Advertisement

ދިވެހިރާއްޖޭގެ ގައުމީ އަރުޝީފުގެ ގާނޫނާ ޚިލާފަށް ރަސްމީ ލިޔެކިޔުން ނައްތައިލުން.

24 Oct 2023 | 10:22
.

ދާދިފަހުން މީސްމީޑީއާގައި ވިރަވި ވީޑިއޯއަކީ ސަރުކާރުގެ މައި ކުންފުންޏެއްގެ ދަރި ކުންފުންޏެއްގެ ލިޔެކިޔުންތަކެއް ނައްތައިލި ތަން ފެންނަ މީޑިއޯއެކެވެ. އެ ވީޑިއޯ ޢާންމުވުމާއެކު އެ ކަމާ ކަންބޮޑުވުން ފާޅުކުރައްވައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ އާޓްސް, ކަލްޗަރ އެންޑް ހެރިޓޭޖް އަލްފާޟިލް މުޙަންމަދު ޠާރިގު ވަނީ އެ މައްސަލަ ތަހުގީގުކުރައްވާން ކަމާ ބެހޭ މުއައްސަސާތަކަށް ގޮވައިލައްވައިފައެވެ. އަދި ގައުމީ އަރުޝީފުގެ ޑިރެކްޓަރ ޖެނެރަލް އޮފް އާކައިވްސް އަލްފާޟިލް  މުޙަންމަދު ޢާމިރު އަޙުމަދު ވެސް ވަނީ މި ކަމާ ކަންބޮޑުވުން ފާޅުކުރައްވައި، މި މައްސަލަ ބައްލަވައިދެއްވާން ރަސްމީ ގޮތުން ފުލުހުންގެ ކިބައިން އެދިވަޑައިގެންފައެވެ.

މި ފަދަ ކަންކަމާ ބަސްވިދާޅުވާން ޖެހޭ މަގާމުތަކުގައި ތިއްބެވި ދެ ބޭފުޅަކު ކަންބޮޑުވެވޑައިގެން ޝުޢޫރު ފާޅުކުރައްވައި މައްސަލަ ބައްލަވާން ފުލުހުންނަށް އެންގެވި އިރު، މި ކަން ކުރެއްވި ކުންފުނީން މި ކަން ދެކެވަޑައިގަންނަވަނީ ވަރަށް ކުޑަކުޑަ ސާދާ ކަމެއްގެ ގޮތުގައެވެ. މި ޚަބަރުތައް ޢާންމު ވުމާއެކު އެ ކުންފުނީން އާންމު ކުރެއްވި ކުރު ބަޔާނެއްގައި ވިދާޅުވެފައިވަނީ ނައްތައިލީ "ގިނަ އަހަރުތަކެއް ވަންދެން ގުދަންކުރެވިފައި ހުރި، އަދި މިހާރު އެއްވެސް ގޮތަކުން ކުންފުންޏަށް ބޭނުންވާނޭ ފަދަ ލިޔެކިޔުންތަކެއް ނޫން"ކަމަށެވެ. ނަމަވެސް އެ ކަން ކަނޑައެޅުމުގެ ބާރު ފިޔުލް ސަޕްލައި މޯލްޑިވްސްގެ ވެރީންނަށް ދީފައިވާކަމަކަށް ގާނޫނެއް ނުބުނެއެވެ.

 މީސްމީޑީއާގައި ވިރަވި ވީޑިއޯގެ ބައެއްމަންޒަރުތައް

ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ޤާނޫނުގެ 24ވަނަ މާއްދާއިން އަރުޝީފުކޮށް ރައްކާތެރި ކުރާންޖެހޭ ފުރޭފުތައް އެނގޭއިރު އެ ފަދަ ފުރޭފުތައް ޑިރެކްޓަރ ޖެނެރަލް އޮފް އާރކައިވްސް އެހެން ގޮތަކަށް ކަނޑަނާޅުއްވައިފި ނަމަ، މަދުވެގެން 25 އަހަރު ވަންދެން ރައްކާތެރިކަމާއެކު އެ ލިޔެކިޔުންތައް ބަލަހައްޓާން ޖެހޭނެކަން އިސްވެ ދެންނެވުނު ގާނޫނުގެ 25 ވަނަ މާއްދާގެ (ހ) އިން ސާފުކޮށް އެނގެއެވެ. އަދި މިފަދަ ތަކެތި 25 އަހަރު ދުވަހު ބެލެހެއްޓުމަށް ފަހު ވެސް ކުންފުނީގެ ސީއީއޯ ބޭނުންހާ ގޮތެއް އެ ލިޔެކިޔުންތަކަކަށް ހެދޭކަށް ނޯވެއެވެ. 25 ވަނަ މާއްދާގެ (ށ)ގައި ބުނަނީ މި ފަދަ ތަކެތި ނައްތައިލާ ވާހަކައެއް ނޫނެވެ. ގާނޫނު ބުނަނީ އެ ފަދަ ތަކެތި އަރުޝީފަށް ފޮނުވާން ޖެހޭނެ ވާހަކައެވެ.

ދިވެހިރާއްޖޭގެ ގައުމީ އަރުޝީފުގެ ގާނޫނުގެ 26 ވަނަ މާއްދާގައި ވަނީ "މި ގާނޫނުގެ 25 ވަނަ މާއްދާގައިވާ ގޮތުގެމަތިން 25 އަހަރުވުމުން ނައްތައިލާ ތަކެއްޗާއި ދާއިމީ ގޮތެއްގައި ރާއްކާތެރިކުރާން ޖެހޭ ތަކެތި ކަނޑައަޅާނީ ޑިރެކްޓަރ ޖެނެރަލް އޮފް އާރކައިވްސް"ކަމަށެވެ. އެހެންވީމާ، ޑިރެކްޓަރ ޖެނެރަލް އޮފް އާކައިވްސް އަރިހު އެހުމެއްކެހުމެއް ނެތި އަވަސްއަރުވައިލައިގެން ގާނޫނާ ޚިލާފަށް ދައުލަތުގެ ލިޔެކިޔުން ނައްތައިލުމުގައި ފޮރުވިފައިވާ ނުހަނު ބޮޑު ސިއްރެއް އޮންނާނެކަމަށް ރައްޔިތުންނަށް ވިސްނުމުގެ ފުރުސަތު އެބަ އޮތެވެ. އެހެން ނޫނީ އެންމެ ކުޑަމިނުން، ޑިރެކްޓަރ ޖެނެރަލް އޮފް މާރކައިވްސްގެ ލަފައެއް ހޯއްދެވީސްތާއެވެ.

އަދި މި މައުލޫމާތު މީސް މީޑިއާގައި ޢާންމުކުރި މުވައްޒަފު ވަޒީފާއިން ސަސްޕެންޑްކުރައްވައިފައިވާކަން ވެސް މީޑިއާއިން އެނގެއެވެ. މި ބާވަތުގެ މަޢުލޫމާތު ފާށާކުރުމަކީ (ވިޒްލް ބްލޯކުރުމަކީ) ރަނގަޅު ނިޔަތެއްގައި ކުރި ކަމެއް ނަމަ، އެ ފަދަ މުވައްޒިފަކަށް ޙިމާޔަތް ލިބޭންޖެހެއެވެ. ނަމަވެސް ފާށާކުރި މުވައްޒަފު ވެސް އެކަން ކުރީ އެ ކަން ކުރާން އޮންނަ ގޮތަށް ނޫންކަމަށް ވާނަމަ، އެއީ ރަނގަޅަށް ކުރެވިފައިވާ ކަމެއްކަމަކަށް ނުބެލެވެއެވެ. މި ކަމުގަެ މަޢުލޫމާތު ކަމާ ބެހޭ ފަރާތަކަށް އެ މުވައްޒަކު އެނގި ކަމަށް ވާނަމަ، އެކަން ކުރެވުނީ ރަނގަޅަށެވެ. ނަމަވެސް ފާށާކުރާންޖެހޭ ގޮތަށް އެކަން ނުކޮށް ފުރަތަމަ ވެސް މީސްމީޑިއާގައި އެ ވީޑީއޯ އާންމުކުރުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. މި ފަދަ ޙާލަތުގައި ފާށާކުރި (ވިޒްލް ބްލޯކުރި) މުވައްޒިފަށް ގާނޫނީ ޙިމާޔްތަ ނުލިބިދާނެއެވެ. ނަމަވެސް މީގެ މާނައަކީ، ދައުލަތުގެ އިދާރާއަކުން ލިޔެކިޔަުންތައް ނައްތައިލި ނައްތައިލުން އެއީ ގާނޫނާ ޚިލާފަށް ކުރިކަމަކަށް ނުވުމެއް ނޫނެވެ. ކޮންމެ ގޮތަކަށް އެ ކަން ހިނގި ނަމަވެސް ޑިރެކްޓަރ ޖެނެރަލް އޮފް އާރކައިވްސްގެ މަޝްވަރާއާ ނުލައި ދައުލަތުގެ ލިޔެކިޔުންތަކެއް ނައްތައިލުމަކީ ގާނޫނީ ކުށެކެވެ. ކުށްކުރި މީހުންގެ މައްސަލަ ބެލުމާއި ނުބެލުމާއި އެ ފަދަ ކަމެއް ކުރި މީހެއްގެ މައްޗަށް ދައުވާ ކުރުމާއި ނުކުރުމާއި އަދި އެ ފަދަ މީހުން ކުށްވެރިނުވުމަކީ މުޅީން އެހެން ކަމެކެވެ. އެއީ އެ ކުށް ކުށަކަށް ނުވާ ކަމުގެ ދަލީލެއް ނޫނެވެ.

ކޮންމެއަކަސް ދައުލަތުގެ ލިޔެކިޔުންތަކެއް ގާނޫނުގައި ބަޔާންކޮށްފައި އޮންނަ ގޮތާ ޚިލާފަށް ނައްތައިލުމަކީ ކުށެކެވެ. މި ފަދަ ކަންކަން ހިނގާ ނަމަ އެ ކުންފުންޏަކަށް ނުވަތަ އިދާރާއަކަށް ރައްޔިތުން ކުރާ އިތުބާރަށް ނޭދެވޭ އަސަރު ނުފޯރައެއް ނުހުންނާނެއެވެ.

Advertisement

ކޮމެންޓް