Advertisement

ފަރަގު އެކެޑަމީގެ ތަމްރީނު ޕްރޮގްރާމްތައް ހަލުވިކަމާ އެކު ކުރިއަށް

13 Aug 2024 | 22:20
ފަރަގު އެކެޑަމީގެ ކިލާސްރޫމެއް

އަބާ މުޙަންމަދު

ފަރަގު އެކެޑަމީގެ ނަމުގައި ޢިލްމީ ޚިދުމަތްތަކެއް ދޭނެ، އާ މުއައްސަސާއެއް މި މަހު ހަތަރުވަނަ ދުވަހު، (މި ދިޔަ އާދީއްތަ ދުވަހު) ވުޖޫދަށް އައި ވާހަކަ "ފަރަގު" ނޫހުގެ އަހުލުވެރީން ވާނީ މި ނޫހުގެ ޒަރީޢާއިން ވިދާޅުވެފައެވެ. ތަފާތު ގޮތަކަށް އިފުތިތާޙުކުރި މި ޢިލްމީ މުއައްސަސާ ވަރަށް ހަލުވިކަމާއެކު އެބަ ކުރިއަށް ދެއެވެ.

ފަރަގު އެކެޑަމީގެ ޢިލްމީ ޙަރަކާތްތަކުގެ ދަށުން ފުރަތަމަ ތަޢާރުފުކުރެއްވީ ކުޑަކުދީންނަށް ޤުރުއާން ކިޔަވައިދިނުމުގެ ޚާއްޞަ ޕްރޮގްރާމެކެވެ. މީގެ އިތުރަށް ވަރަށް ގިނަ އެހެން ޕްރޮގްރާމްތަކެއް ވެސް މިހާރު ވަނީ އިޢުލާނުކުރައްވައިފައެވެ. އެއީ އެސް.އެސް.ސީ. އިމްތިޙާނަށް ތައްޔާރުކޮށްދިނުމަށް ޓަކައި ގްރޭޑް 10، 9، 8ގެ ދަރިވަރުންނަށް، 18 އޮގަސްޓްގައި، ފަށާ ދިވެހިބަހުގެ ޚާއްޞަ ޕްރޮގްރާމަކާއި، ތާނަ ޓައިޕުކުރުމުގެ ހަމަތަކާ އެއް ގޮތަށް ފަރިތަކަމާއެކު ކީބޯޑު ނުބަލައި ޓައިޕުކުރާން ދަސްކޮށްދިނުމަށް ޓަކައި، އޮގަސްޓް 16ގައި، ފަށާ ޚާއްޞަ ޕްރޮގްރާމަކާއި، 18 އަހަރުން މަތީ މީހުންނަށް ކުރަހާން ދަސްކޮށްދިނުމަށް ޓަކައި ފަށާން ތައްޔާރުކުރާ ޚާއްޞަ ކިލާސްތަކަކާއި، އެއް މަސް ދުވަހުގެ ތެރޭގައި ޢަރަބި ބަސް ދަސްކޮށްދޭން ހިންގާ ޚާއްޞަ ޢަރަބި ކުލާހަކާއި އަދިވެސް އިތުރު ކުލާސްތަކެކެވެ.

މިއިން ކޮންމެ ކްލާހެއްގައި ވެސް ކިޔަވައިދެއްވާނީ އެ ދާއިރާއަކުން ތަޢުލީމާއި ތަމްރީނާއި ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި މާސްޓަރސް ފެންވަރުގެ ދިވެހި ދާރިސުންނެވެ. ފަރަގު އެކެޑަމީއިން އެންމެ ބޮޑަށް އިސްކަންދެއްވަނީ ފެންވަރު ރަނގަޅު ތަޢުލީމާއި ތަމްރީނު ދިވެހި ރައްޔިތުންނަށް ފޯރުކޮށްދެއްވޭތޯއެވެ. މި ފަހަރު މި ފަށާ ހުރިހައި ތަމްރީނުތައް ވެސް ހިންގަވަނީ ހަމަ މާއްދީ ގޮތުން ކިލާސްރޫމަށް ހާޒިރުވެގެން ކިޔަވައިދެއްވާ ގޮތަށެވެ. އޮންލައިނުކޮށެއް ނޫނެވެ.

ފަރަގު އެކެޑަމީއިން ހިންގަވާ މި ތަމްރީނު ޕްރޮގްރާމްތަކަކީ ހުނަރު ލިއްބައިދިނުމަށާއި ހުނަރު އިތުރުކޮށްދިނުމަށް ޓަކައި ފަރަގު އެކެޑަމީއިން ހިންގާ ވަރަށް ޚާއްޞަ ތަމްރީނު ޕްރޮގްރާމްތަކެކެވެ. ފަރަގު އެކެޑަމީގެ މި ޕްރްގްރާމްތަކާ ބެހޭ މަޢުލޫމާތު، ފަރަގު އެކެޑަމީގެ ފޭސްބުކް ޕޭޖުން ފެނިވަޑައިގަންނަވާނެއެވެ. ގޫގްލް ފޯމެއް ފުރުއްވައިލައްވައިގެން ބައިވެރިވެވަޑައިގެންވޭ ގޮތަށް ވަނީ އިންތިޒާމުކުރެވިފައެވެ. މި ކަން ކުރައްވާން އުނދަގޫފުޅުވެއްޖެ ނަމަ ނުވަތަ އިތުރު މަޢުލޫމާތެއް ބޭނުންފުޅު ނަމަ، 9300090 މި ނަންބަރާ ގުޅުއްވައިގެން މަޢުލޫމާތު ހޯއްދެވިދާނެކަމަށް ވެސް ފަރަގު އެކެޑަމީއިން މަޢުމާތުދެއްވައެވެ.

މީގެ އިތުރަށް ބިދޭސީންނަށް "މީޔާރު ދިވެހި" (Standard Dhivehi) ކްލާހަކާއި އުރުދޫ ކުލާހަކާއި ތަފާތު އެކިއެކި ފަންނުތަކާއި ހުނަރުތަކުގެ ކްލާސްތައް ފަރަގު އެކެޑަމީއިން ވަނީ ކުރިއަށް ރާވައިފައެވެ. މިއީ ފެންވަރު ރަނގަޅު ތަމްރީނާއި ތަޢުލީމު ހޯދާން އެދޭ ފަރާތްތަކަށް މުހިންމު ފުރުޞަތުތަކަކަށް ވާނެއެވެ.

"ފަރަގު އެކެޑަމީ"އަކީ "ފަރަގު އެކެޑެމިކް ސަރވިސަސް ޕްރައިވެޓް ލިމިޓެޑް"ގެ ދަށުން ހިނގާ ޢިލްމީ މުއައްސަސާއެކެވެ.

_____________________________________

އެޑިޓަރުގެ ނޯޓް
އަބާ މުޙަންމަދަކީ މީގެ ކުރީން ވެސް އެހެން ބައެއް ނޫސް މަޖައްލާތަކަށް ލިޔުއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

Advertisement

ކޮމެންޓް