Advertisement

ސުލްހައިގެ ވާހަކަތަކުގެ ހުސް ތަންތަން މި ފަހަރު ފުރޭނެހެއްޔެވެ! ސުލްހަ ގާއިމުކުރެވޭނެހެއްޔެވެ!

17 Aug 2024 | 07:19
ފަލަސްޠީނުގެ ރައްޔިތުންގެ ތެރެއިން ގެދޮރުގެއްލި ހާލުގައި ޖެހިފައިވާ ބަޔަކު އިސްރާއީލުގެ ބާރުން ދެކުނު ޣައްޒާގެ ޚާން ނޫނިސްގެ ޙަމަދު ސިޓީ ދޫކޮށް ނޭފަތު ހުރި ހުރި ދިމާއަކަށް އޮގަސްޓް 16ވަނަ ދުވަހު (އިއްޔެ) ދަތުރުކުރަނީ. (ފޮޓޯ: ރޮއިޓަރސް)

އަބާ މުޙަންމަދު

މުޅި ޣައްޒާ ތަޅައި ސުންނާފަތިކޮށް ވީރާނާކޮށް ސާޅީހަކަށް ހާސް މީހުން ޝަހިދުކޮށްލީ ދުނިޔެ ބަލާން އޮއްވައެވެ. ޤުދުސް ޙިމާޔަތްކުރުމުގެ ޒިންމާ އެންމެހައި މުސްލިމުންގެ ބޮލުގައި އެޅިފައި ވަނިކޮށެވެ. "ސުލްހައިގެ ވާހަކަތައް" ދައްކަދައްކައި ތިއްބައެވެ. ސުލްހައިގެ ވާހަކަތައް ކޮންމެ ފަހަރަކު ވެސް ނާކާމިޔާބުވަނީ އެ ވާހަކަތަކުގައި ފުރިހަމަ ނުކުރެވި އޮންނަ ހުސް ތަންތަން ހުންނާތީކަމަށް ބުނެއެވެ.

މިހާރު ޚަބަރު ލިބޭ ގޮތުގައި، ބާކީ އޮތް ހުސްތަނަށް ވާޞިލުކޮށްދެނިވި ފާލަމަކަށް ވާނޭ ފަދަ ހުށަހެޅުމެއް ހަނގުރާމަހުއްޓުމާ ބެހޭ ގޮތުން މިސްރާއި ޤަޠަރުގެ ތާއީދާއެކު އެމެރިކާއިން ހުށަހަޅައިފިޔޯލައެވެ. މި ކަން ހާމަކޮށްފައިވަނީ ފަލަސްޠީނުގައި އިސްރާއީލުން ހިންގާ ލާ އިންސާނީ ޢުދުވާނު ހުއްޓުމާ ބެހޭ ގޮތުން މެދުވެރިއެއްގެ ބައި އަދާކޮށްދޭ ޤަޠަރާއި މިޞްރާއި އެމެރިކާގެ ފަރާތުން ނެރުނު ގުޅިފައިވާ ބަޔާނެއްގައެވެ.

"މި ހުށަހެޅުން ބިނާކުރާނީ ވޭތުވެދިޔަ ހަފުތާތަކުގައި އެއްބަސްވެވިފައިވާ ދާއިރާތަކުގެ މައްޗަށެވެ. އަދި ހެދިފައިވާ ޑީލު ތަންފީޒުކުރުކުގައި ހުރި ހުސް ތަންތަން ފުރައިދިނުމަށް ޓަކައި އެޅޭ ފާލަމެއްގެ ގޮތުންނެވެ." އެމެރިކާއާއި ޤަޠަރާއި މިޞްރުން ނެރުނު ގުޅިގައިވާ ބަޔާނުގައި ބުނެފައި ވެއެވެ.

އެ މީހުން ބުނާ ގޮތުގައި މި ތަދުބީރު ބިނާކޮށްފައިވާނީ މޭ މަހު އެމެރިކާގެ ރައީސް ޖޯ ބައިޑްން އެޅި ބިންގަލުގެ އަސާސްތަކުގެ މަތީގައެވެ. މި ތަދުބީރަކީ އދ.ގެ ސަލާމަތީ މަޖިލީހުން، ބައިޑްންގެ ހުށަހެޅުމަށް ތާއީދުކުރާ ގޮތުގެ މަތީން ފާސްކޮށްފައިވާ ޤަރާރާ ވެސް ތަޢާރުޒު ނުވާ ތަދުބީރެކެވެ.

ފަލަސްޠީނުގައި ސުލްޙަ ގާއިމުކުރުމުގެ މެދުވެރިއެއްގެ ދައުރު އަދާކުރާ ތިން ގައުމުން މި ބަޔާން ނެރެފައި މި ވަނީ އިއްޔެއާއި އޭގެ ކުރީ ދުވަހު (ބުރާސްފަތި، ހުކުރު) ދައުޙާގައި ބޭއްވި ސުލްޙައިގެ ވާހަކަދެއްކުމުގެ އެންމެ ފަހުގެ މަޝްވަރާތަކަށް ފަހުގައެވެ.

"މި ވާހަކަތަކަކީ ވަރަށް ފައްސި މާހައުލެއްގައި ބޭއްވުނު ވަރަށް ބިނާކުރަނިވި އަދި ސީރިއަސް ވާހަކަތަކެކެވެ." އެ ގައުމުތަކުން ބުނެފައިވެއެވެ.

މި ހަފުތާގައި ދައުޙާގައި ބޭއްވުނު މަޝްވަރާތަކަށް އިސްރާއީލުގެ އޮފިޝަލުން ހާޒިރުވެފައި ވެއެވެ. ނަމަވެސް ޙަމާސުން އޮތީ ދުރުގައި ބަލާށެވެ.

މެދުވެރިއެއްގެ ދައުރު އަދާކުރާ ތިން ގައުމުން ބުނާ ގޮތުގައި، ކުރިއަށް އޮތް ދުވަސްތަކުގައި މި ކަންކަން ތަންފީޒުކުރާނެ ގޮތުގެ މައްޗަށް ފަންނީ ގޮތެއްގައި ކަންކަން ނިންމުމަށް ޓަކައި ޢަމަލީ ޓީމުތަކުގެ ބައްދަލުންތައް ބާއްވާނެއެވެ. އެ ނިންމުނަތަކުގައި ސުލްޙައިގެ ކަންކަން ތަންފީޒުކުރާނެ ގޮތަކާއި ތަންޒީމުކުރާނެ ގޮތްތަކާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭނެ ގޮތަކާއި އަސީރުންނާއި ޤައިދީންގެ މައްސަލައިގެ ތަފުސީލުތަކާ މެދު ގޮތްތަކެއް ނިންމާނެއެވެ.

"މި ތިން ގައުމުގެ އިސް އޮފިޝަލުން މި ހަފުތާ ނިމުމުގެ ކުރީން މިޞްރުގެ ވެރިރަށް ޤާހިރާގައި ބައްދަލުކުރާނެއެވެ. އެއީ މިއަދު ހުށަހެޅިފައިވާ ޝަރުތުތަކުގެ މަތީގައި މުޅި ޑީލު ނިންމުމުގެ ނިޔަތުގައެވެ." އެ ގައުމުތަކުގެ ބަޔާނުގައި ބުނެފައިވެއެވެ.

"ބޭކާރު ވަގުތު ހޭދަކުރާކަށް، އިތުރު ބަހަނާދައްކާކަށް ވަގުތެއް ނެތެވެ. މިއީ އަސީރުންނާއި ޤައިދީން މިނިވަންކޮށް މި އެއްބަސްވުން ތަންފީޒުކޮށް ސުލްޙަ ގާއިމުކުރާން ފަށާން ޖެހޭ ވަގުތެވެ." ގުޅިފައިވާ ބަޔާނުގައިވެއެވެ.

"މީހުންގެ ފުރާނަ ސަލާމަތްކޮށް، ޣައްޒާގެ ރައްޔިތުންނަށް ހަމަޖެހުމެއް ލިއްބައިދީ، ސަރަހައްދުގެ ހަލަބޮލިކަން ނިމުމަކަށް ގެނައުމަށް ޓަކައި ނަތީޖާއެއް ނެރުމަށް ޓަކައި މިހާރު މިވަނީ މަގު ކޮށިފައެވެ." އެ ބަޔާނުގައި ވެއެވެ.

ސުވާލަކީ ސުލްހައިގެ ވާހަކަތައް ކިތަންމެ ވަރަކަށް ދެއްކިޔަސް ކިތަންމެ އެއްބަސްވުންތަކެއް އެއްބަސްވިޔަސް އެ އެއްބަސްވުންތައް ތަންފީޒުކުރާން އިސްރާއީލުން އެއްބަސްވާނެހެއްޔެވެ؟ އަދި އެމެރިކާއާއި އިސްރާއީލުން އެއްބަސްވާ އެއްބަސްވުމަކަށް ހަމާސުން ތާއިދުކުރާނެހެއްޔެވެ! ވާ ގޮތް ބަލާން ތިބެމާހެއްޔެ!

އެޑިޓަރުގެ ނޯޓް
އަބާ މުޙަންމަދަކީ މީގެ ކުރީން ވެސް ބައެއް ނޫސް މަޖައްލާތަކަށް ލިޔެފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

Advertisement

ކޮމެންޓް