Advertisement

އާޑަކިޔުން

15 Aug 2024 | 15:03
އާޑަކިޔުމަކީ ވަރަށް ބޮޑަށް މަނާކުރައްވައިފައިވާ ކަމެކެވެ.

އައްޝައިޚު ޝަފީޢު ޢަބްދުﷲ

އާޑަކިޔުމަކީ މަލާމާތްކުރުމާއި ފުރައްސާރަކުރުމެވެ. ދީނީ ނަޒަރަކުން ބަލާ އިރު، އާޑަފުރައްސާރަކުރުމަކީ ވަރަށް ބޮޑަށް ނަހީކުރައްވައި މަނާކުރައްވައިފައިވާ ކަމެކެވެ. އަދި އެކަކު އަނެކަކަށް ވަނަމުން ގޮވުމާއި ހިތްހަމަނުޖެހޭ ނަންތަކުން ގޮވުން ވެސް ދީނުގައި ވަނީ ވަރަށް ބޮޑަށް މަނާކުރައްވައިފައެވެ.

މާތް ﷲ ވަޙީކުރައްވައިފައިވެއެވެ.  يَا أَيُّهَا الَّذِينَ آمَنُوا لَا يَسْخَرْ قَوْمٌ مِّن قَوْمٍ عَسَىٰ أَن يَكُونُوا خَيْرًا مِّنْهُمْ وَلَا نِسَاءٌ مِّن نِّسَاءٍ عَسَىٰ أَن يَكُنَّ خَيْرًا مِّنْهُنَّ ۖ وَلَا تَلْمِزُوا أَنفُسَكُمْ وَلَا تَنَابَزُوا بِالْأَلْقَابِ ۖ بِئْسَ الِاسْمُ الْفُسُوقُ بَعْدَ الْإِيمَانِ ۚ وَمَن لَّمْ يَتُبْ فَأُولَٰئِكَ هُمُ الظَّالِمُونَ ‎﴿١١﴾‏ [الحجرات: 11]

މާނައީ: " އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ފިރިހެނުންގެ އެއް ބަޔަކު އަނެއް ބަޔަކަށް ފުރައްސާރަނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށް ވުރެ، އެ ފުރައްސާރަކުރެވުނު މީހުން މާހެޔޮކަން ބޮޑުކަމުގައި ވެދާނެތެވެ. އަދި އަންހެނުންގެ އެއް ބަޔަކު އަނެއް ބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށް ވުރެ، އެ ފުރައްސާރަކުރެވުނު މީހުން މާހެޔޮކަން ބޮޑުކަމުގައި ވެދާނެތެވެ. އަދި ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށް ޢައިބު ނުކިޔާށެވެ! (އެބަހީ: އެކަކު އަނެކަކަށް ޢައިބު ނުކިޔާށެވެ!) އަދި އެއް ބަޔަކު އަނެއް ބަޔަކަށް ނުރުހޭ ކަހަލަ ލަޤަބުތަކުން ނުގޮވާށެވެ! އީމާންވުމަށް ފަހު ފާސިޤުވުމުގެ ނަން ލިބުމަކީ، ހާދަހާ ނުބައިވެގެންވާ ކަމެކެވެ. އަދި (އެ ކަންތަކުން) ތައުބާނުވި މީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ، ހަމަ އަނިޔާވެރިންނެވެ. (11)"

ހިތާމައަކީ އަޅުގަނޑުމެންގެ މުޖުތަމަޢުގައި މި ނުބައި ވަބާ ވަރަށް ބޮޑަށް ފެތުރިފައިވާކަމެވެ. ކިރިޔާ ވެސް ތިމާ ހިތްހަމަނުޖެހޭ ކަމެއް ދިމާވެއްޖެ ނަމަ، އެންމެ ފަސޭހައިން ކުރާ ކަމަކަށް ވެފައި މި އޮންނަނީ އާޑަކިޔުމެވެ.

މުސްލިމުންނަކީ މާތް ﷲ އެންގެވި ގޮތަށް އެބައިމީހުންގެ އުޅުމާއި ގުޅުންތައް ބައްޓަން ކުރާން ޖެހޭ ބަޔެކެވެ. އެ ގޮތުން މާތް ނަބިއްޔާ ﷺއަށް ތަބާވުމަކީ ވަރަށް ބޮޑަށް ކީރިތި ޤުރުއާނުގައި ވެސް މާތް ﷲ ބާރުއަޅުއްވައިފައިވާ ކަމެކެވެ. އެކަލޭގެފާނުގެ ސުންނަތުގައި ބަޔާންވެފައިވާ ކަމެއް ކުރުމުގެ ސަބަބުން އެ ސުންނަތަށް ތަބާވި މީހަކަށް އާޑަކިޔައި ފުރައްސާރަކުރުމަކީ ނުސީދާކޮށް ސުންނަތަށް ފާޑުކިޔުމެވެ. މިއީ ވަރަށް ނުރައްކާތެރި ބިރުވެރި ކަމެކެވެ. އެއީ އެނގިގެން ކުރާ ކަމެއް ނަމަ، އެއީ އެ ފަދަ މީހަކު ދީނުން ވެސް ބޭރުވެގެން ހިނގައިދާނެ ކަމެކެވެ.

މުސްލިމުންނަށާއި މުއުމިނުންނަށް އުދަނގޫކުރުން ވެސް ވަނީ ކީރިތި ޤުރުއާނާއި މާތް ނަބިއްޔާ ﷺގެ ޙަދީޘްފުޅުތަކުން ވަރަށް ބޮޑަށް ނަހީކުރައްވައި މަނާކުރައްވައިފައެވެ. ކުރީން ދީނާ އެ ހައި ގާތް ނޫން މީހަކު ދީނަށް ހިތްޖެހި، މާތް ﷲގެ ރަޙްމަތަށް އެދި، މާތް ﷲގެ ދީނުގައި އޮތްގޮތް ބަލައި އޮޅުންފިލުވައި، އިންސާނިއްޔަތަށް ނަމޫނާއަކަށް ފޮނުއްވި މާތް ނަބިއްޔާ ﷺގެ ސުންނަތަށް އުޅޭން މަސައްކަތްކުރާން ފެށުމުން އެ މީހަކަށް އާޑަކިޔުމަކީ ޝައިޠާނާއަށް ވެދެވޭ އެހީތެރިކަމެއްކަމާ މެދަކު ޝައްކެއް ނެތެވެ. އެ ކަމާ އެންމެ އުފާ ވާނީ ޝައިޠާނާއެވެ. އަދި އެ ކަމުގެ ގެއްލުމާއި ހަލާކު އާޚިރުގައި އޮތީ އެ އާޑުކިޔާ މީހަކަށެވެ. އެހެނީ، މާތް ﷲގެ މަގުގައި ސީދާކަން މަތީގައި އުޅޭން މަސައްކަތްކުރާ މީހަކީ މާތް ﷲގެ ވަލީވެރިއެކެވެ. އެ ފަދަ މީހަކާ ދެކޮޅުވެރިވުމަކީ މާތް ﷲއާ ދެކޮޅުވެރިވުންކަމުގައި މާތް ﷲ ވަނީ ޤުދުސީ ޙަދީޘްފުޅެއްގައި ވަޙީކުރައްވައިފައެވެ. މާތް ﷲއާ ޢަދާވާތްތެރިވެއްޖެ މީހެއް ބަލިކަށިވެގެން ނުދާނޭ ގޮތެއް ނޯންނާނެކަން ކަށަވަރެވެ.

އިއްޔެ ދީނާ ދުރުގައި އުޅެފައި މިއަދު ދީނަށް ހިތްޖެހިގެން ފަރުޟު ފަސްނަމާދު ބަރާބަރަށް އަދާކޮށް، އަދި، އުޅުމާއި ގުޅުމުގައި ދީނީ ކުލައާއި މަޒުހަރު ޖެހިފައިވާ މީހަކީ ހައްދުފަހަނައަޅައިދާ މީހެއްކަމަށް ސިފަކުރާ ކުރުމަކީ ވެސް ވަރަށް ބޮޑު ގޯހެކެވެ. އަދި، އެހެނޭ ކިޔައިފައި، އޭނާއަށް އުނދަގޫކޮށް ޖެއްސުންކޮށް އާޑަކިޔާ ކިޔުމަކީ، އެއްވެސް ޙައްޤެއް ނެތި އޭނާގެ ޙައްޤަކަށް އަރައިގަތުން ވެސް މެއެވެ. އެއީ އޭނާ މާފުދިނުމުން ނޫނީ މާފުނުވާނޭ ކަންކަމެވެ.

އަޅުގަނޑުމެންގެ މި އިސްލާމީ މުޖުތަމަޢުގައި މި ފަދަ ކަންކަން ހިނގުމަކީ އެއް ގޮތަކަށް ވެސް ރަނގަޅު ކަމެއް ނޫނެވެ. މި ފަދަ ކަންކަން ހުއްޓުވޭނީ، އެ ފަދަ ނޭދެވޭ އާޑަފުރައްސާރަކުރުމަކީ ވަރަށް ބޮޑު ނުބައިކަމެއް ކަން ދަނެ، އެ ކަންކަމާ އަޅުގަނޑުމެން އެންމެން ދެކޮޅުވެރިވެ ދުރުހެލިވެގެންނެވެ.

___________________________________

އެޑިޓަރުގެ ނޯޓް
އައްޝައިޚު ޝަފީޢު ޢަބްދުﷲއަކީ ދީނީ ޢިލްމުވެރިއެއްގެ އިތުރަށް އެއީ ކުޅަދާނަ ލިޔުންތެރިއެއް ވެސްމެއެވެ. ދީނީ ތަފާތު މައުޟޫޢުތަކަށް އެކި ނޫސް މަޖައްލާތަކުގައި އޭނާ ލިޔުއްވަމުން ގެންދަވައެވެ.

Advertisement

ކޮމެންޓް