Advertisement

ޣައްޒާއަށް ދޭ ޙަމަލާތައް އިތުރުވެފައިވަނިކޮށް ހަމަނުޖެހުންތައް ސަރަހައްދަށް ފެތުރެނީ!!!

18 Aug 2024 | 01:35
ރޮކެޓު ޙަމަލާތަކެއް އަމާޒުވެފައި (ފޮޓޯ: ރޮއިޓަރސް)

އަބާ މުޙަންމަދު

އުތުރު ލުބްނާނުގެ ނަބާޠިއާ ސިޓީއަށް އިސްރާއީލުން ޙަމަލާދީ 10 މީހުން އިއްޔެ ޝަހިދުކޮށްލައިފައިވާތީ އޭގެ ބަދަލު ހިފުމުގެ ގޮތުން ލުބުނާނުގެ ޙިޒުބުﷲ ޖަމާޢަތުގެ ފަރާތުން އިސްރާއީލަށް ރޮކެޓު ޙަމަލާތަކެއް ދިން ޚަބަރަކީ އިއްޔެ މެދުއިރުމަތީން އެންމެ ފާހަގަކޮށްލެވޭ ޚަބަރެވެ. ލުބުނާނުގެ ދެކުނުގެ ސަރަޙައްދަކަށް ޔަހޫދީ ފައުޖުން ދިން ޙަމަލާގައި ޝަހީދުވި މީހުންގެ ތެރޭގައި ހިމެނެނީ ސޫރިޔާގެ ރައްޔިތުންނެވެ. އެ ޙަމަލާގައި ޝަހީދުވި މީހުންގެ ތެރޭގައި ދެ ކުޑަކުދިން ވެސް ހިމެނެއެވެ. އެ ޙަމަލާގައި އިތުރު ފަސް މީހަކަށް ވަނީ އަނިޔާވެފައެވެ. ޔަހޫދީންގެ ޙަމަލާ ޢަމާޒުވެފައި ވަނީ ދަގަނޑުގެ ވިޔަފާރިއަށް ބޭނުންކުރާ ޢާންމު އިމާރާތެކެވެ.

އިސްރާއީލު ސިފައިން ބުނާ ގޮތުގައި ލުބުނާނުން އިސްރާއީލަށް 55 ރޮކެޓު ފޮނުވައިލިއެވެ. އުތުރު އިސްރާއީލުގެ އަޔޭލެތު ހާޝަހަރު ސަރަހައްދަށް މި ފޮނުވައިލި ޙަމަލާއިން އެތައް ތަނެއް ރޯވިކަމަށް ވެސް ބުނެއެވެ.

އިއްޔެ ހެނދުނު އިސްރާއީލުން ޚަބަރު ދިން ގޮތުގައި ސިފައިންގެ ދެ މީހަކު މި ޙަމަލާތަކުގައި ޒަޚަމުވިއެވެ. އެއީ ލުބްނާނުން ފޮނުވައިލި ރޮކެޓުތަކުގެ ތެރެއިން މިސްގަވް އާމް ސަރަހައްދަށް ވެއްޓުނު ރޮކެޓުތަކުގެ ސަބަބުންނެވެ. ޒަޚަވި ސިފައިން މިހާރު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެވެމުން ދާކަމަށް ވެސް އިސްރާއީލުން ބުނެއެވެ.

ލުބުނާނުގެ ޙިޒުބުﷲއިން ބުނާ ގޮތުގައި ސަރަހައްދީ ރޮންގާ ކައިރީގައި ހުރި އިސްރާއީލުގެ ސިފައިންގެ މަރުކަޒުތަކަށް އެތައް ބައިވަރު ޙަމަލާތަކެއް އިއްޔެ ފޮނުވައިލެވުނެވެ.

ޙިޒުބުﷲއިން މި ޙަމަލާތައް ދިނީ އިސްވެ ބަޔާންކުރެވުނު ފަދައިން ދެކުނު ލުބުނާނަށް އިސްރާއީލުން ޙަމަލާދީ 10 މީހުން ޝަހީދުކޮށްލައި އިތުރު ފަސް މީހަކު ޒަޚާމްކޮށްލިތާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ.

އިސްރާއީލުގެ މި ޙަމަލާ އަމާޒުވީ ނަބާތިއާ ސިޓީއާ ކައިރީގައި ހުރި ޞިނާޢީ މަސައްކަތްކުރާ ސަރަހައްދެއްގައި މުވައްޒިފުން ދިރިއުޅޭން ހަދައިފައިވާ ޢިމާރާތަކަށެވެ. އިސްރާއީލުން ދަޢުވާކުރަނީ އެއީ ޙިޒުބުﷲގެ ހަތިޔާރު ގުދަންތަކަކަށް ދިން ޙމަލާއެއްކަމަށެވެ.

ފަހަކަށް އައިސް މި ހަމަނުޖެހުންގަނޑު ބޮޑުވީ އިސްރާއީލުން އިސްތިޢުމާރުކޮށްގެން އުޅޭ ގޯލާންގެ އުސް ބިންތަކަށް ރޮކެޓުތަކަކުން ޙަމަލަދީ 12 ކުޑަކުދީންނާއި ޒުވާނުން މަރައިލުމާ ގުޅިގެންނެވެ. މި ޙަމަލާގެ ތުހުމަތު އެޅިފައިވަނީ ޙިޒުބުﷲގެ ކިބައިގައެވެ. މި ޙަމަލާގެ ރައްދުގައި އިސްރާއީލުން ވަނީ ބެއިރޫތުގެ ރަށްބޭރު ސަރަހައްދަކަށް ޙަމަލަދީ ޙިޒުބުﷲގެ އިސް ކޮމާންޑަރަކު އަވަހާރަކޮށްލައިފައެވެ.

ޙިޒުބުﷲ އިން އިސްރާއީލާ ދެކޮޅަށް ފާޅުކަން ބޮޑު ގޮތެއްގައި އަޑު އުފުއްލާން ފެށީ ފަލަސްޠީނުގެ ޙަމާސް ޖަމާޢަތުގެ ސިޔާސީ ވެރިޔާ އިސްމާޢީލް ހަނިއްޔާ އީރާނުގައި ހުންނަވަނިކޮށް އިސްރާއީލުން ޙަމަލާދީ ޝަހީދުކޮށްލުމާ ގުޅިގެންނެވެ.

މި ހަމަ ނުޖެހުންތަކުގެ ސަބަބުން މުޅި ސަރަހައްދަށް ނުރައްކާތެރިކަން ފުޅާވެ މުޅި ސަރަހައްދުގެ ހަމަނުޖެހުންތަކެއް ޢާންމުވެދާނެކަމަށް މިޞްރުގެ ރައީސް އައްސީސީ ވަނީ އިންޒާރުދެއްވައިފައެވެ.

މި ދަނޑިވަޅުގައި އިންސާނީ އެހެން އެހީތެރިކަން މަޑުޖައްސައިލުމަށް ފަހު ވެސް ޕޯލިއޯ ވެކްސިން ދިނުމުގެ ކަންކަން ކުރިއަށް ގެންދާން އދ.ގެ ވެރިޔާ ވަނީ ގޮވައިލައްވައިފައެވެ. އެއީ ނައްތައިލެވިފައިވާ ޕޯލިއޯގެ ވޭދަނައެއް ޣައްޒާ ސަރަހައްދުން ފެނި އެ ސަަހައްދަށް ފެތުރެމުންދާކަމުގެ ބިރު ހީވުމުންނެވެ. މި ވޭތުވެ ދިޔަ 25 އަހަރު ދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް ޕޯލިއޯ ޖެހިފައިވާ ކުޑަކުއްޖަކު ފެނިފައިވާތީ ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން މިހާރު ވަނީ ޢަލަމީވަބާ އެ ސަރަހައްދުގައި އިޢުލާމުކޮށްފައެވެ.

މި ޙާލަތުގައި އޮއްވައި ޣައްޒާގެ މަދަނީން ރަށުން ބޭރުވާން އިންޒާރު ދިނުމުން ރައްޔިތުން ރަށުން ފައިބާން ދަނިކޮށް އިސްރާއީލުން ދިން ޙަމަލާއެއްގައި އިއްޔެ އެކަނި ވެސް 24 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.

ޣައްޒާގައި މިހާރު އިސްރާއީލުން ހިންގަމުން ގެންދާ ޢުދުވާނުގައި އިއްޔެ އެކަނި ވެސް 24 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.

އިސްރާއީލުން ޣައްޒާގައި ހިންގަމުން ގެންދާ ނަސްލުހޭދު ޙަރަކާތުގައި މިހާތަނަށް 40 ހަހަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. ޒަޚަމުވެފައިވާ މީހުންގެ ޢަދަދު 93 ހާހާ ވަރަށް ކައިރިކޮށްފިއެވެ. މި ހަމަނުޖެހުންގަނޑު ނިމުމަކަށް އައުމުގެ ކޮޅުމައްޗެއް އަދި ފެންނާން އޮތްހެނެއް ހިޔެއް ނުވެއެވެ. މިއީ އިސްލާމީ އުންމަތަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ހިތާމައެކެވެ.

އެޑިޓަރުގެ ނޯޓް
އަބާ މުޙަންމަދަކީ މީގެ ކުރީން ވެސް ގިނަ ނޫސް މަޖައްލާއަށް ލިޔުއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

Advertisement

ކޮމެންޓް