Advertisement

އާދަމުގެފާނުގެ ނާކަށިކޮޅު

16 Aug 2024 | 00:01
އަންހެނާ ހެއްދެވިގެން ވަނީ ނާކަށިކޮޅަކުންނެވެ.

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

ފާޠިމާއާ އިންނާން ޙަސަން ހުށައަޅައިފިއެވެ. ކާވެނިކުރި ރޭ ފާޠިމާގެ މައިފުށުގެ ބޮޑުދައިތައިން ފާޠިމާ ގާތަށް ގޮސް ބުންޏެވެ. ((ކޮއްކޯ ފާޠިމާ! ކޮއްކޮއާ މުޚާޠަބުކޮށް "ކަލޭގެ މަންމައަކީ އިރެކޭ، ބައްޕައަކީ ހަނދެކޭ މައިފުށުގެ ބޮޑުދައިތައިންނަކީ ގުރަހަތަކެކޭ ޙަސަނު ބުނާން ދެން ކޮއްކޮ އޭނާ ދައްކާ އެއްވެސް ވާހަކައަކަށް ރައްދުނުދިނުން" އެދެމެވެ.))

ކާވެނިކުރުމަށް ފަހު ޙަސަން އެނދަށް ގޮސް ފާޠިމާއާ ވާހަކަދައްކަދައްކައި ވެސް ފާޠިމާ އަނގައަކުން ނުބުންޏެވެ. ޙަސަނު ހީކުރީ ފާޠިމާ ލަދުން އެއްޗެއް ނުބުނެ އިނީކަމަށެވެ. ދުވަސްތައް ފާއިތުވަމުން ދިޔަ އިރު ވެސް ފާޠިމާ ޙަސަނަކާ ވާހަކައެއް ނުދައްކައެވެ. މި ކަމާ ހުރެ، ޙަސަނު އޭނާގެ އަންހެނުން ދެކެ ފޫހިވާން ފަށައިފިއެވެ. ވާހަކަދައްކައިތޯ ބަލާންވެގެން ބޮޑު ކަމެއް ރާވައިލައިފައި ޙަސަން ބުންޏެވެ. މި ގެއަށް 20 މެހުމާނަކަށް ދަޢުވަތުދީފީމެވެ. އެ މީހުންނަށް މާދަމާ މެންދުރަށް  ރަނގަޅަށް ސުފުރާ ތައްޔާރުކުރާށެވެ! އެހެން ނޫނީ ކަލޭ ވަރިކުރާނަމެވެ. މިހެން ބުނެފައި ޙަސަން ބޭރަށް ހިނގައްޖެއެވެ.

ފަޠިމާގެ މައިފުށުގެ ބޮޑުދައިތައިން ވަނީ ސިޙްރުވެރި ތަށިތަކަކާއި ބަދިގޭސާމާނުތަކެއް ތައްޔާރުކޮށް ބަދިގޭ ކަފޭރާތަކުގައި ފޮރުވައިފައެވެ. ފާޠިމާ ގޮސް ބޮޑުދައިތައިން ގާތުގައި މެންދުރަށް ކެއުމެއް ތައްޔާރުކުރަންޖެހިފައިވާ ވާހަކަ ބުނުމުން ކަފޭރާ ތެރޭގައި ހުރި ތެލިތަށި ފަދަ ސާމާނު ނެރުމަށް ބުންޏެވެ. އެ ހިނދު ތަފާތު ބާވަތްތަކުގެ މީރު ކާބޯތަކެތީން މޭޒުމަތި ފުރިގެން ދިޔައެވެ. ޙަސަނު މެހުމާނުން ގޮވައިގެން ގެއަށް އައުމުން އޭނާއަށް ވަރަށް ބޮޑު ސިހުމެއް ލިބުނެވެ. ސުފުރާ ތައްޔާރުކޮށްފައިވާލެއް ފުރިހަމަކަމާއި ވިލާސަކަމުންނެވެ. އޭނާ ހީވެސް ނުކުރާހައި މޮޅަށް މެންދުރު ކެއުން ތައްޔާރުކޮށްފައިވާތީއެވެ. އޭނާގެ ހިތުގައި އަންހެނުންނާ މެދު ޝައްކުތަކެއް އުފެދިގެން ވެސް ދިޔައެވެ. މިއީ ކޮން ކަހަލަ އިންސާނެއްބާވައެވެ!

އޭގެ އެތައް ހަފުތާއެއް ފަހުން ޙަސަން އަނެއްކާ ވެސް އެ ކަހަލަ ޖާފަތެއް ތައްޔާރުކުރާން ފާޠިމާ ގާތުގައި ބުނެފިއެވެ. މި ފަހަރު ގޭތެރޭގެ ކޮންމެ ވެސް ކަނެއްގައި ފޮރުވިގެން ފާޠިމާ ކަންތައް ކުރާ ގޮތް ބަލާން ހުށްޓެވެ. ކަފޭރާގައި ހުރި ތެލިތަށިތަކަކަށް ފާޠިމާ ކެއުން ތައްޔާރުކުރުމަށް އަމުރުކުރަމުންދިޔައެވެ. ކުއްލިއަކަށް އެ ތަނުން އެއް ތަށި ބިންމައްޗަށް ވެއްޓި ތަޅައިގެންދިޔައެވެ. އެހިނދު ޙަސަން ސިއްސައިގެންގޮސް ބުންޏެވެ. ކަލާގެ މަންމަ އިރުގެ ޙަޔާތަށާއި ކަލާގެ ބައްޕަ ހަނދުގެ ޙަޔާތް ގަންދީ ބުނަމެވެ. މަށަށް މާފުކުރާށެވެ! އެހިނދު ފާޠިމާ ބުންޏެވެ. "އަހުރެން ކަލާއަށް  މާފުކޮށްފީމެވެ."

އެ ހިނދު ޙަސަނަށް އޭނާގެ އަންހެނުން ވާހަކަނުދައްކައި އިނުމުގެ ސިއްރު ވިސްނިއްޖެއެވެ. އަދި ބުންޏެވެ. ކަލާގެ މަންމަ އިރުގެ ޙަޔާތާއި ބައްޕަ ހަނދުގެ ޙަޔާތް ގަންދީ ބުނަމެވެ. މަށާ ވާހަކަދައްކާށެވެ! އެ ހިސާބުން ފާޠިމާ އޭނާގެ ފިރިމީހާއާ ވާހަކަދައްކާން ފަށައިފިއެވެ. އަދި އެ ދެމަފިރީން އުފަލާއި ބާއްޖަވެރިކަމުގައި އުޅެމުންދިޔައެވެ.

ކޮންމެ އަންހެނަކީ ވެސް ހަމަ ފާޠިމާއެކެވެ. އޭނާއަށް ޚާއްޞަ ތަޅުދަނޑިތަކަކާއި ޚާއްޞަ  ތަޅުތަކެއް ވެއެވެ. ފިރިހެނާގެ މައްޗަށް ބާރުފޯރުވުމަށް ޓަކައި އޭނާއަށް ނާޒުކު ބާރުތަކެއް ލިބިގެންވެއެވެ. އޭނާގެ އުނގު ތެރޭގައި ޅަފަތުގެ ދާނުގައި އޮތް ކުއްޖަކަށް ހެދުމަށް ޓަކައެވެ. ހިތްހަރުކަމާއެކު އޭނާއާ މުޢާމަލާތުކޮށްފި ނަމަ، އެ ފިރިހެނާއާ އޭނާއާ ދެމެދުގައި ހަނުހުރުމާއި ވަންހަނާކަމުގެ ފާރެއް ލައިފާނެތެވެ. މިއާ ޚިލާފަށް އެ އަންހެނާއާ އެކު އޯގާވެރިކަމާއި މަޑުމައިތިރިކަމާ އެކު، މުޢާމަލާތުކޮށްފި ނަމަ އޭނާގެ ސުވަރުގޭގެ ދޮރުތައް ތިޔަ ފިރިހެނާގެ ކުރިމަތީގައި ހުޅުވައިލައިފާނެތެވެ. އޭނާއާ އެކު، ހިތްހަމަޖެހުމާއި ހިޔާވަހިކަން ހިއްސާކުރުމަށް ޓަކައެވެ. އޭނާގެ އަޅައިލުމާއި ނިޔަނެތިކަމުގައި ދާނުގައި ދަތުރުކުރުމަށް ޓަކައެވެ.

ޙަޔާތުގެ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމާ ބެހޭ ގޮތުން އުފެދޭ ޙައިރާންކުރުވަނިވި ސުވާލަކީ: ފިރިހެނުންނަށް އަންހެނުން އެނގޭބާވައެވެ! ކިހައި ވަރަކަށްބާވައެވެ! އަންހެނާއަކީ ކާކުހެއްޔެވެ؟ އޭނާގެ ޚާއްޞަ ސިފަތަކަކީ ކޮބައިހެއްޔެވެ؟ އާދަމުގެފާނު ހެއްދެވި ފަދައިން ޙައްވާގެފާނު ވެލީން ހައްދަވައިފައި ނުވާތީ އެ ދެ މީހުން ތަފާތު ވަނީ ކިހައި ވަރަކަށްހެއްޔެވެ؟ މާތް ﷲ ޙައްވާގެފާނު ހައްދަވައިފައިވަނީ އާދަމުގެފާނުގެ ނާކަށިކޮޅަކުންނެވެ. ފިރިހެނާއަށް ބޭނުންވާ އޯގާވެރިކަމުގެ އާރަކަށް ވުމަށް ޓަކައެވެ. އިންސާނާގެ މޭކޮށީގެ ކަށިތައް އޭނާގެ މެއަށް އަޅައިލާ ގޮތަށް އަޅައިލައި އޭނާގެ ހިތް ޙިމާޔަތްކޮށްދިނުމަށް ޓަކައެވެ.

ތިންވަނަ ދުނިޔޭގައި އަންހެނުންގެ ޢިއްޒަތާއި ކަރާމަތް ފުޑައިލައިފައި ވާކަމަށް ތުހުމަތުކުރާ އެމެރިކާއާއި ހުޅަނގަށް ބަލާ އިރު، ޠޫފާނުތަކާއި ނަގޫރޯޅިތަކާއި ފަނާކުރަނިވި ބޮންތަކަށް ނަންދީފައިވަނީ އަންހެނުންގެ ނަމުންނެވެ. ކެރޮލީނާ .. ކެތުރީނާ.. ކަމީލާ ...ވިލްމާ ފަދަ ނަންތަކެވެ. އަންހެނުން އެހާ ބިރުވެރީހެއްޔެވެ؟ އަންހެނުން އެ ހައި ނުރައްކާތެރީހެއްޔެވެ؟ ނޫނީ އެއީ މޫސުމާ ބެހޭ ދާއިރާތަކުގެ ވެރީން އެ ބޭފުޅުންގެ އަނބިއަނބިކަނބަލުންނާ މެދު ހިތްޕުޅު ހަމަނުޖެހިގެން ދެއްވައިފައިވާ ނަންތަކެއްހެއްޔެވެ؟ ޚަރާބުކުރުމާއި ހަލާކުކުރުމުގެ ވަސީލަތްތައް އަންހެންވަންތަކުރެއްވީތާއެވެ!  

ނޫނެކެވެ! އަންހެނާއަކީ އެފަދަ ކާއިނެއް ނޫނެވެ. ހުޅަނގުގައި މެދުޒަމާނުގައި ހީކުރި ފަދަ ބަޔެއްނޫނެވެ. އެ މީހުންގެ އެ ދުވަސްވަރުގެ އިޢުތިޤާދަކީ މަރްޔަމުގެފާނު ނޫން އެހެން ހުރިހާ އަންހެނުންގެ ފުރާނަތަކަކީ ނުބައި މުޑުދާރު ފުރާނަތަކެކެވެ.

އާދޭހެވެ! ކޮންމެ ޙަޔާތެއް ފެށެނީ އަންހެނާގެ ރަޙިމުގެ ތެރޭގައެވެ. އެ ކުއްޖާ ދުނިޔެއަށް އުފަންވުމުން އޭނާއަށް ލޯތްބާއި ކުލުނުގެ ކިރު ލިބެނީ މަންމަގެ މޭމަތީގައި ހިތްހަމަޖެހިގެން އޮންނަ ވަގުތުގައެވެ. އޭނާ ބޮޑުވެ ފުރާވަރަށް އެރުމުން ޙަޔާތުގެ ބައިވެރިޔަކު ހޯދުމުގެ ދަތުރު ފަށައެވެ. އަންހެނާ އަރަތަކަށް ވަނީ މި ހިސާބުންނެވެ. ޒަވާޖީ ގުޅުން ރާޙަތާއި އަރާމާއި ހިތްހަމަޖެހުމުގެ ވެށްޓަކަށް ނުވަތަ ނުތަނަވަސްކަމާއި އަރާރުމާއި ކޯޅުމުގެ މައިދާނަކަށް ވަނީ ޒަވާޖީ ޙަޔާތާ އެކުގައެވެ.  

އަލުން އެނބުރި ކުރީގެ ސުވާލަށް ދަމާހިނގާށެވެ! އަންހެނާއަކީ ކާކުހެއްޔެވެ؟ އެއީ ކޮން ކަހަލަ މަޚްލޫޤެއްހެއްޔެވެ؟ ކާވެނީގެ މުއައްސަސާގެ ތެރޭގައި އޮންނަ ގުޅުންތައް އެނގޭނީ މި ސުވާލަށް ލިބޭ ޖަވާބަކުންނެވެ. އަންހެނާގެ ޠަބީޢަތާއި ޚާއްޞަ ސިފަތައް ދެނެގަނެވުނު ވަރަކުން ދެބަސްވުންތައް ޙައްލުކުރާން ފަސޭހަވާނެއެވެ. ޒަވާޖީ ޙަޔާތުގެ ބާއްޖަވެރިކަމުގެ ސިއްރަކީ އޭނާ ބަލައިގަތުމެވެ. އޭނާގެ ޤުރުބާނީތަކުގެ އަގު ވަޒަންކުރުމެވެ. އޭނާއަށް އިޙްތިރާމުކޮށް އަޅައިލުމެވެ.  އޭނާ ބޭނުންވާ އަޅައިލުމާއި ލޯތްބާއި ހަންހާރަވެތިކަން އޭނާއަށް ހަދިޔާކުރުމެވެ. ޙަސަން އޭނާގެ އަންހެނުން ފާޠިމާއަށް ބުނި ބަސް ހަނދާންކުރާށެވެ! ކަލާގެ މަންމައަކީ އިރެކެވެ. ކަލާގެ ބައްޕައަކީ ހަނދެކެވެ. ކަލާގެ ބޮޑުދައިތައިންނަކީ ގުރަހަތަކެކެވެ.

ޢަރަބި ދުނިޔެއަށް ބަލާ އިރު، އަންހެނާއަކީ ފިރިހެނާއާ އެއްފަދަ އިންސާނެކެވެ. ފިރިހެނާއާ ޚިލާފަށް އަންހެނާއަށް މާބަނޑުވުމާއި ވިހެއުމާއި މައިވަންތަކަމާއި ގާތުން ކިރުދިނުމުގެ އަޖައިބުވަނިވި ޤާބިލުކަން ލިބިގެންވެއެވެ. ފިރިހެނާގެ ކިބައިގައި މި ޤާބިލުކަމެއް ނެތެވެ. އެ ދުވަސްވަރު ދުނިޔެ ދުށް ގޮތުގައި ވިޔަނަވަރުކަމާއި އުފެއްދުމުގެ މަޞްދަރަކީ އަންހެނާއެވެ. މެދުއިރުމަތީގެ ދީންތަކުގައި އަޅުކަންކުރާ ތަންތާނގައި "ޢިޝްތާރު"އާއި "ޢުއްޒާ"އާއި "ވީނަސް"އާއި "އީޒީސް" ފަދަ އަންހެން ކަލާނގެތައް އުފެދުނީ މިހެންވެގެންނެވެ. [ކުރީ ޒަމާނުގައި] އިންސާނުން ދެކެމުން އައި ގޮތުގައި ގުރަހަތަކަކީ ބިން (ދުނިޔެ)، ހަނދާ އިނދެގެން ލިބުނު އަންހެން ދަރީންތަކެކެވެ. އެ މީހުން ޤަބޫލުކުރާ ގޮތުގައި ނެތުމުގެ ތެރެއިން ޙަޔާތް އުފެއްދީ އަންހެނާއެވެ. ބަލްޤީސާއި ކުލިޔަބަތުރާ ފަދަ އަންހެންބޭފުޅުން ރަނިކަންކުރައްވައިފައި ވަނީ މިހެންވެގެންނެވެ. އެ ދުވަސްވަރު ޤަބޫލުކުރާ ގޮތުގައި އުފަންވާ ކުއްޖާގެ ސިފަތަކާއި މުޖުތަމަޢުގައި އެ ކުއްޖާގެ މަޤާމު ކަނޑައަޅައިދެނީ މައިމީހާއެވެ. ޢަރަބިކަރައިގައި ފިރިހެނާ ފަޚުރުވެރިކަމާ އެކު ބުނާނީ: "މަށަކީ މިނިވަން އަންހެނެއްގެ ފިރިހެން ދަރިއެކެވެ." ޖާހިލީ ޒަމާނުގައި ޢަރަބި ބައެއް ވަންހަތަކުގައި އަންހެން ދަރީން ކުޑައިރު ވަޅުލައި މަރައިލީ އެ ކުއްޖާ އަޅުވެތިކޮށްފާނެތީ ބިރުންނެވެ.

މިއަދު އަންހެނާ އޭނާއަށް އަޅުކަންކުރާކަށް ބޭނުމެއްނުވެއެވެ. ބޭނުންވަނީ އޭނާގެ އިތުބާރު ހޯދުމަށް ޓަކައި، އޭނާގެ ޢާލަމު ދެނެގަތުމަށެވެ. އޭނާގެ ވަށަލައިގައި ދަތުރުކުރެވޭނެ މީހަކަށް ފިރިމީހާ ވުމަށެވެ. އަންހެނާއާ ބެހޭ ގޮތުން ޕިއަރ ޑެކޯ ލިޔުއްވި ފޮތުގައި އަންހެނާގެ ފުން ސައިކޯލޮޖީއާ މެދު ވާހަކަފުޅުދައްކަވަމުން ވިދާޅުވެފައިވާ ގޮތުގައި އަންހެނާ އެދެނީ އޭނާގެ ސަންސާރައަށާއި ޖަޒުބާތުތަކަށް ހަމަޖެހުން އައިސްފައި އޮތުމެވެ. އެއަށް ލޮޅުންއެރުމަކީ އޭނާ ހާސްވާނެ ކަމެކެވެ. ފިރިމީހާއާ އެކު، އޮންނަ ގުޅުން އޮންނާން ޖެހޭނީ އަޅައިލުމާއި ރިޢާޔަތާއި އިޙްތިރާމުގެ މަތީގައެވެ. ޙަޔާތުގެ ބުރަތަކާއި ދަތިތަކާ މުޢާމަލާތުކުރާން ޖެހޭނީ ކެތްތެރިކަމާއި މަޑުމައިތިރިކަމާ އެކުގައެވެ. މި ހަމަޖެހުމަށް އޭނާ ބޭނުންވާކަން އަންގައިދެނީ ކޮންމެ ދުވަހަކު އޭނާ ފިރިމީހާއާ އެކު ކުރާ މުޢާމަލާތުތަކުގެ ތެރެއިންނެވެ. ހިތާމައަކީ ފިރިމީހާ އެއީ ކުސްތެޅުންތަކެއްކަމަށް ނުވަތަ އޭނާގެ އަމިއްލަ ކަންތައްތަކާ ބެހުންކަމަށް ދުށުމެވެ. އަންހެނާ އެ ގޮތަށް މި އުޅެނީ މި ހަމަޖެހުން ދަމަހައްޓާން ކަން ނޭނގުމެވެ.  

ކޮރެޔާ މީހުން އާދަމުގެފާނުގެ މި ނާކަށިކޮޅު ވަރަށް ރީތި ފޮޓޯއަކުން ކުރަހައިފައިވެއެވެ. ފެނުން ލޮނު ވިހާ ގޮތަށް ފިރިހެނާ ވިހަނީ އަންހެނާގެ ކިބައިންނެވެ. މިހެންވެ އޭނާއާ ކާވެނިކުރާން އުޅޭ އިރު، ފެނުތެރެއަށް ލޮނު ގިރިގެންދާ ގޮތަށް އަންހެނާ ފިރިހެނާ އަލުން ބޮއިލާން މަސައްކަތްކުރެތެވެ. ފިރިހެނާއަށް އިޙްސާސްކުރެވޭ ގޮތުގައި  އަންހެނާއަށް ވަރަށް ވަރުގަދަ ވަންހަނާ ބާރެއް ލިބިގެންވެއެވެ. މި ބާރު އޭނާ ދުރަށްލާން މަސައްކަތްކުރެތެވެ. ޑެކޯގެ މި ދިރާސާތައް ބުނާ ގޮތުގައި އަންހެނާ މަސައްކަތްކުރަނީ އޭނާއާ ގާތަށް އައިސް އޭނާގެ ޝުޢޫރުތައް ހާމަކޮށްދޭށެވެ. އެއީ އެއްގޮތަކަށް ވެސް އަނގަގަދަކުރުމެއް ނޫނެވެ. އެއީ ޝަކުވާކުރުމެއް ވެސް ނުމެނޫންމެއެވެ.

ދުނިޔެ މިއަދު މި އޮތީ ކުޑަ ކުނބުރަކަށް ވެފައެވެ. ތަފާތު މަންސަތަކާއި ވަސީލަތްތަކުން މަސައްކަތްކުރަނީ ލޯތްބާއި އިޙްތިރާމުން ބަނދެވިގެންވާ ޢާލަމަކަށް މި ދުނިޔެ ހެދުމަށެވެ. މި ކަމަށް ލިބިގެންވާ އެންމެ ރަނގަޅު ވަސީލަތަކީ ބަހެވެ. ސުމޭކީ ބަހެވެ. ސައެންސީ ދިރާސާތައް ބުނާ ގޮތުގައި އަންހެނާ ދުވާލަކު 20 ހާސް ކަލިމަ ބުނެއެވެ. މިއާ ޚިލާފަށް ފިރިހެނާ ބުނެ އުޅެނީ އެންމެ ހަތް ހާސް ކަލިމައެވެ. ނަފުސާނީ ޢިލްމުވެރީންނާއި އިޖްތިމާޢީ މުޝީރުން ވިދާޅުވާ ގޮތުގައި މިއީ އަންހެނާއަށް މާތް ﷲ ދެއްވައިފައިވާ މައުހިބާ (ޓެލެންޓް)އެކެވެ. މި މައުހިބާ ތަރައްޤީކުރުމަށް އިސްކަންދެވޭން ޖެހޭނެއެވެ. ޒަވާޖީ ޙަޔާތުގައި އޭނާ ބޭނުންވާނީ އޭނާގެ ޙާލަތު ފަހުމުކޮށް ދެނެގަނެވޭނެ ބައިވެރިއަކަށެވެ. އޭނާއަށް ބޭނުންވާނީ އޭނާއަށް ކަނުލައި އަޑުއަހާ މީހެކެވެ.  އޭނާގެ މައްސަލަތައް ޙައްލުކުރާނެ ގޮތް ކިޔައިދޭ މީހަކަށް ނޫނެވެ.

އަންހެނާއާއި ފިރިހެނާ ވިސްނާ ގޮތުގެ އުސްލޫބަށް ބަލާ އިރު، ކޮންމެ މީހަކު ވެސް ގެންގުޅެނީ ތަފާތު ދުރުމިއެކެވެ. އަންހެނާ ދުނިޔެއަށް ބަލާނީ ފުޅައު ޒާވިޔާ (އޮބްޓިއޫޒް އެންގަލް)އަކުންނެވެ. އޭނާ ކުރަހައިލާނީ ސާފު ފޮޓޯއެކެވެ. އެއަށްފަހު މިއާ ގުޅުން ހުރި ބައިތައް ހޯދާން މަސައްކަތް ފަށަތެވެ. އަދި މި ބައިތައް އެއްބައި އަނެއް ބަޔާ ގުޅުވާން އުޅެތެވެ. މިސާލަކަށް ބާޒާރުކުރާ އިރު، ފިރިހެނާ ބޭނުންވާނީ ބޭނުންވާ އެއްޗެއް އަވަހަށް ގަނެގެން ގެއަށް ދާށެވެ. އަންހެނާއަށް ބަލާ އިރު، އެ ތާނގައި ވިއްކާން ހުރި އެ ބާވަތުގެ ހުރިހައި އެއްޗެއް ބަލާން ބޭނުންވާނެއެވެ. އަންހެނާއަށް ބަލާ އިރު، ބާޒާރުކުރުމަކީ ވެސް އަރާމެކެވެ. މިހެންވެ، ބޮޑެތި ޝޮޕިން މޯލްތަކުގައި ފިރިހެނުންނަށް ޓަކައި ގޮނޑިތައް ބަހައްޓައިފައި ހުރެއެވެ. ބައި ގަޑިއެއްހާ އިރުގެ ތެރޭގައި ފިރިހެނާ ފޫހިވެދާނެތެވެ.

އާންމު ގޮތެއްގައި އަންހެނާ އިޖުތިމާޢީ ގުޅުންތައް ތަރައްޤީކުރުމަށާއި އޮލަކޮށް ދިގުކޮށް ވާހަކަދެއްކުމަށް އިސްކަންދެތެވެ. އޭނާގެ ދުނިޔެއަކީ ލޯތްބާއި ސަންސާރައިގެ ޢާލަމެކެވެ. އޭނާގެ ކިބައިގައި އެހީތެރިވުމާއި އަޅައިލުމުގެ މާތް ސިފަ ހުރެތެވެ. އޭނާ އުޅޭނީ ހަމްދަރްދީގެ ވިއްސާރަދުނީގެ ތެރޭގައެވެ.

އަންހެނާގެ ޝަޚްޞިއްޔަތުގެ އެއް ތަޅުދަނޑިއަކީ ވާގިވެރިވުމާއި އެހީތެރިވުމުގައި ބައިވެރިވުމަށް މުހުތާދުވެރިވުމެވެ. އެހެން މީހުންގެ މުހުތާދުތަކަށް އިޖާބަދިނުމަކީ އަންހެނާއަށް އުފާވެރިކަން ލިބޭ ކަމެކެވެ. އޭނާ މި މަގުގައި ވަކިވަރަކަށް ހޭދަކުރުމަށް ފަހު، އަނެއް ފަރާތުން ވެސް އޭނާގެ މުހުތާދުތަކަށް އިޖާބަދިނުމަށް އެދޭނެތެވެ. މި އިޖާބަ ނުލިބިއްޖެ ނަމަ، އޭނާގެ ދޮރުތައް ލައްޕައިލާނެތެވެ. އަދި އޭނާ އެދޭ އެދުންތައް ހުށައެޅުން ވެސް ހުއްޓައިލާނެތެވެ. އާޚިރު ނަތީޖާއަކަށް ވާނީ ގުޅުން ކެނޑުމެވެ. ޒަވާޖީ ޙަޔާތް ފަނާވެގެންދިޔުމެވެ.

އަރަބި ހަރުބަހެއްގައި ވެއެވެ: ފިރިހެނާއަކީ ކޯރެއްކަމުގައި ވާ ނަމަ، އަންހެނާއަކީ އެ ކޯރުގެ ދާލަމެވެ.

ޖަރުމަނު މީހުން ފަށްފަށްކޮށް ކިޔާ ބަހަކީ: ގެއަކީ ބިންމަތީގައި ބިނާކުރެވޭ އެއްޗެއް ނޫނެވެ. އެހެނަސް ގެ ބިނާ ކުރެވޭނީ އަންހެނާގެ މަތީގައެވެ.

އިބްރާހީމުގެފާނު ގޭގެ އޮޅިގަނޑު (އަނބިމީހާ) ރަނގަޅުކުރާން އެކަލޭގެފާނުގެ ދަރިކަލުންނަށް ވިދާޅުވީ މިހެންވެގެންނެވެ.

ޙަޔާތެއް ބިނާކުރެވޭނީ ދެމަފިރިންގެ އެއްބާރުލުމުންނެވެ. "އާދަމަށް" އޭނާގެ ނާކަށިކޮޅު އެނގިގެންނެވެ. ކީރިތި ރަސޫލާ ﷺ ޙަދީސްކުރެއްވިއެވެ. (( إنَّ المَرْأَةَ خُلِقَتْ مِن ضِلَعٍ لَنْ تَسْتَقِيمَ لكَ علَى طَرِيقَةٍ، فَإِنِ اسْتَمْتَعْتَ بهَا اسْتَمْتَعْتَ بهَا وَبِهَا عِوَجٌ، وإنْ ذَهَبْتَ تُقِيمُهَا، كَسَرْتَهَا وَكَسْرُهَا طَلَاقُهَا - صحيح مسلم الرقم  :  1468  - ހަމަކަށަވަރުން އަންހެނާ ހެއްދެވިގެން ވަނީ ނާކަށިކޮޅަކުންނެވެ. އެއް ގޮތެއްގެ މަތީގައި އޭނާ ދެމިއެއްނުހުންނާތެވެ. ފަހެ އޭނާގެ ކިބައިން އަރާމު ޙާޞިލްކުރާން ބޭނުން ނަމަ، އެ ގުދުކަމާ އެކު، އަރާމު ޙާޞިލްކުރާށެވެ. ތިބާ އެ ތެދުކުރާން އުޅެފި ނަމަ، އެ ބިންދައިގެން ހިނގައިދާނެތެވެ.  އެ ބިންދައިލުމަކީ އޭނާ ވަރިކުރުމެވެ.)) މިހެންވެ އަންހެނުންނަށް ހެޔޮކޮށް ހިތާން ކީރިތި ރަސޫލާ ﷺ އަމުރުކުރެއްވިއެވެ.

____________________

ބައެއް ލަފުޒުގެ މާނަ:

ވިލާސަ    ނއ.  (1) ތަނެއްގެ ނުވަތަ އެއްޗެއްގެ މޮޅު ފެންވަރު (2) ޚިދުމަތެއްގެ މަތީ ފެންވަރު

މޭކޮށި      ނ.    އިންސާނާގެ މޭގެ ކަށިތައް ގުޅިގެން ހެދިފައިވާ ކޮށިގަނޑު. އިނސާނާގެ ހިތާއި ފުއްޕާމެއަށް ޙިމާޔަތް ލިބެނީ މި ކޮށިގަނޑުންނެވެ.

ވިޔަނަވަރު   ނ.       ގަރުބަގަތުމުގެ ބާރު

ވަށަލަ     ނ.       ތަރިއެއްގެ ނުވަތަ ގުރަހައެއްގެ ވަށައިގެން ދައުރުކުރާ ފަލަކު ނުވަތަ ރާސްތާ

ޢާލަމު     ނ.       (1) ދުނިޔެ  (2) ހައްދަވައިފައި ވާހައި އެއްޗެއް.

ގުރަހަ     ނ.      (1) ނާރެސް ތަރިއެއްގެ ވަށައިގެން ދައުރުކުރާ، އޭގެ އަމިއްލަ ދަމާ ބާރުގެ ސަބަބުން ވަށް ބައްޓަމެއް ހިފެހެއްޓުމާ އެކު، އޭގެ ފަލަކު މުޅީން ސާފުކޮށް އަމިއްލަކޮށްފައިވާ ކައުނީ ޖިސްމެއް. (2) ގުރަހަލި

ގުރަހަލި    ނ.    ގުރަހައިގެ ތަރިތައް

ޖިސްމު     ނ.    ހަށިގަނޑު

ސަންސާރަ   ނ.    ހަންހާރަ

ހަންހާރަ    ނ.    (1) މަތިވެރި ލޯބި (2) ޖިސްމާނީ ލޯބި

ދާލަން     ނ.   (1) މަގެއް ނުވަތަ ކޯރެއް، ނުވަތަ ކަނޑެއް ނުވަތަ ވާދީއެއް ފަދަ ތަނެއް ހުރަސްކުރުމަށް ޓަކައި ސަތަހައިން މަތީގައި ހަދައިފައި ހުންނަ މަގު (2) ބުރިޖު

އެޑިޓަރުގެ ނޯޓް
މިޞްރުގެ އަލްއަޒުހަރުގެ ދަސްވެންޏެއްކަމަށްވާ އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާއަކީ ނޫސްވެރިކަމާއި ލިޔުންތެރިކަމާއި ޢިލްމީ ތަފާތު މައިދާންތަކުގައި އެ ފަދަ ދެވަނައެއް ނެތުމުގެ ސަބަބުން ކިޔުންތެރީންނަށް އިތުރު ތަޢާރަފަކަށް ބޭނުންވާނެ ބޭފުޅެއް ނޫނެވެ. އެއީ ޢިލްމީ އަދި އަދަބީ ދާއިރާގައި "ފަސް މީރު ކުރިރުކެކެވެ."

Advertisement

ކޮމެންޓް
ފާޠިމަތު އަފާޝާ
ވަރަށް މޮޅު، އެހައިމެ ބޭނުންތެރި ލިޔުމެއް. ވަރަށް ގިނަ އައު ލަފުޒު ވެސް ދަސްވެއްޖެ. ޝުކުރިއްޔާ، ލިޔުންތެރިޔާ އަދި ޓީމު!މަރީ
16 Aug 2024