Advertisement

ޑެލިވަރީ

18 Aug 2024 | 15:32
ޑެލިވަރީ ބޯއީއެއް

އަސްމާ އަބޫބަކުރު

އެއީ ހާސްވެފައިވާ މޫނެކެވެ. އެއް އަތުން ހެލްމެޓު ހިފައިގެން، އަނެއް އަތުން ފޯނު ހިފައިގެން ބެކްޕެކް އަޅުވައިގެން ކޮންމެ ދުވަހަކު ފެންނަ މޫނެކެވެ. އެއީ ޑެލިވަރީ ބޯއީގެ ނަމުން މަޝްހޫރު ވެފައިވާ ސުހައިލެވެ. އެ މޫނުމަތީން އުފާވެރިކަން ފެންނަނީ މަދު ފަހަރެއްގައެވެ. ޑެލިވަރީކުރުމަކީ، އޭނާގެ ޢުމުރުން ސޯޅަ އަހަރުގައި ފެށި މަސައްކަތެވެ. ފަންސާސް އަހަރު ވީއިރު ވެސް ބަދަލުނުވާ އެއްކަމެއް ވެއެވެ. އެއީ ނަމެވެ.  އެހެންމީހުންގެ ބަހުން ނަމަ ޑެލިވަރީ ބޯއީއެވެ. އެ ނަން "ޑެލިވަރީ މޭން"އަކަށް ބަދަލެއް ނުވެއެވެ.

މާލޭގައި ތަނެއް ކުއްޔަށް ހިފައިގެން ސުހައިލް ދިރިއުޅެނީ އަނބިމީހާއާ ދެ ކުދީންނާ އެކުގައެވެ. އޭގެ އިތުރަށް މަންމަގެ ބޭސް ފަރުވާއަށް  ގެނެސްފައި ހުންނާތީ މަންމަ ވެސް ދިރިއުޅެނީ ސުހައިލާ އެކުގައެވެ. ދެ ކޮޓަރީގެ އެޕާޓްމަންޓެއް ހިފައިގެން އުޅޭއިރު ފައިސާއަކީ ސުހައިލަށް އެންމެ ބޭނުންތެރި އެކައްޗެވެ. ޢާއިލާއަށް ދޭންވާ ވަގުތު ގުރުބާންކުރާން ޖެހިފައިވަނީ ފައިސާއަށެވެ. ދުވާލު ހަތަރުދަމު އެތައް ގެއެއްގެ ސިޑި ހުރަސްކުރާން ޖެހެއެވެ. އެ ބަރު ފޮށި ބެކްޕެކްގެ ގޮތުގައި އަޅުވައިގެން އެތައް ފުލޯއެއްގެ މައްޗަށް އަރަމުން ގެންދާ އިރު ބުރަކަށްޓަށް އެވާ ތަދަކަށް ބެލޭކަށް ވެސް ނޯވެއެވެ. 

ސުހައިލު މަސައްކަތްކުރަމުން ދަނީ ދުވާލަކު އަށްގަޑިއިރެވެ. މަހުގެ ކުރީކޮޅު ދިހަ ގަޑި އިރަށް ވެސް މަސައްކަތް ދެމިގެންދެއެވެ. އޯޑަރުތައް ގިނަވެފައި ދާންޖެހޭ ތަންތަން ގިނަކަމުންނެވެ. އެ މަސައްކަތަކީ ސުހައިލުގެ ދިރިއުޅުމެވެ. ހޫނުގަދަ ދުވަސް ދުވަހު ދުވާލު ތިން ފަހަރު ފެންވެރިކަމުގައި ވިއަސް ދާހިތްލާލެއް އަވަހެވެ. ބައެއްފަހަރު ދިމާވާ ކަސްޓަމަރުންގެ ބަސްތަކުން ހިތަށް އެތައް އުނދަގޫތަކެއް ކުރިމަތިވެއެވެ.

އިރާދަމުގެ ވަގުތެވެ. ސުހައިލު އަވަދިނެތި އުޅެނީ ޑެލިވަރީ ކުރަން ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވުމުގައެވެ. ދާންހުރި ގެތަކާއި، ޑެލިވަރީ ލިސްޓާ ދިމާވޭތޯ އެންމެފަހުގެ ޗެކު ކުރުމުގައެވެ.

"މިއީ، އެއްކަލަ ރުޅިގަދަ ކަސްޓަމަރު އޯޑަރކުރި ތަކެތި. މިއަށް ފަރުވާތެރިވާތި." ޒަހީން ވަކި ކޮތަޅަކަށް އެ އޯޑަރ ލުމަށްފަހު ސުހައިލް އަތަށް ދިށްކޮށްލިއެވެ.

"ޒަހީން ރަނގަޅަށް ފޯނުން ބުނިއެއްޗެއް އަޑުއެހިންތަ؟ އެ ގެއަށް ދާއިރަށް އަހަރެން ކާލާނެ." އެ އޯޑަރު ފެނުމާއެކު ސުހައިލު ކަންބޮޑުވިއެވެ.

"މޫސުމަށް ބަލާލިއަސް މިރޭ އަވަހަށް ސަލާމަތްވާކަށް ނެތް. ވިއްސާރަރެއަކު އެހާ އުނދަގޫވާނެ ކުދިކުދި ތަންތަންކޮޅުގައި މީހުން އުޅޭއިރު އޯޑަރުތައް ހަވާލުކުރަން ވެސް" އެހެން ބުނުމަށްފަހު ސުހައިލް ބެކްޕެކް އަޅުވައިގެން ކުޑަ ހިފައިގެން ނިކުމެއްޖެއެވެ. މިކަހަލަ ރެއަކު ސައިކަލް ނޫން އެހެން ވެހިކަލެއް އޮންނަކަން ވެސް ނަސީބެކޭ ސުހައިލުގެ ހިތަށްއެރިއެވެ.

އޯޑަރުތައް ޙަވާލުކުރަމުން ކުރަމުން ގޮސް ޚާއްސަ ކަސްޓަމަރުގެ އޯޑަރަށް ޖެހިއްޖެއެވެ. ވިއްސާރައިގެ ފިނީގެ ތެރެއިން ވެސް ސުހައިލު ދާހިތްލަން ފަށައިފިއެވެ. ކަސްޓަމަރުގެ ބައިގެ ދޮރުގައިވާ ރަނގަބީލަށް ފިތާލުމަށްފަހު އެއްކައިރިއަކަށް ޖެހިލައިފިއެވެ. އެއްމިނިޓް... ދެމިނިޓް ވެއްޖެއެވެ. އެއްވެސް ޚަބަރެއް ނުވެއެވެ.

"އަނެއްކާ ރަނގަބީލަށް ފިތާލަންވީބާ؟" ކަންބޮޑުވެ ހުރެ ސުހައިލު އަނެއްކާ ވެސް ބެލްޖަހައިލިއެވެ. އޭގެ ދެތިން މިނިޓްފަހުން ދޮރު ހުޅުވައިފިއެވެ. ކުރިން ވެސް ނިކުންނަ ފުފިފައި ހުންނަ މީހަކު ނިކުމެއްޖެއެވެ. މޫނުމަތި ފެނުނަސް ސުހައިލަށް އޭނާ ސިފަކުރެވެނީ ކުޅަނދުރު ހަތައެއްހެންނެވެ.

" ކީއްވެ ކަލޭމެން އެއްފަހަރުން ބެލް އަޅާފައި މަޑުން ނުތިބެނީ. ކިތައްދުވަހު އެހެން ބުނެވިއްޖެ. އަހަރެމެން މިހިސާބަށް އަންނަނީ އުދުހިފައެއް ނޫނޭ. ހިނގާފަ އަންނަން އިރުކޮޅެއް ވާނެ. އެހެން ނޫނަސް ފައިސާ ދީފައި އަހަރެމެން ތިޔަ އެއްޗެހި ނަގަނީ. ކަލޭމެން ޖެހޭނީ އަހަރެމެން ބުނާއިރެއް ވަންދެން ތިބެން." ގޭތެރެއިން ނިކުތް އަންހެން މީހާ ހިތަށް އެރި އެއްޗެއް ގޮވައިލައިފިއެވެ. އަދި އެވަރުން ނިމުނީކީ ނޫނެވެ.

"ކޮން އެއްޗެއް ތި ގެނައީ؟" އޭނާގެ ރާގު އަމުރުވެރިއެވެ.

"ޗިކަން ބިރިޔާނީ، ޗިކަން ކެބާބު، ބީފް ސަބުމެރީން"  ސުހައިލު ނަންތައް ކިޔައި ނުނިމެނީސް އަންހެންމީހާ ހަޅޭއްލަވައިގެތެވެ.

"ފިޝް ކެބާބު އޭ ބުނީމަ، ކީއްވެ ޗިކަން ގެނައީ. ކަލޭމެންގެ ކަންފަތަކުން ނޫންދޯ އަޑުއަހަނީކީ ވެސް." އެމީހާ ހިތްހަމަނުޖެހިފައި އެއްގޮތަކަށް ޗިކަންކެބާބު ގައި އަތެއް ނުލިއެވެ.  ސުހައިލަށް ޖެހުނީ އެނބުރި ދާށެވެ. އެ ކުންފުނީން އަންގާފައި އޮންނަނީ ކަސްޓަމަރުންނަށް ރައްދު ނުދިނުމަށެވެ. އަދި ކަސްޓަމަރުން ބުނާގޮތް ހަދައިދިނުމަށެވެ. ކުންފުނީގެ ވެރީންނަށް ނޭނގޭ ތަންކޮޅަކީ ބޯހަރު ވިޔާނުދާ ކަސްޓަމަރުން ގިނަވެއްޖެ ކަމެވެ. މުވައްޒަފުން އެމީހުންގެ ކުރިމަތީގައި ނިކަމެތި ވާކަމެވެ.

"ހަލޯ. ޒަހީން. އެއްކަލަ ގެއިން ޗިކަން ކެބާބުގައި ހިފާކަށް އެއްބަހެއްނުވި. ފިޝްކެބާބެއް އަވަހަށް ތައްޔާރުކޮށްލާ. އެބަދަން ތިކޮޅަށް މިހާރު ހުރި ތިންއޯޑަރު ޙަވާލުކޮށްލާފައި" ސުހައިލު ކަންބޮޑުވެފައި އެހެން ބުނުމާއެކު ޒަހީން ހިތްހަމަ ނުޖެހިފައި ބުންޏެވެ.

"މި ރެކޯޑިންގ ވާނެ އެމީހުންނަށް ފޮނުވާލަން މި ފަހަރު. ބައެއް ކަސްޓަމަރުންނަށް ހީވާކަހަލަ އަހަރެމެންނަކީ ނުކިޔަވައި ތިބި ގަމާރުންނޭ. ހިތަށްއެރި އެއްޗެއް ކިޔާފައި އެވަރުން ނުވެގެން އަނެއްކާ އަނެއް އެއްޗެއް އެބަހަދަންޖެހޭ."

"ޒަހީން ދެން ތި އޯޑަރ އަވަހަށް ތައްޔާރުކޮށްލާ. އެ އަންހެން މީހާ އެހުރީ ރުޅިއައިސް ރަތްވެފައި"

ސުހައިލުގެ މަސައްކަތުގައި ވަރަށް ބިޒީ ދުވަހެކެވެ. އެ ދުވަހަކީ ހޫނުގަދަ ދުވަހެކެވެ. މާލޭގެ އެތަންމިތަނަށް އޯޑަރުތައް ގެންދަން ތިން މީހުން ތިއްބެވެ. އެކަމަކު ސުހައިލު އެކަނި ވެސް ޑިއުޓީގައި މިހާތަނަށް ސާޅިހަކަށް ޑެލިވަރީ ކުރވިއްޖެއެވެ. ޑެލިވަރީ ގިނައިން ކުރުމުން ލިބޭ އެއްޗެއް ވެސް ރަނގަޅެވެ. އެއީ މުސާރައިގެ އިތުރުން އިތުރު އެލަވަންސެއް އޮންނަ ކަމެކެވެ. އެންމެ ގިނައިން ކާއެއްޗެހި ތައްޔާރު ކުރާމީހާ އަށާއި ވަކވަރަކަށްވުރެ ގިނައިން ޑެލިވަރީ ކޮށްފިނަމަ އެލަވަންސެއް ކޮންމެ ދުވަހަކު އޮވެއެވެ. ސުހައިލުގެ މިހަފްތާގެ ޓާގެޓަކީ ކޮންމެ ދުވަހަކު އެންމެ ގިނަ ޑެލިވަރީކޮށްގެން އެލަވަންސް ހޯދުމެވެ. މި މަހު އިތުރު ޚަރަދެއް ކުރަންޖެހިފައިވާތީ، އެމަކަށް ފައިސާ ހޯދާންޖެހެއެވެ.

ގަޑިން ދޭއްޖެހުމާއެކު އޮފީސްތަކުން މީހުން ނިކުންނަން ފަށައިފިއެވެ. ސުހައިލް ޑެލިވަރީ ކުރަން ދިޔައީ ހަތަރު ވަނަ  ފުލޯއަށެވެ. އެހިސާބުން އަރަންޖެހުނީ ސިޑިންނެވެ. އެކަހަލަ ކިތަންމެ ތަނަކަށް މިއަދު ވެސް އެރިއްޖެއެވެ. އެހިސާބަށް އެރިއިރު، ފެންބޮވައިގަނެގެން މީހާ ހުރީ ހަލާކުވާން ކައިރިވެފައެވެ. ލާފައިހުރި ކޮންޕެނީގެ ލޯގޯޖެހި ޔުނީފޯމް ހުރީ ތެމިފޯވެފައެވެ. ޕާރުސަލްގައި ހިފަން އައި އަންހެން ކުއްޖާ ސުހައިލު ފެނުމާއެކު ނޭފަތުގައި އަތްއެޅިއެވެ. ސުހައިލު ދިށްކޮށްލި ކޮތަޅުގައި ދެއިނގިލި ކުރީން ހިފީވެސް ފަކުރު ގަންނަ ގޮތަކަށެވެ.

"ފެންތަށްޓެއް ލިބިދާނެތަ؟" ސުހައިލު އެހެން އެހުމާއެކު މޫނު ހަދާލާފައި އެ ކުއްޖާ ގޭގެ ދޮރު ލެއްޕިއެވެ.

މިކަހަލަ އެތައް ކަމެއް ކޮންމެ ދުވަހަކު ވެސް ސުހައިލުގެ ހަޔާތުގެ ސަފްޙާތަކުގައި ލިޔެވިފައިވެއެވެ. ޑެލިވަރީ ކުރާ މީހުންނަކީ ވަޒީފާނެތިގެން އުޅޭ ބަޔަކު ކަމުގައި ހީވާ މީހުންވެސް އުޅެއެވެ. ބައެއް މީހުން އެ ޕާރްސަލްގައި ހިފާފައި އެންމެ ކުޑަމިނުން "ޝުކުރިއްޔާ" އޭ ބުނެލަން ހަނދާން ވެސް ނުހުރެއެވެ. ނޫނީ ބުނަން ވެސް ފަކުރުގަންނަނީއެވެ. އޯޑަރު ކުރާތާ ވިއްސަކަށް މިނިޓް ތެރޭ ގެންދިޔަކަމުގައިވިއަސް އެކަމެއް ވެސް ނުދަނެއެވެ. ސުހައިލްގެ މަސައްކަތަކީ ބުނާ ގަޑިއަށް އޯޑަރ ގެންދެވޭތޯ ބެލުމެވެ.

ޑެލިވަރީ ކުރުމުގައި ސުހައިލު އަވަދިނެތި އުޅުންޖެހުނު ދުވަހެކެވެ. ކުރީދުވަހު ކަންތައް ވީގޮތުން އެއް މަސައްކަތް އިތުރުވެއްޖެއެވެ. ކޮންމެހެން ވެސް ފެންފުޅިއެއް ބެކްޕެކްގެ އަރިމައްޗަށް ޖަހަން ހަނދާން ކުރާންޖެހެއެވެ. ކިތަންމެ ހޫނު ގަދަވިއަސް މިހާރު ސުހައިލު އެއްވެސް މީހެއްގެ ގާތުގައި ފެންފޮދަކަށް ވެސް ނޭދެއެވެ. އެ ދުވަހު ޑެލިވަރީގެ މަސައްކަތުގައި އުޅެނިކޮށް ގެއެއްގެ ސިޑިކައިރީގައި އޮތް ބުޅަލެއް ރޮމުންދާތީ ފެނުނެވެ.

"ކަލޯ ތިއޮތީ ވަރަށް ފެންބޮވައިގަނެގެން ދޯ!" އެތަނުގައި ހުރި ތަށިތެރެއަށް ސުހައިލު ގެންގުޅޭ ފެންފުޅި އަޅައިފައި ބުޅަލުގެ ކައިރިއަށް ޖައްސައިލިއެވެ. ފެންބޮވައިގެންފައިވާ ބުޅާ ވަރަށްގިނައިން ފެންބުއިތަން ސުހައިލަށް ފެނުނެވެ.

އެ ދުވަހުގެ އެންމެފަހުގެ ޑެލިވަރީ ހިފައިގެން ދިޔަގެއެކެވެ. ބެލް އަޅައިލުމާއެކު އެގޭތެރެއިން ފަނަރަ ވަރަކަށް އަހަރުގެ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެއް ދުވެފައި އަތުވެއްޖެއެވެ.

"ދަރިފުޅާ ކާކު އައީ؟. އެތެރެ އަށް ވަންނަންބުނޭ." އެކުދީންގެ މަންމަގެ އަޑު ވެސް ސުހައިލަށް އިވުނެވެ.

"ޑެލިވަރީ ބޯއީ. އޯޑަރކުރި އެއްޗެހި ހިފައިގެން." ގޭތެރެއިން އައި ދެކުދީންގެ ތެރެއިން އަންހެންކުއްޖާ މަންމަ އަށް ޖަވާބުދިނެވެ. އަނެއްކާ ވެސް މަންމަގެ އަޑު ތަކުރާރުވިއެވެ. ދެކުދީން އެއްކުއްޖަކު އަނެއްކުއްޖަކު މޫނަށް ބަލައިލިއެވެ. އެ ކުދީންނަށް ހީވީ މަންމައަށް އެކުދީން ބުނިއެއްޗެއް އަޑު ނީވުނީއެވެ. އެވަގުތު ކުދީންގެ މަންމަ އެހިސާބަށް އަރާ ހަމަވެއްޖެއެވެ.

"ދަރިފުޅުމެން ގާތު އެތެރެއަށް ވައްދަން ބުނީމެންނު. ކީއްވެ ތިތިބީ ބަލަހައްޓައިގެން." ކޮންމެ މީހަކު ވިއަސް މިގެއަށް އަތުވެއްޖެނަމަ އެންމެ ކުޑަމިނުން ފެންތަށްޓެށް ދީފައި ފޮނުވަން މަންމަ އަބަދު ވެސް ބުނަމެއްނު" މަންމަގެ ކުދީންނަށް ބުންޏެވެ.

"ވަދޭ އެތެރެއަށް." ސުހައިލަށް އިޝާރާތްކޮށްފައި އަންހެން މީހާ ބުންޏެވެ.

"ޝާނީ. ދަރިފުޅާ ދޭބަލަ ބޭބެއަށް ފެންތަށްޓެށް ގެނެސްދޭން. ޝާޒިމް ގޮސް އޯޑަރު ކުރި އެއްޗެހި މޭޒުގައި ބަހައްޓާ." އެ ކުދީން މަންމަ ބުނިގޮތަށް ކަންތައް ކުރިއެވެ. ސުހައިލް އެތެރެއަށް ވަދެ ގޭތެރެއަށް ނަޒަރު ހިންގައިލިއެވެ. ބަލާބެލުމަށް މުއްސަނދި ގެއެއްކަން ދޭހަވެއެވެ. ސުހައިލު ސޯފާގައި އިށީނުމާއެކު ޝާނީ ގެނައި ފެންތަށި ބޯން ފެއްޓިއެވެ. އައިސް ފެންފޮދެއް ލިބުމާއެކު ސުހައިލުގެ ކަރުހިއްކުން ފިލައިފިއެވެ. ހީވީ ގެނބިގެން ދަނިކޮށް މީހަކއައިސް ސަލާމަތް ކުރި ހެންނެވެ.  ސުހައިލަށް ކުރެވުނު އިޙްސާސްތަކުން ލޮލުން ކަރުނަ ފާއްދާލިއެވެ. މި ޒަމާނުގައި ވެސް އިންސާނިޔަތުކަން ހުރި މީހުން އުޅެއޭ ހިތަށްއެރިއެވެ.

"ޝުކުރިއްޔާ." ސުހައިލަށް ބުނެވުނެވެ. ހިތާމަ އާއި މޮޅިވެރިކަމުގެ އަޑަކުންނެވެ.

"ތިހާ ފެންބޮވައިގެންފައި ހުރިއިރު ވެސް ގަދަކަމުން ވައްދާފަ ފެންފޮދެއް ދޭންޖެހުނީ."

"ޢާއްމުކޮށް ގެއަކަށް ޑެލިވަރީ ކުރަން ދިޔައިމަ، އަހަރެމެން ދެކެ ފަކުރު ގަންނަ ގޮތަކަށް މީހުންގެ ޢަމަލުތައް ހުންނަނީ. އަދި އަމުދުން ދާހިތްލާ ފޯވެފައި ހުރެގެން ގެއަކަށް އަލަށް މިވަނީ. އެހެންވެ ފެންފޮދެއް ދޭން ވެސް ބުނަން ނުކެރޭ. ގިނަމީހުން ބުނާނެ މުއްސަނދީންނަކީ ފޮނިބަޔެކޭ. އެކަމަކު އަހަރެން މިކުރީ އައު ތަޖުރިބާއެއް. އިންސާނިއްޔަތުކަން ނެތް ޒަމާނެއްގައި މިގެއިން ފެނިގެން ދިޔައީ ތަރުބިއްޔަތުގެ ރީތި ނަމޫނާއެއް. މުއްސަނދި އެންމެންނަކީ ހިލަހިތުގެ ވެރީން ނޫންކަން ވެސް އެނގިއްޖެ." ސުހައިލު ލޯފޮހެލަމުން އެގެއިން ނިކުތެވެ. މިއަދުގެ ޑެލިވަރީ ކުރުމުގެ އެންމެ ފަހުގެއިން ލިބުނު ހިތްހަމަޖެހުމާއެކު ސުހައިލުގެ ލޮލުން ފޮހެލީ އުފާވެރިކަމުގެ ކަރުނައެވެ.

މީހެއްގެ ސިފައަކަށް ކުލައަކަށް، ކުރާ މަސައްކަތަކަށް ބެލުމެއްނެތި މިފަދައިން ކޮންމެ މީހަކު ވެސް ކަންތައްކުރާނަމަ މި މުޖުތަމަޢުގައި އުޅޭނީ ހުސްވެސް އުފާވެރީން. ސުހައިލު ހިތާހިތުން ބުނެވުނެވެ.  (ނިމުނީ)

އެޑިޓަރުގެ ނޯޓް
އަސްމާ އަބޫބަކުރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަ ލިޔުމުގެ މުބާރާތްތަކުން އޭނާ ވަނީ ތަފާތު ވަނަތައް ވެސް ހާސިލުކޮށްފައެވެ. އަދި އޭނާ ވަނީ ވަރަށް ގިނަ ވާހަކަ ފޮތްތަކެއް ޝާއިޢު ވެސް ކުރައްވައިފައެވެ. އޭނާއަކީ ހިންގުމުގެ ދާއިރާގެ ތަޖުރިބާކާރެއް ވެސް މެއެވެ. ދިވެހިބަހަށް ލޯބިކުރެއްވުމާއެކު މުޖުތަމަޢުގެ އިޞްލާހަށް ވަސައްކަތްކުރެއްވުމުގައި ނަމޫނާ ކަނބަލެކެވެ. އަސްމާގެ ލިޔުންތެރިކަމުގެ ޚާއްޞަ ފަންނަކީ ވާހަކަލިޔުމެވެ.

Advertisement

ކޮމެންޓް