Advertisement

ކީރިތި ޤުރުއާނުން ފިލާވަޅެއް (2): ހެޔޮ މަގަށް އެނބުރި އައުމަށް ގޮވައިލައި ހަނދާންކޮށްދިނުން.

14 Aug 2024 | 17:33
ކީރިތި ޤުރުއާނުން ފިލާވަޅެއް

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

އުންމަތްތައް އުފަންވެ، ކުރިއަރައި ބާރުގަދަވެދެއެވެ. އިރުއަރައި އިރު މެދުޖެހޭ ފަދައިންނެވެ. ދެން، އެއަށް ފަހު، އެ އުންމަތްތަކުގެ ހަށިގަނޑަށް ބަލިކަށިކަން އައިސް، އެންމެ ފަހުން، އެ އުންމަތްތަކަށް ނިމުން އައިސް، ނެތިދެއެވެ. އިރު މެދުޖެހުމަށް ފަހު، ހުޅަނގާ ދިމާއަށް ދަތުރުކޮށް އިރު އޮއްސޭފަދައިންނެވެ. އެ އުންމަތްތަކަށް ބާރުދީ، ދިރުން ދިން އަޚުލާގީ އަގުތައް ގެއްލުވައިލުމުގެ ސަބަބުންނެވެ. އަދި އެއްފަހަރު ތަކުރާރުކޮށް ލިޔެލަމެވެ. އެ އުންމަތްތަކަށް ބާރުދީ ދިރުންދިން އަޚުލާގީ އަގުތައް ގެއްލުވައިލުމުގެ ސަބަބުންނެވެ.

މި ފަދަ އުންމަތްތަކުގެ ވާހަކައާއި އެ އުންމަތްތަކުގެ ނިމުން އައި ގޮތާއި އެކަމުގެ ތަފުސީލު ވާހަކަތައް، މުއައްރިޚުން، އެބޭކަލުންގެ ލިޔުއްވުންތަކުގައި ބަޔާންކުރައްވައިފައިވެއެވެ. މިގޮތަށް ލިޔެވުނު، އިހުގެ ބައެއް މުހިންމު ލިޔުންތަކަށް ބަލައިލާ އިރު، އެންމެ އިހުގެ ލިޔުންތަކުގެ ތެރޭގައި، މީލާދީ ސަނަތުން 14ވަނަ ގަރުނުގައި، އިބްނު ޚަލްދޫނު ލިޔުއްވި އޭނާގެ ތާރީޚުގެ މުގައްދިމާ ހިމެނެއެވެ. މީގެ އިތުރަށް، އިނގިރޭސި މުއައްރިޚު، ގިބަންސްގެ 'ރޫމީންގެ އެމްޕަޔަރގެ ކުރިއެރުމާއި ވެއްޓުން' ވެސް، ހިމެނެއެވެ. މިފޮތުގެ ފުރަތަމަ ޖިލްދު ޝާއިއުކުރެވުނީ 1776ގައެވެ. އަދި އޭގެ އެންމެ ފަހު ޖިލްދު ޝާއިއުކުރެވުނީ 1789ގައެވެ. މީގެ އިތުރަށް، 1947ގައި، 'އުންމަތްތައް އެރުމާއި ވެއްޓުމުގެ ސަބަބުތަކަކީ ކޮބައި ހެއްޔެވެ؟'، މި ސުރުޚީގެ ދަށުގައި ދެއްވި ތަގުރީރެއްގައި، ވޭތުވެ ދިޔަ ގަރުނުގެ ތެރޭގައި ހިމެނުނު މުހިންމު އިސްލާމީ ލިޔުންތެރިއެއްކަމަށްވާ މައުދޫދީ ވެސް، އުންމަތްތައް ވެއްޓި، ނެތިދާ ގޮތުގެ މައްޗަށް، ޚުލާސާ ގޮތެއްގައި ބައްލަވައިލައްވައިފައި ވެއެވެ. އަދި ހަމަ އެހެންމެ، 1994ގައި، ޖިމް ނެލްސަން ބްލެކް، އޭނާގެ 'އުންމަތްތަކުގެ މަރު އަންނަ ހިނދު: ސަގާފަތެއް ބޮޑު ނުރައްކަލެއްގެ ކުރިމަތީގައިވާ ކަމުގެ ދިހަ އަލާމަތް'، މި ފޮތުގައި ވެސް މި މައުޟޫޢުގެ މައްޗަށް އަލިއަޅުވައިލައްވައިފައި ވެއެވެ.

އުންމަތްތައް ވެއްޓިދާ ގޮތުގެ މައްޗަށް ބަލައިލައިފައިވާ މި ހަތަރު ލިޔުމުގައި ވެސް، އިއްތިފާގުވެފައިވާ ކަމެއް ފާހަގަވެއެވެ. އުންމަތްތައް ނެތި ދަނީ، އެއުންމަތުގެ އަޚުލާގީ އަގުތައް ނެތި ދިޔުމުން ކަމެވެ. ތެދުވެރިކަމާއި އަމާނާތްތެރިކަން، ލަފާކަމާއި ސާލިހުކަން، ހަމަހަމަކަމާއި އަދުލުވެރިކަން، މިފަދަ އަޚުލާގީ މާތް ސިފަތައް ނެތުމުންނެވެ.

މި ލިޔުންތަކުގެ ތެރެއިން އެންމެ އިހުގެ ލިޔުންކަމުގައިވާ އިބްނު ޚަލްދޫނު، އޭނާގެ މުގައްދިމާގައި، އުންމަތްތަކާއި ޙަޟާރާތްތައް ވެއްޓި ނެތިދިޔުމުގެ ސަބަބުތައް ބަޔާންކޮށްދެއްވަމުން ލިޔުއްވައިފައި ވެއެވެ. އެ ކަން މެދުވެރިވަނީ، އެ އުންމަތްތައް ކުރިއަރައި، އެ އުންމަތްތަކަށް މަތިވެރިކަން ގެނެސް، އެ އުންމަތްތަކުގެ އިއްޒަތާއި ގަދަރު އުފުލޭން މެދުވެރިކުރުވި މަތިވެރި ސިފަތައް ނެތިދިޔުމުންނެވެ. އޭނާ ފާހަގަކުރައްވާ ގޮތުގައި އުންމަތްތައް ކުރިއަރައިދާން މެދުވެރިވާ މުހިންމު ސިފަތަކުގެ ތެރޭގައި ހަރުދަނާ އަދުލު އިންސާފުގެ ނިޒާމެއް އޮތުމާއި, ގާނޫތުތަކާއި ގަވާއިދުތައް ހިންގައިލުން [ތަންފީޒުކުރުން] ހިމެނެއެވެ. ވިޔަފާރިކުރުމާއި ސިނާއަތުގެ ހަރަކާތްތަކުގައި ސަރުކާރުގެ އިސްވެރީން ބައިވެރިނުވުމެވެ. ފަސާދައަށް މަގުފައިވެ ނުދިޔުމަށް ޓަކައެވެ. ގަވާއިދުތަކާއި ގާނޫނުތަކާއި އެއްގޮތްވާ ގޮތުގެ މަތީން، ފަސޭހައިން ކަންކަން ކުރެވިދިޔުމުގެ ހަރުދަނާ އިދާރީ ނިޒާމެއް ގާއިމުވެފައި އޮތުމެވެ. ދައުލަތަށް ދައްކާން ޖެހޭ ވާރުތައް ކުޑަކޮށް ނެގޭ އިގުތިސާދީ ނިޒާމެއް ގާއިމުވެފައި އޮތުމެވެ. މީގެ އިތުރަށް، އިބްދާޢީ ތައުލީމީ ނިޒާމެއް ވެސް އޮތުމެވެ. މީގެ މާނައަކީ އާ ހޯދުންތަކާއި އީޖާދުތަކަށް މަގުފަހިކޮށްދޭނޭ ފިކުރީ ޚިޔާލުތައް އުފެއްދުމުގެ ކުޅަދާނަކަށް ކިޔަވާ ސިކުނޑިތަކަށް ލިބިދޭ ފަދަ ތައުލީމީ ނިޒާމެއް އޮތުމެވެ. އިބްނު ޚަލްދޫނު ބަޔާންކުރައްވާ ގޮތުގައި، އުންމަތްތަކާއި ޙަޟާރަތްތައް ވެއްޓި ނެތި ދަނީ މި ސިފަތައް ނެތި ދިޔުމުންނެވެ. އަދި، މިއާ ވިދިގެން އުންމަތްތަކުގެ މީހުން "އެ މީހުންގެ ކިބައިގައިވާ ހައިވާނީ ސިފަތައް ކުރިއަށް ނެރެ، ހައިވާނުން އުޅޭ ގޮތަށް އުޅޭން ފެށުމުންނެވެ." އާދޭހެވެ! އެ މީހުން އިންސާނުންނަށް ހަދައިލި، މާތް އަޚުލާގީ ސިފަތަކާއި ހަމަތައް ނެތުމުންނެވެ. އަރަބި ޅެންވެރިކަމުގެ ދުނިޔޭގައި ޅެންވެރީންގެ އަމީރުގެ ނަމުން ނަންދެވިފައިވާ ޅެންވެރިޔާ، އަޙުމަދު ޝައުޤީ އޭނާގެ ޅެން ބައިތެއްގައި ޚުލާސާކޮށްލައިފައިވާ ފަދައިންނެވެ:

والصدق أرفع ما اهتز الرجال له * وخير ما عود ابنا في الحياة أب

وإنما الأمم الأخلاق ما بقيت * فإن همُ ذهبت أخلاقهم ذهبوا

(ވާރޭވެހުމުގެ ސަބަބުން، މަރުވެފައިވާ ބިމެއް، ގުޑުވައިލެވި، އެ ބިމަށް ދިރުން އަންނަ ފަދައިން) އިންސާނުންނަށް ދިރުން ގެނެސް (ހެޔޮ ގޮތުގައި) ހަރަކާތްތެރިކުރުވުމަށް ބާރުއަޅުވާ އެންމެ މަތިވެރި އެއްޗަކީ ތެދުވެރިކަމެވެ. އަދި އެ ސިފައަކީ އެ ސިފައިގެ މަތީގައި، ބަފަޔަކު، ދަރިޔެއް ހާނުވައި ބޮޑުކުރާނޭ ހެޔޮކަން އެންމެ ބޮޑު ސިފައެވެ.

އެހެނީ، އުންމަތްތައް ބިނާވެގެންވަނީ (މާތް) އަޚުލާގީ ސިފަތަކުގެ މައްޗަށެވެ. އަދި އުންމަތްތައް ދެމި އޮންނަނީ ވެސް އެ ފަދަ ސިފަތައް އެ އުންމަތެއްގެ މީހުންގެ ކިބައިގައި ހުރިހައި ހިނދަކުއެވެ. އެ އުންމަތްތަކުގެ މީހުންގެ ކިބައިގައި އަޚުލާގީ މާތް ސިފަތައް ނެތި ހިންގައްޖެ ނަމަ، އެ މީހުން ވެސް ނެތި ދެއެވެ.

ކީރިތި ޤުރުއާނުގައި ވެސް އުންމަތްތަކުގެ ވާހަކައާއި އުންމަތްތައް ނެތިދިޔަ ވާހަކަ އައިސްފައިވެއެވެ. ޘަމޫދު ބާގައިގެ މީހުންނާއި ޢާދު ބާގައިގެ މީހުންގެ ވާހަކައެވެ. ލޫތުގެފާނުންގެ ގައުމުގެ މީހުންގެ ވާހަކައެވެ. ފިރުއައުނާއި ގިބްތީންގެ ވާހަކައެވެ. މި އެންމެން ވެސް ނެތިދިޔުމުގެ މައިގަނޑު ސަބަބަކަށްވީ މަތީގައި ބަޔާންކުރެވިދިޔަ އިލާހީ ގާނޫނެވެ. އެ މީހުންނަށް ރަނގަޅާއި ނުރަނގަޅު، ހެވާއި ނުބައި އޮޅި، އެމީހުންގެ މުޖުތަމައުތަކުން އަޚުލާގީ މާތް ސިފަތައް ނެތި ދިޔުމެވެ. އެ މީހުންގެ ތެރޭގައި، އަދުލު އިންސާފުގެ ކަންތައް ހަމަހަމަ ގޮތެއްގައި ހިންގައިނުލެވުމެވެ. ސަލާމާއި ސަލަވާތްލެއްވި އިތުރު ރަސޫލާގެ ހަދީސްފުޅެއްގައި އިޝާރަތްކުރެވިފައިވާ ފަދައިންނެވެ. 'ބޮޑު' ބޭކަލަކު ކުށަކަށް އަރައި ގަތުމުން، އޭނާގެ މައްޗަށް ގާނޫނުތައް ނުހިންގެއެވެ. ނަމަވެސް އާދައިގެ މީހަކު ހަމަ އެކުށް ކޮށްފި ނަމަ، އޭނާގެ މައްޗަށް ގާނޫނުތައް ހިންގައިލެވެއެވެ.

ދެންމެ މި އިޝާރަތްކޮށްލި މައްސަލަ - ކުރިއަރައި ބާރުގަދަވި އުންމަތްތައް ނެތިދަނީ ކިހިނެއްކަން- ކީރިތި ގުރުއާނުގައި ބަޔާންކުރެވިފައި ވެއެވެ. މި ފަދަ ބަޔާންކުރުމެއް އަލްއަންޢާމު ސޫރަތުގެ 42 ވަނަ އާޔަތުން ފެށިގެން 45 ވަނ އާޔަތުގެ ނިޔަލަށް ވެއެވެ. މަތީގައި ބަޔާންކުރެވި ދިޔަ، އަޚުލާގީ އިންތައް ހުރަސްކޮށް، އެ އިންތައް ފަހަނައަޅައި ދިޔުމުން، އެކިއެކި ގޮތްގޮތުން، އެ ކަން އުންމަތްތަކަށް ހަނދާންކޮށްދެވެއެވެ. މި ހަނދާންކޮށްދިނުމުން، އިބުރަތް ލިބިނުގަތުމުން، ދެން، އެ މީހުން ނެތިކުރައްވައި، އެ މީހުންގެ ނިމުން ގެންނަވައެވެ. މި އާޔަތްކޮޅުގެ މައްޗަށް ބަލައިލާނަމެވެ.

ولقد أرسلنا إلى أمم من قبلك ހަމަކަށަވަރުން، ކަލޭގެފާނުގެ (އެބަހީ މުޙައްމަދުގެފާނުގެ އުންމަތުގެ) ކުރީން ވެސް، އުންމަތްތަކަށް، ގައުމުތަކަށް، ތިމަން ރަސްކަލާނގެ، ރަސޫލުބޭކަލުން ފޮނުއްވީމެވެ. فأخذناهم بالبأساء والضراء لعلهم يتضرعون އަދި (ދިރިއުޅުމުގެ) ދަތި އުނދަގޫތަކާއި (މިސާލަކަށް، ވާރޭނުވެހުމުގެ ސަބަބުން ދަނޑުގޮވާން ނުކުރެވުން، ނައަމްސޫފިތައް މަރުވެދިޔުން، ނޫނީ މަސް ނުބޭނުން، އެއްޗެތީގެ އަގު ބޮޑުވުން، މިފަދަ މަޢީޝީ އުނދަގޫތަކާއި) އަދި ބަލިމަޑުކަން (ބަލިތައް ފެތުރި އާންމުވުން، އަދި އެކަމުގެ ސަބަބުން މީސްތަކުން މަރުވަމުން ދިޔުން، އަދި ދިރިތިބީންނަށް އުނދަގޫތައް ކުރިމަތިވުން [ފަދަ ކަންކަން]) އެ އުންމަތްތަކާ ކުރިމަތިކުރެއްވީމެވެ. އެއީ އެ އުންމަތްތަކުގެ މީސްތަކުން(ގެ ހިތްތައް) މަޑުމޮޅިވެ، (އެމީހުން ހަމަ މަގަށް އެޅި)ދޭތޯއެވެ. فلولا إذ جاءهم بأسنا تضرعوا ތިމަންރަސްކަލާނގެ މެދުވެރިކުރެއްވި ދަތިތަކާއި ބަލިމަޑުކަމުގެ އިމްތިހާނު އެމީހުންނާ ކުރިމަތިވި ހިނދު، އެބައިމީހުން(ގެ ހިތްތައް) މަޑުމޮޅިވެ، (ހަމަ މަގަށް އެ މީހުން އެޅި)ދިޔަ ނަމައެވެ! ولكن قست قلوبهم وزين لهم الشيطان ما كانوا يعملون ނަމަވެސް، (ހުރި ހިތާމަ ހުއްޓެވެ! އެ މީހުންގެ ކަންތައްތައް ހުރީ މިއާ ދިމާއިދިކޮޅަށެވެ!) އެ މީހުންގެ ހިތްތައް (އިތުރަށް) ހަރުކަށިވެ، (އެ މީހުން ބޮޑާވެގަނެ، އިތުރަށް ނުބައިވުން ނޫންކަމެއް އެ މީހުންގެ ކިބައަކުން ނުފެނުނެވެ.) އެހެނީ، ޝައިތާނާ، (އެބަހީ، ނުބައި ކަންކަމަށް އަރައިގަތުމަށް، ހިތްވަރުދޭ، އަމިއްލަ އެދުމާއި އަމިއްލަ މަސްލަހަތާއި ދަހިވެތިކަން ފަދަ، ނުބައި ބާރުތައް،) އެ މީހުން ކުރަމުން ގެންދިޔަ ކަންތައްތަކަކީ ރީތި، މޮޅު، ކަންތައްތަކެއްގެ ގޮތުގައި އެ މީހުންނަށް ދެއްކިއެވެ. فلما نسوا ما ذكروا به فتحنا عليهم أبواب كل شيء ދެން، އެ މީހުންނަށް ހަނދާންކޮށްދެވުނު ކަންތައްތައް މަތީން އެ މީހުން ހަނދާން ނައްތައިލައި (އެ ކަމުން އިބުރަތްލިބި ނުގަތުމުން، އެ މީހުން އެދޭ) ހުރިހައި ކަމެއްގެ ދޮރުތައް އެ މީހުންގެ މައްޗަށް ހުޅުވައިލެވި (އެ މީހުން ބޭނުންވާ ގޮތަށް ކަންތައްތައްވެ، އެ މީހުންގެ އެދުންތައް ހާސިލުވިއެވެ.) حتى إذا فرحوا بما أوتوا أخذناهم بغتة فإذاهم مبلسون އަދި މި ކަމާ މެދު (އެބަހީ އެމީހުންނަށް ލިބުނު މި ބަޔާންކުރި ކާމިޔާބީއާ މެދު، ފަޚުރުވެރިވެ، ބޮޑާވެގަނެ،) އުފާފާޅުކުރުމުގައި ވަނިކޮށް، (އެމީހުންނަށް ނުވެސް ދެނެ ތިއްބައި،) ހަމަ ކުއްލިއަކަށް ތިމަން ރަސްކަލާނގެ އެމީހުން ހިއްޕަވައި ގެންދެވީމުއެވެ. (އެބަހީ، އެ މީހުންގެ މައްޗަށް އަޒާބު ފޮނުއްވައި، އެ މީހުންގެ ނިމުން ގެންނެވީމުއެވެ.) އެ ހިނދު، އޮޅުންއަރައި، ހަދާނެ ގޮތެއް، ކުރާނެ ކަމެއް، ނޭނގި، އެމީހުން (މުޅިން މާޔޫސް)ވިއެވެ. فقطع دابر القوم الذين ظلموا ދެން، މި ފަދައިން ކަންތައްވެވި، އަނިޔާވެރި(ވެ، ބޮޑާވެގަތް) މީސްތަކުންގެ އެންމެ ފަހު މީހާއަށް ދާންދެން، (އެބަހީ، ހަމަ އެކަކުވެސް ބާކީނުކޮށް، އެ އެންމެން އެއްކޮށް،) ނެތިކުރެވުނެވެ. والحمد لله رب العالمين އަދި (މިކަން މިގޮތަށް ނިމިދިޔުމުގެ) ހުރިހާ ތައުރީފެއްގެ، މޮޅެއްގެ، ހައްގުވެރި ފަރާތަކީ އާލަމްތަކުގެ ވެރި މާތް ރަސްކަލާނގެއެވެ.

އާދޭހެވެ! ހެޔޮ މަގުން ފައިކައްސައިލި ހިނދު، އެ މީހުންނަށް ހަނދާންކޮށްދީ، ހެޔޮ މަގަށް އައުމަށް ގޮވައިލެވުމުން ވެސް، ބީރު ކަންފަތެއް ދެވުމުން އެ މީހުން ނިމިދިޔައީއެވެ. އަހަރުމެންގެ ތެރޭގައި މިއަދު މި ފެންނަމުންދާ މަންޒަރުތަކުންނާއި އިވޭ ވާހަކަތަކުގެ މައްޗައް، މަތީގައި ބަޔާންކުރެވުނު ވާހަކަތަކައި އަދި، ދެންމެ މި ބަޔާންކުޅަ އާޔަތްކޮޅުގެ އަލީގައި ވިސްނައިލުން ހުއްޓެވެ. ޝައްކެއް ނެތެވެ! އެ މަންޒަރުތަކުންނާއި ވާހަކަތަކުން އެނގޭ ކަމަކީ އުންމަތަށް ދިރުންދޭ ހަރުދަނާ މާތް އަޚުލާގީ ސިފަތައް އުންމަތުގެ އަފުރާދުންގެ ކިބައިން ނެތެމުންދާކަމެވެ. ފެންނަމުން ދަނީ ފަރުބަދައިގެ ކުރިއެވެ. ފަރުބަދައިގެ ތިރި އޮތީކީ މާ ރަނގަޅު ހާލަތެއްގައޭ ބުނެވޭނެ ހެނެއް ހިޔެއް ނުވެއެވެ. މީގެ އިތުރަށް، ފަރުބަދައިގެ ކުރީގައި ތިބި ބައެއް މީހުން އަދިވެސް ބުނަމުން ދަނީ ކީކޭކަމަށް ހެއްޔެވެ؟ މި ކަމަކީ ގުދުރަތުން އެންމެނަށް ހަނދާން ކޮށްދިން ހަނދާން ކޮށްދިނުމެއްކަމަށް ނުދެކި، އަޚުލާގީ ގޮތުން ދަށް ކަންކަމީ އެންމެން ވެސް ކުރާ ކަމެކޭ ދޭހަވާ ގޮތަށް ވާހަކަދައްކައި ކަން އޮތީ ހަމަ ރަނގަޅަށޭ ބުނުމެވެ! މި ބުނުމުން ވެސް، މުޅި އުންމަތް ވެއްޓިފައި އޮތް އަޚުލާގީ ވަޅުގަނޑު ފެނެއެވެ.

ކޮންމެ އަކަސް މިއީ ޝަމާތަތުގެ ޝުއޫރުތައް ފާޅުކުރާންވީ ވަގުތެއް ނޫނެވެ. ލަދުވެތިކަމެއް، ދެރަކަމެއް ކުރިމަތިވީ ވަކި ބަޔަކަށޭ ކިޔައި އެ ކަމާ އުފާކޮށް ހިތް ހަމަޖައްސައިލާންވީ ވަގުތެއް ނޫނެވެ. މިއީ އެންމެން އެކުގައި މަސައްކަތް ކޮށް މި ވަޅުގަނޑުން އެރޭތޯ މަސައްކަތް ފަށާން ވީ ވަގުތެވެ. މަތީގައި ނަކަލު ކޮށްލެވުނު އަންއާމު ސޫރަތުގެ އާޔަތްކޮޅުގައި އޮތް ފަދައިން، މިހާރު ކުރިމަތިވެގެން އުޅޭ ފަދަ، މުޅި އުންމަތް އެ ކަމާ ލަދުގަނެ، ހިތާމަކުރާން ޖެހޭ ކަންކަމަކީ އިސްލާހުވުމަށް ޓަކައި ގުދުރަތުން މެދުވެރިކުރުވާ 'البأساء'، ދަތި އުނދަގޫތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. އެ ކަންކަން މެދުވެރިކުރުވައި، ހެޔޮ މަގުގައި ހިނގާން ފެށުމަށް ހަނދާންކޮށްދޭ ހަނދާންކޮށްދިނުމެކެވެ. އެހެންވެ، އެކަމުން އިބުރަތް ލިބިގަނެ އެ މަސައްކަތް، އެންމެން ވެގެން ކުރާން ޖެހެއެވެ.

____________________________________________

އެޑިޓަރުގެ ނޯޓް
ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމަކީ ކުޅަދާނަ ޢިލްމީ ލިޔުންތެރިއެކެވެ. މީގެ ކުރީން ނޫސް-މަޖައްލާތަކަށް ވަރަށް ގިނައިން ލިޔުއްވައިފައިވެއެވެ. މިހާރު ވެސް އޭނާގެ ބައެއް ލިޔުންތައް ނޫސްތަކުން އެބަ ފެނެއެވެ. މިހާރު އޭނާގެ ލިޔުންތެރިކަން ބޮޑަށް އަމާޒުކުރައްވައިފައިވަނީ މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ޓަކައި ތަފާތު މަޢުޟޫޢުތަކަށް މީސްމީޑީއާގައި ލިޔުއްވާ ލިޔުންތަކުގެ މައްޗަށެވެ. ޑރ. ޢަބްދުލްޣަފޫރު މާލޭގައި ތަޢުލީމު ހާސިލުކުރެއްވުމަށް ފަހު، އޭނާ ފުރަތަމަ ޑިގްރީ ޙާޞިލުކުރެއްވީ މަދީނާގެ އިސްލާމިކް ޔުނިވަސިޓީއިންނެވެ. އޮސްޓްރޭލިޔާގެ ލެޓްރޯބް ޔުނިވަރސިޓީއިން މާސްޓަރސް ޑިގްރީ ހާސިލުކުރެއްވުމަށް ފަހު، ޕީއެޗްޑީ ނެންގެވީ މެލްބަން ޔުނވަސިޓީއިންނެވެ. އޭނާ މިހާރު ދިރިއުޅުއްވަނީ އޮސްޓްރޭލިއާގައެވެ. މިހާރު މަސައްކަތްޕުޅުކުރައްވަނީ އޮސްޓްރޭލިޔަން އިންޓަނޭޝަނަލް އެކަޑަމީ އޮފް އެޑިޔުކޭޝަންގައެވެ. އެ ތާނގައި އަރަބި ބަހާއި މެދުއިރުމައްޗާއި ޔޫރަޕްގެ ތާރީޚު ކިޔަވައިދެއްވާށެވެ. އޭނާއަކީ ވަރަށް މަތީ ފެންވަރުގެ ޢިލްމުވެރިއެކެވެ. ފަލްސަފާވެރިއެއް ވެސް މެއެވެ. ޑރ. ޢަބްދުލްޣަފޫރަކީ ރާއްޖޭގެ މަޝްހޫރު ލިޔުންތެރިއެއް އަދި ކެލިގްރާފަރެއް ކަމުގައިވާ ޢަބްދުއްރަޙީމް ޢަބްދުލްމަޖީދު (ރަޙިމަހުﷲ)ގެ ޢިލްމުވެރި ދަރިކަލެކެވެ.

Advertisement

ކޮމެންޓް
ރިޟުވާނު
ވަރަށް ޢިބުރަތްތެރި މޮޅު މަޒުމޫނެއް. މި މަޒުމޫނުގެ އަލީގައި މިއަދު "އަޅުގަޑުމެން" ގެ މައްޗަށް ބަލައިލާ ، އަރަނީތޯ ވެއްޓެނީތޯ ވަޒަންކޮށްލުން ރަގަޅު.
15 Aug 2024