ލަފުޒެއްގެ މާނަ:

ނަސްލުހޭދު    ނ.   އިންސާނީ ނަސްލެއް ނައްތައިލުމަށް ޓަކައި ގަސްތުގައި މަރައި ހުސްކުރުމުގެ ޢަމަލު

Advertisement

ކޮމެންޓް