Advertisement

އަހުރެމެންނަށް ލިބިގެންވަނީ ކޮން ކަހަލަ ހިތެއްބާ!؟؟؟ (8)

19 Aug 2024 | 00:45
ހިތް

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

(ކުރީގެ ޢަދަދާ ގުޅޭ)

ވަރަޢުވެރި ހިތް

ހިތަކީ އިވުމާއި ފެނުންފަދަ އިންސާނާގެ މުހިންމު ޙިއްސުތަކާ ގުޅިފައިވާ  ގުނަވަނެކެވެ . އިވުމަކީ މާތް ﷲ އިންސާނާއަށް ދެއްވާފައިވާ އެންމެ ބޮޑެތި ނިޢުމަތްތަކުގެ ތެރޭގައި ހިމެނޭ ނިޢުމަތެކެވެ. އޭނާއަށް އެހެން މީހުންނާއެކު މުވާޞަލާތު ކުރެވެނީ މި ނިޢުމަތުގެ ސަބަބުންނެވެ. ޖާހިލުކަން ނައްތައިލެވެނީ މި ނިޢުމަތުގެ ސަބަބުންނެވެ. މާތްﷲ ވަޙީކުރެއްވިއެވެ. ((وَاللَّهُ أَخْرَجَكُمْ مِنْ بُطُونِ أُمَّهَاتِكُمْ لَا تَعْلَمُونَ شَيْئًا وَجَعَلَ لَكُمُ السَّمْعَ وَالْأَبْصَارَ وَالْأَفْئِدَةَ لَعَلَّكُمْ تَشْكُرُونَ  - [1] ތިޔަބައިމީހުންނަށް އެއްވެސް އެއްޗެއް ނޭނގޭގޮތުގައިވާ حال، ތިޔަބައިމީހުންގެ މައިންގެ ބަނޑުން، ތިޔަބައިމީހުން ނެރުއްވީ اللَّه އެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށް އިވުމާއި، ފެނުމާއި، ހިތްތައް ލެއްވިއެވެ. އެއީ ތިޔަބައިމީހުން، شكر ކުރުމަށްޓަކައެވެ.))

ﷲ ސުބްޙާނަހޫ ވަ ތަޢާލާ ކީރިތި ޤުރްއާނުގައި  އިވުމާ ބެހޭ ނިޢުމަތުގެ ވާހަކަ 185 ފަހަރު ގެންނަވައިފައިވެއެވެ. ޢިލްމީ ދިރާސާތައް ކަށަވަރުކޮށްދޭ ގޮތުގައި، މާބަނޑުގައިވާ ކުއްޖާގެ ޢުމުރުން 24 ވަނަ ހަފުތާއާއި 25ވަނަ ހަފުތާގައި ކަންފަތުގެ ކެޕްސޫލު އުފެދެން ފަށާނެއެވެ. މިގޮތަށް އުފެދި ބޮޑުވަމުން ގޮސް ފަސްވަނަ މަހުގައި އެ ކުއްޖާއަށް އިވުމުގެ ހުރިހާ ވަޒީފާތަކެއް އަދާކުރެވޭ މިންވަރަށް ކަންފަތުގެ ތަފާތު ބައިތައް އުފެދި ބޮޑުވާނެއެވެ. އެކުއްޖާ އޭނާގެ މައިމީހާގެ ބަނޑުތެރޭގައި އޮންނައިރު މަސައްކަތްކުރާ ހަމައެކަނި ޙިއްސަކަށް ވާނީ އިވުމެވެ. އޭނާއަށް އިވޭނީ އޭނާގެ މަންމަގެ ހިތުގެ ވިންދުގެ އަޑުތަކާއި، ފުއްޕާމޭ ޙަރަކާތްކުރާ އަޑުތަކާއި، ގޮހޮރުގެ ޙަރަކާތްތަކުގެ އަޑުތަކެވެ.

އިންސާނާ ދުނިޔެއަށް އުފަންވަނީ ހަނދާނުގެ ހުދު، ސާފު ޞަފުޙާއަކާ އެކުގައެވެ. އެއްވެސް މަޢުލޫމާތެއް ނެތިއެވެ. ތިންމަސް ވަންދެން ހަނދާނުގެ ޞަފުޙާގައި ރެކޯޑްކުރެވޭނީ ހަމައެކަނި އިވޭ އެއްޗެއްސެވެ. އަލީގެ އަސަރުތައް ހަނދާނުގެ ޞަފުޙާތަކަށް ވަންނަންފަށާނީ ވިހެއުމަށް ފަހު ތިން މަސްވުމުންނެވެ.

ކުޑަކުއްޖާ އުފަންވުމުން އޭނާގެ ކަންފަތް ދޮށުގައި ބަންގި ގޮވަނީ މިހެން ވެގެންނެވެ. އޭނާއަށް ދުނިޔެއިން އިވޭ އެންމެ ފުރަތަމަ ބަހަކީ ޝަހާދަތުގެ ދެ ކަލިމަކަމުގައި ހެދުމަށް ޓަކައެވެ.

އިވުމުގެ ނިޢުމަތަކީ ދުނިޔޭގެ އާބާދީގެ 5% މީހުން އެއިން މަޙުރޫމުވެފައިވާ ނިޢުމަތެކެވެ. ޢުމުރުން 65 އަހަރަށް ފަހު  ތިން ބައިކުޅަ އެއްބައި މީހުންގެ  އިވުމުގެ ބާރު ކަންފަތިވެއެވެ.

މިހެންވެ ﷲ ޢައްޒަ ވަ ޖައްލަ މުއުމިނުންނަށް ހެޔޮބަސް ނޫނީ ނޭހުމަށް އަންގަވައެވެ. ސުވަރުގޭގައި އިވޭނީ ހެޔޮ ބަހެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((لَا يَسْمَعُونَ فِيهَا لَغْواً وَلَا تَأْثِيماً إِلَّا قِيلاً سَلَاماً سَلَاماً[2]  - ބޭކާރު ބަސްތަކެއްވެސް، އަދި ކުށްވެރިކުރަނިވި ބަސްތަކެއް ވެސް، އެތާކު އެއުރެންނަކަށް ނީވޭނެތެވެ. އެހެނެއްކަމަކު (އެއުރެންނަށް އިވޭނީ) سلام ހުށްޓޭ، سلام ހުށްޓޭ، ބުނެވޭ އަޑެވެ.)) ދުނިޔޭގައި ޙަރާން ބަސްތައް އަޑުއެހުމުގައި ވަގުތު ނަގައިލި މީހުންނަށް ޤިޔާމަތްދުވަހުން އިވޭނީ ބިރުވެރި އަޑުތަކެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. (( لَهُمْ فِيهَا زَفِيرٌ وَهُمْ فِيهَا لَا يَسْمَعُونَ [3]- އެތާނގައި އެއުރެން ނޭވާލާ އަޑުފަށްގަނޑު ހުންނާނެތެވެ. އަދި އެއުރެންނަކަށް އެތާނގައި އަޑެއް ނީވޭނެތެވެ. ))

ވަރަޢުވެރި ހިތަކީ ކީރިތި ޤުރްއާނާއި ރަސޫލާގެ ޙަދީސްފުޅުތަކާއި ހެޔޮ ރަނގަޅު  ބަސްތައް އަހާ ހިތެކެވެ. އެއީ އެ ފަދަ ބަސްތައް އެހުމަށް ޝައުޤުވެރިވާ އެ ބަސްތަކުން ހެޔޮ އަސަރުކުރާ ހިތެކެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((وَإِذَا سَمِعُوا مَا أُنْزِلَ إِلَى الرَّسُولِ تَرَى أَعْيُنَهُمْ تَفِيضُ مِنَ الدَّمْعِ مِمَّا عَرَفُوا مِنَ الْحَقِّ يَقُولُونَ رَبَّنَا آمَنَّا فَاكْتُبْنَا مَعَ الشَّاهِدِينَ [4] - އަދި رسول އާއަށް ބާވައިލެއްވި آية ތައް، އެއުރެން އަޑުއެހި ހިނދު، އެއުރެންނަށް حق ގޮތް އެނގުމުގެ ސަބަބުން، އެއުރެންގެ ލޯތައް ކަރުނައިން ފުރި އޮހޭތަން، ކަލޭގެފާނު ދެކެވަޑައިގަންނަވާނޫއެވެ. އެއުރެން ބުނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އަޅަމެން إيمان ވެއްޖައީމުއެވެ. ފަހެ، ހެކިވާ މީހުންގެ ތެރޭގައި އަޅަމެން ލިޔުއްވާނދޭވެ! ))

މާތް ﷲ ރުއްސުންލެއްވި އަބުއްދަރްދާއުގެފާނު ވިދާޅުވިއެވެ. )) ޙަޔާތުގައި ދެ މީހެއްގެ ކިބައިގައި މެނުވީ ހެޔޮ ކަމެއްނެތެވެ. އެއީ ވިސްނުންތެރިކަމާއެކު ކަނުލައި އަހާމީހާއާއި ވާހަކަދެއްކުންތެރި ޢާލިމެވެ.))  ބައެއް ޢާލިމުން ވިދާޅުވެއެވެ." ޢާލިމެއްގެ އަރިހުގައި އިށީނދެވިއްޖެނަމަ ރަނގަޅަށް ކަނުލައި އަޑުއަހާށެވެ! ޖާހިލެއްގެ ގާތުގައި އިށީނދެވިއްޖެނަމަ ރަނގަޅަށް ކަނުލައި އަހާށެވެ! ޢާލިމަށް ކަނުލައި އެހުމަކީ ތިބާގެ ޢިލްމު އިތުރުވާނެ ކަމެކެވެ. ޖާހިލަށް ކަނުލައި އެހުމަކީ ތިބާގެ ޙިލްމު އިތުރުވާނެ ކަމެކެވެ. "

ނުބައި ގޮތުގައި އަޑުއެހުން ބޭނުންކުރުމުގެ ތެރޭގައި ﷲގެ ބަސްފުޅުތަކަށް މަލާމާތްކުރާ މީހުންނާއި ކައު ރަސޫލާގެ ބަސްފުޅުތަކަށް ހަޖޫކިޔާ މީހުންނާއެކު އިށީނުމާއި އެމީހުންނާއެކު މީސްމީޑިޔާގެ މަންސަތަކުގައި ބައިވެރިވުން ވެއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((وَقَدْ نَزَّلَ عَلَيْكُمْ فِي الْكِتَابِ أَنْ إِذَا سَمِعْتُمْ آَيَاتِ اللَّهِ يُكْفَرُ بِهَا وَيُسْتَهْزَأُ بِهَا فَلَا تَقْعُدُوا مَعَهُمْ حَتَّى يَخُوضُوا فِي حَدِيثٍ غَيْرِهِ إِنَّكُمْ إِذًا مِثْلُهُمْ[5]  - ހަމަކަށަވަރުން، ފޮތުގައި ތިޔަބައިމީހުންގެ މައްޗަށް ބާވައިލައްވާފައިވެއެވެ. اللَّه ގެ آية ތަކަށް كافر ވެ، އެ آية ތަކަށް މަލާމާތްކުރާ އަޑު ތިޔަބައިމީހުންނަށް އިވޭހިނދު، އެއުރެން އެހެން ވާހަކަޔެއް ދައްކަން ފަށައިފުމަށް ދާންދެން، އެއުރެންނާއެކު، ތިޔަބައިމީހުން ނުތިބޭށެވެ! އެހެން ތިޔަބައިމީހުން ތިބެނީނަމަ، ހަމަކަށަވަރުން، ތިޔަބައިމީހުންނަކީވެސް އެއުރެންފަދަ ބަޔެކެވެ. ))

ނުބައި ގޮތުގައި އަޑުއެހުން ބޭނުންކުރުމުގެ ތެރޭގައި މީހުންނަށް ޖާސޫސްކުރުމާއި ވަގަށް އަޑުއެހުން ވެއެވެ. މީސްމީހުންގެ ޚަބަރުތައް ވަގަށް ހޯދައިގެން ފެތުރުމަކީ ވެސް މިކަމުގެ ތެރޭގައި ހިމެނޭކަމެކެވެ. ކައު ރަސޫލާ e ޙަދީސް ކުރެއްވިއެވެ.(( و لا تَجَسَّسُوا و لا تَنافَسُوا و لا تَدابَرُوا، و لا تَحاسَدُوا، و لا تَباغَضُوا، و كونوا عِبادَ اللهِ إِخوانا[6] - ތިޔަބައިމީހުން ޖާސޫސްނުކުރާށެވެ! އަދި އެއްބަޔަކު އަނެއްބަޔަކާ ވާދަވެރިނުވާށެވެ! އަދި އެއްބަޔަކު އަނެއް ބަޔަކަށް ފުރަގަސްނުދޭށެވެ! އަދި އެއްބަޔަކު އަނެއްބަޔަކަށް ޙަސަދަވެރިނުވާށެވެ! އަދި އެއްބަޔަކު އަނެއްބަޔަކު ދެކެ ރުޅިނާންނާށެވެ! އޭ ﷲގެ އަޅުންނޭވެ! ތިޔަބައިމީހުން އަޚުންތަކެއް  ކަމުގައިވާށެވެ! ))

ނުބައި ގޮތުގައި އަޑުއެހުން ބޭނުންކުރުމުގެ ތެރޭގައި ނެތިމޮށުމާއި ޣީބަބުނުން ވެއެވެ. ﷲ ތަޢާލާ ޣީބަބުނުމާއި ނެތިމޮށުން ސިފަކުރައްވައިފައިވަނީ އެއީ " ތިބާގެ އަޚާގެ މުޅަ މަސްކެއުން" ކަމަށެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. (( يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱجْتَنِبُوا۟ كَثِيرًا مِّنَ ٱلظَّنِّ إِنَّ بَعْضَ ٱلظَّنِّ إِثْمٌ ۖ وَلَا تَجَسَّسُوا۟ وَلَا يَغْتَب بَّعْضُكُم بَعْضًا ۚ أَيُحِبُّ أَحَدُكُمْ أَن يَأْكُلَ لَحْمَ أَخِيهِ مَيْتًا فَكَرِهْتُمُوهُ ۚ وَٱتَّقُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ تَوَّابٌ رَّحِيمٌ [7] - އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ހީގެތެރެއިން ގިނަކަންތަކާ ދުރުވެގަންނާށެވެ! ހަމަކަށަވަރުން، ބައެއް ހީއަކީ ފާފައެކެވެ. އަދި ތިޔަބައިމީހުން އެކަކު އަނެކަކަށް ޖާސޫސް ނުކުރާށެވެ! އަދި އެއްބަޔަކު އަނެއްބަޔަކަށް غيبة ނުބުނާށެވެ! ތިޔަބައިމީހުންކުރެ އެކަކުވެސް އޭނާގެ أخ އާގެ މަސް މުޅަކޮށް ކެއުމަށް ލޯބިކުރާނެ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން އެކަމަކަށް ނުރުހޭނޫއެވެ. އަދި ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން توبة قبول ކުރައްވާ رحيم ވަންތަ ރަސްކަލާނގެއެވެ.))  މީސްމީޑިޔާގެ ޒަމާނުގައި މި ރޯގާ މިއަދު ވަނީ ވަރަށް ބޮޑަށް ފެތުރިފައެވެ.

 އެއްދުވަހަކު މީހަކު ޙަސަނުލް ބަޞްރީގެ އަރިހަށް އައިސް ދެންނެވިއެވެ. "މިވެނި މީހަކު ކަލޭގެފާނާ ބެހޭގޮތުން ޣީބަ ބުނެފިއެވެ." އެހިނދު އެކަލޭގެފާނު އޭނާއަށް ކަދުރު ތަބަކެއް ފޮނުއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "ތިބާގެ ހެޔޮ ޢަމަލުތަކުން އެތިކޮޅެއް މަށަށް ހަދިޔާކުރި ޚަބަރު ލިބިއްޖެއެވެ. އެ ކަމަށް ތިބާއަށް އިނާމެއް ދިނީއެވެ." (އަދި ނުނިމޭ)

މަރުޖިޢުތައް:

[1]   - النحل: 78

[2]  -  الواقعة : 25-26

[3]  - الأنبياء :  100

[4]  -  المائدة: 83

[5]  - النساء: 140

[6]  - أخرجه البخاري في ((الأدب المفرد)) (١٢٨٧)  ومسلم (٢٥٦٣) 

[7]  - الحجرات : 12

އެޑިޓަރުގެ ނޯޓް
މިޞްރުގެ އަލްއަޒުހަރުގެ ދަސްވެންޏެއްކަމަށްވާ އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާއަކީ ނޫސްވެރިކަމާއި ލިޔުންތެރިކަމާއި ޢިލްމީ ތަފާތު މައިދާންތަކުގައި އެ ފަދަ ދެވަނައެއް ނެތުމުގެ ސަބަބުން ކިޔުންތެރީންނަށް އިތުރު ތަޢާރަފަކަށް ބޭނުންވާނެ ބޭފުޅެއް ނޫނެވެ. އެއީ ޢިލްމީ އަދި އަދަބީ ދާއިރާގައި "ފަސް މީރު ކުރިރުކެކެވެ."

Advertisement

ކޮމެންޓް
ޢަބްދުލް މަޖީދު މުޙައްމަދު
ޢިބުރަތުން ފުރިގެންވާ މަޢުލޫމާތުކޮޅެއް. އުސްތާޒު ރަޝީދަށް ސަލާމަތާއި ރައްކާތެރި ކަމަށް އެދެން
20 Aug 2024